އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުކަމާ މި މަހު ހަވާލުވި ކުރީގެ ފިލްމީ ތަރި ޗަންދްރަސެކަރަން ޖޯސެފް ވިޖޭގެ ސަރުކާރުން، ކުރީއްސުރެ ވެސް އޭނާއަށް އިރުވަރު ބަލައިދޭ މީހާ ބޭރުކޮށްލައިފިއެވެ.
އިންތިހާބުގައި ވިޖޭގެ ޕާޓީއަށް ކާމިޔާބު ލިބޭނެ ކަމަށް ވެސް ބުނި އިރުވަރު ބަލާ މީހާ، ރިކީ ރަޑަން ޕަންދިތު ވެއްޓްރިވެލްއަށް ވިޖޭގެ އޮފީހުގެ ސިޔާސީ ކަންތައްތަކާ ބެހޭ ހާއްސަ އޮފިސަރެއްގެ މަގާމު ދީފައި، ވެއްޓްރިވެލް އޭގެ އެއް ދުވަސް ފަހުން އެ މަގާމުން ވަކިކުރީ ވިޖޭއަށް ފާޑުކިޔުން އަމާޒުވުމުންނެވެ. ވިޖޭއަށް ފާޑުކިއި މީހުންގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގެ އިތުރުން އޭނާއަށް ތާއީދުކުރާ މީހުން ވެސް ހިމެނެއެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނީ ޓެމިލް ނާޑޫ ފަދަ އިލްމީ އަދި ސައިންސަށް ބަރޯސާ ވާ އާބާދީއެއް އޮތް ސްޓޭޓެއްގެ ޗީފް މިނިސްޓަރުގެ އޮފީހުގެ ސިޔާސީ އިސް މަގާމަކަށް ވެއްޓްރިވެލް ލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މިހާރު މަރުވެފައިވާ ޗީފް މިނިސްޓަރު ޖަޔަލަލިތާ ޖަލަށް ނުލާނެ ކަމަށް ވެއްޓްރިވެލް ބުނިބުނުން ސީދާނުވިކަން ވެސް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރިއެވެ.



advertisment