ޝްރީ ލަންކާގެ ވެރިރަށް ކޮޅުނބުގެ އުތުރުން އޮންނަ ނިގަމްބޯ ސަހަރުގެ ތޮއްޖެހިފައިވާ ޖަލުގައި ދެ ދުވަހުގެ މަތިން ހިންގި ހަމަނުޖެހުންތަކުގައި 25 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ ކަމަށް އޮފިޝަލުން މިއަދު ބުނެފިއެވެ.
ގިނަ އަދަދަކަށް ގައިދީންނާއި ހަތަރު އޮފިސަރުން މަރުވި، އެ ގައުމުގެ ތާރީހުގައި ހިންގި އެންމެ ސީރިއަސް އެއް ހަމަނުޖެހުންތައް ފެށުނީ ރޭގައި ޖަލުގައި، ޖަލު ތެރޭގައި ޑްރަގް ވިޔަފާރިކުރުމާ ދޭތެރޭ ހިޔާލުތަފާތުވި ދެ ގްރޫޕަކަށް ނިސްބަތްވާ ގައިދީންގެ ދެމެދުގައި ތަޅާފޮޅުން ފަށައި ގައިދީންތަކެއް މަރުވުމުންނެވެ. ނަމަވެސް ރޭ ވަނީ ޖަލު އޮފިސަރުން އެ ހަމަނުޖެހުން ހަމައަކަށް އަޅުވައިފައެވެ.
އެހެން އޮއްވައި މިއަދު ގައިދީންތަކެއް ޖަލުގެ ބަޑިގުދަން ނުވަތަ އާމަރީއަށް ވަދެގަނެ ހަތިޔާރު ނަގައި އަދި އޮފިސަރުންގެ އަތުން ވެސް ހަތިޔާރު އަތުލައި ހިންގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ޖުމުލަ އަދަދު 25 އަށް އެރީއެވެ.
"ހަމަނުޖެހުން ކޮންޓްރޯލުން ނެއްޓުނީ މިއަދު ހެދުނު. ހަމަނުޖެހުންތައް މަތަކުރަން އުޅުމުގެ ތެރޭގައި ހަތަރު އޮފިސަރުން މަރުވި،" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.
ފުލުހުން ބުނީ ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ފުލުހުންގެ ހާއްސަ ޔުނިޓެއް ކަމަށްވާ ޕޮލިސް ސްޕެޝަލް ޓާސްކް ފޯސް ފޮނުވި ކަމަށެވެ. އަދި އެ ޓީމާ ގުޅިގެން، ހަމަނުޖެހުން ކޮންޓްރޯލްކުރާ ރަޔޮޓް ފުލުހުންނާއި އެހެނިހެން ސަލާމަތީ ބާރުތަކުން ގުޅިގެން ޖަލު ތެރެ މިހާރު ހަމައަކަށް އަޅުވައިފި ކަމަށް އޮފިޝަލުން ބުންޏެވެ.
ޒަހަމްތައް ލިބުނު ގައިދީން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާއިރު ސިފައިންނާއި އެހެނިހެން ސަލާމަތީ ބާރުތަކުން ދަނީ ޖަލުގެ އެތެރޭގައާއި އަދި ބޭރުގައި ވެސް ހަރަކާތްތެރިވަމުންނެވެ. އެއީ ޖަލު ތެރޭގައި އަލުން ހަމަނުޖެހުން އުފެދިދާނެތީ ކަމަށް އޮފިޝަލުން ބުންޏެވެ.
މި ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ޖަސްޓިސް މިނިސްޓަރު ހަރްޝަނާ ނަނަޔައްކަރަ މިހާރު ވަނީ އަމުރުކުރައްވައިފައެވެ.



advertisment