އުމުރުން 40 އަހަރުން މަތިވުމުން އިންސާނާގެ ދެކޭގޮތް ބަދަލުވާނެކަމަށް ކުރީގައި މީހުން ބުނާއިރު، އެއީ ކޮން ބާވަތެއްގެ ބަދަލެއްކަން އަހަރެންނަކަށް ސިފައެއް ނުކުރެވުނެވެ. އެހެންނަމަވެސް މިއަދު ހަޔާތުގައި ގުނަމުން މިދަނީ ހަމަ އެ ބަދަލުތައް އަންނާނެކަމަށް ބުނެވުނު އުމުރެވެ. ކުރިން ކަންކަމާމެދު ދެކެމުން އައި ގޮތްތައް މިހާރު ވަނީ ހީވެސް ނުކުރާފަދަ ގޮތަކަށް ބަދަލުވެފައެވެ.
އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ރީތިވުމާއި ރީތިކަމާމެދު ދެކެމުންއައި ގޮތުގެ ބަދަލެވެ. ކުރިން ނަލަވެލަން ބޭނުންވެއްޖެނަމަ، އަވަސްވެގަންނަނީ އިސްތަށިގަނޑަށް ގޮތެއް ހަދާލުމަށެވެ. ސެލޫނަކަށް ގޮސް ބޯ ރީތިކޮށް ކޮށައިލައި، ކުލައެއް ޖައްސާލުމުން ހީވަނީ މުޅިން އައު މީހަކަށް ވީހެންނެވެ. ސެލޫނުން ނުކުންނަނީ އެހެނިހެން ހިދުމަތްތައްވެސް ހޯދައިގެންނެވެ. ދެން އައު ފައިވާނަކަށް އަރައި، އައު ހެދުމެއް ލައިފިނަމަ ރީތިވުން ފުރިހަމަވީ ކަމަށް އޭރު ދުށީމެވެ.
އެހެންނަމަވެސް، އެދުވަހު ކިތަންމެ ރީތިވެގެން ނިކުތަސް، މޫނުމަތިން ހާސްކަމާއި ނުތަނަވަސްކަން ފެންނަމުންދިޔައެވެ. އޭރު އަބަދުވެސް ވިސްނަނީ އެހެން މީހުންގެ ނަޒަރުންނެވެ. "އެހެން މީހުންނަށް އަހަރެން ރީތިތޯ؟ އެހެން މީހުންނަށް އަހަރެން ކަމުދޭތޯ؟" މީހުން ރުއްސަން މަސައްކަތް ކުރުމުގައި ދުވަހަކުވެސް ހިތަށް ތަސައްލީއެއް ނުލިބުނެވެ.
އުމުރުން މިހިސާބަށް އައިސް، ވިސްނުން ބަދަލުކުރަންޖެހިއްޖެކަން އިހުސާސްކުރެވުނެވެ. މަޖުބޫރުވީއެވެ. ދާއިމީ ހާސްކަމާއި ކަންބޮޑުވުމުގެ ސަބަބުން ސިއްހަތަށް ވަނީ ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވެއެވެ. އަބަދު އަހަރެންގެ ނަފުސާމެދު ހަރުކަށި ނަޒަރުން ދެކުމުގެ ސަބަބުން "ހަށިގަނޑު" ވަނީ މާޔޫސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ހިތާމަވެރިކަމަކީ ފާއިތުވެދިޔަ ދުވަސްތައް އަނބުރާ ނުލިބޭނެކަމެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ތަނުގައި ގައިގައި ހުރި ބަލިތައް އިތުރަށް ނުގޯސްވާނެ ގޮތަކަށް ދިރިއުޅުން ބައްޓަންކުރެވިދާނެއެވެ. އައު ހަޔާތެއް ނުލިބުނަސް، އައު ދިރިއުޅުމަކަށް މަރުހަބާ ކިޔިދާނެއެވެ.
އެންމެ ފުރަތަމަ ދަސްކުރަންޖެހުނީ ރީތިކަން އިހުސާސްކުރެވެނީ ކޮންކަމަކުންތޯއެވެ. ހުރިހާކަމެއް އަލުން ތަހުގީގުކުރަން ޖެހުނެވެ. އެންމެ ފުރަތަމަ އެނގުނު ކަމަކީ ކިތަންމެ ރީތި ހެދުމެއް ލައިގެން ހުއްޓަސް، އަހަރެންގެ ހަށިގަނޑު ހުންނަގޮތް އަހަރެންނަށް ކަމު ނުދާކަމެވެ. އޭގެ މުގުލުގައިވާ މައި ސަބަބަކީ މުޖުތަމައުގައި "ރީތި ބައްޓަން" ކަމަށް ބުނާ މިންގަނޑަށް އަހަރެން ހުންނަ ގޮތް ނުފެތުމެވެ. ހަޔާތުގެ ގިނަ ބައި ހޭދަވީ މި ބައްޓަމުން އެހެން ބައްޓަމަކަށް ބަދަލުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގައެވެ. ތަފާތު ޑައިޓްތައް ތަޖުރިބާކުރެވުނެވެ. ތަފާތު ވައްތަރުގެ ކަސްރަތު ތަޖުރިބާ ކުރެވުނެވެ. އެކަންކަމުގެ ސަބަބުން ހަށިގަނޑަށް ބަދަލުތަކެއް އައިނަމަވެސް، ހަށިގަނޑާމެދު ދެކޭގޮތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެންމެ ލޫޅާފަތިކޮށް ހުރި ދުވަހުވެސް އަހަރެންނަށް ފެންނަނީ އަހަރެން ބަދަލު ގެންނަންޖެހޭ ކަންކަމެވެ. އަހަރެންނަށް ވިސްނުނީ ބަދަލު ގެންނަންޖެހެނީ ހަށިގަނޑަކަށް ނޫންކަމެވެ. ބަދަލުވާންޖެހެނީ އަހަރެން ދެކޭގޮތެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އަހަރެން ވިސްނުމުގައި ހުރި އުނިކަންކަން ފާހަގަކުރަމުން ދިޔައީމެވެ. އެކަންކަން ނޭގި ބަދަލު ގެންނާނީ ކިހިނެތް ހެއްޔެވެ؟ މިއަދު އަހަރެންގެ ނަފުސާމެދު ދެކޭގޮތް ވަނީ ބޮޑުތަނުން ބަދަލުވެފައެވެ. މި ދަތުރުގައި ފާހަގަކުރެވުނު މުހިންމު ކަންތައްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1. ދެއްވެވި ހަށިގަނޑަށް ޝުކުރުވެރިވުމުގެ މުހިންމުކަން
ހަށިގަނޑުގެ ރީތިކަން ފެށެނީ ހެއްދެވި ފަރާތް، ދެއްވެވި ހަށިގަނޑާމެދު ޝުކުރުވެރިވާން ފެށޭ ހިސާބުންނެވެ. މި މަތިވެރި ނިއުމަތަށް ޝުކުރުވެރި ނުވާނަމަ، ހަށިގަނޑުގެ އަގުހުރި ނިއުމަތް އެކަށީގެންވާ ގޮތުގައި ބޭނުންކުރާކަށް ނޭނގޭނެއެވެ.
2. ހަށިގަނޑުގެ ދުޅަހެޔޮކަމަށް އިސްކަންދިނުން
ހަށިގަނޑު ވަކި ބައްޓަމަކަށް ބަދަލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، ހަށިގަނޑު ރަނގަޅަށް ބެލެހެއްޓުމަށް އިސްކަންދޭންވީއެވެ. ރަނގަޅު ކާނާއާބެހޭ މައުލޫމާތު ދެނެގަނެ، ހެޔޮ ކާނާ ކެއުމަށް އާދަކުރާންވީއެވެ. ދުވާލަކު ފަސްހާސް ފިޔަވަޅު އަޅަން ހިތްވަރު ނުލިބޭނަމަ، އެންމެ ފަސްމިނެޓަށް ހިނގާލުމަށްވެސް ހިތްވަރުދޭންވީއެވެ. ހަށިގަނޑު ގަދަކަމުން ވަކި ބައްޓަމަކަށް ފައްތަން މަސައްކަތްކުރުމުގެ ބަދަލުގައި، ގުނަވަންތައް ރަނގަޅަށް މަސައްކަތްކުރާނެ ގޮތަށް ދިރިއުޅުން ބައްޓަންކުރަންވީއެވެ.
3. އިޖުތިމާއީ ވެށި އިސްލާހުކުރުން
ތިމާއާއި ތިމާގެ ހަށިގަނޑާމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށް އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅަކީ ކައިރީގައި ގެންގުޅޭ މީހުންގެ "އޯޑިޑިޓެއް" ހެދުމެވެ. މިފަދަ ބޮޑު ބަދަލެއް ގެނައުމުގައި ތިމާގެ އައު ވިސްނުމަށް ތާއީދުކުރާ މީހުންގީހުންގެ ވަށައިގެންވާ މާހައުލެއް އޮތުން މުހިންމެވެ. ތިމާ އަލަށް ހިޔާރުކުރާ ކަންކަމަށް ފާޑުނުކިޔާ، އޯގާތެރިކަމާއެކު މުއާމަލާތްކުރާ، މަލާމާތްނުކުރާ މީހުން ވަށައިގެން ތިބުން ވަރަށް މުހިންމެވެ. އަލުން ބަލުން އަމިއްލަ ސިކުނޑިން ވިސްނުމުގެ އާދަ އަށަގަންނަވާއިރުގައި ވަށައިގެން އަންނަ މާހައުލުން އިވޭ އަޑުތަކަކީ އޯގާތެރި ކުލުނުން ފުރިގެންވާ އަޑުތަކަކަށް ވުން މުހިއްމެވެ. އެއީ ތިމާ ކޮންމެ ގޮތަކަށް ހުއްޓަސް ލޯބިވާނެ، އަދި ކަމެއް ގޯސްކޮށް ދާން ފަށައިފިނަމަ ހަނދާންކޮށްދޭނެ މީހުންނެވެ.
4. ރަނގަޅު ނިދުމާއި ހަށިގަނޑުގެ ބޭނުންތައް ފުއްދުން
ކިތަންމެ ރީތިވެލައިގެން ހުއްޓަސް، ކިތަންމެ ރީތިވެލައިގެން ހުއްޓަސް، މޫނުމަތީގައި ފުށްޖަހައި ކޮންސީލަރު ކިތަންމެ ވަރަކަށް އުނގުޅިޔަސް، މޫނުމަތިން ވަރުބަލިކަން ފެންނަނަމަ މީހާ މޯޅިކަމަށް ފެންނާނެއެވެ. ރަނގަޅު ނިދުމަކީ އެންމެ މުހިންމު ކަންކަމުގެ ތެރެއިންވާ ކަމެކެވެ. ނިދުމުގައި ދުޅަހެޔޮ އާދަތަކެއް އަށަގެންނެވުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެހެންމެ، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެންބުއިމަށްވެސް އިސްކަންދޭންޖެހެއެވެ. މިހެން ކަން ކުރާނަމަ މީހާ ފެންނަލެ އުޖާލާވެ، މީހާއަށް އަމިއްލަ ނަފުސާދޭތެރޭ އިހުސާސްކުރެވޭ ގޮތްވެސް އުފުލިގެން ދާނެއެވެ.
5. ހަށިގަނޑަށް އެކަށީގެންވާ ހެދުން ހިޔާރުކުރުން
ހަށިގަނޑު ކޮންމެ ބައްޓަމަކަށް ހުއްޓަސް، ތިމާއަށް ފިޓުވާ، ތިމާއާ ގުޅޭ ކުލަތަކުގެ ހެދުން ލުމުން ފެންނަ ގޮތް މުޅިން ބަދަލުވެގެންދެއެވެ. އެފަދަ ހެދުމެއް ލުމުން މީހާގެ ސީދާކަން އިތުރުވެ، މޫނުމަތިން ސާބިތުކަން ފެންނަމުންދެއެވެ.
6. އެތެރޭގެ އަމާންކަން ހޯދުން
މީހާ ފެންނަ މަންޒަރު އެންމެ ރީތިވެގެންދަނީ ތިމާގެ އެތެރޭން އަމާންކަން އިހުސާސްކުރެވެން ފެށުމުންނެވެ. އެތެރޭގެ އަމާންކަން ފުރަތަމަ އަށަގެންނެވޭނީ ބޭރުން އަމާންކަން ހޯދައިގެންނެވެ. ސޯޝަލް މީޑިއާގެ ހަލަބޮލި ކަމުގެ ތެރޭގައި ހޭދަކުރާ ވަގުތު މަދުކޮށް، ބިނާކުރަނިވި ހަރަކާތްތަކުގައި ޝާމިލުވެ އުޅުމުން އަމާންކަން އިތުރުވެގެން ދެއެވެ. ހެޔޮ އަމަލުތައް ކުރުމާއި ހިތް ސާފުކުރުމުގާ ވަގުތު ހޭދަކުރާނަމަ މޫނުމަތިން އުޖާލާކަން ފެނިގެން ދާނެއެވެ. އަޅުކަމާ ކައިރިވުމުންވެސް ބޮޑުތަނުން މީހާގެ ހިތަށް ތަސައްލީ ލިބިގެން ދެއެވެ.
މިއީ ވަރަށް ކުރު ލިސްޓެކެވެ. ނަމަވެސް މިއީ މި އުމުރަށް އައުމަށްފަހު، ވިސްނުމަށް ގެންނަންޖެހުނު ބޮޑެތި ބަދަލުތަކަށް މަގުފަހިކޮށްދިން މުހިންމު ކަންތައްތަކެވެ. ކޮންމެހެން ސާޅީސް އަހަރު ވަންދެން މަޑުކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިއަދުވެސް މިކަންކަން އަށަގަންނަވަން މަސައްކަތްނުކުރަން ވީ ސަބަބެއް އޮތްކަމަކަށް އަހަރެންނެއް ނުދެކެމެވެ.



advertisment