Support Us

ދުނިޔޭގެ ސަމާލުކަން ހޯދި 2.9 މިލިއަން ޑޮލަރުގެ "ކޮފީތަށި"

މީގެ 33 އަހަރު ކުރިން، 1992 ވަނަ އަހަރުގެ ފެބްރުއަރީ 27ގެ ހެނދުނު، ނިއު މެކްސިކޯގެ އަލްބަކަރ ކީއޮސްގައި ހުންނަ މެކްޑޮނަލްޑްސްގެ ޑްރައިވް-ތުރޫ އިން ކޮފީ ތަށްޓެއް ގަނެގެން ސްޓެލާ ލީބެކް ކާރަށް އެރިއިރު، އެ ކޮފީތައްޓަކީ އޭނާގެ ނަން ދުނިޔޭގެ ނޫސްތަކަށް އަރާނެ އެއްޗެއް ކަމަކަށް ވިސްނިފައެއް ނުވެއެވެ. އޭނާގެ މާމަދަރިފުޅުގެ ކާރުގައި ކޮފީ ހޯލްޑަރެއް ނެތުމުން، ކޮފީއަށް ކްރީމާއި ހަކުރު އެޅުމަށްޓަކައި އޭނާ ކޮފީތަށި ބެހެއްޓީ ދެކަކޫ ދޭތެރޭގައެވެ. ނަމަވެސް، ތަށީގެ މަތި ހުޅުވައިލި ވަގުތު، ތަށީގައި ހުރި ހޫނު ކޮފީ އޭނާގެ ގަޔަށް ބުރައިގެން ގޮސް، އޭނާގެ އުނަގަނޑާއި އުރަމަތި، އަދި ބަނޑާ ދިމާލުން އެތައް ބައެއް ތިންވަނަ ދަރަޖައަށް ފިހުނެވެ.

މި ހާދިސާގެ ސަބަބުން އޭނާ އަށް ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ސްކިން ގްރާފްޓް ހަދައި، އެތައް ސަރޖަރީއެއް ކުރަން ޖެހުނެވެ. އެކަމުގެ ސަބަބުން އުފުލަން ޖެހުނު ވޭނާއި ތަކުލީފުގެ ސަބަބުން އޭނާގެ ބަރުދަން ލުއިވެ، ދިގު މުއްދަތަކަށް ސިއްހީ ފަރުވާއާއި އެހީތެރިކަން ބޭނުންވިއެވެ. މި އަނިޔާގެ ސަބަބުން އޭނާގެ ހަށިގަނޑަށް ދާއިމީ ބަދަލުތަކެއް އައިސް، ބައެއް ގުނަވަންތައް މަސައްކަތްނުކުރާ ހާލަތައް ދިޔަ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ސްޓެލާ އެކަމުގެ ބަދަލު ހޯދުމަށް އެންމެ ފުރަތަމަ ކޯޓަކަށް ނުދެއެވެ. އޭނާ ސިޓީއަކުން މެކްޑޮނަލްޑްސްގައި އެދުނީ، އޭނާގެ ފަރުވާއަށް ހޭދަވި އަދަދާއި، އެކަމާ ގުޅޭ އެހެނިހެން ހަރަދުތަކަށް 20,000 ޑޮލަރުގެ ބަދަލެއް ދިނުމަށެވެ. އެއީ ހަގީގަތުގައިވެސް އޭނާގެ ފަރުވާއަށް ހޭދަވި އަދަދާ ގާތްކުރާ އަދަދެކެވެ. ނަމަވެސް، މެކްޑޮނަލްޑްސްއިން އޭނާ އެދުނު އަދަދުގެ ބަދަލުގައި ދޭން އެއްބަސްވީ އެންމެ 800 ޑޮލަރެވެ. އެ ހިސާބުން މައްސަލަ ކޯޓަށް ވައްދަން ސްޓެލާ ނިންމީއެވެ.

ކޯޓުން މި މައްސަލައިގައި ހުށައެޅި ހެކިތަކަށް ބެލިބެލުމުން އެނގުނީ، މެކްޑޮނަލްޑްސްއިން ދޫކުރާ ކޮފީގައި ހުންނަ ހޫނުމިނުގެ ސަބަބުން މީހުން ފިހެން ދިމާވެފައިވާ ކަމެވެ. މިގޮތަށް 700 އަށް ވުރެ ގިނަ މީހުން މެކްޑޮނަލްޑްސްއާ ދެކޮޅަށް މައްސަލަ ޖައްސައިފައިވާ ކަމަށްވެސް އެނގުނެވެ. މީގެ ކޮފީ ފޮދެއް ގަޔަށް އެޅިއްޖެނަމަ ވަގުތުން ހަންގަނޑު ތިން ވަނަ ދަރަޖައަށް ފިހޭކަމަށް ކޯޓަށް ހުށަހެޅި ހެކިތަކުން ހާމަވިއެވެ. އަދި މިފަދަ ގިނަ ޝަކުވާތައް ލިބިފައިވީނަމަވެސް، މެކްޑޮނަލްޑްސްއިން މިކަމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަން އެނގުނެވެ.

މެކްޑޮނަލްޑްސްއިން އެހާ ގަދަ ހޫނުމިނެއްގައި ކޮފީ ބަހައްޓާ ސަބަބެއް ކަމުގައި ބުނެފައިވަނީ، އެއީ ބައެއް މީހުންގެ މަންޒިލާ ހަމައަށް ދާއިރު ކޮފީތަށި ފިނިވެދާނެތީ ކަމަށެވެ. އަދި އެމީހުންގެ ކޮފީ ތަށީގައި އެ ކޮފީއަކީ ހޫނު ދިޔާ އެއްޗެއްކަން ލިޔެފައި އޮންނާނެ ކަމަށްވެސް ބުންޏެވެ. މިހެންކަމުން، މިކަންތައް އެމީހުންކޮށް އުޅުނީ މީގެ ސަބަބުން މީހުންނަށް ގެއްލުންވެދާނެކަން އެނގިހުރެކަމާއި، އެއީ ލިބޭ ގެއްލުމަށް ވުރެން މީހުންނަށް ލިބޭ ފައިދާއަށް ވިސްނައި އެ ކުންފުނިން ނިންމި ނިންމުމެއްކަން ހާމަވިއެވެ.

ހެކިތަކަށް ބަލައި، އަޑުއެހުންތައް ބޭއްވުމަށް ފަހު ޖޫރީން ނިންމީ، އެ މައްސަލައިގެ ޒިންމާގެ ބޮޑުބައި އުފުލަން ޖެހެނީ މެކްޑޮނަލްޑްސްއިން ކަމަށެވެ. އެހެންކަމުން، އެކަމުގައި ސްޓެލާއަށް 160,000 ޑޮލަރު ދިނުމަށް ނިންމިއެވެ. އަދި އެނގި ހުރެ ގެއްލުމެއް ލިބިދާނެ ކަހަލަ ބުއިމެއް ވިއްކައިގެން ވިޔަފާރިކުރުމުގެ ކުށުގައި 2.7 މިލިއަން ޑޮލަރު ސްޓެލާއަށް ދޭން އެންގިއެވެ. އެ އަދަދު ކަނޑައެޅީ މެކްޑޮނަލްޑްސްއަށް ދެ ދުވަހުން ލިބޭ ކޮފީގެ ރެވެނިއުގެ މައްޗަށެވެ. ނަމަވެސް، ސްޓެލާއަށް މި ކޭސްއިން ހަގީގަތުގައި ލިބުނު އަދަދު ވަނީ ސިއްރުކޮށްފައެވެ. އެ އަދަދު ނިންމީ ކޯޓުން ބޭރުގައި ބައްދަލުކޮށް ދެ ބައިމީހުން އެއްބަސްވެ ނިންމި ނިންމުމުގެ މައްޗަށެވެ.

މި މައްސަލަ ދިމާވިއިރު ސްޓެލާގެ އުމުރުން 81 އަހަރެވެ. މި ހާދިސާގައި އޭނާ ތަހައްމަލުކުރަން ޖެހުނު ޖިސްމާނީ ކެކުޅުމުގެ އިތުރުން، އަންދާޒާކުރަން އުނދަގޫވި ނަފްސާނީ ފުރައްސާރައިގެ ސަބަބުން ސްޓެލާގެ މަރުދުވަހާ ޖެހެންދެން ދިރިއުޅުމުގައި އުނދަގޫތަކެއް މެދުވެރިވިއެވެ. ސްޓެލާގެ އާއިލާއިން އޭނާގެ މަރަށް ފަހު މީޑިއާއާ ހިއްސާކުރީ ސްޓެލާއަށް ލިބުނު ފައިސާ ބޭނުންކޮށްފައިވަނީ އޭނާގެ ގާތުގައި ކަންތައް ކޮށްދޭނެ ނަރުހެއް ގެންގުޅުމަށް ކަމަށެވެ.

ސްޓެލާގެ ދައުވާއަކީ އޭގެ ޒާތުގައި މުހިއްމު ވިސްނުންތަކަކަށް އާންމުންގެ ލޯތައް ހުޅުވައިލައިދިން ކޭހެކެވެ. މި ކޭސްގެ ސަބަބުން ބޮޑެތި ކުންފުނިތަކުން އެމީހުން ނަގަންޖެހޭ ޒިންމާ ނުނަގައި ހުންނަ މިންވަރާއި، ކަސްޓަމަރުންގެ ބޮލުގައި އެ ކުންފުނިތަކުގެ އިހުމާލުން ދިމާވާ ގެއްލުންތަކުގެ ޒިންމާ އަޅުވަމުންދާ މިންވަރު ހާމަވިއެވެ. އޭގެ ފަހުން މެކްޑޮނަލްޑު ފަދަ ކާބޯތަކެތި ވިއްކާ ފަރާތްތަކުން މީހުންނަށް ވިއްކާ އެއްޗެހީގެ ހޫނުމިނާ މެދު ސަމާލުވާކަން ވަނީ ފާހަގަވެފައެވެ. އަދި އެމީހުންގެ އިހުމާލުން ދިމާވާ ކަންކަމުގައި އެކަމަށް އެކަށޭނަ ޒިންމާވެސް ނަގާ ކަމަށް ރިޕޯޓުތަކުން އެނގިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *