އިސްރާއީލުން އަދިވެސް ލުބްނާނަށް ހަމަލާދެމުންދާތީ ލުބްނާނާ އެކުގައިވުމަށް އެމެރިކާއަށް ލުބްނާންގެ ރައީސް ޖޯސެފް އައުން ގޮވައިލައްވައިފިއެވެ.
އެމެރިކާ އާއި ގަތަރު މެދުވެރިވެގެން ލުބްނާނާއި އިސްރާއީލާ ދެމެދު މި ދިޔަ މަހު 19 ގައި ސީޒްފަޔާއެއް ގާއިމުކުރިޔަސް އިސްރާއީލުން އަދިވެސް ދަނީ ލުބްނާނަށް ހަމަލާދެމުންނެވެ. ރޭގައި ވެސް ހަމަލާއެއް ދިނެވެ. އެ ގޮތުން އިސްރާއީލުން ވަނީ ލުބްނާންގެ މަރްޖައަޔޫން ޑިސްޓްރިކްޓްގެ ހުލާ ޓައުންގައި އެއްޗެއް ގޮއްވައިލައިފައެވެ.
ހޮނިހިރު ދުވަހު އެމެރިކާއިން ފާހަގަކުރި އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އައުން (ފޮޓޯ) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހަނގުރާމަތަކުން ބަރީއަވާން ލުބްނާނުން ބޭނުންވާ ކަމަށެވެ.
"އަހަރެން އެދެނީ ލުބްނާންގެ އިންސާފުވެރި އަދި ރަނގަޅު މަސައްކަތްތަކާއި ލުބްނާންގެ މުއައްސަސާތަކާއި އަސްކަރިއްޔާ އާއި ރައްޔިތުންނާއެކު އެމެރިކާ ވުން،" އައުންގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ އިސްރާއިލާއެކު ލުބްނާނަށް ދާއިމީ ސުލްހައެއް ގާއިމުކުރެވެންދެން ލުބްނާންގެ އެ މަސައްކަތަށް އެމެރިކާއިން ތާއީދުކުރުން ކުރިއަށްގެންދިއުން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
ލުބްނާނާއި އިސްރާއީލާ ދެމެދު އެމެރިކާ އާއި ގަތަރުން ގާއިމުކޮށްދިން ސުލްހައިގެ އޮނިގަނޑުގައި ބުނަނީ މަރުހަލާތަކަކަށް ބަހައިލައިގެން އިސްރާއީލު ސިފައިން ލުބްނާނުން ފައިބައި، އިސްރާއީލު ސިފައިން ތިބި ސަރަހައްދުތައް ލުބްނާން ސިފައިންނާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް ބުނީ އީރާނުން ވާގިވެރިވާ، ލުބްނާން ސަރުކާރުން ޓެރަރިސްޓުން ކަމަށް ކަނޑައަޅައިފައިވާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ އަތުން ހުރިހާ ހަތިޔާރެއް އަތުލެވެންދެން އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނު ސަރަހައްދުގައި ބައިތިއްބާނެ ކަމަށެވެ. އެއީ ހިޒްބުﷲއިން އިސްރާއީލުގެ އުތުރު ސަރަހައްދަށް ހަމަލާދޭތީ ކަމަށް އޭނާ ބުންޏެވެ.
ސުލްހައިގެ އޮނިގަނޑުގައި ބުނެފައިވަނީ ހިޒްބުﷲގެ އަތުން ހަތިޔާރު އަތުލަން ޖެހޭނެ ކަމަށެވެ. ހިޒްބުﷲއިން ބުނީ އެހެންވިޔަނުދޭނެ ކަމަށެވެ. އަދި ބުނީ ސުލްހައިގެ އޮނިގަނޑާ ދެކޮޅުހަދާ ކަމަށާއި އެއީ އިސްރާއީލު ސިފައިން ލުބްނާނުން ފައިބަން ޖެހޭ މަރުހަލާތައް އަންގައިދޭ ތާވަލެއް ސުލްހައިގެ އޮނިގަނޑުގައި ބަޔާންކޮށްފައި ނެތީމާ ކަމަށެވެ.



advertisment