Support Us

"ބްލެކް އެންޑް ވައިޓް"އާއެކު ތަޢާރަފުވި ޔަމުނާ މިއަދު ކޮބާ؟

"ކިންގް އޮފް ޕޮޕް"ގެ ނަމުން މަޝްހޫރުވެފައިވާ މައިކަލް ޖެކްސަން، 1991 ވަނަ އަހަރުގެ ފަހުކޮޅު ނެރުނު "ބްލެކް އެންޑް ވައިޓް" ލަވައަކީ އެ ދުވަސްވަރު އެންމެ ގިނަ ބަޔަކު ބެލި މިއުޒިކު ވީޑިއޯއެވެ. މި ލަވަ ބިލްބޯޑު ޗާޓުގެ އެއްވަނައިގައި ހުއްޓުމެއްނެތި އެތައް ހަފްތާއެއް ވަންދެން ދެމިއޮތެވެ. މި ލަވައާއެކު ދައްކާލެވުނު މިއުޒިކު ވީޑިއޯ 27 ގައުމަކުން އެއްފަހަރާ ދައްކަން ފެށިއިރު، ގާތްގަނޑަކަށް 500 މިލިއަން މީހުން އެ ވީޑިއޯ ބެލިކަމަށް އަންދާޒާކުރެވިފައިވެއެވެ.

މި ވީޑިއޯއަށް އާންމުންގެ ޝައުގުވެރިކަން މިހާ ބޮޑަށް ލިބިގެން ދިޔައީ ހަމައެކަނި މައިކަލް ޖެކްސަންގެ ހުށައެޅުމުގެ މޮޅުކަމަކުން އެކަންޏެއް ނޫނެވެ. ލަވައިގެ ޕްރޮޑަކްޝަން ޓީމުން ވަނީ ގިނަ ސަގާފަތްތަކެއް ރަމްޒުކޮށްދޭ ވީޑިއޯއަކަށް އެ ލަވަ ހަދަން ހާއްސަ ސަމާލުކަމެއް ދީފައެވެ. ވީޑިއޯގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަފާތު އާދަކާދަ ދައްކުވައިދޭ ނެށުންތެރިން ވެސް ހިމަނާފައިވަނީ ވީޑިއޯއަށް މުއްސަނދިކަމާއި ތަފާތުކަމެއް ގެނެސްދިނުމުގެ ގޮތުންނެވެ. އެ ނެށުންތެރިންގެ ތެރެއިން ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ، އިންޑިއާގެ ސަގާފީ ހެދުމެއްގައި އެ ގައުމުގެ ނެށުމެއް ހުށައެޅި ސްރީލަންކާއަށް އުފަން ތަމަޅަ ނެށުންތެރިޔާ ޔަމުނާ ސަންގަރަސިވަމްގެ ހުށައެޅުމަށެވެ.

ޔަމުނާ އުފަންވީ ސްރީލަންކާގެ އުތުރު ސަރަހައްދެއްގެ ރަށަކަށެވެ. އޭނާގެ މައިންބަފައިންނަކީ ތަފާތު ދަރިފަސްކޮޅުތަކަކުން އައިސްފައިވާ ބައެކެވެ. ނެށުމަށް ޔަމުނާގެ ޝައުގުވެރިކަން އުފެދި، އޭނާ ނެށުމުގެ ދާއިރާއަށް ވަދެފައިވަނީ ހަ އަހަރުގައެވެ. ފުރަތަމަ އޭނާ ތަމްރީނުވީ އިންޑިއާގެ ސަގާފީ ނެށުމެއް ކަމަށްވާ 'ބަރަތަނާޓްޔަމް' އިންނެވެ. ނަމަވެސް އިންޑިއާގެ އޮޑީޝާގައި އޭނާ ކިޔަވަން އުޅުނު ދުވަސްވަރު، އެތާނގެ މަޝްހޫރު މިއުޒިކު ގުރޫ ގަންގާދަރު ޕްރަދާންގެ ކައިރިން 'އޮޑިއްސީ' ނެށުމުގެ ހުނަރުތައް ދަސްކުރިއެވެ. އޭނާގެ އުމުރުން ނުވަ އަހަރުގައި އާއިލާއާ އެކު އެމެރިކާއަށް ހިޖުރަކުރިއެވެ.

"ބްލެކް އެންޑް ވައިޓް" ލަވައަށް މައިކަލް ޖެކްސަންއާ އެކު ނެށުން ހުށައަޅަން އޭނާ ހޮވުނީ އެތައް ހާސް ބަޔަކު ބައިވެރިވި އޯޑިޝަންއަކުންނެވެ. އޭނާގެ ނެށުމުގެ ކުޅަދާނަކަމާއި މޫނުމައްޗަށް ގެންނަ ތަމްސީލީ ގޮތްތަކުގެ ސަބަބުން، ޕްރޮޑަކްޝަން ޓީމުން އޭނާ އެ ލަވައިގެ މުހިންމު ރޯލެއް ކުޅޭނެ ފަރާތަކަށް ހޮވިއެވެ. އެ ސެގްމަންޓަށް އެމީހުން ގެނެސްދޭން ބޭނުންވި ސަމާލުކަމުގެ ބޮޑުކަމުން، ލޮސްއެންޖަލިސްގެ ބޮޑު މަގެއް 14 ގަޑިއިރަށް އެ ޝޫޓިން ނަގަން ބަންދުކުރިއެވެ. ޕްރޮޑަކްޝަންގެ ރިޕޯޓުތަކުން އެނގިފައިވާ ގޮތުން އެއީ އެންމެ ގިނަ ވަގުތު ނެގި އަދި ގޮންޖެހުން ބޮޑު ޝޫޓެކެވެ. އެ ސެގްމަންޓުގައި މައިކަލް ޖެކްސަން އާއި ޔަމުނާ އެއް ހަމައެއްގައި ނަށާތަން ފެނެއެވެ. މިކަމަށް ވަރަށް ގިނަ ވަގުތު މައިކަލް ޕްރެކްޓިސް ކުރަން ޖެހުނު ކަމަށްވެސް ރިޕޯޓުތަކުން ދައްކައެވެ.

"ބްލެކް އެންޑް ވައިޓް" ދުނިޔޭގެ ޗާޓުތަކުގެ އެންމެ ކުރީގައި އުޅުނުތާ މިހާރު 30 އަހަރު ފާއިތުވެފައިވާއިރު، ގިނަ ބަޔަކު އެ ހުނަރުވެރި ނެށުންތެރިޔާ ކޮބައިތޯ ސުވާލުކޮށް، ޕާފޯމަންސް ސްޓޭޖުތަކުން އޭނާގެ ހުށައެޅުމެއް ފެނޭތޯ އެދިއެދި ތިއްބެވެ. "ބްލެކް އެންޑް ވައިޓް" ފަދަ ތާރީހީ އަދި މަޝްހޫރު ލަވައަކުން ހުނަރުވެރި ދައްކުވައިލުމަކުން ދުނިޔެއަށް މަޝްހޫރުވި ނަމަވެސް، ޔަމުނާ ކުރިއަށް ދިޔައީ ކިޔެވުމުގެ ދާއިރާއިންނެވެ. މިއަދު އޭނާ ޕްރޮފެސަރެއްގެ މަގާމު އަދާ ކުރަމުން ގެންދަނީ ނިއުޔޯކްގެ ނަޒަރެތް ޔުނިވަރސިޓީގެ ސޯސިއޮލޮޖީ އެންޑް އެންތްރޮޕޮލޮޖީ ސެކްޝަންގައެވެ. އަދި އޭނާއަކީ އެތާނގެ ވިމެން އެންޑް ޖެންޑަރ ސްޓަޑީސް ޕްރޮގްރާމުގެ ޑިރެކްޓަރުވެސްމެއެވެ. އޭނާގެ ދިރާސާތަކުން ސްރީލަންކާގައި ކުރިއަށް ދިޔަ ދާހިލީ ހަނގުރާމައިގައި ހިނގި ލާއިންސާނީ އަމަލުތަކަށް އަލިއަޅުވައިލައެވެ. މިކަމަށް ޚާއްސަކޮށް "ނޭޝަނަލިޒަމް، ޓެރަރިޒަމް، ޕެޓްރިއޮޓިޒަމް: އަ ސްޕެކިޔުލޭޓިވް އެތްނޮގްރަފީ އޮފް ވޯރ" ކިޔާ ފޮތެއް 2021 ވަނަ އަހަރު ނެރެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *