ސައުދީ އަރަބިއްޔާގެ މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުއްނަބަވީއަކީ ކީރިތި ރަސޫލާގެ މަގުބަރާ ހުންނަ ތަނެވެ. ދުނިޔޭގެ އެންމެ ބޮޑަށް ޝަރަފު ލިބިގެންވާ މަގުބަރާއެވެ. އަދި އެ ކަލޭގެފާނުގެ އެންމެ ގާތް ދެ ރަހްމަތްތެރިން ކަމަށްވާ އަބޫ ބަކުރުގެފާނާއި އުމަރުގެފާނު ވެސް ފަސްދާން ލެވިފައިވަނީ އެ ކަލޭގެފާނުގެ މަހާނަފުޅާ ޖެހިގެންނެވެ.
ކީރިތި ރަސޫލާ ފަސްދާން ލެވިފައިވަނީ ގިބުލައަށް ކުރިމަތިވާ ގޮތަށެވެ.
އެ ކަލޭގެފާނާ ޖެހިގެން ފަސްދާނު ލެވިފައިވަނީ އަބޫ ބަކުރުގެފާނެވެ. އެ ކަލޭގެފާނުގެ އިސްތަށިފުޅު ކީރިތި ރަސޫލާގެ ކޮނޑުފުޅާ ހަމައަށް އަރާވަރަށެވެ.
އުމަރުގެފާނު ފަސްދާނު ލެވިފައިވަނީ އަބޫ ބަކުރުގެފާނާ ޖެހިގެންނެވެ. އެ ކަލޭގެފާނުގެ އިސްތަށިފުޅު އަބޫ ބަކުރުގެފާނުގެ ކޮނޑުފުޅާ ހަމައަށް އަރާވަރަށެވެ.

ކީރިތި ރަސޫލާގެ މަގުބަރާއަކީ އެ ކަލޭގެފާނުގެ އަނބިކަނބަލުން އަދި އަބޫ ބަކުރުގެފާނުގެ ދަރިކަނބަލުން އައިޝަތުގެފާނުގެ ކޮޓަރިކޮޅެވެ. އެއީ އެ ކަލޭގެފާނުގެ ދުނިޔަވީ ހަޔާތްޕުޅުގެ އެންމެ ފަހު ދުވަސްތައް ހޭދަކުރެއްވި ކޮޓަރިކޮޅެވެ. މާތްﷲގެ ހަޒްރަތަށް އެ ކަލޭގެފާނުގެ ފުރާނަފުޅު ދަތުރުކުރެއްވީ އެ ކަމަނާގެ އުނގުފުޅުގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވަނިކޮށެވެ. އެ ކަލޭގެފާނު ފަސްދާނު ވެޑުވުނީ އެ ކޮޓަރިކޮޅުގައެވެ.
އަބޫ ބަކުރުގެފާނު އެދިވަޑައިގަތީ އެ ކަލޭގެފާނު އެންމެ ލޯބިވެވަޑައިގަތް ރަހްމަތްތެރިޔާގެ އަރިހުގައި ފަސްދާނު ލެވުމަށެވެ. އެ އެދިވަޑައިގަތުން ވަނީ ފުރިހަމަވެފައެވެ. އެއީ ކީރީތި ރަސޫލާގެ މަހާނަފުޅާ ޖެހިގެން އަބޫ ބަކުރުގެފާނު ފަސްދާނު ލެވުމުންނެވެ.
އޭގެ އަހަރުތަކެއް ފަހުން އުމަރުގެފާނު ޝަހީދުވެ ވަޑައިގަތުމުން، އަބޫ ބަކުރުގެފާނުގެ މަހާނަފުޅާ ޖެހިގެން އައިޝަތުގެފާނު ފަސްދާނު ލެވުމަށް ހަމަޖެއްސެވި ޖާގަ، އުމަރުގެފާނު ފަސްދާނު ލުމަށް އެ ކަމަނާ ދެއްވިއެވެ.
ތިން ބޭފުޅުންނެވެ. ތިން ގާތް ރަހްމަތްތެރިންނެވެ. ދާއިމީކޮށް އެކަކު އެނަކަކާ ޖެހިގެންނެވެ.

މަސްޖިދުއްނަބަވީގެ ފެހި ކުލައިގެ ގުއްބު ކުރިން ހުރީ އެ ކުލައަކު ނޫނެވެ. ފުރަތަމަ ހުރީ ކުލަ ނުލައެވެ. ދެން ހުދު ކުލަ ލިއެވެ. ފެހި ކުލަ ލީ އުސްމާނީ ހިލާފަތުގައި މީލާދީން 1837 ވަނަ އަހަރުއެވެ.
މިއަދު މަސްޖިދުއްނަބަވީއަކީ މަދީނާ ރަމްޒުކޮށްދޭ އެންމެ ބޮޑު ފާހަގައެވެ.
އެ ތަނަށް ތިބާ ޒިޔާރަތްކުރާނަމަ އަބޫ ދާވޫދު ރިވާކުރެއްވި ހަދީސްފުޅު ހަނދުމަކުރާށެވެ. އެއީ ކީރިތި ރަސޫލާއަށް ސަލާމް ދަންނަވާ ކޮންމެ މީހެއްގެ ސަލާމް ބައްލަވައިގެންފައި، އޭނާއަށް ވެސް އެ ކަލޭގެފާނު ސަލާމް ރައްދުކުރެއްވުމަށް މާތްﷲ އެ ކަލޭގެފާނުގެ ފުރާނަފުޅު އަލުން އަނބުރާ އެ ކަލޭގެފާނަށް ދެއްވާނެކަމެވެ.
ތިބާ ތިޔަ ޒިޔާރަތްކުރަނީ ހަމައެކަނި ކީރިތި ރަސޫލާގެ މަހާނަފުޅު ކައިރިއަކަށް ނޫނެވެ. ތިބާ ތިޔަ ސަލާމް ދަންނަވަނީ ތިބާއާ އަނބުރާ ސަލާން ރައްދުކުރައްވާނެ ފަރާތާއެވެ. މާތްﷲ އަހަރެމެން އެންމެނަށް ކީރިތި ރަސޫލާގެ މަގުބަރާގައި ކުއްތަންވެ ހުރުމުގެ ޝަރަފުދެއްވާށި.



advertisment