Support Us

މޫނުގެ "ތަފާތުކަން" ބަދަލުނުކުރި ނަފުސާނީ ޑޮކްޓަރު

ޑޮކްޓަރު ވިކްޓޯރިއާ ރައިޓްގެ މޫނުގައި "މައްސަލަ"އެއް އުޅޭކަން އޭނާގެ މަންމައަށް ފާހަގަކުރެވުނީ ވިކްޓޯރިއާގެ އުމުރުން ހަތަރު އަހަރުގައި އޭނާގެ ދަތްތައް ރަނގަޅަށް ފަޅަން ނުފެށީމައެވެ.

މިހާރު އުމުރުން 49 އަހަރުގެ، ނަފުސާނީ އިލްމުން ޕީ.އެޗް.ޑީ ހޯދައިފައިވާ ވިކްޓޯރިއާއަށް ކުރިމަތިވެފައިވަނީ "ޗެރަބިޒަމް" ނަމަކަށް ކިޔާ ދެ ކޯތާފަތާއި ދަތްދޮޅި ދެމޭ ހާލަތެކެވެ.

ޗެރަބިޒަމަކީ ނާދިރު ޖެނެޓިކް ހާލަތެކެވެ. ވާ ގޮތަކީ ކަތުރުކަށިގަނޑު އާދަޔާހިލާފަށް ބޮޑުވަނީއެވެ. ނަމަވެސް ތަދު އިހްސާސް ނުކުރެވޭ ގޮތަކަށެވެ.

ވިކްޓޯރިއާ ބޮޑުވަމުން އައި އިރު ސްކޫލްގައި ހަނގާކުރުމުގެ ޝިކާރައަކަށްވިއެވެ. އަދި އޭގެ އިތުރުން އިޖުތިމާއީ ގޮތުން ވެސް އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނެވެ.

އެ ވާހަކައާ ބެހޭ ގޮތުން އޭނާ ވަނީ އެތައް މީޑިއާތަކަށް އިންޓަވިޔުދީފައެވެ. އަދި އެކި މީޑިއާތަކުގައި އެ ކަމާ ގުޅޭ ގޮތުން ލިޔުންތައް ވެސް ލިޔެ، އާއްމު ތަގުރީރު ވެސް މިހާރު ވެސް ދެއެވެ. މިހެންވެ، އޭނާ މިހާރު ވެފައިވަނީ އިނގިރޭސި ވިލާތުގައި މަގުބޫލު ޝަހުސިއްޔަތަކަށެވެ.

ވިކްޓޯރިއާގެ ހާއްސަކަން ފާހަގަވަނީ ކޮސްމެޓިކް ސާޖަރީ ނުވަތަ އާއްމުކޮށް ކިޔާ ގޮތުންނަމަ ޕްލާސްޓިކް ސާޖަރީ ހަދައިގެން އާދައިގެ މީހެއްގެ މޫނު ހުންނަ ގޮތަށް އޭނާގެ މޫނުގެ ސިފަ ބަދަލުނުކުރީމައެވެ. އޭނާ ހަމައެކަނި ކުރިހާ ވެސް ކަމަކީ ދެ ލޮލުގެ ފެނުން ގެއްލިދާނެތީ ލޮލަށް ލިބުނު ޕްރެޝަރު ނައްތައިލާ ސާޖަރީއެއް ހެދުމެވެ. އަދި ކަތުރުކަށިގަނޑަށް ވެސް އޮތް ޕްރެޝަރު ކުޑަކުރަން ސާޖަރީއެއް ހެދުމެވެ.

މިހާރު "ފޭސް އީކުއަލިޓީ" ނުވަތަ ލަފުޒީ މާނައިން "މޫނުގެ ހަމަހަމަކަމަ"ށް ވަކާލާތުކުރާ އިސް މީހެއްގެ ގޮތުގައި ވިކްޓޯރިއާ ހަރަކާތްތެރިވެއެވެ. އޭނާ ބުނީ މޫނުގައި ތަފާތުކަމެއް ހުންނަ މީހުން، ސިފަ ރީތި ކަމަށް އިޖުތިމާއީ ގޮތުން ބަލާ މިންގަނޑުތަކަށް ތަބާވާކަށް ނުޖެހޭނެ ކަމަށެވެ.

ވިކްޓޯރިއާއަކީ މިހާރު، އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއް ކަމަށްވާ ވޭލްސްގެ އަބަރިސްޓްވަތު ޔުނިވާސިޓީގައި ދިރާސާކުރުމުގެ އިތުރުން ލެކްޗަރާއެއްގެ ވަޒީފާ ވެސް އަދާކުރާ މީހެކެވެ. އޭނާ ވަނީ އެ ޔުނިވާސިޓީގެ ނަފުސާނީ އިލްމާ ބެހޭ ޑިޕާޓްމަންޓާއެކު ވެސް މަސައްކަތްކޮށްފައެވެ.

ވިކްޓޯރިއާ މަސައްކަތްކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި މީހުންގެ މޫނު ދެނެގަތުމާއި އަދި "ޕްރޮސޮޕެގްނޯޒީއާ" ނުވަތަ "ފޭސް ބްލައިންޑްނެސް" ހާލަތް ހިމެނެއެވެ. ޕްރޮސޮޕެގްނޯޒީއާއަކީ، އާއްމުކޮށް ދަންނަ މީހުންގެ މޫނު ދެނެގަންނަން ނުކުޅެދޭން ފެށުމެވެ.

ވިކްޓޯރިއާ ފޯކަސްކުރާ އިލްމީ ދާއިރާތަކުގެ ތެރޭގައި "ސައިކޯލިންގުއިސްޓިކްސް" ވެސް ހިމެނެއެވެ. އެއީ އިންސާނުން ބަސް ދަސްކުރާ ގޮތާ ބެހޭ އިލްމެވެ.

އޭގެ އިތުރުން "ކޮގްނިޓިވް ނިއުރޯސައިންސް"އަށް ވެސް އޭނާ ފޯކަސްކުރެއެވެ. އެއީ އިންސާނުންގެ ސިކުނޑި މަސައްކަތްކުރާ ގޮތާއި އަމަލުތައް ހުންނަ ގޮތާ ބެހޭ އިލްމެވެ.

އިނގިރޭސި ވިލާތުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ "ޗޭންޖިން ފޭސަސް" ނުވަތަ ލަފުޒީ މާނައިން "ބަދަލުވަމުންދާ މޫނުތަކު"ގައި ވެސް ވިކްޓޯރިއާ މަސައްކަތްކުރެއެވެ.

އެ ޖަމިއްޔާއަކީ މޫނުގައި ތަފާތުކަމެއް ހުންނަ މީހުންނަށް އެހީވާ އިނގިރޭސި ވިލާތުގެ އެންމެ ކުރީގައި އުޅޭ ޖަމިއްޔާއެވެ. އެ ގޮތުން މޫނުގައި ނުވަތަ ހަށިގަނޑުގައި ކުރަ އާއި ލައް ހުރުމާއި އެހެނިހެން ގޮތްގޮތުން ވެސް ތަފާތުކަން ހުންނަ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ، އެ ފަދަ މީހުންނާ ދެކޮޅަށް ތައައްސުބު ނުގެންގުޅުމަށް ވަކާލާތުކޮށް، އެ ފަދަ މީހުންނަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ މީހުންގެ ގޮތުގައި ދިރިއުޅުމަށް ހިތްވަރު ލިބޭ ބަޔަކަށް ހެދުމަށް ގޮވައިލައެވެ. އޭގެ އިތުރުން މޫނުގައި ތަފާތުކަން ހުންނަ މީހުންނަށް މީޑިއާ އާއި މަސައްކަތުގެ ދާއިރާއިން ވެސް ފުރުސަތު ދިނުމަށް ގޮވައިލައެވެ.

ޗޭންޖިން ފޭސަސްގައި ވިކްޓޯރިއާއަކީ އަދިވެސް އެ ޖަމިއްޔާގެ އެމްބެސެޑަރެކެވެ. އެ ޖަމިއްޔާއިން ޕްރޮމޯޓްކުރާ ކަންތައްތަކަށް ކެމްޕޭންކުރަމުން، މޫނުގައި ތަފާތުކަން ހުންނަ މީހުން، އިޖުތިމާއީ ގޮތުން އާއްމުން ބަލައިނުގަތުން ނުވަތަ "ސޯޝަލް ސްޓިގްމާ"އާ ވެސް ދެކޮޅަށް ވިކްޓޯރިއާ މަސައްކަތްކުރެއެވެ.

ވިކްޓޯރިއާ އާއްމު ގޮތެއްގައި އޭނާގެ ޒާތީ ދިރިއުޅުން ހާމައެއް ނުކުރެއެވެ. އޭނާގެ ކުޑައިރުގެ ހަނދާންތަކާއި މައިންބަފައިންނާ ބެހޭ ގޮތުންނާއި އަދި ހަނގާކުރުމުގެ ޝިކާރައަކަށްވި ތަޖުރިބާތައް ވަރަށް ގިނައިން ހިއްސާކުރި ނަމަވެސް އޭނާ އުޅެނީ ކައިވެނިކޮށްގެންކަމެއް ނުވަތަ ނޫންކަމެއް އަދި އޭނާގެ ދަރިން ތިބިކަމެއް ނުވަތަ ނެތްކަމެއް ހާމައެއް ނުކުރެއެވެ. ވިކްޓޯރިއާ އާއްމުކޮށް ދައްކާ ވާހަކަ ފޯކަސްކުރަނީ ހަމައެކަނި އޭނާގެ އިލްމީ ދިރާސާތަކަށާއި މޫނުގައި ތަފާތުކަން ހުންނަ މީހުންނަށް އޭނާ ކޮށްދޭ މަސައްކަތްތަކަށެވެ.

ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ނަފުސު، އެ ހުރި ގޮތުގައި ބަލައިގަތުމަށް ވަކާލާތުކުރުމުގެ އިތުރުން، މޫނުގައި ތަފާތުކަމެއް ހުންނަ މީހުންނަށް ގާނޫނީ ހިމާޔަތް ދޭން ވެސް ވިކްޓޯރިއާ ގޮވައިލައެވެ.

އޭނާ ބުނީ ސާޖަރީ ހެދުން ބިނާވާން ޖެހޭނީ އެ ފަރުދެއްގެ ސިއްހީ ސަބަބުތަކަށް ކަމަށެވެ. މުޖުތަމައަށްޓަކައި ރީތިކަން ދެއްކުމަށް ނޫން ކަމަށެވެ.

"ތަފާތު ކަމެއް ހުރުމުގެ މާނައަކީ ތިބާގެ ތަނެއް ހަލާކުވެފައި ހުރުމެއް ނޫން. އަދި ތިބާގެ ތަނެއް މަރާމާތުކުރާކަށް ވެސް ނުޖެހޭކަން. ތަފާތު ކަމެއް ހުރުމަކީ ތިބާގެ މޫނުމަތީގައި ލާމަސީލު ހަޔާތެއްގެ ވާހަކައެއް ލިޔެވިފައިވާކަން،" ވިކްޓޯރިއާ ބުންޏެވެ.

އޭނާ ބުނީ ތަފާތު ކަމެއް ހުންނަ މީހުންނާމެދު އޯގާތެރިކަން ބެހެއްޓުމުގެ އިތުރުން އެ މީހުންނަށް އިންސާފު ވެސް ހޯދައިދޭން ޖެހޭ ކަމަށެވެ. އެ ގޮތުން ނަސްލީ ތަފާތުކުރުމާއި ވަކި ދީނަކަށް ނިސްބަތްވާތީ ހިންގާ ޖަރީމާތަކަށް އިންސާފު ހޯދައިދޭ ފަދައިން ތަފާތު ސިފައެއް ހުންނަ މީހުންނަށް ވެސް އިންސާފު ހޯދައިދޭން ޖެހޭ ކަމަށެވެ.

"ސިފަ ގެއްލިފައިވާ މީހަކާ ދެކޮޅަށް ހަނގާކުރުމަކީ ހަމައެކަނި އެ މީހަކަށް މަލާމާތްކުރުމެއް ނޫން. އެއީ ނަފުރަތު ކުރުމުގެ ވެސް ޖަރީމާއެއް،" ވިކްޓޯރިއާ ބުންޏެވެ.

އޭނާ ބުނީ ކުޑައިރުއްސުރެ ވެސް، ތައައްސުބާއި ތަފާތުކުރުމަށްވުރެ ވެސް ގޯސްކޮށް ބައެއް މީހުން އޭނާއާމެދު ހިތައިފައިވާ ކަމަށެވެ.

"އަހަރެން މިހާރު ބޭނުންވަނީ ފުލުހުން ގާނޫނު ނަގަހައްޓަން،" އޭނާ ބުންޏެވެ.

ވިކްޓޯރިއާ ބުނީ، މުޖުތަމައިން ފިލައިގެން، ގެއްލިގެން ތިބުމުގެ ބަދަލުގައި، ޗެރަބިޒަމް ފަދަ ހާލަތްތައް ހުންނަ މީހުން ޕްރޮފެޝަނަލް ވަޒީފާތަކާއި އިލްމީ މަސައްކަތްތަކުގައި ވެސް ހަރަކާތްތެރިވާން ޖެހޭ ކަމަށެވެ.

"އަހަރެންނަކީ ހަމައެކަނި ހެއްވާ މޫނެއްގެ ވެރިއެއް ނޫން. އަހަރެންނަކީ ދިރާސާވެރިއެއް، ލިޔުންތެރިއެއް އަދި އަހަރެން ފަދަ މީހުންގެ ހައްގުތަކަށް ވަކާލާތުކޮށްދޭ މީހެއް،" އޭނާ ބުންޏެވެ.

ޗެރަބިޒަމަށް ޑައެގްނޯސްވުމުން ވިކްޓޯރިއާގެ ހަޔާތް ބަދަލުވީ ވޭނީ ދިރިއުޅުމަކަށް ނޫނެވެ. ނަމަވެސް އަމިއްލަ ނަފުސު ބަލައިގަތުމާއި އޭނާ ފަދަ އެހެން މީހުންގެ ހިމާޔަތަށް ވަކާލާތުކުރާ މީހަކަށެވެ. އޭނާގެ ޒާތީ ދިރިއުޅުން ބަދަލުކޮށްލީ އޭނާ ފަދަ މީހުންނަށް ދުނިޔޭގެ ފެންވަރުގައި ވެސް ހައްގު ހޯދައިދެވޭ ފަދަ މަންސައަކަށެވެ.

"ނޮޓް ޖަސްޓް އަ ފަނީ ފޭސް" ނުވަތަ ލަފުޒީ މާނައިން "ހަމައެކަނި މަޖާ މޫނެއް ނޫން"ގެ ނަމުގައި އޮންލައިން މަންސައެއް ވިކްޓޯރިއާ ހިންގައެވެ. އޭގައި އޭނާ ފޯކަސްކުރާ ކަންތައްތަކުގެ ތެރޭގައި ނާދިރު ބަލިތައް ހުރި މީހުންގެ ގާނޫނީ އަދި އިޖުތިމާއީ ހައްގުތަކަށް ވެސް ވަކާލާތުކުރެއެވެ. ލަދުނުގަނެ ދުނިޔޭގައި އުޅުމުގެ ހައްގު ހަމަ ކޮންމެ މީހަކަށް ވެސް ހޯދައިދެވޭތޯއެވެ.

ވިކްޓޯރިއާގެ ހަޔާތަކީ އިންސާނާގެ ރޫހު މަރައިނުލެވޭނެކަމުގެ ވަރުގަދަ ދަލީލެކެވެ. އޭނާއަކީ އޭނާ އުފަންވި ނާދިރު ހާލަތް ކެތްތެރިކަމާއެކު ބަލައިގަނެ، އޭނާ ފަދަ އެހެން މީހުންނާއެކު، އެ މީހުންގެ ދިރިއުޅުމުގެ ހަނގުރައިމައިގައި ވެސް އެ މީހުންނާއެކު ކުރީގައި ސަފުގައި އުޅޭ މީހެކެވެ.

"އަހަރެންގެ ހަޔާތް ހޭދަކުރަމުން މި ދަނީ ލޯގަނޑަށް ބަލައިލުމުން ތަފާތު ވައްތަރެއްގެ މޫނެއް ހުންނަ މީހެއް ފެންނަ ގޮތަށް. އެކަމަކު އެއީ ހަމަ އަހަރެންގެ މޫނު. އެހެން މީހަކު އެ މީހަކު އެ ގަބޫލުކުރާ ޒާތުގެ ރީތި ކަމަކަށް ލެނބެން އަހަރެން މަސައްކަތެއް ނުކުރާނަން،" ވިކްޓޯރިއާ ވަރަށް ސާބިތުކަމާއެކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *