Support Us

އޭނާ ހާދަ ޅައޭ! ގުޅެންވީތަ؟

ހުޅުމާލޭގެ ކުޑަ ރެސްޓޯރަންޓަކުން ނުކުތް ފަސް އަންހެނުން އެ ރެސްޓޯރަންޓުގެ ދޮރުމަތީގައި މަޑުކޮށްގެން ތިއްބެވެ. ކޮންމެ ހަ މަހުން އެއްމަހު ގަވާއިދުން އެމީހުން ރާވައި ބާއްވަމުން އަންނަ އެއްވުން ނިންމައިލީއެވެ. އެންމެން އެއްވެ އެކުގައި ސެލްފީ ނަގައި ހެދިއެވެ. އެތަނުން ތިން މީހުންގެ ފިރިން ބަލާ އައުމުން އެތަނުން ނައްޓައިލިއެވެ. މަޑުކޮށްގެން ތިބީ އައިޝާއާއި ސާރާއެވެ.

އައިޝާ: ސާރާ ބަލާ އަންނާނެތަ؟

ސާރާ: އުނހު. އަހަރެން އަދި އެހާ އަވަހަށް ގެއަށް ވަންނަހިތެއް ނެތް. އައިޝާ ބަލާ އާދޭތަ؟

އައިޝާ: ނޫން. އަހަރެން ސާރާއެކީ އަދި މަޑުކޮށްލައިފައި ދާނީ. މިތާ ކައިރި ޕާކަށް ހިނގާލަން ދާނަން؟

ސާރާ: ތީ މޮޅު ހިޔާލެއް. އަނެއް މީހުން ދެރަކޮށްލަން އަހަރުމެން ދެމީހުންގެ އިތުރުގަޑީގެ ފޮޓޯ ގްރޫޕަށް ލާންވާނެ.

ޕާކަށް ވަދެ ކުޑަ އިރުކޮޅަކު ހިނގާލުމަށް ފަހު އެ ޕާކުގެ ބެންޗެއްގައި ދެމީހުން އިށީނެވެ.

އައިޝާ: އޭ އަހަރެން އެބަ އޮތޭ ވާހަކައެއް ދައްކައިލަންވެފައި. އެކަމަކު ޕްރޮމިސް ކުރޭ އެހާ ބޮޑު ކަންތައްގަނޑަކަށް އެކަންތައް ނަހަދައިނަން ކަމަށް.

ސާރާ: (ހެވިފައި އައިޝާއާ ދިމާލަށް ބަލައިލައިފައި) ޔަގީން. ޕްރޮމިސް ބޮޑު ކަންތައްގަނޑަކަށް ނަހަދާނަން.

އައިޝާ: އަހަރެން ކައިރީގައި މީހަކު ރައްޓެހިވާން އަހައިފި.

ސާރާ: އޯ. ސީރިޔަސްތަ؟ ކިޔައިބަލަ. ކިޔައިބަލަ. ތިއީ ކިހިނެތް ދިމާވި މީހެއް؟

އައިޝާ: އޭނާ އަހަރެން އިންސްޓަގްރާމުން ފޮލޯ ކުރަން ފެށިތާ މިހާރު ދެތިން މަހެއް ވެއްޖެ. ދެން އަހަރެން ޕޭޖަށް ލާފަ ހުންނަ އެއްޗެއްސަށް ވަރަށް ކޮމެންޓުކުރޭ. ދެން ފަހުން މެސެޖުން ވާހަކަ ދައްކަން ފެށީ.

ސާރާ: ދިމާވެއްޖެތަ؟

އައިޝާ: އާން. ދެތިން ފަހަރަކު މިހާރު އަހަރެންގެ އަތުން ކޭކަށް އޯޑަރުކޮށްގެން ކޭކު ބަލައި އައިސްފި. ދެތިން ދުވަހު ބޭރުން ވެސް ބައްދަލުވެއްޖެ. ދެން ކުރީ ދުވަހު އޭނާ ބުނެގެން ކޮފީއަކަށް އަރައިފައި އެރޭ ގެޔަށް ގޮސް މެސެޖުން އޭނާ ރައްޓެހިވާން އެހީ.

ސާރާ: އާޗާ. ސަޅި. ރީތި މީހެއްތަ؟

އައިޝާ: ހމމ. ރީތި. އެކަމަކު…. (އައިޝާ މަޑު ޖައްސައިލިއެވެ)

ސާރާ: (ހާސްވެފައި) އެކަމަކު ކީއްވީ؟ އަނެއްކާ މީހަކާ އިނދެގެން އުޅޭ މީހެއްތަ؟

އައިޝާ: ނޫން. ނޫން. އަދި ދުވަހަކުވެސް މީހަކާ އިނދެފައި ނެތް މީހެއް.

ސާރާ: އަސްތަ! ތިއީ ހާދަ ނުފެންނަ ވައްތަރެކޭ. ކީއްވެޔޯ އޭނާ މީހަކާ ނީނދެ މިހާ ދުވަސް މިހުންނަނީ؟

އައިޝާ: (ހިމޭނުން އިނދެފައި) އޭނައަށް އަދި 30 އަހަރު.

ސާރާ: އޯ. އޭދޯ ތި ބޯގާނާކަމަކީ.

އައިޝާ: އާނ. ވިސްނެނީ، ހުއްޓައިނުލާ ވިސްނެނީ. އަހަރެންގެ އުމުރު މިހާރު 50 އާ ގާތްކުރަނީ. އޭނާއާ އެކު ގުޅުމެއް ބާއްވަން ވިސްނުންވެސް އެއީ މޮޔަކަމެއް ނޫންތަ؟

ސާރާ: ނޫން. ކީއްވެ މޮޔަކަމެކޭ ހިތަށް އަރަނީ؟ ކޮބާތަ އައިޝާއަށް ތިކަމުން އެންމެ އުނދަގޫވާ ކަމަކީ؟

އައިޝާ: މިހާރު އަހަރުމެން ވާހަކަ ދައްކާ އިރުގައި ބޮޑުކަމެކޭ ނުވިސްނުނަސް ކޮންމެވެސް އިރަކުން އަހަރުމެންގެ އުމުރުގައި ހުރި ތަފާތު ދެމީހުންގެ ދެމެދަށް ވަންނާނެކަން ޔަގީން. މިހާރު އަހަރުމެންގެ ވާހަކަތަކުގައި ހުންނަނީ ސަކަ ގޮތްގަނޑެއް. އަހަރެންނާ ދިމާވި މީހުންނާ ބަލައިފައި އޭނާގެ ކިބައިގައި ވަރަށް ހަރު ގޮތްގަނޑެއް ހުރޭ. ވާހަކަ ދެއްކޭ. ދައްކާ ވާހަކަ އަޑުއަހާ. އެކަމަކު…

ސާރާ: އެކަމަކު ކީއްވީ؟

އައިޝާ: މުސްތަގުބަލޯ؟ އަހަރެން މިހިރީ އުމުރުގެ ވަރުބަލިވާ އަތަށް އަޅައިފައި. ދަރިން ފުރާފުރިހަމަވެ ބޮޑެތިވެ އެމީހުންވެސް މީހުންނާ އިންނަ ވަރުވެފައި. އޭނާ އަދި އެ އުޅެނީ ޒަވާޖީ ހަޔާތެއް ފަށައިނުގަނެ. މިކަން ކޮށްގެން އޭނާގެ ހަޔާތް ބަރުބާދުކޮށްލުމުގެ ޒިންމާ އަހަރެން ނަގަން ޖެހިއްޖެއްޔާ؟

ސާރާ: ބަރުބާދުކޮށްލުމޭ؟ ކިހިނެތްތަ އައިޝާއަށް އޭނާގެ ހަޔާތް ބަރުބާދުކޮށްލެވޭނީ؟ މިސާލަކަށް؟

އައިޝާ: މިސާލަކަށް ދަރިން. އަހަރެން ދެން ދަރިއެއް ހޯދާކަށް ބޭނުމެއް ނޫން. އޭނާ ކައިރީގައި އެވާހަކަ އެހީމައި ބުނި އޭނަ ބޭނުމެއް ނޫނޯ ކުއްޖެއް ހޯދާކަށް. އެކަމަކު އެއީ މިވަގުތު އަހަރެންނާ އެކުގައި އުޅެން ބޭނުންވެފައިވާ ވަރުން އޭނާ ބުނާ އެއްޗަކަށް ވެއްޖެއްޔާއޯ؟ ވަކި ހިސާބަކުން އޭނާގެ ހިޔާލު ބަދަލު ވެއްޖެއްޔާއޯ؟ ދެނޯ؟

ސާރާ: ހމމ. ތިއީ ހަމަޖެހޭ ވިސްނުމެއް. އުމުރުގެ ތަފާތު ގުޅުމެއްގެ ކުރީކޮޅު މައްސަލަތައް ފާޅު ނުވިޔަސް ފަހުކޮޅު އޭގެ ސަބަބުން އަސަރުކުރަން ފަށާ ބައިވަރުކަންތައް ހުރޭ. ކަންބޮޑުވުންތަކާއި، ސިއްހީ މައްސަލަތަކާއި، ނަގަންޖެހޭ ޒިންމާތަކާއި، ދެމީހުން މުސްތަގުބަލާ މެދު ވިސްނާ ވިސްނުން މިއީ ހުސް އުމުރުގެ ފަރަގުގެ ސަބަބުން އަސަރުކުރާނޭ ކަންކަން. އެކަމަކު ތިބުނީނު އޭނާއާ ފަސޭހައިން ވާހަކަ ދެއްކޭ. މިކަހަލަ ކަންކަމުގައި ދެމީހުންނަށް ސާފުކޮށް ވާހަކަ ދެއްކެންޏާ އެކަންކަމުގައި ކަންތައް ވާންވީ ގޮތާ މެދު މަޝްވަރާކުރެވޭނެ ދޯ؟

އައިޝާ: އާނ. އޭނާއާ ވަރަށް ސާފުކޮށް ވާހަކަ ދެއްކޭ. މިއުޅޭ އަހަރެންގެ އުމުރުގެ ފިރިހެނުންނާ ބޮޑެތި ކަންކަމުގައި ނުދެއްކޭހާ ފަސޭހަކަމާއެކު މީނާއާ ވާހަކަ ދެކެވޭ.

ސާރާ: އާނ. ސަޅި. މީހާގެ ކިބައިގައި ވާހަކަ ދައްކައި މަޝްވަރާ ކުރުމުގެ ގާބިލުކަން ހުރުމަކީ ބުއްދި ފުރިހަމަކަމުގެ ސިފައެއް. ދެބަސްވާން ޖެހޭ ކަންކަމުގައި އޭނާ ގެންގުޅެނީ ކޮންކަހަލަ އުސޫލެއް؟

އައިޝާ: އަދި ދެބަސްވާން ޖެހޭ ކަމެއް ދިމަލެއްނުވޭ. އެކަމަކު އަހަރެންނަށް އުނދަގޫވެޔޭ ބުނާ ކަންތައް ތަކަށް ވަރަށް ސަމާލުކަން ދޭ. ރައްޓެހިވާން އެހީމައިވެސް އަހަރެން ބުނިން އަހަރެންނަށް ވިސްނާލަން ވަގުތުކޮޅެއް ދޭށޭ. އޭގެ ފަހުން ގުޅައި އުނދަގޫކޮށެއް ނަހަދާ. ވަރަށް ބޮލަށް ފަސޭހަ ސޮރެއް. (އައިޝާ ހިނިގަނޑެއް ޖަހައިލިއެވެ.)

ސާރާ: ދެން މިހާރު ކިހިނެތް ހަދަން އައިޝާ ތި ވިސްނަނީ؟

އައިޝާ: ހަމަ އަސްލުވެސް ހަދާނޭ ގޮތެއް ނޭނގެ. ވަރިވި ފަހުން އަހަރެންނަށް ވަރަށް އެދެވުނު މިގޮތަށް އަހަރެންނާ ވާހަކަ ދައްކައިލައި ހެދޭ މީހެއް އުމުރުގެ ބާކީބައި ހޭދަކުރުމަށް ލިބޭތޯ. އެކަމަކު މީނަ އަދި ހާދަ ޅަ އޭ ސާރާ. މީހުން ކިޔާނޭ އެއްޗެއްސާ މެދު ވިސްނައިލިޔަސް އަހަރެންގެ ބޯ ހަލާކުވޭ. އުމުރުގެ މިހާ ހިސާބަށް އައީމާ އެއްވެސް މީހަކު ބޭނުމެއް ނުވާނެ ދޯ މި ބޯގޮއްވުން ގޮއްވާކަށް.

ސާރާ: އެންމެން ހިތްހަމަޖައްސަން އުޅެގެން އެއްވެސް މީހަކު ހިތްހަމައެއް ނުޖެއްސޭނެ އައިޝާ. އެކަމަކު އަހަރެން މިހެން ބުންޏަސް އެހެން މީހުންގެ ދެކޭ ގޮތުގެ ސަބަބުން މީހާއަށް ނަފުސާނީ އަސަރުކުރާނެކަން އަހަރެންނަށް އެނގޭ.

އައިޝާ: އަހަރެން އެ ތަކުލީފު އުފުލާކަށް ތައްޔާރެއް ނޫން. އަހަރެން ހިތަށް އަރަނީ ލޫސީއާއި އައިކޮ ކައިރީގައި މަންމަގެ ހަޔާތަށް ގެންނަން އުޅޭ މީހާގެ އުމުރު މަންމަގެ އުމުރަށް ވުރެން އެމީހުންގެ އުމުރާ ގާތޭ ބުނަން އަހަރެން ލަދުގަންނާނޭ ވަރު. އަހަރެން ހަޔާތަށް ގެންނަ މީހާ ވާނީ އެކުދިންގެ ދޮންބައްޕައަށް ދޯ؟ އެކަމަކު އެ އުމުރުގެ މީހަކު އެއީ ދޮންބައްޕަ ގޮތުގައި އެމީހުންނަށް ބަލައިގަނެވޭނެތަ؟

ސާރާ: ހުސް ވިސްނަން ޖެހޭ ވިސްނުން.

އައިޝާ: ދުނިޔޭގެ މަލާމާތާއި ފުރައްސާރަ ރައްދުވާނީ އޭނާއަކަށް ނޫންދޯ؟ އަހަރެންނަށް ދޯ؟ ސުވާލަކީ އެކުގައި އުޅޭނެ ބައިވެރިޔެއްގެ ލޯތްބަށް އެދިގެން އަހަރެންގެ ހަޔާތުގެ ހަމަޖެހުން ނަގައިލަންވީހޭ ދެން؟

ސާރާ: ތި ބުނާ އެތި އަހަރެންނަށް ވިސްނޭ އައިޝާ. އަހަރެންނަށް ހީވަނީ އައިޝާ ކުރިޔަށް ދާންވީ ގޮތް ވަރަށް ސާފުހެން.

އައިޝާ: އާނ. އެނގޭ. އެކަމަކު އެ ނިންމުން އޭނާ ގާތުގައި ބުނަން ޖެހިލުންވޭ.

ސާރާ: އޭނާ ދެރަވެދާނެތީތަ؟

އައިޝާ: އަހަރެންވެސް ދެރަވާނެ. ހާދަ ޒަމާން ފަހުންނޭ މިހާ މަޖާކޮށް ވާހަކަ ދައްކައިލެވޭ މީހަކާ މި ދިމާވީ. އޭނާއާ ވާހަކަ ދައްކަން ފެށިއިރު އޭނާ އެހާ ޅަކަމެއް އަހަރެންނަކަށް ނޭނގެ. މާފަހުން އެނގުނީ. މިކަން ނިންމާނުލައި ކުރިޔަށް ގެންދެވޭނޭ ގޮތެއް އޮތް ނަމައޭ އަހަރެން ވަރަށް ހިތަށް އަރާ.

ސާރާ: ރަހުމަތްތެރިން ގޮތުގައި ތިބުމަކީ ވެސް އޮތްގޮތެއް ދޯ؟

އައިޝާ: އާނ. އެކަމަކު އަހަރެންނަށް ހީވަނީ އެންމެ ރަނގަޅު ގޮތަކީ ދުރަށް ޖެހިލުންހެން. އެހެން ނޫނީ އަހަރުމެން ދެމީހުން އެކަކު އަނެކަކުގެ ފަރާތުން ވާހަކަ ދައްކައިގެން މި ލިބޭ އުފަލުން ހިތް ފުރިގެން އެހެން ކޮޅަކަށް ނުބަލައި އުޅޭނީކަންނޭނގެ.

ސާރާ: (އައިޝާގެ އަތުގައި ހިފައިލައިފައި) އައިޝާ ކޮންމެ ގޮތަކަށް ނިންމިޔަސް އަހަރެން އައިޝާގެ ނިންމުމުގެ ފަހަތުގައި ހުރެދޭނަން. ޕްރޮމިސް.

އައިޝާ: ތެންކިޔު ސާރާ.

އެރޭ އައިޝާއާއި ސާރާ އެ ގޮނޑީގައި އެތައް އިރަކު ވާހަކަ ދައްކަން ތިބެފައި ގެއަށް ނައްޓައިލީ ވަރަށް ލަސްވިފަހުންނެވެ. އޭގެ އަނެއް ދުވަހު އަނެއް ތިން މީހުން ހޭލިއިރު އެމީހުން ތިބޭ ގްރޫޕު ފުރެންދެން ލައިފައި ހުރީ ސާރާއާއި އައިޝާ ޕާކުގައި އެކި ގޮތްގޮތަށް ނަގައިފައި ހުރި ފޮޓޮއެވެ. އެމީހުންނަކަށް އެރޭ ދެކެވުނު ވާހަކައިގެ ހިލަމެއްވެސް ނުވެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *