Support Us

ކުރު ވާހަކަ: ހިޔަޅާއި ކާޅު

ވިސްނުންތޫނުކަމުގެ ގޮތުން ހިޔަޅާއި ކާޅަކީ ވެސް އެކަތި އަނެކައްޗަށް ދޫކުރާ ދެ މަހުލޫގުންނެއް ނޫނެވެ. ނަމަވެސް މި ފަހަރު މިވީ ކިހިނެތް ހެއްޔެވެ؟

އެއް ދުވަހަކު ކާޅެއް އިނީ ގަހެއްގެ ގޮތްޕެއް މަތީ ޖައްސައިލައިގެން އޭގެ ތުނބުން ޗީޒްކޮޅެއް ހިފައިގެންނެވެ.

އެ ތަނުން ދިޔަ ހިޔަޅަކަށް އެ ކާޅު ފެނުނެވެ. ދެން ވިސްނަން ފެށީ ކާޅު ހިފައިގެން އިން ޗީޒުކޮޅު ހޯދައިގަނެވޭނެ ގޮތަކަށެވެ.

ހިޔަޅު ގޮސް ގަސްދޮށުގައި މަޑުކޮށްލިއެވެ. އަދި މައްޗަށް، ކާޅާ ދިމާއަށް ބަލައިލައިފައި ކާޅާ ދިމާއަށް ބުންޏެވެ: "އަހަރެންނަށް މަތިން މި ފެންނަނީ ހާދަހާ މާތް ދޫންޏެކެވެ. އޭނާގެ ރީތިކަން ލާމަސީލެވެ. ފިޔަތަކުގެ ކުލަތައް އެހާމެ ރީއްޗެވެ. ހަމައެކަނި އޭނާގެ އަޑު ވެސް އޭނާގެ ސިފަހާ ރީތި ނަމަ، އެއްވެސް ޝައްކެއް ނެތް ގޮތުގައި އޭނާ ވާނީ ހުރިހާ ދޫންޏެއްގެ ރާނީއަށެވެ."

ކާޅަށް މި ބަސްތައް އިވިފައި ވަރަށް އުފާވިއެވެ. އަދި ލަވަ ކިޔޭކަން ހިޔަޅަށް ދައްކައިލުމުގެ ގޮތުން ކާޅު އަޑުގައި ނެތް ތަނަށް ގޮވައިލިއެވެ.

ނަމަވެސް ކާޅު އަނގަ ހުޅުވައިލުމާއެކު ހަމަ ވަގުތުން އެ ސޮރުގެ އަނގައިން އެއްކަލަ ޗީޒުކޮޅު ވެއްޓުނެވެ. ހިޔަޅު އެ ޗީޒުކޮޅު ހިފިއެވެ. އަދި ބުންޏެވެ: "ސާހިބާއެވެ. ތިބާގެ އަޑެއްވާކަން އަހަރެންނަށް އެނގިއްޖެއެވެ. ނަމަވެސް ތިބާއަށް ބޭނުންވެފައިވަނީ ވިސްނުންތޫނުކަމެވެ."

އިބްރަތް:

ހަގީގީ ވިސްނުންތެރިކަމަކީ ހުސް ބަސްތަކާއި އިހްލާސްތެރިކަމެއް ނެތް ސަނާގެ ބަދަލުގައި އޮއްޓަރު ހުރި ވާހަކަތައް ގަބޫލުކުރުމެވެ. ކާޅަށް ލަނޑު ލިބުނީ އެ ސޮރުގެ ސިފައަށާއި ފަހުރުވެރިކަމަށް ތައުރީފު ކުރުމުން އެ ކަން ބަލައިގަތީމައެވެ. ހުޝާމަދު ކުރާ މީހުން އަބަދުވެސް ބަލާނީ އަނެކާގެ ނަފުސާނީ އަދި ޖިސްމާނީ ނިކަމެތި ސިފަތައް ބަލައިގެން އެއަށް ހަމަލާ ދޭށެވެ. އޭނާގެ ފަރާތުން ނާޖާއިޒު ފައިދާ ނެގުމަށެވެ.

ނޯޓް:

މިއީ އީސާގެފާނުގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕް – ނުވަތަ ބައެއް ފަރާތްތަކުން ބާބްރިއަސްގެ ނަމުން މުހާތަބު ކުރާ މީހެއް – އެއްކޮށްފައިވާ ވާހަކަތަކެއް ކަމަށް ބެލެވޭ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.

އީސޮޕްއަކީ "ފޭބްލް" ނުވަތަ މުނާފިގުކަން ދައްކުވައިދިނުމުގެ ގާބިލުކަން ހުރި އިންސާނުންނާ ހިލާފަށް، ހައިވާނުންގެ މިސާލު ނަގައިގެން ވާހަކަ ކިޔައިދިން މީހެކެވެ. އިންސާނުންނަކީ ނެތް ސިފަތަކެއް ދައްކައިގެން އުޅޭ، ހަމައެކަނި "ދެ ފުށް ކެހެރި" އަދި "މުނާފިގު" މަހުލޫގެވެ. އެހެން ހުރިހާ ހައިވާނުންނަކީ އޭގެ އަސްލު ފޮރުވައިގެން އުޅުމުގެ ގާބިލިއްޔަތުކަމެއް ނެތް ޖަނަވާރުންނެވެ. މިހެންވެ، އެ ސޮރުމެންގެ ހަޔާތުގެ ދަރުސުތަކުން ހާމަވާނީ، ހަޔާތުގެ އަސްލު ހަގީގަތްތައް ފެންނަ ގޮތް ކަމަށް، އީސޮޕްގެ ވާހަކަތައް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *