ހަޔާތުގައި މީހަކަށް ލިބޭނެ އެންމެ މުހިންމު ފިލާވަޅަކީ ކޮބައި ބާވައެވެ؟
އެއީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހެވެ. ބްރެޒިލްގެ އެންމެ ބާރުގަދަ އެއް މަހުޖަނު އަދި އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވާ އުމުރުން 74 އަހަރުގެ ތޭން ޗިކީނިޔޯ ސްކާޕާ މުޅި ދުނިޔެ ސިއްސުވައިލި އާދަޔާހިލާފު އިއުލާނެއްކުރިއެވެ. އޭނާގެ މިލިއަނުން ގުނާލެވޭ އަގުހުރި ބެންޓްލީ މަރުކާގެ ކާރަށް "ކަށްވަޅެއް" ކޮނެ، އެ ކާރު ވަޅުލަނީ ކަމަށެވެ!
މި ކަމުގެ ސަބަބުން މީޑިއާގެ ސަމާލުކަން އޭނާއަށް ލިބުނެވެ. ގިނައީ އޭނާއާ ދެކޮޅަށް ލިޔުނު ރިޕޯޓްތަކެވެ. އަގުހުރި އުޅަނދެއް ކަމަކާ ނުލައި ހަލާކުކޮށްލުމަކީ ނޭދެވޭ އަމަލެއް ކަމަށް ބުނެފައެވެ.
"ތިޔަ ކާރު ހައިރާތު ކުރަންވީ ނޫން ހެއްޔެވެ؟"
"ހަގީގީ ދުނިޔެއަށް ތޭން ޣާފިލުވެފައިވަނީ ކިހާ ވަރަކަށް ހެއްޔެވެ؟"
މިއީ އޭނާއަށް ފާޑުކިއި މީހުން އުފެއްދި ސުވާލުތަކެވެ.

ކާރު "ވަޅުލުމު"ގެ ކުޑަ ހިނދުކޮޅެއް ކުރިން އޭނާ އެ ތަނަށް ދިޔައެވެ. އަދި ބުނީ ހިޔާލު ބަދަލުވެއްޖެ ކަމަށާއި ކާރު ވަޅުނުލާނެ ކަމަށެވެ.
ކާރަށް "ކަށްވަޅެ"އް ކޮނުމުގެ އަސްލު ސަބަބު އޭނާ ހާމަކުރީ ދެނެވެ. ބުނީ އޭނާ "ޑްރާމާ"އެއް ކުޅެލީ ކަމަށެވެ. "ސްޓަންޓެއް" ޖެއްސީ ކަމަށެވެ.
މި ކަމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އޭނާގެ ކާރު "ކަށްވަޅެއްގައި ވަޅުލުމު"ގެ ހިޔާލު އައި އަސްލު ސަބަބަކީ ކޮބައި ބާވައެވެ؟
އޭނާގެ ޖަވާބުން މީހުން ހައިރާންކޮށްލިއެވެ: މި ސްޓަންޓަކީ ބަލިމީހުންނަށް ބޭނުންވާ އިންސާނީ ގުނަވަން ހައިރާތު ކުރުމުގެ މުހިންމުކަމާމެދު މީހުން ހޭލުންތެރިކުރުމެވެ.

ކާރު ވަޅުލާ ތަނަށް ޖަމާވެފައިވާ މީޑިއާތަކަށް ތޭން ބުނީ މިހެންނެވެ: "މީހުން އަހަރެންނަށް ފާޑުކިޔަނީ މިލިއަނުން އަގުކިޔާ ބެންޓްލީ ބްރޭންޑްގެ ކާރެއް އަހަރެން ވަޅުލާތީއެވެ. ހަގީގަތުގައި ގިނަ މީހުން ވަޅުލަނީ އަހަރެންގެ ކާރަށްވުރެ އަގުބޮޑު އެއްޗެއްސެވެ. އެއީ ހިތް، މޭ، ފުއްޕާމޭ، ލޯ އަދި ގުރުދާއެވެ. އެއީ ހަމަޖެހޭ ކަމެއް ނޫނެވެ. އެކި ބަލިތަކުގައި ގުނަވަން ބޭނުންވެގެން ޓްރާންސްޕްލާންޓް ނުހެދިފައި އެތައް ބަޔަކު އެބަތިއްބެވެ. ނަމަވެސް ސިއްހަތު ރަނގަޅަށް ހުރި އެތައް ބަޔަކު އެ މީހުންގެ ގުނަވަންތައް ހައިރާތުނުކޮށް މަރުވެ، ވަޅުލެވެއެވެ! އެ ގުނަވަންތައް ހައިރާތުކުރާ ގޮތަށް ހަމަޖައްސައިފައި އޮތް ނަމަ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީހެވެ!!"
ތޭންގެ މި ސްޓަންޓް ދިމާވާ ގޮތަށް ހަމަޖެއްސީ ބްރެޒިލްގައި ގައުމީ ފެންވަރުގައި ފާހަގަކުރާ އިންސާނީ ގުނަވަން ހައިރާތު ކުރުން ފާހަގަކުރާ ހަފުތާއާއެވެ.
އޭނާ މި ޑްރާމާ ކުޅެލީ ބްރެޒިލްގެ ގުނަވަން ހައިރާތުކުރުމާ ބެހޭ ޖަމިއްޔާ، އެސޮސިއޭޝަން އޮފް އޯގަން ޓްރާންސްޕްލާންޓްސްއާ ގުޅިގެންނެވެ. އެ ޖަމިއްޔާއިން ބުނީ ތޭންގެ މި އާދަޔާހިލާފު ސްޓަންޓްގެ ސަބަބުން، ގުނަވަން ހައިރާތު ކުރަން ބޭނުންވާ މީހުންގެ އަދަދު ފާހަގަ ކުރެވޭ މިންވަރަކަށް އިތުރުވި ކަމަށެވެ.
- ތަރުޖަމާއެއް



advertisment