Support Us

16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރަން ޔޫކޭ ޕާލަމަންޓްގައި ވޯޓަށް އަހަނީ

ސޯޝަލް މީޑިއާ 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރި ފުރަތަމަ ގައުމުކަމަށް އޮސްޓްރޭލިއާ މި ދިޔަ މަހު ވެފައިވާއިރު އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި މާދަމާ ވޯޓަށް އަހާ ސްކޫލްތަކާ ބެހޭ ބިލެއް ފާސްވެއްޖެ ނަމަ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރަން އެއް އަހަރު ތެރޭގައި ފަށާނެއެވެ.

ވެރިކަންކުރާ ލޭބާ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ 60 މެންބަރުން ސޮއިކުރައްވައި ބޮޑުވަޒީރު ކެއާ ސްޓާމާއަށް ފޮނުވި ސިޓީތަކަކާ ގުޅިގެން، 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރަން ފެނޭތޯ ސަރުކާރުން އިއްޔެ އާއްމުންގެ ހިޔާލަށް ހުޅުވައިލި ނަމަވެސް އިދިކޮޅު ކޮންޒަވެޓިވް ޕާޓީ ވެސް މި ކަމަށް ތާއީދުކުރާތީ، ސްކޫލްތަކާ ބެހޭ ބިލް މާދަމާ ފާސްވެއްޖެ ނަމަ، 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ އިނގިރޭސި ވިލާތުގައި އެއް އަހަރުގެ ތެރޭގައި މަނާވާނެއެވެ.

އިދިކޮޅު ކޮންޒަވެޓިވް ޕާޓީގެ ލީޑަރު ކެމީ ބެޑެނޮކް ބުނީ ވެރިކަމުގައި އެ ޕާޓީ އޮތް ނަމަވެސް 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރާނެ ކަމަށެވެ.

ލޭބާ ޕާޓީން 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރަން ތާއީދުކުރުމަކީ ކޮންޒަވެޓިކް ޕާޓީގެ ނިންމުން ކޮޕީކޮށްގެން ނިންމި ނިންމުމެއްކަމަށް ވެސް ކޮންޒަވެޓިވް ޕާޓީން ބުންޏެވެ.

މައިންބަފައިންނާއި ބެލެނިވެރިންނާއި ޒުވާނުންނާއި މުދައްރިސުންނާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ޓެކްނޮލޮޖީ ކުންފުނިތަކުގެ އިތުރުން އެހެނިހެން ފަރާތްތަކަށް ވެސް، ރަބީއު މޫސުން ފެށެންވާއިރަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލިއެވެ. އެއީ ޖުލައި 24 ގެ ކުރިން ގާނޫނު ހަދާ މަޖިލިސްގެ ޗުއްޓީ ފެށުމުގެ ކުރިންނެވެ.

އުމުރުން 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރުމާމެދު ހުޅުވައިލައިފައިވާ ހިޔާލު ހުށަހެޅުމުގެ ފުރުސަތުގައި އިތުރަށް ހިޔާލަށް އަހާފައިވާ ކަންތައްތަކުގެ ތެރޭގައި މައިންބަފައިންނާއި ބެލެނިވެރިންގެ ހުއްދަ ނުހޯދައި ޒާތީ މައުލޫމާތު ޓެކްނޮލޮޖީ ކުންފުނިތަކަށް ހޯދޭނެ އުމުރުގެ ކުދިންގެ އުމުރު 13 އިން 16 އަށް މަތިކުރުން ހިމެނެއެވެ.

މީގެ އިތުރުން މިއަށްވުރެ ހަގު ކުދިންނަށް ފޯން ބޭނުންކުރެވޭ ވަގުތު ކަނޑައެޅުން ހިމެނެއެވެ. އަދި ކޮންމެ ދުވަހަކު ސޯޝަލް މީޑިއާ ބޭނުންކުރުމަށް ހިތްވަރު ދޭ ފަދަ ފަރުމާތައް ހުންނަ އެޕްތަކުން އެ ފަރުމާތައް ނެގުން ހިމެނެއެވެ. މީގެ އިތުރުން ވަކި ހައްދެއް ނެތި މައުލޫމާތު ހޯދުން ނުވަތަ "ސްކްރޯލް"ކުރުމަށް ހައްދެއް ކަނޑައެޅޭ ގޮތަށް ވެސް އެޕްތަކުގެ ފަރުމާ ބަދަލުކުރުން ވެސް ހިމެނެއެވެ.

"މި ފަދަ ސިޔާސަތެއްގެ އަމާޒަކީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ ދިރިއުޅުން މުއްސަނދިކުރުން. އެ ކުދިންނަށް ގެއްލުން ލިބުމެއް ނޫން،" ތައުލީމާ ބެހޭ ވަޒީރު ބްރިޖިޓް ފިލިޕްސަންއާ ވެސް ގުޅިވަޑައިގެން، އާއްމުންގެ ހިޔާލު ހޯދުމަށް އިއްޔެ އިއުލާންކުރައްވަމުން ޓެކްނޮލޮޖީއާ ބެހޭ ވަޒީރު ލިޒް ކެންޑޯލް ވިދާޅުވިއެވެ.

އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއި ހަމަ އެ އުމުރުގެ އަންހެންކުއްޖަކު ވެގެން 2023 ގައި މަރައިލި އުމުރުން 16 އަހަރުގެ ބްރީއާނާ ގޭގެ މަންމަ އެސްތާ ގޭ ބުނީ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރުމަކީ މިހާރުން މިހާރަށް ވެސް ނިންމަންޖެހޭ ކަމެއް ކަމަށެވެ. ސަބަބަކީ ބްރީއާނާ މަރައިލީ ސޯޝަލް މީޑިއާގެ ވިހަ މައުލޫމާތުން ސިކުނޑި ތަޣައްޔަރުކޮށްލި ދެ ކުދިން ކަމަށްވާތީއެވެ. އެ ދެ ކުދިންނަށް ވަނީ 20 އަހަރަށްވުރެ އިތުރުގެ މުއްދަތްތަކުގެ ހުކުމް އިއްވައިފައެވެ.

އާއްމުންގެ ހިޔާލު ކޮންމެ ގޮތަކަށް ލިބުނަސް، ސްކޫލް ގަޑީގައި ފޯން ބޭނުންކުރުން އެއީ ވަކި މައްސަލައެއްގެ ގޮތުގައި ބަލައި، ސްކޫލް ގަޑީގައި، ހާއްސަ ހާލަތްތަކުގައި ނޫނީ، މީގެ ފަހުން ފޯން ބޭނުންނުކުރެވޭ ގޮތަށް އިއްޔެ ނިންމިއެވެ.

އުމުރުން 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރުމާ ދެކޮޅު ހަދާ ފަރާތްތަކުން ބުނީ ސޯޝަލް މީޑިއާއިން ކުޑަކުދިންނަށް ގެއްލުން ލިބޭކަމުގެ އެކަށީގެންވާ ހެކިތަކެއް ނެތް ކަމަށެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ބުނީ މި ފަދަ ނިންމުމެއް ނިންމައިފިނަމަ ރައްކާތެރިކަން ލިބުނީކަމުގެ ކުށްހީއެއް ލިބިގެން އިންޓަނެޓްގެ އެހެން އަނދިރި ފަރާތްތަކަށް ކުޑަކުދިން ދިއުން އެކަށީގެންވާކަމަށެވެ.

އުމުރުން 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރުމާމެދު ހިޔާލަށް ހުޅުވައިލި ނަމަވެސް އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް އެކި މީޑިއާތަކުގައި ހޭދަކުރެވޭނީ ކިހާ ވަގުތެއްކަން ނުވަތަ "ސްކްރީން ޓައިމް"ކަން އަންނަ އެޕްރިލް މަހު ސަރުކާރުން މައިންބަފައިންނަށް އަންގާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *