މެޑިޓެރޭނިއަން ކަނޑުގައި އިސްރާއީލުގެ ރައްކާތެރިކަމަށް އެ ގައުމުގެ ކައިރީގައި ބާއްވައިގެން، އެމެރިކާގެ ޔޫއެސްއެސް އެބްރަހަމް ލިންކަން ހަނގުރާމަމަތީ މަނަވަރުގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ހަނގުރާމަމަތީ މަނަވަރު، އެމެރިކާގެ ޔޫއެސްއެސް ޖެރަލްޑް ފޯޑް އެމެރިކާއިން ވަނީ ހޮނިހިރު ދުވަހު އިސްރާއީލާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކުގައި ބޭނުންކުރަން ފަށައިފައެވެ.
ކެރިބިއަން ކަނޑުގައި ބާއްވައިގެން ވެނެޒުއެލާގެ ރައީސް ނިކޮލާސް މަދުރޯގެ ދެކަނބަލުން އަތުލައިގަނެގެން އެމެރިކާއަށް ގެންދިޔަ އޮޕަރޭޝަންގައި ބޭނުންކުރި ޖެރަލްޑް ފޯޑްގެ ދިގުމިނުގައި 1،106 ފޫޓު ހުރިއިރު ބަރުދަނުގައި އެއް ލައްކަ ޓަނު ހުރެއެވެ. ފުޅާމިނުގައި 256 ފޫޓު ހުރިއިރު އުސްމިނުގައި 250 ފޫޓު ހުރެއެވެ.
ދުނިޔޭގެ އެންމެ ގިނަ ވައިގެ އުޅަނދު އުފުލޭ މަނަވަރު ކަމަށްވާއިރު ވައިގެ 90 އުޅަނދު އުފުލެއެވެ. އޭގެ ތެރޭގައި ޖެޓާއި ހެލިކޮޕްޓަރު ހިމެނެއެވެ.
ވައިގެ ސިފައިންނާއި ފަޅުވެރިން ހިމެނޭ ގޮތުން ޖެރަލްޑް ފޯޑްގައި 4،700 މީހުން މަސައްކަތްކުރެއެވެ. އެ އެންމެނަށް ހުންނަނީ 650 ފާހާނާއެވެ. އަދި ބައެއް ކަނޑުގެ އުޅަނދުފަހަރަށް ހުއްދަ އޮންނަ ގޮތަށް އެ މަނަވަރުގެ އެންމެންގެ ނަޖިސް ޓްރީޓްކޮށްފައި ކަނޑަށް ދޫކޮށްލައެވެ. އެއީ އެމެރިކާ އާއި ބައިނަލްއަގުވާމީ ކަނޑުގެ ތިމާވެށްޓާ ގުޅޭ ގަވައިދުތަކާ އެއްގޮތަށެވެ.

ހޮނިހިރު ދުވަހު އީރާނާ ދެކޮޅަށް "އެޕިކް ފިއުރީ" ނުވަތަ ލަފުޒީ މާނައިން "ބޮޑު ރުޅިގަނޑު"ގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެއްޓެވި އަސްކަރީ އޮޕަރޭޝަންގެ ފަހަތުގައި ލަދުވެތިކަމެއް ވެސް ވެއެވެ. އެއީ ޖެރަލްޑް ފޯޑްގައި އެތައް ސަތޭކަ ފާހާނާގައި މައްސަލަ އުޅުމެވެ. އަދި އެމެރިކާގެ ކަނޑުގެ ސިފައިން އެ ކަން ހާމަކޮށް، ބަޔާނެއް ވެސް ވަނީ ނެރެފައެވެ. އެއީ ދުނިޔޭގެ ފަލަ ސުރުހީތަކަށް އެ ހަބަރު އެރުމުންނެވެ.
ޖެރަލްޑް ފޯޑްގައި ތަކުރާރުކޮށް ސެނިޓޭޝަން މައްސަލަ ދަނީ ޖެހެމުންނެވެ. އެހެންކަމުން، އިސްރާއީލުގެ އައްސޭރިފަށަށް ހުކުރު ދުވަހު ދިޔައިރު ޖެރަލްޑް ފޯޑް ހަބަރުތަކަށް އެރީ ޝަރަފުވެރި ގޮތަކަށް ނޫނެވެ. ސަބަބަކީ ގިނަ އަދަދެއްގެ ފާހާނާތަކުގައިވަނީ ނަޖިސް ނުވަތަ ސުވެޖް ތާށިވުމުގެ މައްސަލަ ކުރިމަތިވެފައެވެ.

ފާހާނާތަކުގައި މި އަހަރު ކުރީކޮޅުއްސުރެ ވަނީ މައްސަލަ ޖެހިފައެވެ. މަނަވަރުގެ އެކި ކަންކޮޅުތަކުގައި ހުރި ގިނަ ފާހާނާތައްވަނީ "ޓެމްޕަރަރިލީ އައުޓް އޮފް ސާވިސް" ނުވަތަ "ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފަ"އެވެ.
ނަތީޖާއަކަށްވީ ދިގު ކިޔޫތަކާއި މަނަވަރުގެ މީހުން މާޔޫސްވުމެވެ. މަސައްކަތްކުރާ ފާހާނާތައް ދޮށުގައި ބައެއް ފަހަރު 45 މިނެޓު ވެސް މަޑުކުރަން ޖެހޭ ކަމަށް ބައެއް މީހުން ބުނެއެވެ.

މައްސަލައަކީ އެހާ ގިނަ އަދަދެއްގެ މީހުންގެ ނަޖިސް ވެކިއުމް ޒަރީއާއިން ދުއްވައިލުމަށް ނަރުދަމާގެ ހޮޅިތައް މާ ހިމަކަމެވެ. އަދި ޓީޝާޓާއި މޮޕް ފަދަ ތަކެތި ވެސް ފާހާނާތަށްޓަށް އަޅާ މީހުން އުޅޭތީއެވެ.
މަތިންދާބޯޓުތައް ފަދައިން ޖެރަލްޑް ފޯޑްގައި ވެސް ބޭނުންކުރަނީ ވެކިއުމް ކަލެކްޝަން، ހޯލްޑިން އެންޑް ޓްރާންސްފާ (ވީ.ސީ.އެޗް.ޓީ) ނިޒާމެވެ. ނަމަވެސް މައްސަލައަކީ ފާހާނާ ހޮޅިތަކުން ކެލްސިއަމް ކާބަނޭޓް މާއްދާ ނައްތައިލުމަށް އެސިޑް ބޭނުންކުރުމަށްފަހު އެ އެސިޑް ރައްކާތެރި ގޮތުގައި ނައްތައިލުމަށް އެއްގަމަށް ގެންދަން ޖެހޭތީ މިހާރު ކަނޑުމަތީގައި އޮތުމުން "އެސިޑް ފްލަޝް" ކުރެވޭ ނިޒާމު ހިންގޭނެ ގޮތެއް ނެތުމެވެ.

ނަޖިހާއި ހޫނުކަމާއި އަދި ފާހާނާތަށި ފްލަޝްކުރުމަށް ބޭނުންކުރާ ލޮނުފެނުގެ ސަބަބުން ކެލްސިއަމް ކާބޮނޭޓް އުފެދުމުން ނަޖިސް ހޮޅިތައް ބަންދުވާތީ އެސިޑް ފްލަޝް ނިޒާމު ހޮޅިތައް ސާފުކުރަން ބޭނުންކުރެއެވެ. އެސިޑުން އެތައް ގަޑިއިރެއް ފަހުން ކެލްސިއަމް ކާބޮނޭޓް ނައްތައިލުމުން ހޮޅިތައް ވިރުނަ ނުދިނުމަށް ދެން ބޭނުންކުރަނީ އަލްކަލައިންއެވެ.
މިއިން ކޮންމެ އެސިޑް ފްލަޝްއެއް ކުރުމަށް 400،000 ޑޮލަރު (ހަ މިލިއަން ރުފިޔާ) ހަރަދުވެއެވެ. އަދި 2023 އިން ފެށިގެން މިހާތަނަށްވަނީ 10 އެސިޑް ފްލަޝްކޮށްފައެވެ. އެ އަށް ޖުމްލަ ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ހަރަދުވިއެވެ. ހަރަދު ބޮޑަސް ފަސޭހަކަމަކީ އެސިޑް ފްލަޝް ކުރުމުން، ބަންދުވެފައިވާ ހޮޅިތައް ކަފައިލައިގެން ހުޅުވައިގެން ސާފުކުރަން ނުޖެހޭކަމެވެ.

މި ދިޔަ ޖެނުއަރީ މަހުން ފެށިގެން، ކެރިބިއަން ކަނޑުގައި އޮތް އިރުވެސް، ފާހާނާ ހޮޅިތައް ބެދިފައިވާތީ، މި ދެ މަސްވީއިރު ޓެކްނިޝަނުން ދަނީ އެ ކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބައެއް ޓެކްނިޝަނުން 19 ގަޑިއިރު ވަންދެން ވެސް މަސައްކަތް ކުރަމުންދެއެވެ.
މި ދިޔަ އަހަރު ޖޫން މަހުއްސުރެ ޖެރަލްޑް ފޯޑް އޮތީ ކަނޑުމަތީގައެވެ. މިހެންވެ، އޭގައި އުޅޭ އެންމެން ތިބީ ބޮޑު ވަރުބަލިކަމެއްގައެވެ.

