ތިބާ ހެނދުނު ހޭލައިގެން ފާހާނާއާ ހިސާބަށް ގޮސް ދަތް އުނގުޅައިލާނެ ވަރަށް ވެސް މޫޑު ނެތް ހެއްޔެވެ؟ މިއީ ޑިޕްރެޝަން ހުރި ކަން ދެނެގަނެވޭނެ އެންމެ އާދައިގެ އެއް އަލާމާތެވެ.
ޑިޕްރެޝަންއަކީ ކޮބައި ހެއްޔެވެ؟
ޑިޕްރެޝަންއަކީ ރަނގަޅު މޫޑެއް ނުހުރުމާއި ކަންތައްތައް ކުރާހިތް ނުވުމެވެ.
މިއީ ދުނިޔޭގެ އާބާދީގެ ތެރެއިން 3.5 ޕަސެންޓް މީހުންނަށް ކުރިމަތިވެފައިވާ އަލާމާތެކެވެ. މިއީ އަށް ބިލިއަން މީހުންގެ ތެރެއިން 280 މިލިއަން މީހުންނެވެ. އެއީ 2020 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތެވެ.
ޑިޕްރެޝަންއަކީ މީހާގެ ސިކުނޑިއަށް އަންނަ ހިޔާލުތަކާއި އުޅޭ އުޅުމާއި އިހްސާސްތަކާއި އަދި ދުޅަހެޔޮ ކަމަށް ވެސް އަސަރު ކުރާ ހާލަތެކެވެ.
މި ބަލައިލަނީ ޑިޕްރެޝަން ހުރިކަން ފަސޭހައިން ދެނެގަނެވޭނެ ހަ ކަމަކަށެވެ. އެއީ:
- ތިބާ ހޭލާނީ ލަހުންނެވެ. އަދި ހެނދުނުގެ ނާސްތާ ނުނަގާނެއެވެ.
- ކުރިން މަޖާ ކަންތައްތައް މިހާރު މަޖަލެއް ނުވާނެއެވެ.
- ހެނދުނު ހޭލާ ގޮތަށް ފުރަތަމަ ވެސް އަތުޖެހޭތޯ ބަލާނީ ފޯނެވެ.
- މޫސުން ބަދަލުވުމަށްވުރެ ގިނައިން ތިބާގެ މޫޑު ބަދަލުވާނެއެވެ.
- ކަންތައްތަކަށް ސަމާލުކަން ދިނުމަށް އުނދަގޫވެ، އަދި ކަންތައްތައް ހަނދާން ނެތޭލެއް އަވަސްވާނެއެވެ.
- ކަންތައްތަކާ އަބަދު މާޔޫސްވުމާއި ވަރުބަލިވެ ނެގިމަޑުވެފައި ހުންނާނެއެވެ.
މިއިން ކަމެއް ތިބާގައި ހުރިކަން ފާހަގަ ކުރެވުމުން ހަދާނީ ކިހިނެތް ހެއްޔެވެ؟
ސިއްހީ ދާއިރާއިން ތަމްރީން ވެފައިވާ މީހެއްގެ އެހީ ހޯދައިށެވެ. ހާއްސަކޮށް ތިބާ ދެރަވެފައި ހުންނަ ހުރުން ދެމިހުންނަ ނަމައެވެ. މިއީ ޑިޕްރެޝަންއިން ސަލާމަތްވުމަށް އެޅޭނެ ފުރަތަމަ ފިޔަވަޅެވެ.
އަދި މިއީ ޑިޕްރެޝަންގެ އަލާމާތްތައް މާބޮޑަށް ސީރިއަސް ވަންޏާ ވަކިން މުހިންމު ކަމެކެވެ. މިސާލަކަށް، ދުވަހުގެ ހަރަކާތްތަކުގައި މަސްއޫލުވެގެން އުޅުމަށް ނޭދެވޭ އަސަރު ކުރާ ނަމައެވެ.
ޑިޕްރެޝަންއަކީ ތިބާގެ އަމިއްލަ ކުށެއް އޮތް ކަމެއް ކަމަށް ނުދެކޭށެވެ.
- ކޯރާ ފޯރަމްގައި މުދައްރިސެއް ކަމަށްވާ ހޫރަބް ޖަހަންގީރާއި އޮންލައިން އެންމެ ބޮޑު ޑިކްޝަނަރީ ވިކިޕީޑިއާގެ އިތުރުން އެމެރިކާގެ ބަލިތައް ކޮންޓްރޯލް ކުރާ އިދާރާ ކަމަށްވާ ސެންޓަރ ފޮ ޑިސީސް ކޮންޓްރޯލް (ސީ.ޑީ.ސީ)ގެ ލިޔުންތަކަކުން އެކުލަވައިލައިފައިވާ ލިޔުމެއް
