ވަރަށް މުހިއްމު މުނާސަބަތަކާ ގުޅިފައިވާ އިރުކޭތައެއް މި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެބަ ހިފައެވެ. އެ ކޭތަ މުހިއްމުވާ ސަބަބަކީ، ރަމަޟާން މަސް ފެށޭ މުނާސަބަތު ފަލަކީގޮތުން އެ ކޭތައާ ގުޅިފައިވާތީއެވެ.
އިރުކޭތައަކީ، ހަނދުމައްސަރެއްގެ ނިމުމާއި ހަނދުގެ އާ މަައްސަރެއްގެ ފެށުން ހިސާބު ކުރުމަކާ ނުލައިވެސް ކަށަވަރު ފާހަގައެކެވެ. އިރުކޭތައެއް ފުރިހަމަވާ ވަގުތަކީ، އެ ހިނދަކު ހިނގަމުންދާ ހަނދު މައްސަރެއްގައި ދުނިޔެ ވަށައިގެން ހަނދު ޖަހާ ބުރު ފުރިހަމަވާ ވަގުތުކަމަށްވާ އެއްއުއިވުން އަންގައިދޭ ފާހަގައެއް ކަމަށްވެސް ވާތީއެވެ.
ދުނިޔެއާއި އިރާ ދެމެދަށް ހަނދުވަދެ އެެއްއުއިވާ ކޮންމެ ފަހަރަކު މާރަހައެއް ވާނަމަ ދުނިޔޭގެ ބައްރުގެ ތަނަކަށް ނުފެނުނަސް އިރުކޭތައެެއް ނުހިފައެެއް ނުދާނެއެވެ.
ކައުނީ ނިޒާމުގެ ހަމަތަކުގައި ހަނދު ދުނިޔެއާއި އިރާ ދެމެދަށް ވަދެ އެއްއުއިވާ ކޮންމެ ފަހަރަކީ ދެ ހަނދުމަހެއް ފައްތަރުވާ ފަހަރެކެވެ. އެގޮތުން މި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު މެންދުރުފަހު މާލޭ ގަޑިން 02:56ގައި ދެކުނު ޕޯލަށް ފުރިހަމައަށް ފެންނަ އަދި މަޑަކަސްކަރައާއި އެތާނގެ ބަނޑުދަށުގައިވާ ތަންތަނުގެ އިތުރުން ސައުތު އެފްރިކާގެ ސަރަހައްދަށާއި އާޖެންޓީނާއާއި ޗިލީގެ ދެކުނު ސަރަހައްދަށް އެ ކޭތަ މިންވަރަކަށް ފެންނާނެއެވެ.
މި ކޭތަ ރިންގު ކޭތައެއް ކަމަށްވާ ސަބަބަކީ، އެވަގުތު އިރާއި ހަނދު ދުނިޔެއަށް ފެންނަ ސައިޒުގެ ނިސްބަތުން އިރާއި ހަނދުގެ ބޮޑުމިނަށް ބަލާއިރު 0.07 ދަގީގުގެ މިންވަރު ހަނދަށް ވުރެން އިރުގެ ސައިޒު ބޮޑުކަމަށް ވުމުން، އެކޭތަ ފުރިހަމަވާ ވަގުތުކަމަށްވާ، އެދުވަހު ހަވީރު މާލޭ ގަޑިން 05:12 ގައި އިރާއި ހަނދު ފުށުއަރާފައި ހުންނަތަން ދުނިޔެއަށް ފެންނަވަގުތު އިރުގެ މެދު ޕޮއިންޓާއި ހަނދުގެ މެދު ޕޮއިންޓް ހަމަހަމަވެ ދިމާވެ އެއްވަރުވާތީ، ހަނދަށް ވުރެން އިރު ސައިޒުން އިތުރުވާ މިންވަރު ހަނދުގެ ސަބަބުން ފޮރުވިގެން ނުގޮސް އިރުގެ ވަށައިގެންވާ އަރިމަތި ދުނިޔެއަށް ފެންނާން ހުންނާތީއެވެ.
އެވަގުތަކީ، ހަނދަށް އިރުން އެޅިފައިވާ އަލިކަން (ހުޅުވި) ހުންނަފަރާތް ދުނިޔެއަށް ފުރަގަސްދީ އިރުވީ ފަރާތަށް ހުންނަ ދުވަހެެއް ކަމަށްވާތީ އިރުން ކޭތަ ހިފާފައިވާ މިންވަރު ގަދަ ކަޅުކުލައެއްގައި ހަނދުގެ އަލިކަން ނެތް ފަރާތް ފެންނަ ވަގުތެކެވެ.
އެހެންވީމާ، 17 ފެބްރުއަރީގައި ހިފާ އެ ކޭތައިގެ ސަބަބުން 18 ވަނަ ދުވަހަކީ އަންނަ ރަމަޟާން މަހުގެ ފުތަރަމަ ދުވަސްކަން، ފަލަކީ ޢިލުވެރީންނަށް ޝައްކެއް ނެތި ޔަގީންވެގެން ދާނެއެވެ.



advertisment