Support Us

ކ-ވ: ރާނީ އެލިޒަބަތު ދޭއް، މިޝެލް އޮބާމާ، ބަރަކް ހުސައިން އޮބާމާ އަދި ޝެހެޒާދު ފިލިޕް

މިއީ އެމެރިކާގެ މުޅި ރިޔާސީ ތާރީހުގައި ވެސް ނުވާ ކަމެއް

އެއީ 2016 ގެ ރަބީއު މޫސުން ފެށޭ އަތަށް އެޅުނު އިރެވެ. ތަނަކީ އިނގިރޭސި ޝާހީ އާއިލާއިން އަމިއްލަ ކަންތައްތަކަށް ބޭނުންކުރާ ގަނޑުވަރު، ވިންޑްސާ ކާސްލްއެވެ.

އެމެރިކާގެ ރިޔާސަތުގެ މުޅި ތާރީހުގައި ވެފައިނުވާ ކަމެއްވިއެވެ. އަދި އޭގެ ފަހުން އެ ކަމެއް އަލުން ތަކުރާރެއް ވެސް ނުވެއެވެ.

އެ ހާދިސާއަކީ ހައިރާންކުރަނިވި އަދި ރީތި ގޮތަކަށް އިންސާނިއްޔަތުކަން ފެނިގެން ދިޔަ ކަމެއް ކަމަށްވުމުން އެ ހާދިސާގެ ވާހަކަ އަލަށް އަޑުއަހާ މީހުންނަށް ގަބޫލުކުރަން ވެސް ދަތިވެއެވެ.

އެމެރިކާގެ ރައީސަށް ހާއްސަ އަދި ފާހަގަކޮށްލެވޭ ހެލިކޮޕްޓަރު، މެރިން ވަން، ވިންޑްސާ ގަނޑުވަރުގެ ގަދީމީ ބިމަށް ޖެއްސިއެވެ. ނަމަވެސް އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސް ބަރަކް ހުސައިން އޮބާމާ އާއި އަނބިކަނބަލުން މިޝެލްއާ ބައްދަލުކުރަން ތިބީ ހަތިޔާރު އެޅި ސިއްރު ސިފައިންނެއް ނޫނެވެ. އެމެރިކާގެ ރައީސަށް ހާއްސަ "ދަ ބީސްޓް"ގެ ނަމުން މުޅި ދުނިޔެއަށް އެނގޭ މަޝްހޫރު ލިމޯ ކާރުގެ މޮޓޯކޭޑެއް ވެސް ނޫނެވެ. އެކަމަކު ހަމައެކަނި އެންމެ ކާރެކެވެ. އެއީ ޖަވާހިރެއް ކަމަށްވާ ސަފަޔަރުގައި ހުންނަ ނޫ ކުލައިގެ، ކޮންމެ ކަހަލަ ބިމެއްގައި ވެސް ދުއްވޭ އަގުބޮޑު ރޭންޖް ރޯވާ އޮޓޯބަޔޮގްރަފީ ކާރެކެވެ.

އިނގިރޭސި ވިލާތުގެ، މެންދުރު ފަހުގެ އަލިކަން އެޅިފައިވާ އެ ކާރު ދުއްވަވަން ޑްރައިވަރުގެ ސީޓުގައި އިންނެވީ، އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ފިރިކަލުން، ޝެހެޒާދު ފިލިޕްއެވެ. ހުންގާނުގައި ހިއްޕަވައިގެން، އިންޖީން ޖައްސައިފައި، ދުއްވަވަން ތައްޔާރަށެވެ.

ދެން އައީ އެމެރިކާގެ ރައީސްކަމުގައި ހޭދަކުރެއްވި މުޅި އަށް އަހަރުގައި ވެސް ވަޒަން ނާރާ، ބޮމަށް ނުގޮއްވޭ، އަދި އެމެރިކާގެ ސިއްރު ސިފައިން ނުދުއްވާ އުޅަނދަކަށް އޮބާމާ އެރުއްވި ހަމައެކަނި ވަގުތުކޮޅެވެ. އެއީ ފިލިޕް އަރިހުގައި، ފިލިޕް ހިމާޔަތް ވާނޭހެން ކާރުގެ ކުރީ ސީޓުގައި އިންނެވުމަށް އޮބާމާ ހިޔާރު ކުރެއްވުމުންނެވެ.

އެލިޒަބަތާއި މިޝެލް އިށީނދެވަޑައިގަތީ ފަހަތުގައެވެ. އަދި ހަތަރު ބޭފުޅުން އެ ގޮތަށް ކާރުގައި މޭލެއްގެ ހަތަރުބައިކުޅަ އެއްބައި ދުރުގައި ހުރި ވިންޑްސާ ގަނޑުވަރަށް ވަޑައިގަތެވެ. އެއީ އެތައް ޒަމާނެއްގެ ރަހްމަތްތެރިކަން އޮތް އެކުވެރިން ފަދައިން އާދީއްތަ ދުވަހެއްގެ މެންދުރުފަހުގެ އަމިއްލަ މެންދުރުގެ ފަރިއްކޮޅަކަށެވެ.

އިނގިރޭސި ޝާހީ އާއިލާގެ ކަންތައްތައް ދިރާސާކުރާ ރޮބަޓް ހާޑްމަން ފަހުން ހާމަކުރީ އެ އާދައިގެ ރޭވުން، ހަގީގަތުގައި އިނގިރޭސި ރަސްމީ ގަނޑުވަރު ބަކިންހަމް ޕެލަސްގެ އޮފިޝަލުންނާއި އެމެރިކާގެ ސިއްރު ސިފައިންނާ "ވަރަށް ސީރިއަސް ޒުވާބަ"ކަށް ބަދަލުވި ކަމަށެވެ.

"އެހެން ދިމާވި ސަބަބަކީ ރާނީ ވަރަށް އާދައިގެ ގޮތަކަށް ވިދާޅުވީ އޮބާމާމެން ވަޑައިގަތުމުން އެ ކަމަނާ 'ބޭރަށް ޖެހިލައިފައި އަމިއްލަގޮތުން އަމިއްލަ ކާރުގައި އޮބާމާމެން ވަޑައިގަތުމުން އޮބާމާމެންނާ ބައްދަލުކުރައްވާނީ' ކަމަށް. އެމެރިކާގެ ސެކިއުރިޓީ ޑީޓޭލް ތިބީކީ ކިރިޔާ ވެސް އެ ކަހަލަ ކަމަކަށް ތައްޔާރުވެގެނެއް ނޫން،" ހާޑްމަން ބުންޏެވެ.

އޮބާމާއަށް ދާއިމީ ޝަރަފެއް ލިބިވަޑައިގަތް ކަމަކީ އަމިއްލަ ސަލާމަތަށް އޭނާ އަމިއްލަ ގޮތެއް ހައްދަވައި، ރާނީގެ އެދުންފުޅު ގަބޫލުކުރުއްވުމެވެ. ސަބަބަކީ ބައެއް ފަހަރު ހަޔާތުގެ ބައެއް ވަގުތުކޮޅުތަކަކީ ނިޒާމީ ޕްރޮޓޮކޯލްތަކަށްވުރެ މުހިންމު އެއްޗެކެވެ.

ރާނީ އެލިޒަބަތަށް ހާއްސަ ގޮތަކަށް ފަރުމާކޮށްފައިވާ އެ ރޭންޖް ރޯވާ ކާރަކީ ވަރަށް ރަނގަޅަށް ތައްޔާރުކޮށްފައިވާ މެޝިނެކެވެ. ވީ-8 ޑީސަލް ތެޔޮ އަޅާ ވަރުގަދަ 4.4 ލީޓަރުގެ އިންޖީނަކާއި ފަހަތު ސީޓުގައި މުނިފޫހިފިލުވައިދޭ ސްކްރީން ހުރެއެވެ. އަދި ދޮރުތަކުގެ އަތްގަނޑު ހުންނަނީ އެ ކަމަނާއަށް ފަސޭހައިން ނިކުމެވަޑައިގެންނެވޭ ގޮތަށް ހިފައިލެވޭނެހެން ފަރުމާކޮށްފައެވެ. އެތެރެ ދިއްލާ ވަސީލަތްތައް ހުންނަނީ ކާރުގެ ތެރޭގައި ފޮރުވައިފައި ހުންނަ ގޮތަށް ޑިޒައިންކޮށްފައެވެ. މުޅި ކާރުގެ މަތީގައި އޮންނަނީ އުޑު ފެންނާނެ ގޮތަށް ބިއްލޫރި ޖަހައިފައެވެ. އެތައް އަހަރެއް ފަހުން ކާރު ވިކުނުއިރު، ގަތް ފަރާތުން ބުނީ އެ ކާރުގެ އާދަޔާހިލާފު ތާރީހަށް ޝަރަފު ދިނުމުގެ ގޮތުން ރަޖިސްޓްރީ ޕްލޭޓް ނަންބަރު ބަދަލުނުކުރާނެ ކަމަށެވެ.

ކާރުގައި ކުރެއްވި ދަތުރު ފަހުން ދޭހަކޮށްދެއްވަމުން، އޮބާމާ އޭނާގެ ޝަހުސިއްޔަތުގައި ހުންނަ މަޑުމައިތިރި، މީހުންގެ ސަމާލުކަން ހޯއްދަވަން ނޫޅުއްވާ، ނަމަވެސް "ސަޅި"ގޮތަށް، ވިދާޅުވީ އެ ދަތުރު "ވަރަށް އަރާމު" ކަމަށެވެ. މި ވިދާޅުވުން ފަހަރުގައި، އެމެރިކާގެ ރިޔާސަތުގައި އިންނެވި ވަގުތެއްގައި އެމެރިކާގެ ރައީސަކު، މުހިންމު ނަމަވެސް ކަމެއް މާ މުހިންމު ނޫން ކަމަށް ވިދާޅުވި ފުރަތަމަ ފަހަރު ވިދާޅުވުމަކަށް ވެދާނެއެވެ.

އަގުކުރަން ދަތި އެ ކާރަކީ މި ޒަމާނުގައި އެމެރިކާގެ ރައީސަކު އަމިއްލަ އިހްތިޔާރުގައި ދަތުރުކުރެއްވި، ހަތިޔާރު ނާޅާ ހަމައެކަނި އުޅަނދެވެ. އަދި އެންމެ ފަހުން، ނޭވާހުއްޓޭ ފަދަ އަގެއް ކަމަށްވާ 224،850 ޕައުންޑް ނުވަތަ 299،965 ޑޮލަރު (4.6 މިލިއަން ރުފިޔާ)އަށް ވިއްކުމަށް އެ ކާރު ލިސްޓް ކުރެވުނުއިރު، އެލިޒަބަތު ބޭނުންކުރެއްވި ހާއްސަ އަތްގަނޑުތައް ވެސް އެ ހުރި ގޮތަށް ހުއްޓެވެ.

ގަލާއި ތާރު ނާޅާ ތަންތަނުގައި ވެސް ދުއްވޭ ލޭންޑް ރޯވަރު ކާރު ފިލިޕް ދުއްވަވަން ފެއްޓެވީ 1960 ގެ އަހަރުތަކުގައެވެ. މުޅި ހަޔާތުގައި ވެސް އެ މަރުކާއަށް އޭނާ ލޯބިކުރެއްވިއެވެ. "ފްރީ ވޯލްޑް" ނުވަތަ ލަފުޒީ މާނައިން "މިނިވަން ދުނިޔޭ"ގެ ވެރިޔާކަމަށް ބައެއް މީހުން ދެކޭ އެމެރިކާގެ ރައީސް އެ ދުވަހުގެ މެންދުރުފަހު ފިލިޕް ކާރުގައި ގެންދެވީ ހަމަޖެހިލައިގެން، އާދައިގެ ގޮތަކަށް މީހަކު އޭނާގެ އަވަށްޓެރިއަކު މެންދުރުގެ ކެއުމަކަށް ގެންދާ ފަދައިންނެވެ. ނަމަވެސް އެ ދުވަހު އެ ކާރުގައި އިންނެވި ހުރިހާ ބޭފުޅުންގެ ވެސް ވިސްނުން ހުރީ އެ ދަތުރަކީ ހަމަ ވަރަށް އާދައިގެ ކަމެއްހެން ކަމަށް ހީވެއެވެ.

  • ތަރުޖަމާއެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *