Support Us

ކޮލަމް: ސައީދުގެ ތުލަ
މަރުހޫމު ޙުސައިން މުޙަންމަދުގެ ހަނދާނުގައި

ދެ ގޮތެއްނުވެ، އަބަދުވެސް އެއް ގޮތެއްގައި

ޙުސައިން މުޙަންމަދު (އަޅުގަނޑު މުޚާތަބުކުރާ ގޮތުން ޙުސައިން) އާ އަޅުގަނޑާ އެންމެ ފުރަތަމަ ދިމާވީ، 1990 ވަނަ އަހަރުއެވެ. އޭރު އަޅުގަނޑު މަސައްކަތްކުރަމުން ދިޔައީ ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު (އީ.ޑީ.ސީ) ގެ މީޑިއާ ސެކްޝަނުގައެވެ. ޙުސައިން އަކީ އޭރު ޓީވީ މޯލްޑިވްސްގެ އެންމެ އިސް ބޭފުޅާއެވެ. އަޅުގަނޑު ޓީވީ މޯލްޑިވްސްއަށް ދިޔައީ އީ.ޑީ.ސީގެ ފަރާތުން ރެކޯޑްކުރާ ވީޑިއޯ ޕްރޮގްރާމެއް ރެކޯޑްކުރާށެވެ.

އޭރު ޓީވީ މޯލްޑިވްސްއަކީ މިހާރު ފެނިވަޑައިގަންނަވާ ކަހަލަ ބޮޑު ޢިމާރާތެއް ނޫނެވެ. އެންމެ ސްޓޫޑިއޯއަކާއި ކޮންޓްރޯލް ރޫމަކާއި އޮފީސްބައެކެވެ. އޭރުގެ ޢިމާރާތް ކޮންމެވެސް މިންވަރަކަށް މިހާރުވެސް ފެނިވަޑައިގަންނަވާނެއެވެ.

އަޅުގަނޑު ޓީވީ މޯލްޑިވްސްއަށް ދިޔަ ދުވަހު، ޙުސައިންއާއި ދިމާވިއެވެ. އަލަށް ފެނުނު މޫނެއް ކަމަށްވާތީ، ކޮން ކުއްޖެއްތޯއާއި ކޮންމެ ކަމެއް ކުރަނީތޯ އެއްސެވިއެވެ. އޭރުވެސް ޙުސައިންއަކީ، ޓީވީ އިން ފެންނަ މޫނެއް ކަމަށްވާތީ، އަޅުގަނޑަށް ޙުސައިން އަކީ ކޮން ބޭފުޅެއް ކަމާއި އެ ސުވާލުކުރެއްވި މަގްސަދު ސާފުކޮށް އޮޅުންފިލިއެވެ. އެހެންކަމުން، އަޅުގަނޑަކީ އީ.ޑީ.ސީގައި މަސައްކަތްކުރާ ކުއްޖެއް ކަމާއި، ޓީވީ މޯލްޑިވްސްއަށް އައީ ޕްރޮގްރާމެއް ރެކޯޑްކުރުމަށް ކަމަށް ދެންނެވީމެވެ. އަޅުގަނޑުގެ ޖަވާބާއެކު، ތިމަންނާވެސް އީ.ޑީ.ސީގައި މަސައްކަތް ކުރެއްވީމޭ، ރަނގަޅަށް މަސައްކަތްކުރާށޭ، ވިދާޅުވިއެވެ. އަދި އެއްވެސް ކަމެއް ދަތިވެއްޖެނަމަ އަންގާލުމަށް ވިދާޅުވިއެވެ.

ނަމަވެސް، ކަމެއް މިއަދު ކިތައްމެ ދަތިވިއަސް ޙުސައިންއަށް އަންގާލެވޭކަށް ނެތެވެ. ސެޕްޓެމްބަރ 4 ވަނަ ދުވަހު، ޙުސައިން އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވި ޚަބަރު އެހީ ނުހަނު ފުން ހިތާމައާއި އަސަރާއެކުގައެވެ. ޙުސައިންގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ކުރަމެވެ. އަދި ޙުސައިންގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން.

ޙުސައިންއަކީ ވަރަށް އާދަޔާ ޚިލާފު ޝަޙްސިއްޔަތެކެވެ. ޤަބޫލުކުރައްވާ އުސޫލްތަކެއްގެ މަތީގައި ސާބިތުކަމާއެކު ހުންނަވާނެއެވެ. ވަކި މީހަކު ވީތީ ވަކި ގޮތެއް، ނުވަތަ ވަކި ދުވަސްވަރެއް ވީތީ، ވަކި ގޮތަކަށް ކަންތައްތަކެއް ނުކުރައްވާނެއެވެ. ކޮންމެ ދަނޑިވަޅެއްގައިވެސް ވިދާޅުވާނީ ކަން އޮތް ގޮތަށެވެ. އަނެއް މީހާ ހިތްހަމަ ޖެއްސުމަށް ކަންއޮތް ގޮތް ނޫން އެހެން ގޮތަކަށް ވިދާޅެއް ނުވާނެއެވެ.

އީ.ޑީ.ސީއިން ފެށިގެން، ތިން ފަހަރެއްގެ މަތިން ތަޢުލީމީ ދާއިރާގައި ޙުސައިން މަސައްކަތްކުރެއްވިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި މަސައްކަތް ކުރެއްވި ދުވަސްވަރު، ޙުސައިން ބަލަހައްޓަވާފައި ވަނީ، މިނިސްޓްރީގެ އެންމެ ބުރަ އަދި އެންމެ ބޮޑު ސެކްޝަންތަކުގެ ތެރެއިން ސެކްޝަނެކެވެ. ސްކޫލްތައް ޢިމާރާތް ކުރުމާ ބެހޭ ސެކްޝަނެވެ. އަޅުގަނޑުމެންގެ ބަހުރުވައިން ދަންނަވާނަމަ ޖީ.ސެކްޝަނެވެ. ސްކޫލްތައް ޢިމާރާތްކުރުމުގެ އިތުރުން ފޮތް ޗާޕުކުރުމާއި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން ސާމާނުވެސް ފޮނުވުމުގެ މަސްއޫލިއްޔަތު އެޅިފައި އޮތް ސެކްޝަނެވެ.

ތިން ވަނަ ފަހަރަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ޙުސައިން ގުޅިވަޑައިގަތީ، ޓެލެވިޜަން މޯލްޑިވްސްގައި ހުންނެވުމަށްފަހު، 2007 ވަނަ އަހަރުއެވެ. މިނިސްޓަރުގެ ނާއިބުގެ މަޤާމަށެވެ. އޭރު އަޅުގަނޑު މަސައްކަތްކުރަނީ މިނިސްޓަރުގެ ބިއުރޯގައި ކަމަށްވާތީ، ނާއިބުންގެ ކަންތައްތައްވެސް ބަލަހައްޓަނީ އެ ސެކްޝަނުގެ ތެރެއިން ކަމަށްވާތީ، ހުސައިންއާއެކު ކުރިއްސުރެ އޮތް އެކުވެރިކަން ވަރަށް ބޮޑަށް ހަރުދަނާވިއެވެ. މިނިސްޓަރ އޮފް އެޑިޔުކޭޝަނުގެ އަރިހުގައި ގިނަ ޢަދަދެއްގެ ދަތުރުތައް އަތޮޅު ތެރެއަށް އަޅުގަނޑާ ހުސައިންއާއި އެކުގައި ކޮށްފައިވާނެއެވެ. މި ދެންނެވި ކޮންމެ ދަތުރެއްގައިވެސް، ސްކޫލްގެ ބޭފުޅުންނާއި ބެލެނިވެރިންގެ ސަމާލުކަން ހުއްޓޭނީ ޙުސައިންއަށެވެ. ސްކޫލަށް އައު ޢިމާރާތެއް ނުވަތަ ކުލާސްރޫމެއް ލިބޭނީ ކޮން ދުވަހަކުންތޯ ކުރާ ސުވާލުތައް އަމާޒުވާނީ ޙުސައިންނަށެވެ. ވަރަށް ކެތްތެރިކަމާއެކު ޖަވާބު ދެއްވާނެއެވެ. ކަން އޮތްގޮތް ވަރަށް ސާފުކޮށް ވިދާޅުވާނެއެވެ.

ޙުސައިންއަކީ މަސައްކަތުގެ މާޙައުލުގައި ސީރިއަސް ވެވަޑައިގަންނަވަންޖެހޭ ޙާލަތްތަކުގައި ސީރިއަސް ވެވަޑައިގަންނަވާ ބޭފުޅެކެވެ. އެކަމަކު ޖުމުލަގޮތެއްގައި ވަރަށް މަޖާ، އެންމެންނާ ގުޅޭ މިޒާޖެއްގެ ބޭފުޅެކެވެ. އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންގެވެސް އިޙްތިރާމު އެންމެ މަތީ ދަރަޖައަށް ހޯއްދެވި ބޭފުޅެކެވެ.

ތަޢުލީމީ ދާއިރާއިން ހިންގާފައިވާ ބޮޑެތި ޢުމްރާނީ ތަރައްގީގެ މަޝްރޫޢުތައް ކާމިޔާބުކުރެވިފައި ވަނީ ޙުސައިންގެ ސީދާ ބެއްލެވުމުގެ ދަށުން އަދި އެމަނިކުފާނުގެ ވަރަށްބޮޑު ގުރުބާނީއާއެކުގައެވެ. ތައުލީމީ ދާއިރާއިން މިހާރު ފެންނަ ބޮޑެތި ސްކޫލްތަކާއި، ތަފާތު މަޝްރޫޢުގެ ތެރެއިން ޢިމާރާތްކުރެވިފައިވާ ބޮޑެތި ސްކޫލްތަކުން ޙުސައިން މަސައްކަތަކަށް ބަހައްޓަވާ ފަރުވާތެރިކަމާއި ނަތީޖާ ޙާސިލްކުރެއްވުމަށް ކުރެއްވި ބުރަ މަސައްކަތް ފެނިވަޑައިގަންނަވާނެއެވެ.

ތަޢުލީމީ ދާއިރާގެ ޚިދުމަތުން 2008 ވަނަ އަހަރު އެކަހެރިވެވަޑައިގަތީ، ޤާނޫނު އަސާސީގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރުގެ ވަޒީފާއެއް އަދާނުކުރެވޭތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައިވެސް ޙުސައިން ފާހަގަކުރެވެނީ ވަރަށް ކެތްތެރި ބޭފުޅެއްގެ ގޮތުގައެވެ. މަޖިލީހުގައި ތިން ދައުރު ފުރިހަމަކުރެއްވިއިރު، އެ ބޭފުޅެއްގެ ތެދުވެރިކަމާމެދު ސުވާލު ނު އުފެދޭ، މަދު މެމްބަރުންގެ ލިސްޓުގެ އެންމެ ކުރީގައި ހުސައިންގެ ނަންފުޅު އޮންނާނެކަން ޔަގީނެވެ.

އޮފީސް މާޙައުލުން އުފެދުނު އެކުވެރިކަން ދެގޮތެއްނުވެ، ހުސައިން ނިޔާވުމާ ހަމައަށް އޮތެވެ. އަޅުގަނޑުމެން ދެ މީހުން މާލޭގައި ތިބިނަމަ، ހަފްތާއަކު ތިން ރޭ ނުވަތަ ހަތަރު ވަރަކަށްރޭ ބައްދަލުވާނެއެވެ. ގިނަފަހަރަށް ރޭގަނޑުގެ ކެއުމަކަށެވެ. އަދި 2019 ވަނަ އަހަރު މެދުތެރޭގައި ޙުސައިން ކުރެއްވި އޮޕަރޭޝަނަކަށްފަހު މާލެ ވަޑައިގަތުމުން، ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ވަންދެން ހަމަ ކޮންމެ ރެއަކު އަޅުގަނޑުމެން ބައްދަލުކުރީމެވެ.

ޙުސައިން އާއި އަޅުގަނޑާ، އަދި ހުސައިންގެ ވަރަށް ޚާއްސަ އެކުވެރިންކޮޅެއް ހިމެނޭ ވައިބަރ ގްރޫޕެއް އޮވެއެވެ. އަޅުގަނޑުމެންގެ ހުރިހާ ޚަބަރުތަކެއް މި ގްރޫޕުގައި އަބަދުވެސް އާވަމުން ދާނެއެވެ. މި ގްރޫޕްގެ ބައްދަލުވުންތައްވެސް، ހަވީރުގެ ސަޔަކުން ނުވަތަ ރޭގަނޑުގެ ކެއުމަކުން މަދުވެގެން މަހަކު އެއްފަހަރު އޮންނާނެއެވެ.

ކޮވިޑާއި ގުޅިގެން ފުރަބަންދުވުމުން އަޅުގަނޑުމެންގެ ބައްދަލުވުންތައް މެދުކެނޑިގެން ދިޔައެވެ. ނަމަވެސް، ޙުސައިންވެސް ގަވާޢިދުން ފޯނުން ގުޅުއްވާ ހާލު ބައްލަވާނެއެވެ.

ޢާއްމު އުސޫލުން ޚަބަރުތައް ލިއުއްވަމުން ގެންދަވާ ގޮތަށް، ޙުސައިން އާލާސްކަންފުޅާ އުޅުއްވާކަން، މިދިޔަ އޮގަސްޓްމަހު މެދެއްހާ ހިސާބުގައި އަޅުގަނޑުމެންގެ ވައިބަރ ގްރޫޕް ގައި ލިއުއްވިއެވެ. އަދި ބަރާބަރަށް މަޢުލޫމާތު ދެއްވަމުން ގެންދެވިއެވެ.

އަޅުގަނޑާ ޙުސައިންއާއި އެންމެފަހުން ފޯނުން ބައްދަލުވީ، 31 އޮގަސްޓް 2020 ގައެވެ. އާލާސްކަންފުޅު މުޅިން ރަނގަޅު ނޫންކަމާއި، ޑޮކްޓަރަށް ވަޑައިގަތުމަށް ވިސްނަވާ ކަމަށް އެރޭ ވިދާޅުވިއެވެ.

ޙުސައިންނަކީ ހުރިހާ ވަގުތެއްގައިވެސް، ހަމަހަމަކަމާއި އިންސާފަށް ލޯބިކުރެއްވި ބޭފުޅެކެވެ. އެންމެ ހައްސާސް ވަގުތު ތަކުގައިވެސް، ވިސްނުންތެރިކަމާއެކު ވަރަށް ހަމަޖެހިވަޑައިގެން މަސައްކަތްކުރައްވާނެއެވެ. ކިތައްމެ ޚިޔާލުތަފާތުވިއަސް ނުވަތަ މައުޟޫ ހޫނުވިޔަސް، ކެތްތެރިކަމާއި ސާބިތުކަން އިސްކުރައްވާނެއެވެ. އަނެއް މީހާއަށް އިޙްތިރާމް ކުރައްވާނެއެވެ. ޝުއޫރުތަކަށް ޖާގަ ދެއްވާނެއެވެ.

އެއް ފަހަރެއްގައި އަޅުގަނޑާ ހުސައިންއާއި އެއް ކޮމިޓީއެއްގައި މަސައްކަތްކުރަންޖެހުނެވެ. ކަންދިމާކުރި ގޮތުން އެކޮމިޓީގެ ރިޔާސަތު ބަލަހައްޓަންޖެހުނީ އަޅުގަނޑަށެވެ. ޢުމުރުގެ ގޮތުންނާއި ތަޖުރިބާގެ ގޮތުން، އަޅުގަނޑު މާބޮޑަށް ޅަ ވާނެތީ، އެކަމަށް އިއުތިރާޒް ކުރީމެވެ. ނަމަވެސް، އެ މަސްއޫލިއްޔަތު އުފުލުމަށް އަޅުގަނޑަށް ހިއްވަރުދެއްވީ ޙުސައިންއެވެ. ކުރަންޖެހުނު މަސައްކަތަކީ، ހުސައިން ނުހަނު ޝައުގުވެރިކަމާއެކު ކުރެއްވި މީޑިއާއާއި ގުޅުން ހުރި މަސައްކަތެކެވެ. ގާތްގަނޑަކަށް ހަތަރު މަހަކަށް ދެމިގެން ދިޔަ މަސައްކަތުގައި، ޙުސައިންގެ ފުރިހަމަ އެހީތެރިކަން އަޅުގަނޑަށް ދެއްވިއެވެ. މަގު ދެއްކެވިއެވެ. އަޅުގަނޑަކީ ޙުސައިންއަށް ގޮތްކިޔާ މީހާ ކަމުގައި ފުރިހަމައަށް ގަބޫލުކުރެއްވިއެވެ. މިއީ ވަރަށް އާދަޔާ ޚިލާފު ސިފައެކެވެ.

ޙުސައިން އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމަކީ، އަޅުގަނޑަށްވެސް އަދި އަޅުގަނޑުމެންގެ ވައިބަރ ގްރޫޕަށްވެސް ލިބޭ ވަރަށްބޮޑު މާޔޫސް ކަމެކެވެ. އެ ގްރޫޕްގެ ލީޑަރަކީ ވެސް އަދި ރޫހަކީވެސް ޙުސައިންނެވެ. ދެގޮތެއްނުވެ، އަބަދުވެސް އެކުވެރިކަން ދެމެހެއްޓެވި ބޭފުޅެކެވެ.

ޙުސައިން ފަދަ، ބޭފުޅުން އިންތިހާއަށް މަދު މިފަދަ ޒަމާނެއްގައި، ޙުސައިންގެ ވަކިވެވަޑައިގަތުމަކީ، ގައުމަށާއި އެކުވެރިންނަށް ފޫ ނުބެއްދޭވަރުގެ އުނިކަމެއް ލިބޭނެ ކަމެކެވެ.