އެއް ފަހަރަކު ހަތަރު ދުވަހުގެ ތެރޭގައި 205 ފާހާނާގައި މައްސަލަޖެހުނެވެ.
ވެނެޒުއެލާ ކައިރީގައި އޮތް އިރު ދުވާލަކު އެއް ފަހަރު ވެސް މައްސަލަ ޖެހިގެން އުޅުނެވެ. އެންމެ ވޭލްވެއްގައި މައްސަލަ ޖެހުނަސް މުޅި ސެކްޝަންގެ ފާހާނާތައް މަސައްކަތެއް ނުކުރެއެވެ. ނަމަވެސް އެމެރިކާގެ ކަނޑުގެ ސިފައިންގެ ބަޔާނުގައި ބުނީ "ފޯޑް ކްލާސް"ގެ މަނަވަރެއްގައި ނިޒާމުތައް މަސައްކަތްކުރަން ޖެހޭ ގޮތަށް ޖެރަލްޑް ފޯޑްގެ ނިޒާމުތައް ވެސް މަސައްކަތްކުރަނީ ރަނގަޅަށް ކަމަށެވެ. ފޯޑް ކްލާސް މަނަވަރުތަކަކީ ނިއުކްލިއަ ހަކަތައިން ހިންގާ، 100،000 ޓަނުގެ ބަރުދަން ހުންނަ، އެމެރިކާއިން އުފައްދާ އާ ޖީލުތަކުގެ ހަނގުރާމަމަތީ މަނަވަރުތަކެވެ. އެ ގިންތީގެ މަނަވަރުތަކުގައި 23 ޓެކްނޮލޮޖީ ހުންނައިރު ފަޅުވެރިންގެ އަދަދު އެހެން މަނަވަރުތަކާ އަޅާބަލާއިރު 20 ޕަސެންޓް މަދެވެ. ބޭނުމަކީ ހިންގުމުގެ ހަރަދު ކުޑަ ކުރުމެވެ.

އެމެރިކާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނުގައި ބުނީ ޖެރަލްޑް ފޯޑްގެ ވީ.ސީ.އެޗް.ޓީ ނިޒާމުން މިހާތަނަށް ހަ މިލިއަނަށްވުރެ ގިނަ އަދަދަކަށް ފާހާނާތަށި ފްލަޝްކޮށްފައިވާ ކަމަށެވެ.
"ނަރުދަމާ ހޮޅިތައް ބެދުމުން، އިންޖިނިއަރުން މައްސަލަ ހައްލުކުރަން ވަގުތުން މަސައްކަތްކުރޭ. މިހެންވެ، ފާހާނާތައް މަސައްކަތްނުކޮށް ހުންނަ ވަގުތު ކުޑަކުރެވޭނެ އެންމެ ކުޑަ ވަގުތަކަށް ކުޑަކުރެވޭ،" ބަޔާނުގައި ބުނެފައިވެއެވެ.

ޖެރަލްޑް ފޯޑްގެ އެންމެ އިސްވެރިޔާ، ކޮމާންޑިން އޮފިސަރު ކެޕްޓަން ޑޭވިޑް ސްކޭރޯސީ ބުނީ އެހާ ބޮޑު މަނަވަރެއްގައި އެހާ ގިނަ މީހުން އުޅޭއިރު ނަރުދަމާގައި ނަޖިސް ތާށިވާނެ ކަމަށެވެ.
"އަހަރެމެން މި މައްސަލަ ހައްލުކުރާނަން. އެއީ، އަހަރެމެން މަނަވަރުގައި ކުރާ މަސައްކަތްތަކަށް ބުރޫ އެރިޔަނުދޭނެ ގޮތަށް ސަމާލުކަން ދީގެން،" އޭނާ ބުންޏެވެ.

ސްކޭރޯސީ ބުނީ މުހިންމީ މައްސަލަ ހައްލުކުރުމުގެ ދުވެލި ކަމަށެވެ. މެއިންޓެނަންސް ޓީމުތަކުން މައްސަލަ ހައްލުކުރުމަށް އަވަސްވެގަންނަ ކަމަށް އޭނާ ބުންޏެވެ. މިހެންވެ ނިޒާމުތައް މަސައްކަތްކުރާ ކަމަށާއި އަސްކަރީ އޮޕަރޭޝަނަށް ތައްޔާރުވެފައި ތިބުމަށް ބުރޫއެއް ނައިރައި ކަމަށެވެ. އަދި އަސްކަރީ އޮޕަރޭޝަންތައް ހިންގޭނެ ގާބިލުކަމަށް ވެސް ނޭދެވޭ އަސަރެއް ނުކުރާ ކަމަށެވެ.
"ފަޅުވެރިންގެ ސިއްހަތާއި ދުޅަހެޔޮކަމާއި އަދި ހިތްވަރާ ގުޅޭ ކަންބޮޑުވުންތައް ހައްލުކުރުމުގައި އަހަރެން ކޮންމެ ދުވަހަކު މަސައްކަތްކުރަން،" އޭނާ ބުންޏެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނުގައި ބުނީ ކަނޑުމަތީގައި އަށް މަސް ދުވަސް މިހާރު ހޭދަވެފައިވީ ނަމަވެސް ޖެރަލްޑް ފޯޑްގައި މަސައްކަތްކުރާ މީހުން ކެތްތެރިކަމަށާއި މަސައްކަތްކުރާލެއް ޕްރޮފެޝަނަލްކަމަށާއި އަދި އާއިލާތަކާ މާ ދުރުގައި ގައުމީ ހިދުމަތްކުރަމުން ދިޔަ ނަމަވެސް އެ މީހުންގެ ހިތްވަރު ނޭލޭ ކަމަށެވެ.



advertisment