Support Us

ވޭޕުގެ ވިހައިން ރާއްޖެ ސަލާމަތްވެ އޮތުމުގެ މުހިންމުކަން

ދިވެހިރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރިތާ އަހަރެއް ވީއިރު، ގަވާއިދާ ހިލާފަށް އެތެރެކުރާ މިފަދަ ތަކެތި ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން އަތުލައިގަތް 10,800 ވޭޕް ކާޓްރިޖަކީ މިހާތަނަށް އެއްފަހަރާ އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓެވެ. މީގެ ބާޒާރު އަގު ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާއަށް އަރާއިރު، މިފަދަ ހާދިސާތަކުން ހާމަވަނީ ވޭޕް މަނާކުރުމަށް ކުރާ މަސައްކަތުގައި ހުރި ގޮންޖެހުންތަކާއި، މުޖުތަމައުގައި އެ ތަކެއްޗަށް އޮތް ބޮޑު ޑިމާންޑެވެ.

ރާއްޖޭގައި ވޭޕް މަނާކުރުމުގެ ނިންމުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ނިންމާފައި ވަނީ، އޭގެ ސަބަބުން މުޖުތަމައަށް ކުރިމަތިވަމުންދިޔަ ގިނަގުނަ ނޭދެވޭ އަސަރުތަކާ ގުޅިގެންނެވެ. މީގެ ތެރޭގައި ވޭޕް މެދުވެރިކޮށް މަސްތުވާތަކެތި ބޭނުންކުރުމަށް މަގުފަހިވުމާއި، ސްކޫލް ކުދިން ވޭޕް ބޭނުންކުރުން އާންމުވުމާއި، އަދި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގައި އެއްވެސް ޖެހިލުމެއް ނެތި ވޭޕް ބޭނުންކުރުން ފަދަ ކަންބޮޑުވުންތައް ހިމެނެއެވެ. މިކަން މަނާކުރުމުން މުޖުތަމައުގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދިދާނެ ކަމަށް ބެލެވުނު ނަމަވެސް، ގިނަ ބަޔަކު ވަނީ މި ނިންމުން ވަރަށް ފަސޭހައިން ބަލައިގެންފައެވެ. އެހެންނަމަވެސް، މިއީ ސިޔާސީ ކަމަކަށް ހަދައި، ބައެއް ފަރާތްތަކުން ވޭޕް އަލުން ހުއްދަކުރާނެ ކަމަށް ބުނެ އާންމު މައިދާންތަކުގައި މިފަހުންވެސް ވާހަކަ ދައްކައިފައިވާކަން ފާހަގަކުރެވެއެވެ.

ވިސްނައިނުލާ އާންމުންގެ ތާއީދު ހޯދަން މިފަދަ ބަސްތައް ބުނި ސިޔާސީ ލީޑަރުންނަށް، ބައިނަލްއަގުވާމީ މީޑިއާތަކުގައި މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ވޭޕްގެ ސަބަބުން ފުއްޕާމެއަށް ޖެހޭ ނުރައްކާތެރި ބަލިތަކުގެ ވާހަކަކަން ނޭނގޭ ފަދައެވެ. މިފަދަ ބަލިތަކުގެ ތެރެއިން މިފަހުން ދުނިޔޭގެ ސަމާލުކަމަށް އައިސްގެން އުޅޭ "ބްރޮންކިއޮލައިޓިސް އޮބްލިޓަރަންސް" ނުވަތަ އާންމު ނަމުން ނަމަ "ޕޮޕްކޯން ލަންގް" އަކީ ފުއްޕާމޭގެ ކުދި ނޭވާލާ ހޮޅިތަކަށް ގެއްލުންދީ، ފުއްޕާމޭގައި ލަކުނުލައި ނޭވާލާން ދަތިކުރުވާ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ދާއިމީކޮށް ކޮށިއެރުމާއި، ނޭވާ ކުރުވުމާއި، އަދި އާދަޔާ ހިލާފަށް ވަރުބަލިވުން ހިމެނެއެވެ. މި ބަލީގެ ނުރައްކަލަކީ އޭގެ އަލާމާތްތައް ފެންނަން ފަށަނީ ވަރަށް މަޑުމަޑުން ކަމަށްވާތީ، ބަލީގެ ނުރައްކާ ބޮޑުވަންދެން ގިނަ ފަހަރަށް ފާހަގަނުކުރެވޭ ކަމެވެ.

"ޕޮޕްކޯން ލަންގް" ބަލި އެންމެ ފުރަތަމަ ފާހަގަކުރެވުނީ މައިކްރޯވޭވް ޕޮޕްކޯންގައި ބޭނުންކުރާ "ބަޓަރ ފްލޭވަރ" އުފައްދާ ފެކްޓްރީތަކުގެ މަސައްކަތްތެރިންގެ ކިބައިންނެވެ. ނަމަވެސް، މިހާރު ވޭޕްކުރާ މީހުންގެ ކިބައިންވެސް މި ބަލި ދަނީ ފެންނަމުންނެވެ. ވޭޕްގައި ބޭނުންކުރާ ބައެއް ރަހަތަކުގައި ހިމެނޭ "ޑައިސެޓިލް" ކިޔާ މާއްދާއަކީ ކެއުމަށް ރައްކާތެރި އެއްޗަކަށް ވިޔަސް، އާތްވަށް ބަދަލުވެ ނޭވާލާ ނިޒާމުގެ ތެރެއަށް ދިއުމުން ފުއްޕާމެއަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.

ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ވޭޕްގައި ހިމެނޭ ތަފާތު ރަހަތަކާއި އޭގެ ސަބަބުން ދިގު މުއްދަތުގައި ކުރާނެ އަސަރުތައް އަދި މުޅިން ހޯދިފައެއް ނުވެއެވެ. ވޭޕްގައި ބޭނުންކުރާ ދިޔާތަކެތި އާތްވަށް ބަދަލުވާއިރު އުފެދޭ ކެމިކަލް މާއްދާތަކަކީ ސިއްހަތަށް ނުރައްކާތެރި އެއްޗެހިތަކަކަށް ވުން އެއީ ބޮޑު ކަންބޮޑުވުމެކެވެ. "ޕޮޕްކޯން ލަންގް" އަކީ ފަރުވާއެއް ނެތް ބައްޔަކަށް ވާއިރު، މީގެން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ މިފަދަ ތަކެތިން ދުރުހެލިވުމެވެ.

މިއަދު ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ސައިންސްވެރިން ދަނީ ވޭޕާ ދެކޮޅަށް އަޑުއުފުލައި، އެ ގައުމުތަކުގައި ވޭޕް މަނާކުރުމަށް ސަރުކާރުތަކަށް ބާރުއަޅަމުންނެވެ. ނިއުޒީލެންޑުގައި 250,000 މީހުން ބައިވެރިކޮށްގެން ދެ އަހަރު ވަންދެން ކުރި ދިރާސާއަކުން ދައްކާގޮތުގައި، ވޭޕް ބޭނުންކުރާ މީހުންނަށް "ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިސީސް" ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއީ އެ ގައުމުގައި މީހުން މަރުވާން ދިމާވާ ހަތަރު ވަނައަށް އެންމެ އާންމު ބައްޔެވެ.

އެހެންކަމުން، ސިޔާސީ ގޮތުން ކިތަންމެ ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ދިވެހި ސަރުކާރުން ވޭޕާ ދެކޮޅަށް އަޅާފައިވާ މި ހަރުދަނާ ފިޔަވަޅަކީ މުސްތަގުބަލުގެ ޖީލުތަކުގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބަލައިގަންނަންޖެހެއެވެ. މި ނިންމުމަކީ އާންމު ސިއްހަތު ސަލާމަތްކުރުމަށްޓަކައި ނިންމާފައިވާ ގައުމީ ފެންވަރުގެ މުހިންމު ނިންމުމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *