Support Us

"ހަތްމޫނު"ގެ ގާތިލުގެ ނަމުން މަޝްހޫރުވެފައިވާ މީހާގެ ވާހަކަ

ގާނޫނަށް ފިލައިގެން ކަޒުކޯ ފުކުޑާ އުޅެން ފެށީ 1982 ވަނަ އަހަރުއެވެ. ފެންނަ ފެނުމަށް އޭނާއަކީ ކައިވެންޏެއް ކޮށްގެން އާދައިގެ ދިރިއުޅުމެއް އުޅެމުން އައި، ހަތަރު ކުދިންގެ މަންމައެކެވެ. އޭނާ މަސައްކަތްކުރީ މަޓްސުޔާމާގައި ހުންނަ ކުލަބެއްގެ ކެބަރޭ ހޮސްޓެސްއެއްގެ ގޮތުގައެވެ. އެއްރޭ އޭނާ އެކުގައި މަސައްކަތްކުރާ އެހެން ހޮސްޓެސްއެއްގެ އެޕާޓްމަންޓަށް ގޮސް އޭނާ މަރާލިއެވެ. މީޑިޔާއިން ބުނާގޮތުގައި މަރާލި ސަބަބަކީ އެ ހޮސްޓެސްގެ ކާމިޔާބީއަށް ހަސަދަވެރިވުމެވެ.

ކަޒުކޯ ބޭނުންވީ މަރުވި އަންހެން މީހާ އަމިއްލައަށް އެޕާޓްމަންޓް ދޫކޮށްފައި ދިޔަކަމަށް ދައްކާށެވެ. އޭނާގެ ފިރިމީހާގެ އެހީގައި ހަށިގަނޑު ވަޅުލުމަށްފަހު، އެޕާޓްމަންޓުގެ ހުރިހާ އަގުބޮޑު ތަކެތި އޭނާގެ ވަގު ލޯބިވެރިޔާއާ ބައްދަލުކުރާ އެޕާޓްމަންޓަށް ބަދަލުކުރިއެވެ.

ފުލުހުންނަށް މައްސަލަ ފާހަގަވީ މަރުވި އަންހެންމީހާގެ މައިންބަފައިންގެ ޝަކުވާއިންނެވެ. އެމީހުންގެ ދަރިފުޅުގެ އެކައުންޓުން އެހެން މީހަކު ފައިސާ ނަގަން މަސައްކަތްކުރިކަން ބޭންކުން އެންގުމުންނެވެ. ފުލުހުން ތަހުގީގުކޮށް، ފަރުނީޗަރު ގެންދިޔަ ވޭން ހޯދައި، ކަޒުކޯގެ ގެއަށް ދިޔައެވެ.

ފުލުހުން ގެއަށް ދިއުމުން ކަޒުކޯގެ ފިރިމީހާ ވަގުތުން އޭނާގެ ކުށަށް އިއުތިރާފުވެ އެ އަންހެންމީހާގެ ހަށިގަނޑު ވަޅުލި ވާހަކަ ބުންޏެވެ. ކަޒުކޯ ފުލުހުން އައިކަން އެނގުމުން، މަރުވި ހޮސްޓެސްގެ އަތުން ވައްކަންކުރި ހަ ލައްކަ ޔެން ހިފައިގެން ފިލިއެވެ. އޭގެ ފަހުން ފުލުހުން ޖަޕާނުގެ ހުރިހާ ސަރަހައްދެއްގައި އޭނާގެ ފޮޓޯ ޖަހައިގެން ހޯދަން ފެށިއެވެ.

ކުރީގައި ޖަޕާނުގައި ކުށްތައް ތަހުގީގުކޮށް ޝަރީއަތަށް ގެންނަން ކަނޑައެޅިފައިވާ މުއްދަތަކީ 15 އަހަރެވެ. މި ގާނޫނުގެ ސަބަބުން ކުށްވެރިޔަކަށް އެ މުއްދަތު ހަމަވަންދެން ފިލައިލައިގެން އުޅުމުގެ ފުރުސަތު ލިބިދެއެވެ. މި ގާނޫނުގެ ނިވާފަތްގަނޑުގައި ފިލައިގެން އުޅެ ކާމިޔާބުވާން އެންމެ ގާތްކުރި މީހާއަކީ ކަޒުކޯ ފުކުޑާއެވެ.

ކަޒުކޯ ފުލުހުންނަށް ފިލައިގެން ދިރިއުޅުނު ގޮތުން މީހުންވަނީ ހައިރާން ކޮށްލައިފައެވެ. އޭނާ ފިލައިގެން އުޅުނުނަމަވެސް އޭނާ ގަވާއިދުން އޭނާގެ އާއިލާ މީހުންނާ ގުޅުން ބާއްވައެވެ. ނަމަވެސް ޕޮލިހުން އޭނާގެ އާއިލާ މީހުންގެ ފޯނު ޓްރޭސްކުރާތީ ކަޒުކޯ އެމީހުންނަށް ގުޅައި ހަދަނީ ޖަޕާނުގެ ރޭލުވޭ ސްޓޭޝަންތަކުގައި ހަރުކޮށްފައި ހުންނަ ބޫތު ފޯނުތަކުންނެވެ. އެތައް ފަހަރެއްގެ މަތިން އޭނާ ވަނީ ފުލުހުން އަޑު އަހާކަން އެނގިގެން ނުބައި މައުލޫމާތު ދީގެން އޭނާގެ އުޅޭނޫޅޭ ތަން އޮޅުވައިލައިފައެވެ. އެ މުއްދަތު ތެރޭގައި ކަޒުކޯވަނީ އެތައް ފަހަރެއްގެ މަތިން ޕްލާސްޓިކު ސާޖަރީ ހަދައި އޭނާގެ ސިފަ ބަދަލުކޮށް 15 ފަހަރަށް އެކި ސަރަހައްދުތަކަށް ބަދަލުވެފައެވެ.

އޭނާ އެންމެ ގިނަ ދުވަސް ހޭދަކޮށްފައިވަނީ ޖަޕާނުގެ ކުޑަ ވިލެޖެއްގައި ދިރިއުޅުނު ފޮނިއެއްޗެހި ހަދައި ފިހާރައެއް ހިންގައި މީހަކާ ރައްޓެހިވެގެންނެވެ. ކަޒުކޯ އޭނާއާ ކައިވެނީގެ ގޮތުން ގުޅުނު ނަމަވެސް އެމީހުން އެކައިވެނި ރެޖިސްޓަރ އެއް ނުކުރެއެވެ. ކަޒުކޯގެ ހުނަރުވެރި ހިންގުމުގެ ދަށުން އެ މީހާގެ ފިހާރައަށް ބޮޑެތި ކުރިއެރުންތަކެއް ގެނައެވެ. އޭނާ ކައިރީގައި ކަޒުކޯއަށް ބޮޑުދައިތަކިޔައި ކުއްޖެކޭ ބުނެ އޮޅުވާލައިގެން ކަޒުކޯވަނީ އޭނާގެ އުފަން ދަރި އެ ފިހާރައިގައި ފޮނިކާތަކެތި ހަދަން ދަސްކުރާ ކުއްޖެއް ގޮތަށް ގެނެސްގެން ވަޒީފާގައި ގެންގުޅެފައެވެ. ނަމަވެސް އޭނާ އެތަނުން ފިލައިގެން ދިޔައީ ޖަޕާނު ސަރުކާރުން އޭނާ ހޯދުމުގެ މަސައްކަތުގައި އެ ހިސާބުގަނޑުގައި އޭނާގެ ފޮޓޯ ޖެހުމުންނެވެ.

ކަޒުކޯ ގާނޫނަށް ފިލައިގެން އުޅެމުން ދިޔަ ދިރިއުޅުމަށް ނިމުމެއް އަންނަ ކަމުގެ އުފަލުގައި 15 އަހަރު ވާން ކައިރިވީމައި ފާޅުގައި ބޭރުތެރެއަށް ނުކުމެ ކަރޯކޭ ބާތަކަށް ގޮސް ލަވަކިޔައި އުޅެން ފެށިއެވެ. ނަމަވެސް ޖަޕާނުގެ ސަރުކާރުން އެއްވެސް މުޖުރިމަކަށް އެމީހަކަށް ދޭންޖެހޭ ހައްގު ޝަޒާ ނުލިބި ދޫކޮށްލަން ބޭނުން ނުވުމުން އޭނާ ހޯދި މީހަކަށް އެއް މިލިއަން ޔެންގެ އިނާމެއް ދޭގޮތަށް އިއުލާން ކުރިއެވެ. އަދި ޖަޕާނު ޓީވީގައި އެންމެ މަޝްހޫރު ޕްރޮގްރާމު ތަކުގެ އިޝްތިހާރު ވަގުތު އޭނާގެ ފޮޓޯ ޖަހައި ފުލުހުން އެކި ފަހަރުމަތިން އޭނާގެ ފޯނުކޯލުތަކުން ރިކޯޑުކޮށްފައިވާ އޭނާގެ އަޑު އިއްވަން ފެށިއެވެ. އޭނާގެ އަޑު އިވުނު އެކަކަށް އެއީ އޭނާއާ އެކުގައި އެ ކަރޯކޭ ބާރގައި ލަވަކިޔާ އަންހެން މީހާކަން އެނގުނެވެ. ފުލުހުން ކަޒުކޯ ހައްޔަރުކުރީ 1997 ވަނަ އަހަރު އޭނާ ހައްޔަރު ކުރަން ކަނޑައެޅިފައިވާ މުއްދަތު ހަމަވާން އެންމެ 11 ގަޑިއިރަށް ވެފައި ވަނިކޮށެވެ. އޭނާގެ ގެ ބަލައި ފާސްކުރި އިރުގައި ކަލަންޑަރެއްގައި އޭނާ ހައްޔަރުކުރަން ކަނޑައެޅިފައިވާ މުއްދަތު ހަމަވާ ދުވަހުގައި ފާހަގަ ޖަހައިފައިވެއެވެ.

އޭނާ ހައްޔަރުކުރުމަށް ފަހުގައި ޖަލުގައި އޭނާވަނީ އޭނާގެ ހަޔާތާ ބެހޭ ފޮތެއް ލިޔެފައެވެ. އެ ހިސާބުން އޭނާއަކީ ވަރަށް ދަތި ދިރިއުޅުމަކުން އައިސްފައިވާ އަންހެނެއްކަން މީހުންނަށް އެނގުނެވެ. އޭނާގެ މަންމައަކީ ހަށިވިއްކައިގެން އުޅުނު އަންހެނެކެވެ. ކަޒުކޯގެ ހަޔާތުގެ ބޮޑުބައި ހޭދަވީ އެއްގެއިން އަނެއްގެޔަށް ބަދަލުވުމުގައެވެ. އޭނާގެ އެންމެ ފުރަތަމަ ފިރިމީހާއާއެކުގައި ކުރި ވައްކަމެއްގެ މައްސަލައިގައި ކަޒުކޯ ވަނީ ޖަލަށް ލައި އެވަގުތު ޖަލުގައި ތިބި ފިރިހެން ކުށްވެރިން އޭނާއަށް ޖިންސީގޯނާ ކޮށްފައެވެ. އެހެން ކަމުން ޖަލަށް ދާކަށް އޭނާ ބޭނުމެއް ނުވިއެވެ. މިހުރިހައި ކަމެއް

ކަޒުކޯ ޖަލުން ނުކުމެގެން ދެވަނަ ކައިވެނިކޮށް ރަނގަޅު ދިރިއުޅުމެއް އުޅެން ފެށި ނަމަވެސް އެ ދިރިއުޅުމަށް އޭނާގެ ކުރީގެ ދިރިއުޅުމުގެ ހިޔަނި އެޅެން ފެށިއެވެ. ހަޔާތުގެ ކުރީކޮޅު އެއްޗެހި ނުލިބި އުޅެން ޖެހިފައި ވުމުން އޭނާގެ އާދިރިއުޅުމުގައި އޭނާއަށް އެދެވެން ފެށީ މުއްސަނދިކަން ދައްކުވައިދޭ އެއްޗެއްސަށެވެ. އޭނާގެ އަތުގައި ނެތްވަރުން މީހުން އަތުން ލޯނަށް އެއްޗެހި ނަގައިގެން ހެދުމާ ގަހަނާ ގަނެގެން ޕާޓީތަކަށް ގޮސް މުއްސަނދި ދިރިއުޅުމެއް އުޅެން މަސައްކަތްކޮށްގެން އޭނާ 2 މިލިއަން ޔެން އަށް ދެރިއެވެ. އޭނާ ކުލަބެއްގައި ކެބެރޭ ހޯސްޓަސްއަކަށް މަސައްކަތްކުރަން ފެށީ އެހެންވެއެވެ.

ކަޒުކޯ ފުކުޑާގެ ކޭސްއަށް ފަހު ޖަޕާނުންވަނީ ކުށެއްގައި ހައްޔަރުކުރަން އޮންނަ މުއްދަތު 15 އަހަރުން 30 އަހަރަށް އިތުރުކޮށްފައެވެ. ބަލިވެއުޅެފައި ކަޒުކޯ ވަނީ 2005 ވަނަ އަހަރު ޖަލުގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *