Support Us

ކެޔޮނިރު ކޮލަމް

އިންޑިއާ ޒިންދާބާދުތޯ ނުވަތަ އިންޑިއާ-އައުޓްތޯ؟

ރައީސްކަމުގެ ހުވާ ކުރެއްވިތާ އެއްމަސް ދުވަސްތެރޭ، 16 ޑިސެމްބަރ 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި އެންމެ ފުރަތަމަ ވަޑައިގަތް ޤައުމަކީ އިންޑިއާއެވެ. ރައީސްގެ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅަށްފަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް އޭގެ މަދު ދުވަސްކޮޅެއް ފަހުން ވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގެންފައެވެ. އަދި އޭގެ ހަފްތާއެއްހާ ދުވަސް ފަހުން ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ހާރިޖީ ވަޒީރާއި ދިފާއީ ވަޒީރާއި ސިފައިންގެ މޭޖަރ ޖެނެރަލ ޝަމާލް ފުލުފުލުގައި އިންޑިއާ އަށް ވަޑައިގެންފިއެވެ. މާލީ ވަޒީރާއި އިގްތިސޯދީ ވަޒީރުވެސް އިންޑިއާއަށް ވަޑައިގެންފިއެވެ. ރައީސް ސޯލިހު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންނެވި ބޭރު ޤައުމެއްގެ ހަމައެކަނި ވެރިއަކީ ވެސް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ! މިވަނީ ކީއްތޯއެވެ؟ ރައީސް ސޯލިހުގެ ރަސްމީ އިންޑިއާ ދަތުރުފުޅަށް ފަސް މަސް ދުވަސް ވެސް ނުވަނީސް، ކްރިކެޓް މެޗެއް ބެއްލެވުމުގެ ނަމުގައި، 21 އޭޕްރިލް 2019 ގައި އަނެއްކާ އިންޑިއާއަށް ވަޑައިގަތެވެ. އިންޑިއާއިން ފޮނުވި ލަގްޒަރީ ޖެޓެއްގައެވެ.

މި ދަތުރުފުޅުތަކަށް ފަހު އިންޑިއާއިން ވަނީ ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ނުވަތަ ލޯނުދޭން ނިންމާފައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާގެ ދަރަނީގެ ދަންތުރާގައި ރާއްޖެ ޖެހެނީ ކަމަށްބުނެ ވާހަކަ ދެއްކެވި ސިޔާސީ ބޭފުޅުން މިއަދު ވެރިކަމަށް ވަޑައިގެން މިފެންނަނީ އިންޑިއާގެ ދަރަނީގެ ދަންތުރައަކަށް ރާއްޖެ މަހާލަން އެއްބަސްވާ ތަނެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭސްކޮށްފައިވާ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި އިންޑިއާގެ 60 ސިފައިންގެ މައްސަލާގައި ދިވެހީންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާއިރު ދިފާއީ ވަޒީރު މާރިޔާ ދީދީ އަކީ މި ހެލިކޮޕްޓަރތައް ރާއްޖޭގައި ބޭތިއްބުމުގެ ދިފާއުގައި ވަރަށް ގިނަ ވާހަކަ ދައްކަވަމުން، ގިނަ ގުނަ ޓްވީޓް ތަކެއް ކުރައްވަމުން ގެނަދަވާ ބޭފުޅެކެވެ. އެއިން ހެލިކޮޕްޓަރެއްގައި ދިވެހި ބަލި މީހަކު އުފުލައިފި ނަމަ އެކަމުގެ ފޮޓޯއާއި އެކު އެވާހަކަ މާރިއާ ޓްވީޓް ކުރައްވަނީ އިންޑިއާ ނޭވީގެ ސްޕޯކްސްޕާސަން އެއް ފަދައިންނެވެ. އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދިފާއި ވަޒީރު ވިދާޅުވެފައިވަނީ އިންޑިއާ ނޫން އެހެން ޤައުމަކުން އަސްކަރީ އެހީ ރާއްޖެއަށް ބޭނުން ނުވާ ކަމަށެވެ. އަދި، އިންޑިއާ ބޭނުންނަމަ ދާދި ފަސޭހައިން ރާއްޖެ ހިފިދާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. މިއީ ހަޤީގަތުގައި ވިދާޅުވާންޖެހޭ އެއްޗެއްވެސް ނޫނެވެ. ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގެ ދިފާއީ ވަޒީރަކު މިކަހަލަ ޅައެއްޗެއް ނާޅުއްވާނެކަން ޔަގީނެވެ. މިއީ ބައިންލްއަޤްވާމީ ޑިޕްލޮމެސީ އެނގިވަޑައިގަތަސް، އަމިއްލަ އެޖެންޑާގެ ބޮޑުކަމުން ރަނގަޅަށް ނުވިސްނަވައި ވިދާޅުވެވޭ ކަހަލަ ވާހަކަތަކެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިންމުމަށް އިންޑިއާ ސިފައިން ރާއްޖެ އަރައިގަތުމަށް ގޮވާލި އެމް.ޑީ.ޕީ މީހުން ވެރިކަމަށް އައިސް އިންޑިއާގެ އަޅުވެތިކަމަށް ދިވެހި ރާއްޖެ ގެންދަން މަސައްކަތް ކުރުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެމް.ޑީ.ޕީ ވެރިކަމަށް ގެނައުމުގައި އިންޑިއާ އެމްބަސީ އާއި އިންޑިއާ ސަރުކާރުގެ އެހީ ނުހަނު ބޮޑަށް ލިބުނު ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވީޑިއޯއެއް މީގެ މަސްތަކެއް ކުރީން ވަނީ ލީކް ވެފައެވެ. ފާާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތް ހަޤީގަތަކީ އެމް.ޑީ.ޕީ އިން މިކުރާ ވެރިކަމަކީ އިންޑިއާ ރުއްސައިގެން، އިންޑިއާގެ ދަށުވެގެން، އިންޑިއާ ރުހޭހާ ގޮތަކަށް ކޮށްދޭ ވެރިކަމެއް ކަމެވެ.

މާރިޔާ އާއި ޝަމާލްގެ ދަތުރުފުޅަށްފަހު މިހާރު ހަމަޖެހިފައިވަނީ އިންޑިއާގެ ޑޯނިއާރ މަރުކާގެ މަތިންދާ ބޯޓަކާއި އެބޯޓު އުދުއްސާނެ އިންޑިއާ ސިފައިންވެސް ރާއްޖޭގައި ބައިތިއްބާ ގޮތަށެވެ. މި ބޯޓު ބަލަހައްޓާނެ އިންޑިއާ ސިފައިން ހަނިމާދޫގައި ތިބުމަށް އެރަށުން 30 ގެ ކުއްޔަށް ހިފުމަށް އިންޑިއާއިން މަސައްކަތް ކުރާކަން މިދިޔަ މަހު ވަނީ މީޑިއާއަށް ލީކްވެފައެވެ. ހަނިމާދޫ ވައިގެބަނދަރާއި، އައްޑޫ ގަމުގެ ވައިގެ ބަނދަރާއި، ލާމު އަތޮޅު ކައްދޫ ވައިގެ ބަނދަރުގައި އިންޑިއާގެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓާއި އިންޑިއާ ސިފައިން ބޭސް ކުރުމުން އެކަން އެވަނީ އިންޑިއާގެ މިލިޓަރީ ބޭސްތަކެއް ރާއްޖޭގައި ހެދުމުގެ ފެށުމަކަށެވެ. އިންޑިއާގެ ރާޑަރ ސިސްޓަމެއް ރާއްޖޭގައި ބެހެއްޓުމުގެ މަޝްވަރާވެސް ދެ ޤައުމުގެ ދެމެދުގައި ވަނީ ކޮށްފައެވެ. މިކަންވެސް ވަރަށް އަވަހަށް ކުރުމަށް ދިވެހި ސަރުކާރުން އޮތީ އާނބަސް ދޭގޮތަށެވެ. އެއްބިލިއަން ޑޮލަރުގެ ލޯނު އިންޑިއާއިން ނެގުމުން ދިވެހި ޤައުމު އިންޑިއާއަށް ދަރަނިވެރިވީއެވެ. މިއީ އަޅުވެތިކަމުގެ ފެށުން ކަމުގައި ނުވަނީ ނަމަ ދެން އަޅުވެތިކަމަކީ ކޮބައިތޯއެވެ؟ ދުނިޔޭގެ އެއްވެސް މައްސަލައެއްގައި އިންޑިއާ ނުރުހޭ ބަހެއް ދިވެހި ސަރުކާރަށް މިހާރު ބުނާކަށް ނުކެރޭނެއެވެ. އެއީ އަޅުވެތިކަމުގެ ފެށުމެވެ!

އިންޑިއާ ލައްވާ ރާއްޖެ އަޅުވެތި ކުރުވުމުގެ ފަހަތުގައި އޮތީ ސީދާ އެމެރިކާ އެވެ. މިދިޔަ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ހާރިޖީ ވަޒީރު މާރިޔާ ދީދީ އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓުގެ އިސްވެރީންނާއި ނެޝެނަލް ސެކިއުރިޓީގެ އިސްވެރީންނާއި ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާ ތަކަކީ މިކަމުގެ ބިންގާ އެޅުއްވުމެވެ. އާއްމު ދިވެހި ރައްޔިތުންނަކަށް ތަފްސީލެއް ރޭކާ ނުލާނެއެވެ. ތަފްސީލް ނުވެސް ދެއްވައެވެ. ދިވެހި ޤައުމު މިދަނީ ސީދާ އެމެރިކާ އާއި އިންޑިއާގެ އަޅުވެތިކަމުގެ ދަށަށެވެ. މީގެ ހެއްކަކީ މި ސެޕްޓެމްބަރ މަހު އެމެރިކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، ހާރިޖީ ވަޒީރު މާރިޔާ، އެމެރިކާ އާއި ރާއްޖެއާ ދެމެދު ސެކިއުރިޓީ އެގްރީމެންޓެއްގައި ސޮކުރެއްވުމެވެ. އަދި އިންޑިއާއިން ވަނީ މިކަމަށް ތާއީދު ވެސް ކޮށްފައެވެ. އެއީ އިންޑިއާ ކަނޑުގައި ޗައިނާގެ ބާރު ކަނޑުވާލައި އެމެރިކާ އާއި އިންޑިއާގެ ބާރު ގަދަކުރުމުގެ ފިނި ހަނގުރާމައިގެ މުހިއްމު ބައެކެވެ. ދިވެހިރާއްޖެ މިވަނީ މިފިނި ހަނގުރާމައިގެ ކުޅިގަނޑުގެ ކުޑަ މަނާއަކަށެވެ. ބޭނުން ގޮތަކަށް ތަޅުވާލެވޭ ކަހަލަ މަނާ ގަނޑަކަށެވެ!

މާސްޓަރޕްލޭން ވަރަށް ސާފެވެ. އެމް.ޑީ.ޕީ އިން މިހާރު ހުށަހަޅާފައިވާ އިސްލާހީ ޕްލޭން ފާސްވެ ނިމޭއިރު ސުޕްރީމް ކޯޓުގެ ބާރު، ދަތްނެތް މިނިކާވަގަކާ އެއްވަރުވާނެއެވެ. ސުޕްރީމް ކޯޓުގެ ބާރުތައް ކުޑަކޮށް ޖޭ.އެސް.ސީ އަކީ ސުޕްރީމް ކޯޓަށް ވުރެ ބާރުގަދަ މުއައްސަސާ އަކަށްވެ ނިމިއްޖެއެވެ. މަޖުލިހުގެ މެޖޯރިޓީ އޮތީ އެމް.ޑީ.ޕީ އަށެވެ. މަޖުލިސް ރައީސް ނަޝީދަކީ އިންޑިއާ ދިފާއު ކުރައްވައި، ރާއްޖޭގައި އިންޑިއާގެ ބާރު ގަދަކުރުމަށް އެންމެ ބޮޑަށް ބާރު އަޅުއްވާ ފަރާތެވެ. ދިވެހި ރާއްޖޭގެ ސިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ނަޝީދު ހެދުމަކީ ނަޝީދު އާއި އިންޑިއާ، އަދި އެމް.ޑީ.ޕީގެ ބައެއް އިސް ފަރާތްތަކުގެ ހުވަފެނެކެވެ. އެކަމުން އެންމެ ބޮޑު ފައިދާއެއް ކުރާނެ ފަރާތަކީ ހަމަ އިންޑިއާއެވެ.

މަޖުލިީހުގެ ރައީސް ކަމާއި މަޖުލީހުގެ ސާފު މެޖޯރިޓީ އެމް.ޑީ.ޕީ އަތުގައި އޮވެ، މަޑުމަޑުން ސެކިއުލަރ ފިކުރާ އެއްގޮތަށް ރާއްޖޭގެ ޤާނޫނުތައް ބަދަލު ކުރުމަކީ ރައީސް ނަޝީދާއި އެމް.ޑީ.ޕީގެ އިސް ބައެއް ފަރާތްތަކުގެ ޒަމާންވީ ހުވަފެނެކެވެ. އެއާއެކު އިނގިރޭސި ވިލާތާއި އެމެރިކާގެ އެމްބަސީ މާލޭގައި ގާއިމްކޮށް، ވޯލްޑް ބޭންކާއި އައި.އެމް.އެފްގެ ލޯނުތައް ރާއްޖެއަށް ފަސޭހައިން ލިބޭނެ ގޮތަށް، އިންޑިއާއާއި އެމެރިކާގެ ތާއީދާއެކު، ހަމަޖެހިގެން ގޮސް ރާއްޖެ ދުވަސްކޮޅަކުން އޮންނާނީ އިންޑިއާ އަށާއި ވޯލްޑް ބޭންކަށާއި އައި.އެމް.އެފަށް ދަރާ ވިކިފައެވެ. އިންޑިއާގެ ރާޑަރ ސިސްޓަމާއި އިންޑިއާ ސިފައިންނާއި އިންޑިއާ ސިފައިންގެ މަތިންދާ ބޯޓާއި ހެލިކޮޕްޓަރ އޭރު ރާއްޖޭގައި ހުންނާނެއެވެ.

"އިންޑިއާ-އައުޓް"ގެ ނަމުގައި ރާއްޖޭގެ ސޯޝަލް މީޑިއާގައި މިހާރު ޓްރެންޑް ވަމުންދާ ހޭޝްޓެގް އަކީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރާ ކަމެއްގެ ގޮތުގައި ސަރުކާރުން ސިފަ ކުރިއަސް، ހަޤީގަތަކީ އެ ހޭޝްޓެގް ބޭނުން ކުރާ އެންމެންނަކީ ކޮންމެހެން އިދިކޮޅު ޕާޓީގެ މީހުން ނޫން ކަމެވެ. މިއީ ސިޔާސީ ކަމަކަށް ވުރެ ބޮޑަށް ޤައުމީ ކަމެކެވެ. ޤައުމީ ޖިހާދެކެވެ. ޤައުމީ ޝިއާރެކެވެ. މި ޤައުމަށް ހެޔޮއެދޭ ކޮންމެ މީހަކުވެސް މިވަގުތު ހަމަ ބުނަން ޖެހޭ އެއްބަހަކީ "އިންޑިއާ-އައުޓް" އެވެ!

އައްޑޫ ސިޓީގައި މިހާރު އިމާރާތް ކުރަމުންދާ މިލިޓަރީ ޓްރެއިނިންގް ސެންޓަރަކީވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. ބޭރުފުށުން ފެންނަ ގޮތުގައި އެއީ ދިވެހި ފުލުހުން ތަމްރީނުކުރާ މަރުކަޒަކަށް ވިއަސް، އެތަނުގެ ހުރިހާ ކަމެއް ހިނގަމުންދަނީ ދިވެހި ސަރުކާރަށް އެއްވެސް ބާރެއް ނުފޯރާ ގޮތަށް ސީދާ އިންޑިއާގެ ބެލުމުގެ ދަށުންނެވެ.

ރައީސް ނަޝީދާއި އެމް.ޑީ.ޕީގެ ބަސްމަގަށް ބަލާއިރު އެފަރާތްތަކުން މިހާރުވެސް ބޭނުންވަނީ އައްޑޫސިޓީގެ ގަން އެއާރޕޯރޓް އިންޑިއާ އަށް 99 އަހަރަށް ކުއްޔަށް ދޭށެއެވެ. އެހެން ވެއްޖެ ނަމަގަން އެއާރޕޯރޓް ވެގެންދާނީ އާހިރުގައި އިންޑިއާއާއި އެމެރިކާގެ މިލިޓަރީ ބޭސް އަކަށެވެ. ނަޝީދު ވިދާޅުވާ ގޮތުގައި ގަމުގެ ބެލެނިވެރިކަން އޮންނަންޖެހޭނީ ނަޝީދުގެ ގޮނޑިކޮއްކޮ އައްޑޫސިޓީ ކައުންސިލްަށެވެ. އައްޑޫގެ ކައުންސިލަރުންނަކީ ނަޝީދު ވިދާޅުވި ޕޮޒިޝަނެއްގައި ވިދާޅުވި ގޮތަކަށް ތިބެ، ވިދާޅުވި ގޮތަކަށް ކަން ކުރައްވާ ބައެކެވެ. މަންޒަރު ވަރަށް ސާފެވެ.

ގަމުގައި އިންޑިއާގެ ބޭސް އެއް ހެދުމުގެ ބޭނުމަކީ ގަމާއި ވަރަށް ކައިރީގައިވާ އެމެރިކާގެ މިލިޓަރީ ބޭސް އެއް ކަމުގައިވާ ޑިއަގޯގާޝިއާގައި ކުރާ މިލިޓަރީ މަސައްކަތާއި ގަމުގެ މަސައްކަތް ގުޅުވާލުމެވެ. މިހުރިހާ ކަމެއް ނިމޭއިރު ދިވެހިރާއްޖެ އޮންނާނީ އެއްވެސް އަތަކަށް އަމިއްލަ އިހުތިޔާރުގައި ހެލިނުލެވޭ ވަރަށް އިންޑިއާ އަށާއި އެމެރިކާ އަށް އަޅުވެތިވެ، އިޒްރޭލާ ގުޅުން ޤާއިމްކޮށް، މި ތިން ޤައުމަށް ދަރާފައެވެ. ރާއްޖޭގެ މަޖުލިހުގައި އެއިރުން އޮންނާނީ ސެކިއުލަރ ހިޔާލްގެ މެޖޯރިޓީ އެވެ. މަޖުލިހުގެ ރައީސަކަށް އިންނަވާނީ ސީދާ ނަޝީދެވެ.

އޭގެ ފަހުން ރައީސް ސޯލިހުގެ ފަސް އަހަރުގެ ދައުރު ނިމި ދެވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވިވަޑައިގަންނަވާއިރު ރާއްޖޭގެ ސިޔާސީ ނިޒާމް އޮންނާނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފައެވެ. ބޮޑުވަޒީރަކަށް އިންނަވާނީ މުހައްމަދު ނަޝީދެވެ. ރައީސް ކަމުގެ މަޤާމް ވާނީ އިންޑިއާގެ ރައީސް ފަދައިން ރަމްޒީ ޝަރަފްވެރި މަގާމަކަށެވެ. ވެރިކަން ކުރައްވާނީ ބޮޑުވަޒީރު ނަޝީދެވެ. ދިވެހި ޖައްވުން އަޑުއިވޭނީ: ލާދީނިއްޔަތު ޒިންދާބާދު! ޖައި ހިންދު ފަދަ ޝިއާރު ތަކެވެ. ދިވެހިން އެއިރު ނުހަނު ތަނަވަސްވާނެއެވެ. ނަމަވެސް ޤައުމުގެ މިނިވަންކަމެއް، ދީނުގެ އަގެއް މިފަސްގަނޑަކު އެއިރަކު ނޯންނާނެއެވެ. މިއީ މި ދިވެހި ޤައުމުގެ މިސްރާބު މިހާރު ހުރި ދިމާލެވެ. އެއްބަޔަކު ބުނާނީ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަނެއް ބަޔަކު ބުނާނީ ހުރި އުފާވެރިކަމެއްގެ ބޮޑު ކަމާއެވެ! މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1102

One Response

  1. އިންޑިޔާ އައުޓް މިބުނަނީ މިތަނުން ފެއްސޭށޭ އެނގިއްޖި!
    ތިނަދޫން ކޮވިޑަށް ފައްސިވިމީހަކު ފެސިލިޓީހުރި ރަށަށް ނޭރުވުމުން އެމީހާ މާލެ ގެންނަންޖެހުނީ މޯލްޑިވިއަންގެ ސީޕްލޭނެއްގަ. ނަމުން ބަލިމީހުން އުފުލަން ގެނައި ހެލިކޮޕްޓަރު އޮތީ. މާރިޔާ ކޮބާ؟ އަނގަކޮބާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *