Support Us

ދުނިޔޭގެ އެންމެ އަގުހުރި ލޭގެ ވެރިޔާ- 2.4 މިލިއަން ކުދިންނަށް ލޭ ހަދިޔާކޮށް ރެކޯޑު ފޮތަށް

އޮސްޓްރޭލިޔާގެ ޖޭމްސް ހެރިސަންއަކީ ވަރަށް ހާއްސަ މީހެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ދުނިޔޭގެ އެންމެ އަގުހުރި ލޭގެ ވެރިޔާގެ ގޮތުގައެވެ. އޭނާގެ ލޭ މިހާ އަގުހުރި ލެޔަކަށް ވެފައިވަނީ އޭނާގެ ހަށިގަނޑުގައި ގުދުރަތީގޮތުން އުފެދޭ، ވަރަށް މަދުން ނޫނީ ނުފެންނަ އެންޓިބޮޑީއެއް ކަމުގައިވާ އެންޓިބޮޑީ-ޑީގެ ސަބަބުންނެވެ. މި އެންޓިބޮޑީއަކީ މާބަނޑު އަންހެނާއާއި ބަނޑުގައިވާ ދަރިފުޅުގެ ލޭ ގްރޫޕް ތަފާތުވުމުން ދިމާވާ "އާރް.އެޗް އިންކޮމްޕެޓިބިލިޓީ" ކިޔާ ނުރައްކާތެރި ހާލަތް ހުއްޓުވުމަށް އެހީވާ އެއްޗެކެވެ.

މި ހާލަތުގައި އާރް.އެޗް-ނެގެޓިވް މަންމައަކު އާރް.އެޗް-ޕޮޒިޓިވް ލޭހުރި ކުއްޖަކު ބަނޑުގައި އުފުލައިނަމަ، މަންމައަށް ކުއްޖާގެ ލޭގެ ސަބަބުން އަސަރުކޮށް، އެ ކުއްޖާއަކީ ހަށިގަނޑަށް ނުރައްކަލެއް ކަމަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން ދެނެގަނެ، އެންޓިބޮޑީތަކެއް އުފައްދައި، އޭގެން އެ ކުއްޖާގެ ރަތް ލޭ ސެލްތަކަށް ހަމަލާދޭން ފަށައެވެ.

"އާރް. އެޗް އިންކޮމްޕެޓިބިލިޓީ"ގެ ސަބަބުން އަސަރުކުރާ ކުދިންނަށް ނުރައްކާތެރި ސިއްހީ ހާލަތްތަކާ ކުރިމަތިލާންޖެހެއެވެ. ވިހެއުމަށް ފަހު މި ކުދިންގެ ރެޑްބްލަޑް ސެލްތައް ހަށިގަނޑުން އުފައްދާ ސްޕީޑަށްވުރެ އަވަހަށް ހަލާކުވެއެވެ. މީގެ ސަބަބުން އާދަޔާ ހިލާފަށް ލޭ މަދުވުމާއި، ރީނދޫވުމާއި، އޮކްސިޖަން ނުލިބިގެން ސިކުނޑިއަށް ގެއްލުންވުމާއި، ގުނަވަންތައް މަސައްކަތްކުރުން ހުއްޓުމާއެކު މަރުވުން ހިމެނެއެވެ.

އޮސްޓްރޭލިޔާގައި "އާރް.އެޗް އިންކޮމްޕެޓިބިލިޓީ"ގެ ކޭސްތައް ގިނަވެ، ތަހުލީލުކުރާ ފަރާތްތަކުން އެއަށް ފަރުވާއެއް ހޯދުމުގެ ތެރޭގައި، އެ ހާލަތަށް އޮތް ހަމައެކަނި ހައްލަކީ އެ ބަލީގެ ނުރައްކާ ކުޑަކުރެވޭ "އެންޓިބޮޑީ-ޑީ" ބޭނުންކޮށްގެން އުފައްދާ އިންޖެކްޝަނެއް އާރް.އެޗް.ނެގެޓިވް މައިންނަށް ދިނުންކަން ހާމަވިއެވެ. މި އިންޖެކްޝަނުން މައިންގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން ދަރިފުޅަށް ދޭ ހަމަލާ ހުއްޓުވައެވެ. ނަމަވެސް މި އިންޖެކްޝަން އުފެއްދެން އަންނަނީ އެ އެންޓިބޮޑީ ގުދުރަތީގޮތުން އުފެދޭ މީހެއްގެ ލޭ ބޭނުންކޮށްގެންނެވެ. އެހެންކަމުން އެ އެންޓިބޮޑީ ލޭގައި ހުރި މީހުން ހޯދުމަށް އޮސްޓްރޭލިޔާގެ ލޭ ހަދިޔާކުރާ މީހުންގެ ޑޭޓާބޭސް ޗެކްކުރިއިރު ފެނުނު ވަރަށް މަދު މީހުންގެ ތެރޭގައި ޖޭމްސް ހެރިސަން ހިމެނުނެވެ.

ޖޭމްސް ހެރިސަންގެ ލޭގައި "އެންޓީ-ޑީ" އެންޓިބޮޑީ ހުންނަކަން އެނގުމުގެ ކުރިންވެސް، އޭނާއަކީ ގަވާއިދުން ލޭދޭ ސެންޓަރުތަކަށް ޒިޔާރަތްކޮށް ލޭ ހަދިޔާކުރަމުން އައި މީހެކެވެ. ލޭ ހަދިޔާކުރުމުގެ އާދަ އޭނާގެ ކިބައިގައި އަށަގަތީ 1951 ވަނަ އަހަރު، އޭނާގެ އުމުރުން 14 އަހަރުގައި، ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަންޖެހި ފުރާނަ ސަލާމަތްކުރުމަށް އެތައް ބަޔަކު އޭނާއަށް ލޭ ހަދިޔާކުރުމުންނެވެ. އޮޕަރޭޝަނަށްފަހު އޭނާ ބޭނުންވީ އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ގަވާއިދުން ލޭ ހަދިޔާކުރާ މީހަކަށް ވުމަށެވެ.

މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވެގެން ލޭ ހަދިޔާކުރަމުންދިޔަ ހެރިސަންއަށް، އޭނާގެ ލޭ ބޭނުންކޮށްގެން އިތުރު އެތައް ކުދިންނެއްގެ ފުރާނަ ސަލާމަތްކުރެވޭނެކަން އެނގުމުން، އެއްވެސް އިއުތިރާޒެއްނެތި އެކަމަށް ބޭނުންވާ ވަރަށް ލޭ އޭނާގެ ހަށިގަނޑުން ނެގުމަށް އެއްބަސްވިއެވެ. ހެރިސަންގެ ލޭ ބޭނުންކޮށްގެން "އެންޓީ-ޑީ" އިންޖެކްޝަންތައް އުފެއްދުނެވެ. މި އިންޖެކްޝަން ބޭނުންކުރީ އެ ހާލަތުގައި ތިބި މާބަނޑު އަންހެނުންނަށް، އެމީހުންގެ ދިފާއީ ނިޒާމުން ބަނޑުގައިވާ ކުއްޖާއަށް ދޭ ހަމަލާ ހުއްޓުވުމަށެވެ. މި ފަރުވާ ފެށުނީ އޮސްޓްރޭލިޔާގައި ނަމަވެސް، ފަހުން މުޅި ދުނިޔޭގެ މެޑިކަލް ޕްރޮޓޮކޯލްގެ ބައެއްގެ ގޮތުގައި މި ފަރުވާ ހިމެނިގެން ދިޔައެވެ. މިއަދާ ހަމައަށް ހެރިސަންގެ ލޭގެ ސަބަބުން ދެ މިލިއަނަށްވުރެ ގިނަ ކުދިން އާރު.އެޗް އިންކޮމްޕެޓިބިލިޓީގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ހާލަތުން ސަލާމަތްވެފައިވެއެވެ.

ހެރިސަން 60 އަހަރު ވަންދެން ގަވާއިދުން ކޮންމެ ހަފުތާއަކު ލޭ ހަދިޔާކުރަމުން ދިޔައެވެ. އޭނާ ލޭ ހަދިޔާކުރުން ހުއްޓާލީ އޮސްޓްރޭލިޔާގައި ލޭ ހަދިޔާކުރެވޭނެ އެންމެ މަތީ އުމުރާ ހަމައަށް ވާސިލުވުމުންނެވެ. އޭނާގެ ލޭގެ ހަދިޔާއިން 2.4 މިލިއަނަށް ވުރެ ގިނަ ކުދިން ސަލާމަތްކުރެވުނެވެ. އެ ކުދިންގެ ތެރޭގައި އޭނާގެ އަމިއްލަ ކާފަ ދަރިފުޅުވެސް ހިމެނެއެވެ. ހެރިސަން މެދުކެނޑުމެއް ނެތި 11 އަހަރު ވަންދެން، ކޮންމެ ތިން ހަފުތާއަކުން އެއް ފަހަރު ލޭ ހަދިޔާކުރިއެވެ. އެކަން ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައި، 2003 ވަނަ އަހަރު ގިނިސް ރެކޯޑްސް އިން ހެރިސަން އަށް ސަނަދު ދިނެވެ.

ހެރިސަން ލޭ ހަދިޔާކުރުން ހުއްޓާލަމުން އެހެން މީހުންނަށް ލޭ ހަދިޔާކުރުމަށް ބާރުއެޅިއެވެ. ސަބަބަކީ ހަދިޔާކުރާ ލެޔަކީ އަބަދުވެސް ފުރާނައެއް ސަލާމަތްކުރުމަށް ބޭނުންކުރެވޭނެ އަގުހުރި މާތް ހަދިޔާއެއް ކަމަށްވާތީއެވެ.

މި އަގުހުރި އިންސާނީ ހިދުމަތްތެރިޔާ، އުމުރުން 88 އަހަރުގައި ނިޔާވީ މި އަހަރު މާޗުގައެވެ. އެތައް ހާސް ކުދިންނަކަށް ދުނިޔޭގައި އުޅުމުގެ ފުރުސަތު ދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *