Support Us

ދެމަފިރިންގެ ގުޅުންތައް ހީނަރުވަނީ މިހެންވެ

މީގެ ކުޑަ ހިނދުކޮޅެއް ކުރިއެވެ. ގާތް މީހެއް ގުޅައިގެން ދެއްކީ އޭނާގެ 15 އަހަރު ވީ ކައިވެނީގެ ހާލަތުގެ ވާހަކައެވެ. އެ ދެމީހުން މިހާރު އެކަކު އަނެކަކާ ވާހަކަ ނުދައްކާ ވާހަކައެވެ.

"މި ކުރަނީ ޝަކުވާއެއް ނޫނެވެ. އެކަމަކު އަހަރުމެން ދެމީހުންގެ ދެމެދުގައިވާ ދުރުމިން އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ބޮޑު ވަމުންނެވެ. އަހަރެންނަކަށް ހަދަންވީ ގޮތެއް ނުވިސްނެއެވެ."

މިއީ ވަރަށް ގިނަ ބަޔަކަށް އިހުސާސްކުރެވޭ ކަމެކެވެ. މި ހާލަތައް ކަންކަން ދާން ދިމާވަނީ ކިހިނެތް ވެގެން ހެއްޔެވެ؟ ކައިވެންޏެއް ފައްޓާއިރު ފައްޓަނީ އެމީހަކާ ނުލައި ދިރި އުޅެން ބޭނުން ނުވެގެންނެވެ. ނަމަވެސް ކައިވެނީގެ މަތީގައި ފަހުން ދެމިހުންނަނީ ދެން އެ ނޫން ގޮތެއް ނެތޭ ހީވެގެންނެވެ.

ތިރީގައި ވަނީ އިންސާނީ ގުޅުންތަކާ ބެހޭ މާހިރުން އެމީހުންގެ ދިރާސާގެ އަލީގައި ފާހަގަކޮށްފައިވާ ކަންކަމެވެ.

1. މުއާމަލާތުގެ ދަތިކަން

ކައިވެންޏެއް ފެށޭ އިރު ދެމީހުންގެ ދެމެދުގައި މުއާމަލާތުކުރުން ވަރަށް ގިނަވާނެއެވެ. ކުދިކުދި ސަމާސާތަކުން ފެށިގެން ނިންމަންޖެހޭ ނިންމުންތަކުގާ ދެމީހުން މަޝްވަރާކޮށް ހަދާނެއެވެ. ނަމަވެސް ކައިވެނީގައި ދުވަސްވާ ވަރަކަށް އެކަކު އަނެކަކާ ދެމެދު ކުރެވޭ މުއާމަލާތްތައް މަދުވެގެންދެއެވެ. ދެމަފިރިން ދެމެދު މުއާމަލާތު މަދުވެގެންދާ ވަރަކަށް، ދެމީހުން އެކަކު އަނެކަކާ ނުލައި ދިރިއުޅެން ދަސްވެގެންދެއެވެ. ދެމީހުން އެކަކު އަނެކަކާ ދުރުގައި ހޭދަކުރާ ވަގުތު އިތުރުވާ ވަރަކަށް، ދެމީހުންގެ ދެމެދުގައި ވާ ލޯބި އަވަހަށް ނެތިގެން ދެއެވެ.

2. ނިމުމެއް ނެތް ޖަދަލު

ލޯބީގެ ކުރީކޮޅުގައި އެކަކު އަނެކަކާ ހިޔާލު ތަފާތުވުން ވަނީ މަޖާ ކަމަކަށެވެ. އެ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ފަހުން ކައިވެނީގެ މައިދާން ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެދާނޭ ކަމަކަށް އެއްވެސް މީހެއް އޭރު ހިތަކަށް ނާރާނެއެވެ. ކައިވެނީގައި ދެމީހުން ތާއަބަދު އެކަކު އަނެކަކާ ޖަދަލުކުރާނަމަ އަމާންކަން ހޯދުމަށްޓަކައި އެކަކު އަނެކަކާ ދުރަށް ދާން ބޭނުންވާނެވެ. އަމާންކަން ނެތްތާކު މަޑުކުރަން ބޭނުންވާނީ ކާކު ހެއްޔެވެ؟ އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.

3. އެކުގައި ކުރާ ކަންތައްތައް މަދުވަމުން އައުން

ކައިވެނީގެ ކުރީކޮޅު އެކަކު އަނެކަކާ އެކުގައި ކުރާނޭ ކަންކަން ހޯދައި އެކަންކަން ކުރުމަށް ސަމާލުކަން ދޭނެއެވެ. ދެމީހުންނަކީ ދެ ޒާތެއްގެ މަސައްކަތްކުރާ ދެމީހުން ކަމުގައި ވިޔަސް، ނުވަތަ ތަފާތު ކަންކަމަށް ޝައުގުވެރިވާ މީހުންކަމުގައި ވިޔަސް އެކުގައި ކުރާ އާންމު ހަރަކާތްތައް މަދުވާ ކަމުގައި ވާނަމަ ދެމީހުންގެ ގުޅުން ހީނަރުވާނެއެވެ. އެއީ ދެމީހުން އެކުގައި ފިލުމެއް ބަލައިލުން، ނުވަތަ ދެމީހުން އެކުގައި ވަގުތު ހަދައިގެން ހިނގައިލަން ދިޔުން ކަހަލަ އެކުގައި ކުރާ ހަރަކާތްތަކުން ދެމީހުންގެ ގުޅުން ބަދަހިވެގެން ދެއެވެ.

4. އޮޅުވައިލާ މަކަރު ހެދުން

ދެމީހެއްގެ ގުޅުން އެންމެ ހީނަރުކޮށްލާ ކަންކަމުގެ ތެރޭގައި ބައިވެރިޔާއަށް އޮޅުވައިލާ މަކަރު ހެދުން ހިމެނެއެވެ. މަކަރު ހަދައި އޮޅުވައިލިކަން އެނގޭ ހިސާބުން ފެށިގެން އަނެކާގެ ހިތުގައި އޭނާގެ ގާތުގައި އުޅޭ މީހާގެ ފަރާތުން ރައްކާތެރިކަން ނުލިބޭނޭކަން އިހުސާސްކުރެވި ނޭނގި ނަމަވެސް ދުރަށް ޖެހެން ފަށާނެއެވެ. ލޯބި ނެތިގެން ދާނެއެވެ.

5. އަށަގަނެފައި ހުންނަ ނުބައި އާދަތައް

ތާއަބަދު ސޯޝަލް މީޑިއާ ސްކްރޯލްކުރުން، އިންޓަނެޓުން ނުރަނގަޅު ފިލުމު ބެލުން ނުވަތަ މަސްތުވާތަކެތި ބޭނުންކޮށްގެން މުނިފޫހިފިލުވާ ހަދައިނަމަ، ތިމާގެ ބައިވެރިޔާގެ ފަރާތުން ހޯދޭނޭ އުފާ ހޯދުމުގެ ބަދަލުގައި އެ ގޮތްގޮތަށް ހޯދާ އުފަލަށް އިސްކަންދެވި ބައިވެރިޔާގެ މަތިން ފޫހިވާން ފަށާނެއެވެ. އެފަދަ ނުރަނގަޅު އާދަތަކަށް ސިކުނޑި ދެވިހިފައި ޝައުގުވެރިކަން ދެވޭތީ އޭގެ ސަބަބުން ބައިވެރިޔާއަށް ވާ އިހުމާލެއް ފާހަގައެއް ނުކުރެވޭނެއެވެ.

6. އެހެން މީހުންނަށް ބައިވެރިޔާއަށް ވުރެން އިސްކަން ދިނުން

ކައިވެނީގެ ފަހުން ބައިވެރިޔާއަށް ދޭންޖެހޭ ސަމާލުކަން ނުދީ އެހެން މީހުންނަށް އެ ސަމާލުކަން ދޭން ފެށުމުން ގުޅުން ހީނަރުވާން ފަށައެވެ. ބައެއް ފަހަރު މި ސަމާލުކަން ރަހުމަތްތެރިން ނުވަތަ އެހެނިހެން ޢާއިލީ މެންބަރުންނަށް ދޭން ފަށައެވެ. މި ގޮތަށް ނޭނގި ނަމަވެސް ބައިވެރިޔާއާ ދުރަށް ދާން އެހެން މީހުން ބޭނުން ކުރެވެއެވެ.

7. ބައިވެރިޔާގެ އަގު ވަޒަން ނުކުރުން

ބައިވެރިޔާ ކުރާ ކަންތައް އަދި ކޮށްދޭ ކަންތައް އަގު ވަޒަން ނުކުރާނަމަ ލޯބި ދެމިއޮތުން ބުރަވެގެން ދެއެވެ. ކޮށްދޭ ކަންތައް މަޖުބޫރުން ކޮށްދޭން ޖެހޭތީ ކޮށްދޭން ފަށައި ހިސާބުން އަނެއް މީހާއަށް އެ ކޮށްދެނީ އުފަލުން ނޫންކަން އެނގި، އޭގެ ހިތިކަން ހަޔާތަށް ފޭދިގެން ދެއެވެ.

8. އެކަކު އަނެކަކަށް މާފުނުކުރުން

ކާމިޔާބު ލޯތްބެއްގެ އަސްލަކީ އަނެކާ ކުރާކަން ހިތުގައި ނާޅައި އަވަސް އަވަހަށް މާފުކުރުމެވެ. މާފުނުކޮށް ހިތުގައި ނުކޮށްދޭ ކަންކަމާ، ކުރި ގޯސްކަންކަން އަޅައިގެން އުޅޭނަމަ ދުވަހަކުވެސް މަސްލަހަތު ރަނގަޅެއް ނުވާނެއެވެ.

9. ބައިވެރިޔާ ދުރުކުރުން

ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުރުވުމުން ދެމީހުންގެ ގުޅުން ކެނޑިގެންދެއެވެ. ވީހާވެސް ބޮޑަށް ޒަވާޖީ ގުޅުމުގައި ގާތްކަން އުފެއްދުމަށް މަސައްކަތްކުރަންވާނެއެވެ. ދެމީހުން ވަގުތު ހަދައިގެން ލޯބިކޮށް އެކަކު އަނެކަކާ އެކުގައި ވަގުތު ހޭދަކުރުމަށް އިސްކަން ނުދޭނަމަ ދެމީހުންގެ ގުޅުމުގާ މާނައެއް ނެތް އިހުސާސްވާން ފަށާނެއެވެ.

  1. ވަޒީފާއާއި ކުރާ މަސައްކަތް އުޒުރަކަށް ނެގުން

ދެމީހެއްގެ ޒަވާޖީ ހަޔާތުގެ ބިންގާ ބަލިކަށިވާ އެއްކަމަކީ ތިމާކުރާ މަސައްކަތް ބައިވެރިޔާއާ އެކު ވަގުތު ހޭދަ ނުކުރުމަށް ދައްކައި އުޒުރަކަށް ވުމުންނެވެ. މަސައްކަތް ނުވަތަ ވިޔަފާރި މާ ބުރަވެގެންދާއިރު، ވަގުތު ހަމަހަމަކޮށް ބެހުމަށް ދަތިވެދާނެއެވެ. ލޯބީގެ ގުޅުމަކީ މާލީގޮތުން އަގެއް ނެތް އެއްޗެއް ކަމަށް ދެކެންޏާ އަގެއް ނެތް އެއްޗެހީގެ އުސޫލުން އޭތި އެއްފަރާތް ކޮށްލެވޭތަން އާދެއެވެ.

  1. އެކަކު އަނެކަކު ކުށްވެރިކުރުމުގެ ކުޅިވަރުކުޅުން

އެކަކު އަނެކަކުގެ މަތިއަޅުވައި ކަންކަމުގައި އަމިއްލައަށް ނަގަން ޖެހޭ ޒިންމާ ނުނަގާ އުޅޭކަމަށް ވާނަމަ ދެމީހުން އެކަކު އަނެކަކު ދެކެ ފޫހިވެ އެކަކު އަނެކަކަށް އޮންނަ އިހުތިރާމާއި ގަދަރު ގެއްލިގެން ދެއެވެ.

12. ލޯބި އާރާސްތުކުރަން މަސައްކަތް ނުކުރުން

ލޯބީގައި އިހުތިޔާރެއް ނެތް ނަމަވެސް ވާ ލޯބި ދެމެހެއްޓުމަށްޓަކައި ގުރުބާނީތައް ވާންޖެހެއެވެ. އިންދާ ރޯކުރާ އޮށަކުން ފަޅާ ގަހެއްގެ އުސޫލުން، ގަސް ހެދި ބޮޑުވެ ހިޔާލިބޭނީ ގަހަށް ފެންދީ ރައްކާތެރިކޮށް ގެންގުޅެން އަބަދު މަސައްކަތްކުރެވިގެންނެވެ. އެކަކު އަނެކަކަށް ދޭންޖެހޭ ސަމާލުކަން ނުދޭނަމަ ލޯބި ވަރަށް އަވަހަށް މިލައި މޯޅިވެގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *