މީގެ ގާތްގަނޑަކަށް އެއް އަހަރު ދުވަސް ކުރީން، 27 ސެޕްޓެމްބަރ 2019 ގައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރެވިގެންދިޔައިރު ވަރަށް ގިނަ ބޭފުޅުން ވަރަށް ގިނަ ސުރުހީ އެޅުއްވިއެވެ. އޭރުގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެޅުއްވި ސުރުހީ އަކީ ޕްލާސްޓިކާ ދުރުވާން އެމަނިކުފާނުގެ ވުޒާރާއިން ކުރި މަސައްކަތްތަކުގައި މުވައްޒަފުން މިނިސްޓްރީގައި ހަފުތާއެއް ވަންދެން ފެން ނުބޮއެ އުޅެންޖެހުނު ވާހަކައެވެ. ޕްލާސްޓިކާ ދުރުވާން ދިވެހި ސަރުކާރުން ކުރަމުންދާ މަސްއްކަތް ތަކަކީ ތައުރީފް ހައްޤު މަސައްކަތްތަކެއް ކަމުގައި ވެދާނެއެވެ. މިމަސައްކަތް މިހާރަށްވުރެވެސް ވަރުގަދަކޮށް، ލަނޑުދަނޑިއަކަށް ވާން ޖެހެނީ، ދިވެހި ރާއްޖެއަކީ 100 ޕަސެންޓް ޕަލާސްޓިކް ފްރީ ޤައުމަކަށް ހެދުމެވެ.
މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގައި އެކި ބޭފުޅުން އެޅުއްވި ސުރުޙީތަކުގެ ތެރެއިން، ނައިބު ރައީސް ފައިސަލް ނަސީމް ވެސް ސުރުޙީއެއް އެޅުއްވިއެވެ. ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރީ، ދިވެހިންގެ ހިނިތުންވުމާއި ދިވެހިންގެ މެހެމާންދާރީގެ ސަބަބުން ކަމަށެވެ.

ތެދުފުޅަކަށް ވެދާނެއެވެ. ނަމަވެސް ދިވެހިބަސް ނޭނގޭ މުސްކުޅި ޓޫރިސްޓުން ކުރިމަތީ އެމީހުންނަށް ވަނަމަކަށް "މުސްކުޅި ބެއްޔާ" އޭ ކިއާފައި ހިނިގަނޑެއް ޖަހާލުމަކީ އަދި މެހެމާންދާރީގެ ހިނިތުންވުމެއްވެސް ނޫނެވެ. އެއީ "ފްރެންޑްލީ" ވުމެއްވެސް ނޫނެވެ. އަދި ރެއަކަށް ދެހާސް ޑޮލަރަށް ވިއްކާ ކޮޓަރި ހުންނަ ރިސޯޓްގައި ލިބޭ ހަމައެކަނި ހިދުމަތަކީ މޫދާއި ބީޗާއި ސްޕާ އާއި ވޯޓަރ ސްޕޯޓްސް ކަމުގައި ވާނަމަ އެހެން ޤައުމުތަކުން ނިކަން އަވަހަށް ދިވެހި ވައްތަރުގެ ޓޫރިޒަމް ދަސްކޮށް، ކޮޕީކޮށްފާނެކަންވެސް ދަންނަން ޖެހެއެވެ.
ރާއްޖޭގައި އާ ރިސޯޓެއް ހުޅުވުމުން އެ ޚަބަރު ނޫހުގައި ޖަހާއިރު އާ ރިސޯރޓްގެ ތައާރަފްގައި އަބަދު ކަހަލަ ގޮތަކަށް އޮންނާނީ އެއް ވާހަކަ އެކެވެ. އެ ރިސޯޓުން ދުނިޔޭގެ އެކި ޤައުމުތަކުގެ ކެއުން ލިބޭ ތަފާތު ރެސްޓޯރެންޓް ހުންނާނެ ވާހަކަ އާއި ވޯޓަރ ސްޕޯޓްސް އާއި ސްޕާ ހުންނާނެ ވާހަކައެވެ. އަދި، މޫދު ކޮޓަރި ހުންނާނެ ވާހަކައެވެ. އެނިމުނީ އެވެ. ދިވެހިރާއްޖޭގެ ޓުރިޒަމަށް ބައި ޤަރުނު ފުރެން ކައިރިވެފައިވާއިރު ރިސޯޓްތަކުގެ ކޮންސެޕްޓް ބަދަލު ވަނީ ވަރަށް މަޑު ދުވެއްޔެއްގައެވެ. މިއަށްވުރެ ހަލުއިކަމާ އެކު ދިވެހި ޓޫރިޒަމް ރީބްރޭންޑް ކުރަން އެބަޖެހެއެވެ. ދިވެހި ޓޫރިޒަމްގެ މައިގަނޑު ޕްރޮޑަކްޓަކީ ސާފު މޫދާއި ބީޗް އަދި މޫދު ކޮޓަރިއާއި ވޯޓަރ ސްޕޯޓްސްކަން ޔަޤީނެވެ. މި ޕްރޮޑަކްޓް ހިމެނޭގޮތަށް އާކަންކަން ތައާރަފްކޮށް، ރީބްރޭންޑް ނުކުރާނަމަ ދުވަސްކޮޅަކުން އެހެން ޑެސްޓިނޭޝަން ތަކުން މިކޮންސެޕްޓް ކޮޕީކޮށް، ދިވެހި ޓޫރިޒަމްގެ ޔުނީކްކަން ގެއްލިގެން ދިއުމަކީ ދުރުކަމެއް ނޫނެވެ. މިހާރުވެސް މިފަދަ "މޯލްޑިވްސް" ވައްތަރުގެ ޓޫރިޒަމް ދުނިޔޭގެ އެހެން ކަންކޮޅުތަކުން ކޮޕީކުރަމުން އެބަދެއެވެ. ސައުދީ އެރެބިއާ، ސްރީލަންކާ އަދި މޮރިޝަސް އާއި ސީޝެލްސް ފަދަ ޤައުމުތަކުންނެވެ.

މިސާލަކަށް ތިން ބުރީގެ ރޫމް ބްލޮކްސް އަޅައިގެން، އެއަރކޯން ނުކޮށް، ވެންޓިލޭޝަން ރަނގަޅުކޮށް، ބީޗް ރޫމް ހަދައި، ބޭސިކް ހިދުމަތާއެކު ބެކް ޕެކާސްއަށް ހާއްސަކޮށް، އަގުހެޔޮ ޓޫރިޒަމްއަށް ހާއްސަ ރިސޯޓް ހެދުމަކީވެސް އާ ކޮންސެޕްޓެކެވެ. ނުވަތަ ޑިއުޓީ ފްރީ ޝޮޕިން އަށް ހާއްސަކޮށް، ޗައިނާ ފަދަ ޝޮޕިން މާކެޓްތަކަށް ހާއްސަކޮށްގެން، ޝޮޕިން މޯލްއާއެކު އިންޓެގްރޭޓެޑް ޓޫރިޒަމް ތައާރަފް ކުރުމަކީވެސް ކުރަންޖެހޭ ކަމެކެވެ. އަދި ރަލާއި އޫރުމަސް ފަދަ ތަކެތި ނުވިއްކާ ގޮތަށް ހަލާލް ޓޫރިޒަމްގެ ވިޔަފާރި އަކީވެސް މެލޭޝިޔާ ފަދަ ޤައުމުތަކުން މިހާރުވެސް ގަދަޔަށް މާކެޓް ކުރަމުންދާ ނިޝް މާކެޓެކެވެ. ހަލާލް ޓޫރިޒަމަކީ ވެސް ދިވެހި ޓޫރިޒަމް އިންޑަސްޓްރީއަށް ގެންނަންޖެހޭ އާ ކޮންސެޕްޓެކެވެ.
މިދިޔަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ތަހުނިޔާގެ ޙިތާބްގައި މި މައުލޫއަށް އަލިއަޅުވާލައްވާފައިވެއެވެ. ރާއްޖޭގެ ފަތުރުވެރިކަން މިހާރަށް ވުރެ ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާ މެދުވެ ވިސްނަންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވިޔަފާރީގެ ފަތުރުވެރިކަމާއި، ޘަޤާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި، ކުޅިވަރުގެ ފަތުރުވެރިކަމާއި، އަދި ބޭސްފަރުވާގެ ފަތުރުވެރިކަމަކީ ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރި ވިޔަފާރިތައް ކަމަށާއި މީގެ ތެރޭގައި ދިވެހި ރާއްޖޭގައި އާލާކުރެވޭނެ ކިތަންމެ ބާވަތެއް ހުންނާނެ ކަމަށް ރައީސް ސޯލިހު މީގެ އެއް އަހަރު ކުރީން ވިދާޅުވިއެވެ. ނަމަވެސް މިފަދަ ތަފާތު ޓޫރިޒަމް ތައާރަފް ކުރުމުގެ އެއްވެސް މަސައްކަތެއް މިފާއިތުވި އެއް އަހަރުތެރޭ ސަރުކާރަކުން ނުކުރެއެވެ. އުޒުރަކަށް ދެއްކީ ކޮވިޑް19ގެ ބަލިމަޑު ކަމެވެ. ސުވާލަކީ މިއަހަރުގެ 27 ސެޕްޓެމްބަރ ވާ (ދުނިޔޭގެ ފަތުރުވެރިކަމުގެ) ދުވަހުވެސް މިފަދަ މެސެޖެއް ތަކުރާރު ކޮށްލައްވާފައި، އެއްވެސް އަމަލީ މަސައްކަތެއް ނުކޮށް ސަރުކާރުން އަނެއްކާވެސް ނިދަން ދާނީ ބާވައެވެ؟
ރައީސް ސޯލިހުގެ ލިސްޓްގައި ފާހަގަކުރައްވާފައިވާ ކުޅިވަރުގެ ޓޫރިޒަމް އާއި މެޑިކަލް ޓޫރިޒަމަކީ ރާއްޖެއަށް ވަރަށް ތަފާތު ކޮންސެޕްޓަކަށް ތައާރަފް ކުރެވިދާނެ ދެވައްތަރެއްގެ ޓޫރިޒަމެކެވެ. ސިޔާސަތު ކަނޑައަޅައިފައި އިއުލާން ކުރުމުން ޓޫރިޒަމް އިންޑަސްޓްރީ ކޮނޑުއަޅައިގެން ކުރިއަށް ދަނީ އަބަދުވެސް އަމިއްލަ އިންވެސްޓަރުންނެވެ. އެކަން އެގޮތަށް ހިނގާނެއެވެ. ކޮވިޑް19 އަކީ ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމަށް އޮތް ހުރަހެއްނަމަ ރައްޔިތުންގެ މަޖުލިސްވެސް ނުހިނގާނެތާއެވެ!
ކުޅިވަރުގެ ޓޫރިޒަމަށް ބަލާއިރު، ބޭރުގެ ބޮޑެތި ފުޓްބޯޅަ ކްލަބްތަކުން ވިންޓަރ ބްރޭކްގައި ހޫނު މާހައުލެއްގައި ޓްރެއިނިން ކޭމްޕް ހަދަން ޤަތަރު ފަދަ ޤައުމުތަކަށް ވަރަށް ގިނައިން ދެއެވެ. މިފަދަ ފުޓުބޯޅަ ކޭމްޕް ހެދޭނެގޮތަށް ފަރުމާ ކުރެވޭ ހާއްސަ ރިސޯޓެއް ރާއްޖޭގެ ބޮޑު ފަޅުރަށެއްގައި ތަރައްޤީކޮށް "ފުޓުބޯޅަ ކޭމްޕް ރިސޯޓެއް" ތަރައްޤީ ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. މިފަދަ ކޮންސެޕްޓަކަށް ރަށެއް އިއުލާންކޮށްފަ ޤަތަރު ފަދަ ޤައުމެއްގެ އިންވެސްޓްމެންޓާއި ތަޖުރިބާ ވެސް ހޯދިދާނެއެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ ފުޓުބޯޅަ ސްޓޭޑިއަމް ނުވަތަ ކްރިކެޓް ސްޓޭޑިއަމް އަޅައިގެން ބޭރުގެ ބޮޑެތި މުބާރާތްތައް ބޭއްވުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އަދި މެޑިކަލް ޓޫރިޒަމް ވަރަށް ތަފާތު އާގޮތަކަށް ގެނައުމަށްޓަކައި ބޭރުގެ ފައިސާވެރިން މުސްކުޅިވެ، ރިޓައާރ ކުރަންވުމުން އައިސް ތިބޭ "އޯލްޑް އޭޖް ލަގްޒަރީ ހޯމް" ކޮންސެޕްޓަށް، ހޮސްޕިޓަލް ހިމެނޭގޮތަށް، ވަކި ރިސޯޓެއް ހެދުމަކީ މެޑިކަލް ޓޫރިޒަމްގެ އާ ކޮންސެޕްޓަކަށް ވެސް ވެދާނެއެވެ. މިއީ ތައިލޭންޑްގެ ބުމްރުމްގްރެޑް ހޮސްޕިޓަލް ނުވަތަ ރާއްޖޭގެ އޭޑީކޭ އާއި ޓްރީޓޮޕް ފަދަ ތަނަކާ ގުޅިގެން ވެސް ކުރެވިދާނެ ކަމެކެވެ.
ހަމަ އެފަދައިން ބިޔަ، ބޮޑު ރަށެއް، ކިޔަވާކުދިން ނިދާނެ ޑޯމެޓްރީއާއެކު، ޔުނިވަރސިޓީއާއި، ޕޮލިޓެކްނިކް ފަދަ ތަންތަން ހިމެނޭ ގޮތަށް ބޮޑު "އެޑިއުކޭޝަނަލް ރިސޯޓެއް" ވެސް ހެދިދާނެއެވެ. މިއީ އެޑިއުކޭޝަނަލް ޓޫރިޒަމްގެ އާ ވައްތަރަކަށް ވެދާނެއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާ މެދުވެސް ވިސްނަންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި ވިދާޅުވުމަކީ ހަމައެކަނި ސުރުހީ އަޅުއްވާލެއްވުމަށް ވިދާޅުވި އެއްޗަކަށް ނުހައްދަވާ ތަފާތު ޔުނީކް ކޮންސެޕްޓްތަކުގެ ޓޫރިޒަމްގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފް ކުރުމަކީ އެމަނިކުފާނުގެ ދައުރުގެ ބާކީއޮތް ދެތިން އަހަރުގެ ލަނޑުދަނޑިއަކަށް ހައްދަވަން ޖެހެއެވެ.
ދިވެހި ޓޫރިޒަމް އިންޑަސްޓްރީ ފުޅާވެ، އަހަރަކު އެތައް އާ ރިސޯޓެއް ހުޅުވޭކަމުގެ ހަބަރުތައް އާއްމުވެ، ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދު އަހަރުން އަހަރަށް އިތުރުވާކަމުގެ ހަބަރުތައް ނޫސްތަކުން ފެންނައިރު ދިވެހީންނަށް މިކަމުން ލިބެންޖެހޭ ހަޤީޤީ ފޮނިމީރުކަން އަދިވެސް ނުލިބެއެވެ. ރިސޯޓްތަކުގެ ސީނިއަރ ވަޒީފާތަކުގައި ގިނައީ ބޭރު މީހުންނެވެ. މުޅި އިންޑަސްޓްރީއަށް ބަލާއިރު 50 އިންސައްތަ އަށް ވުރެ ވެސް ގިނައީ ބިދޭސީންނެވެ. ސީނިއަރ މެނޭޖްމެންޓް ވަޒީފާތައް 100 ޕަސެންޓް ދިވެހިންނަށް ދޭންޖެހޭ ގޮތަށް ގާނޫނާއި ޤަވާއިދުތައް ހަދަން ޖެހެއެވެ.
ރައީސް ސޯލިހުގެ ޙިތާބުގައި ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ ޓޫރިޒަމުން ރާއްޖެ އަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ވަކިވަކި ފަރުދުންގެ އިގްތިސާދަށް އެނގުންވާ މިންވަރު އަދިވެސް މާކުޑައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް ލިބިފައިވާ މަގުބޫލްކަމުގެ ފައިދާ މިހާރަށް ވުރެ ފުޅާ ގޮތެއްގައި ވަކިވަކި ދިވެހީންނަށް ނުވަތަ ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސަންޖެހޭ ކަމަށެވެ.
ކިތައްމެ ރިސޯޓެއް ހުޅުވިއަސް މަށަށް ކީއްހޭ މަށަށް އެކަމުންވާ ފައިދާއެއްނެތޭ ދިވެހީންނަށް ނުބުނެވޭ ވަރަށް، ދިވެހި ޓޫރިޒަމް އިންޑަސްޓްރީގެ ފައިދާ ދިވެހި ފަރުދުންނާ ހަމައަށް ގެނެސްދިނުމަކީ އެވަގުތަކު އޮންނަ ސަރުކާރެއްގެ ޒިއްމާއެކެވެ. ތައުލީމާއި ސިއްހަތާއި އުމްރާނީ ހިދުމަތްތަކާއި ހާއްސަ އެލަވަންސ ތައް ތައާރަފްކޮށް، ރައްޔިތުމީހާގެ ޖީބަށް ބަރުވާނެގޮތަށް ހަދަން ޖެހެއެވެ. ދިވެހި ޓޫރިޒަމް އިންޑަސްޓްރީ އަކީ ހަމައެކަނި މަދު މަހުޖަނުންކޮޅެއްގެ ޖީބު ބަރުކޮށް، ދިވެހީން ބާކީކޮށް، ބަންގްލަދޭޝް މީހުންނާއި، އިންޑިއާ މީހުންނާއި ސިލޯނު މީހުންނާއި ނޭޕާލް މީހުންނާއި ފިލިޕީންސް މީހުން ގެނެސް ރިސޯޓްތަކުގެ ވަޒީފާތައް ދޭ އިންޑަސްޓްރީއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރަން ޖެހެއެވެ.
ޓޫރިޒަމް މިނިސްޓްރީ އަކީ ވަކި ލޯޔަރުން ތަކެއްގެ ނުވަތަ ވަކި ސިޔާސީ މުއައްޒަފުން ތަކެއްގެ މަސްލަހަތު ހިމާޔަތްކޮށް، ދާއިރާގެ އެފަދަ މުއައްޒަފުންގެ ޖީބުތަކަށް ރިޝްވަތާއި ކޮމިޝަން އަޅައިދޭ އިދާރާއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވާން ޖެހެއެވެ. މިނިސްޓްރީގައި އުޅެ ކުރަލައި، މިލިއަނުން ޑޮލަރު އަޅައި ޖީބު ފުރި، ކޮރަޕްޝަނުން ތަތްތެޅިފައިވާ މީހުން ބަދަލުކޮށް، މުޅި މިނިސްޓްރީ ސާފުކޮށް، ޒިންމާދާރު، އިހްލާސްތެރި ބަޔަކު އެތަނަށް ލައިގެން މެނުވީ ރާއްޖޭގެ ޓުރިޒަމް ދާއިރާއަށް ހަޤީޤީ ކުރިއެރުމެއް ނުލިބޭނެއެވެ. ދިވެހި ރިސޯޓް ތަކުގައި ދިވެހީންނަށް ބާރުވެރިކަމާއި މަޤާމްތައް ލިބެން ޖެހެއެވެ. އަދި ދިވެހި ޓްރެވެލް އޭޖެންޓުންނަކީ މީރާއަށް ޓެކްސް ދައްކައި، އޮފީސް ކުލި ދައްކައި، މުވައްޒަފުން ލައިގެން އުޅޭ ބަޔަކަށް ވާއިރު، ބޭރުގެ ޓްރެވެލް އެޖެންޓުންގެ މައްޗަށް ކޮންމެވެސް ރައްކާތެރި ކަމެއް ދިވެހި ޓްރެވެލް އޭޖެންޓުންނަށް ލިބޭ ގޮތަށް ޤަވާއިދުތައް ބަދަލުކުރަން ޖެހެއެވެ. މިކަން ވެސް ނުވެެގެން އުޅެނީ ބޭރުގެ ބޮޑެތި ޓްރެވެލް އޭޖެންސީތަކުން ޓޫރިޒަމް މިނިސްޓްރީގެ ކަމުވޮށިގެންވާ މީހުނަށް ރިޝްވަތު ދީގެން ޤަސްތުގައި ލަސްކުރާތީ ކަމަށް ބެލެވެއެވެ.
އަންނަ އާދީއްތަ ދުވަހު ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރާއިރު ސިޔާސީ ބޭފުޅުންގެ ހުރިހާ ބަޔާން ތަކާއި ވާހަކައެއް ކޮވިޑް19 ގެ ނާއުއްމީދީ ވާހަކަތަކުން ފުރާލުމުގެ ބަދަލުގައި، ކުރިއަށް ނަޒަރު ހުއްޓަން ޖެހެއެވެ. އުއްމީދާ އެކު އާ ސުރުހީ ތަކެއް އަޅަން ޖެހެއެވެ. އެންމެ އިސް ކަމެއް ދޭންޖެހެނީ ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ މައްޗަށް ބިނާކޮށް އާ ވައްތަރުގެ ޓޫރިޒަމް ޕްރޮޑަކްޓްތައް ރާއްޖޭގައި ތައާރަފް ކުރުމަށާއި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ ކްލޮރީން ލާފައި ހަތް ފެނުން ފެންވަރުވައި ޖުނުބުން ތާހިރުކުރުމަށެވެ!

One Response
ވަރަށް މުހިއްމު މައްސަލައެއް މި ލިޔުމުގައި ފެންމަތިކޮށް އުފުލާލެވިފައި މި ވަނީ. މިއީ އަޑުގަދަކޮށް ގިނަގިނައިން ދައްކަންވީ ވާހަކައެއް. އަދި، މި މައްސަލަ ގިނަގިނައިން ބަހުސްކޮށް ދިވެހި ސިޔާހަތުގެ ސިނާއަތު އަމިއްލަ ކުރުމުގެ ގޮތުން ކަންތައް ކުރަންވީ ކިހިނެއްތޯ ކަމުގެ މައްޗަށްވެސް ބަހުސްކޮށް ގިނައިން ވާހަކަދައްކަން ވެއްޖެ! ލިޔުންތެރިޔާއަށް ޝުކުރުވެރިވަން މި މައްސަލަ ނަންގަވައި މިކަމުގެ މައްޗަށް ލިޔުއްވީތީ