Support Us

އެއް ޖީލުން އަނެއް ޖީލަށް– ތަފާތީ ކޮން ކަންތައްތަކެއް؟

މުޖުތަމައުގައި ކަމެއް ކުރަން ކަނޑައަޅާ މީހުންނަށް އެކަމުން ފައިދާ ލިބެން ތިބި މީހުންގެ ކަންކަން ދެނެގަންނަން އުނދަގޫވެދާނެއެވެ. އެކި ފަރުދުންގެ ބޭނުންތަކާއި، ނުވަތަ އެއް ކަމެއްގައި ހިމެނޭ ގިނަ ފަރުދުން އަމަލުކުރާނޭ ގޮތް ދެނެގަތުން ދަތިވެދާނެއެވެ. ނަމަވެސް މިފަދަ ކަންކަމުގައި އުޅޭ ފަރާތްތަކުން ކަމެއްގައި ހިމެނޭ ފަރުދުން އަމަލުކުރާ ގޮތް ދެނެގަތުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް އުކުޅަކީ އެ ހިދުމަތެއް ލިބިގަންނަން ތިބި ފަރުދުންނަކީ ކޮން ޖީލަކަށް ނިސްބަތްވާ ބައެއްތޯ ބެލުމެވެ.

މި މޭރުމުން މީހުންގެ ކަންކަމާ މެދުގައި ދެކޭނޭ ގޮތް ދެނެގަންނަން ފަސޭހަވަނީ އެއް ޖީލުން އަނެއް ޖީލަށް މީހުންގެ ކިބައިން ތަފާތުތަކެއް ފެނިގެންދާތީއެވެ. ކޮންމެ ޖީލަކަށް އުފަންވާ ފަރުދުން ބޮޑެތިވެ، އެމީހުންގެ ވިސްނުމާއި ފިކުރާއި އާދަތައް ބައްޓަންވެފައިވާ ގޮތް އެއް ޖީލުން އަނެއް ޖީލަށް ތަފާތުވެއެވެ. އެ ތަފާތުތައް އަންނަން މެދުވެރިވަނީ އެ ޖީލެއްގައި މީހުން މަސައްކަތްކޮށް އުޅޭ ގޮތަށް އައި ބަދަލާއި، އޭރުގައި މުޖުތަމައުގައި ހުރި އިޖުތިމާއީ ހަމަޖެހުންތަކާއި ހަމަނުޖެހުންތައް، އަދި އެ ޖީލެއްގައި އައިސްފައިވާ ޓެކްނޮލޮޖިކަލް ކުރިއެރުންތައް ފަދަ ކަންކަމުގެ ސަބަބުންނެވެ. މިފަދަ ކަންކަމުގެ ސަބަބުން އެއް ޖީލުން އަނެއް ޖީލަށް ކުރަމުން އައި އުންމީދުތަކަށާއި ދުނިޔެއާ މެދުގައި ދެކޭ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެއް ޖީލަކަށް އުފަންވެ ބޮޑެތިވާ މީހުންގެ މެދުގައި ތަފާތުތަކެއް ހުރި ނަމަވެސް އެ ޖީލެއްގެ އަފުރާދުންގެ ތެރޭގައި އެއްގޮތް ކަންތައްތަކެއް ހުންނަކަން ފާހަގަކުރެވޭނެއެވެ.

ސައިލެންޓު ޖީލު (1928 – 1945)

މި ޖީލަށް އުފަން މީހުންގެ ދިރިއުޅުން ފެށުނީ ދުނިޔޭގެ ބޮޑު ހަނގުރާމައިގެ އިގްތިސާދީ ދަތިކަމުގެ ތެރޭގައެވެ. އެމީހުންގެ ވިސްނުމާއި ފިކުރު ބައްޓަންވެފައިވަނީ ދުވަހުން ދުވަހަށް ދިރިތިބުމަށްޓަކައި ކުރަން ޖެހޭ ކަންކަމަށް ސަމާލުކަންދީ، ކޮންމެ ކަމެއްގައި ފިޔަވަޅެއް އެޅުމުގެ ކުރިން ވިސްނައި ފިކުރުކުރުމުގެ މައްޗަށެވެ. އެމީހުންގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ ބޭކާރު ވާހަކަ ނުދެއްކުމެވެ. އެ ޒަމާނަކީ ވިސްނުމެއް ނެތި ބުނެލައި އެއްޗެއްގެ ސަބަބުން ބޮޑެތި ތަކުލީފާ ކުރިމަތިލާން ޖެހުނު ޒަމާނެކެވެ. އެހެން ކަމުން އެމީހުން ކުރާ މުއާމަލާތްތަކުގައި ރައްކާތެރިކަން އިސްކުރުމުގެ އާދަ އެމީހުންގެ ގައިގައި ހަރުލިއެވެ. ހަނގުރާމައިގެ ފަހުން އިގްތިސާދު ތަރައްގީވެ އެމީހުންގެ ހާލަތު ރަނގަޅުވި ފަހުންވެސް، އެމީހުންގެ ކިބައިން ރައްކާތެރިކަން އިސްކުރުމުގެ އާދަ ކެނޑިގެންނެއް ނުދެއެވެ. އެމީހުންނަކީ އަތުގައި އޮންނަ އެއްޗެއް ފަހަށް ރައްކާކުރުމުގެ އާދައިގައި އެންމެ ބޮޑަށް ހިފަހައްޓައިގެން އުޅުނު ޖީލެވެ.

ބޭބީ ބޫމަރސް ޖީލު (1946 – 1964)

ބޫމަރ ޖީލުގެ މީހުން ބޮޑެތިވެ ފުރާފުރިހަމަވީ އިގްތިސާދީ ތަނަވަސްކަން އަންނަން ފަށައި، ސިނާއަތްތައް ކުރިއަރައިގެން އައި ޒަމާނެއްގައެވެ. އެ ޒަމާނަކީ ދުނިޔޭގެ ހުރިހައި ކަމެއް ހަލުވިކޮށް ކުރިއަރައިގެން އައި ޒަމާނެކެވެ. ކުރިއަށް ދެވޭނެ އަދި ކުރިއަރައިގެން ދެވޭނެ މަގުތައް އޭރު ފަސޭހައެވެ. އަދި އެއްވެސް މީހަކަށް ދެން ކުރަންވީ ކަމެއް އޮޅިފައެއް ނުވެއެވެ. އެ ޖީލުގެ މީހުން ވެގެން ދިޔައީ ކުރިއަރައިގެން އައި ދުނިޔޭގެ އެކި ވިޔަފާރިތަކާއި، ސުކޫލުތަކާއި، ސަރުކާރުތަކުގެ ބޮޑެތި ނިންމުންތައް ނިންމުމާއި ހަވާލުވި މީހުންނަށެވެ. އެމީހުންގެ އެންމެ ފާހަގަ ކުރެވޭ ސިފައަކީ ކަންތައް ކުރަމުން އައި ނިޒާމުގެ ދިފާއުގައި ތިބުމެވެ. އަދި ސަގާފަތް ހިމާޔަތްކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އެމީހުންނަކީ ކަންކަން ކުރަމުން އައި ގޮތުން ބޭރުން ކަންތައް ނިންމުމަށް ފަސްޖެހޭ މީހުންނެވެ. މި ސިފަ އެމީހުންގެ ގައިގައި އަށަގަނެފައިވަނީ އެމީހުން ކަންކުރަމުން އައި ނިޒާމުގެ ސަބަބުން އެމީހުންނަށް ލިބިފައިވާ ހެޔޮ ނަތީޖާގެ މައްޗަށް ބިނާކޮށެވެ.

ޖެނެރޭޝަން އެކްސް (1965 – 1980)

ޖެން އެކްސް ޖީލުގެ މީހުން ބޮޑުވަމުން ދިޔައީ އާއިލީ ގުޅުންތަކަށް ބަދަލުތައް އަންނަން ފަށައި، ސަރުކާރުގެ އިސްވެރިންނާ މެދު މީހުން ކުރަމުން ގެންދިޔަ އިތުބާރު ކުޑަވަމުން ދިޔަ ޒަމާނެއްގައެވެ. އެމީހުންގެ ހަޔާތުގެ ކުރީކޮޅު އަމިއްލައަށް ކަންކަން ކޮށް އަމިއްލަ ނިންމުންތައް ނިންމަން ޖެހުމުގެ ސަބަބުން އެހެން މީހުންނަށް ކަންކަމުގައި ބަރޯސާވުމުގެ ސިފަ އެމީހުންގެ ގައިގައި ކުޑަވިއެވެ. އެމީހުން މަސައްކަތަށް ނުކުތް ޒަމާނަކީ ވަޒީފާގެ ދަތިކަންތައް ފެށުނު ޒަމާނެވެ. އަދި ކުރީގައި މަސައްކަތުގެ މާހައުލުގައި ގެންގުޅުނު އުސޫލުތައް އާ ގޮތްގޮތަށް ބައްޓަންވެގެން އައި ޒަމާނެވެ. އެހެން ކަމުން އެމީހުންގެ ގައިގައި މަޝްހޫރުކަން ހޯދުމުގެ ބަދަލުގައި އަމަލީ ގާބިލުކަން ހަރުލެއްވުމުގެ އާދަ ހަރުލައިފައި ހުރެއެވެ. އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ ދުނިޔެއާ ދޭތެރޭ އިތުބާރު ކުޑަ މީހުންނެވެ. ސަބަބަކީ އެމީހުން ބޮޑެތިވީ ސިޔާސީ ލީޑަރުންނާއި އިސްވެރިން ބުނާ ވައުދު ނުފުއްދައިދޭ މާހައުލެއްގައެވެ.

މިލެނިއަލްސް ޖީލު (1981 – 1996)

މިލެނިއަލްސް ޖީލުގެ މީހުން ފުރާފުރިހަމަވެ ބޮޑުވެގެން އައީ އިގްތިސާދީ ހީނަރުކަން، ދިރިއުޅުމުގެ ހަރަދު ބޮޑުވުން، އަދި ކުރިއެރުން ލިބުމަށް ދަތިވުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައިވާ ޒަމާނެއްގައެވެ. އެހެން ކަމުން އެމީހުންގެ އެންމެ ބޮޑަށް ފާހަގަ ކުރެވޭނެ ސިފައަކީ ތަޢުލީމު ހާސިލުކުރުމާއި، ދިގު މުއްދަތުން ލަނޑުދަނޑި ހާސިލުކުރުމަށް ބާރުއަޅާ އުސޫލުތަކެވެ. މި އުސޫލުތަކުގެ ފަހަތުގައިވާ އުންމީދަކީ މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެ ކަމެވެ. އެހެން ޖީލުތަކަށް މަސައްކަތް ހޯދަން ލިބިފައިވާ ފަސޭހަކަން ނުލިބުމުގެ ސަބަބުން މި ޖީލުގެ ފަރުދުންގެ ކިބައިގައި ހުންނަކަމަށް ފާހަގަކުރެވޭ އެންމެ ބޮޑު އެއް ސިފައަކީ ކަނޑައެޅިފައިވާ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި މަސައްކަތްކުރާކުރުމެވެ.

ޖެނެރޭޝަން ޒީ (1997 – 2012)

ޖެން ޒީ ޖީލުގެ މީހުން ބޮޑުވީ ޑިޖިޓަލް ދުނިޔޭގެ މައުލޫމާތު އަބަދު ލިބޭ މާހައުލެއްގައެވެ. އެމީހުން ބޮޑެތިވީ ކޮންމެ ކަމެއްގައިވެސް ދޮގާއި ތެދު ހިމެނޭކަން ރަނގަޅަށް އެނގި، އެކަންތައް ދެނެގަތުމުގެ ގާބިލުކަން ލިބިގެންނެވެ. މިކަމުގެ ސަބަބުން އެމީހުން ކަންކަމުގައި ސުވާލު އުފެއްދުމާއި، ދެކޮޅު ނުގުޅޭ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އަވަހަށް އެކަންތައް ފާހަގަކޮށް އަންގައެވެ. އެހެން ޖީލުތަކަށް ވުރެން އެމީހުން އޮންލައިންގައި ހިޔާލުފާޅުކުރާލެ ހަލުވިވެފައި ފަރިތައެވެ. އެމީހުންނަށް ކަންކަމުގެ ފަރަގު ދެނެގަނެ އަޅައިކިޔައި، ބޭނުންކުރާ ބަހުރުވައިން އަވަހަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވަނީ ދުނިޔޭގެ މައްސަލަތަކަށް އެމީހުންނަށް ލިބިފައިވާ ހޭލުންތެރިކަމުގެ ސަބަބުންނެވެ.

ޖެނެރޭޝަން އަލްފާ (2013 – 2025)

މި ޖީލާއި ބެހޭގޮތުން އަދިވެސް ދިރާސާތައް ކުރެވެމުންދެއެވެ. ސާފުކޮށް އެނގޭކަމަކީ އެމީހުން ބޮޑެތިވަނީ އެމީހުންގެ ސުވާލުތަކަށް ސީދާ ޖަވާބުދޭ ޓެކްނޮލޮޖީތަކާއެކުގައެވެ. ޓެބްލެޓުތަކުން ފެށިގެން އާޓިފިޝަލް އިންޓެލިޖަންސް ފަދަ ވަސީލަތްތަކާ އެކު ދޯޅުކޮށެވެ. އެމީހުންގެ އާދަތައް ބައްޓަންވާނެ ގޮތާއި މެދުގައި ދުނިޔޭގެ މީހުން ދަނީ އަދިވެސް ވިސްނައި ފިކުރުކުރަމުންނެވެ.

ޖީލުތަކުގެ ތަފާތު ދެނެގަތުމަކީ މުޖުތަމައީ ގޮތުންނާއި ވިޔަފާރީގެ ގޮތުންވެސް ވަރަށް މުހިންމު ކަމެކެވެ. އެކި ޖީލުތަކުގެ މެދުގައި ހުންނަ ފިކުރީ، އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ތަފާތުތައް ދެނެގަނެގެން، އެމީހުންނަށް އެންމެ އެކަށީގެންވާ ގޮތަށް ހިދުމަތްދީ، މުއާމަލާތް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މިކަމުގެ ސަބަބުން މުޖުތަމައުއެއްގެ ކުރިއެރުމާއި، ފަރުދުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *