އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާއި ބަދަލުގައި އިސްރާއީލަށާއި މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދޭން ފެށުމުން މެދުއިރުމަތީގެ ހަމަޖެހުމަށް ރާއްޖެއިން ގޮވައިލައިފިއެވެ.
މެދުއިރުމަތީގައި އިތުރުވަމުންދާ ހަމަނުޖެހުންތައް ރާއްޖެއިން ދަނީ "ބޮޑު ކަންބޮޑުވުންތަކަކާ"އެކު ބަލަމުން ކަމަށް ހާރިޖީ ވުޒާރާއިން އިއްޔެ ރޭ ނެރުނު ބާޔާނެއްގައި ބުންޏެވެ.
"ހުރިހާ ފަރާތްތަކަކުން ވެސް ދެމުންދާ ހަމަލާތަކަކީ ރަނގަޅު ނޫން ހަމަލާތަކެއް. ހަމަނުޖެހުންތައް މަޑުމައިތިރިކުރަން އެދެން،" ރާއްޖެއިން ބުނި ކަމަށް ބަޔާނުގައި ބުންޏެވެ.
ރާއްޖެއިން ގޮވައިލަނީ ސުލްހަ އާއި ހަމަޖެހުން އަލުން ގާއިމުކުރުމަށް ކަމަށާއި ހަމަލާތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ ޗާޓަރު ނުވަތަ އަސާސީ ގަވައިދާ އެއްގޮތަށް އަމަލުކުރަން ޖެހޭޖެހުމަށް ތަބާވުމަށް ރާއްޖެއިން ގޮވައިލައި ކަމަށް ބަޔާނުގައި ބުންޏެވެ.
"ހުރިހާ ދައުލަތެއްގެ ސިޔާދަތާއި ސަރަހައްދުތަކަށް ހުރިހާ ފަރާތްތަކުން ހުރިހާ ވަގުތެއްގައި ވެސް ފުރިހަމައަށް އިހްތިރާމްކުރަން ޖެހޭނެ،" ބަޔާނުގައި ބުންޏެވެ.
ގައުމުތަކުގެ މެދުގައި އުފެދޭ ހިލާފުތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ރާއްޖެއިން އަބަދުވެސް އެދޭއެދުން އަލުން ތަކުރާރުކުރާ ކަމަށާއި ސަރަހައްދީ އަދި މުޅި ދުނިޔޭގެ ސުލްހަ އާއި ހަމަޖެހުން ދަމަހައްޓަން އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރާ ކަމަށް ބަޔާން ނިންމައިލަމުން ބުންޏެވެ.
އެމެރިކާ އާއި އިސްރާއީލުން އިސްވެ އިއްޔެ އީރާނަށް ދޭން ފެށި ހަމަލާތަކާއި ރައްދުގައި އިސްރާއީލަށާއި މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަރަނިތަކަށް އީރާނުން ދެމުންދާ ހަމަލާތައް އަދިވެސް ދަނީ ކުރިއަށް ކަމަށް މިއަދުގެ އެންމެ ފަހުގެ ރިޕޯޓްތައް ބުނެއެވެ.
މެދުއިރުމަތީގައި މި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ހައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަގުސަދުގައި ވަޒީރުން އެކުލެވޭ ހާއްސަ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިހާރުވަނީ އެކުލަވައިލައްވައިފައެވެ.
އީރާންގެ އެންމެ މަތީ އަދި ރޫހީ ވެރިޔާ، އުމުރުން 86 އަހަރުގެ، އަދި 1989 އިން ފެށިގެން އީރާންގެ ވެރިކަމުގައި ހުންނެވި އަލީ ހާމަނާއީ ވަނީ އިއްޔެގެ ހަމަލާތަކުގައި އޮފީހުގައި ހުންނަވަނިކޮށް އަވަހާރަވެފައި ކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން މިހާރު ވަނީ ރިޕޯޓްކޮށްފައެވެ. އެ ކަމާ ގުޅިގެން އީރާންގައި 40 ދުވަހުގެ ހިތާމަފާޅުކުރުމުގެ މުއްދަތެއް ކަނޑައަޅައިފައިވާ ކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.



advertisment