Support Us

މޯލްޑިވިއަން އާއި އެއަރ އިންޑިއާ އިންޓަލައިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ގައުމީ އެއަރލައިން، މޯލްޑިވިއަން އާއި އެއަރ އިންޑިއާއާ ދެމެދު އިންޓަލައިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، އެއަރ އިންޑިއާ މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުން އެހެން ރަށްތަކަށް މޯލްޑިވިއަން މެދުވެރިކޮށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވޭނެއެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ދިއްލީ އަދި މުމްބާއީން މޯލްޑިވިއަންގެ އިންޑިއާ ރޫޓްތަކަށް ކަނެކްޝަން ލިބޭނެއެވެ.

"މިއީ ދިވެހިރާއްޖެއަށް ދަތުރުކުރުމުގެ ފުރުސަތު ފުޅާކުރުމަށް މޯލްޑިވިއަންއިން ކުރަމުންދާ މަސައްކަތުގައި ފެށުނު އާ ބާބެއް. އަދި މާލެއިން ބޭރު އެހެން ރަށްރަށަށް ދަތުރުކުރާ ފަސިންޖަރުންނަށް ހޯދައިދެވުނު ކުރިއެރުމެއް،" މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވިއެވެ. "އެއަރ އިންޑިއާގެ ވަރުގަދަ ނެޓްވޯކާއި އަޅުގަނޑުމެންނާ ވެވުނު އެއްބަސްވުމުގެ ދަށުން، ދެގައުމު ދެމެދުގައި ފަތުރުވެރިކަމުގެ އިތުރުން ވިޔަފާރީގެ ދަތުރުތަކަށް ވެސް ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެ."

އެއަރ އިންޑިއާގެ ޗީފް ކޮމާޝަލް އޮފިސަރ ނިޕުން އަގަރްވާލް ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިންނަށް އަބަދުވެސް އެންމެ މަގުބޫލު އެއް މަންޒިލެވެ.

"މޯލްޑިވިއަންއާ އެކު ވެވުނު މި އިންޓަލައިން އެއްބަސްވުމުގެ ސަބަބުން މާލެ ފިޔަވައި އެހެން ރަށްރަށަށް، އިންޑިޔާގެ ފަތުރުވެރިންނަށް ފަސޭހައިން ދަތުރުކުރުމުގެ ފުރުސަތުތައް ހުޅުވޭނެ،" އަގަރްވާލް ވިދާޅުވިއެވެ. "އެއަރ އިންޑިއާގެ ފުޅާ ގްލޯބަލް ނެޓްވޯކާއި މޯލްޑިވިއަނުން ދިވެހި ރާއްޖޭގެ އެތެރޭގައި ކުރާ ދަތުރުފަތުރުގެ ނެޓްވޯކާ ގުޅުމުން، ފަތުރުވެރިންނަށް އެއް ޓިކެޓުން ދިވެހިރާއްޖޭގެ ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެ."

މި އެއްބަސްވުމުގެ ސަބަބުން، ދެ އެއަރލައިންގެ ދެމެދުގައިވާ ގުޅުން ބަދަހިވެ، އެތެރެޔާއި ބޭރުގެ ނެޓްވޯކް ގުޅުންތައް ވަރުގަދަވެ، ފަތުރުވެރިންނަށް ދަތުރުކުރުން ފަސޭހަވެ، ދެ ގައުމުގެ ދެމެދުގައި ސަރަހައްދީ އެއްބާރުލުން އިތުރުވެގެން ދާނެ ކަމަށް މޯލްޑިވިއަންގެ ބަޔާނުގައިވެއެވެ.