Support Us

ވާހަކަ: އުންމީދުގެ ހުޅުކޮޅު

އެ ރެއަކީ އަހަރެންގެ ހަޔާތުގެ އެންމެ ކަޅުފޮއެ ރެއެވެ. އެވޯޑު ދިނުމުގެ ބޮޑު ހަފުލާ ނިންމައިފައި ލިބުނު ޓްރޮފީއާއި ސެޓުފިކެޓުތައް ހިފައިގެން ކާރުގައި ހުޅުމާލެ ވަށައިގެން ދުއްވީއެވެ. ގެއަށް ވަންނާކަށް ބޭނުމެއް ނުވިއެވެ. އަހަރެންގެ ކާމިޔާބީއަށް މަރުހަބާ ކިޔައިފައި މީހުން ފޯނަށް މެސެޖުކުރަމުން ގެންދިޔައެވެ. އޭގައި އާއިލާ މީހެއްގެ، ގާތް ރަހުމަތްތެރިއެއްގެ މެސެޖެއް ނެތްކަން ޔަގީނެވެ. އަހަރެންގެ ގާތް މީހުންނެއް ނުތިބޭނެއެވެ.

އަހަރެންނަށް އިހުސާސްކުރެވޭ ހުސްކަން އޭރު އިހުސާސްކުރެވޭތާ ވަރަށް ދުވަސް ވެއްޖެއެވެ. ފައިސާއިން ކުރެވޭ ކަމެއް ވެއްޖެނަމަ އެ ހުސްކަމެއް ހައްލެއް ހޯދަން އަހަރެން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއްވެސް ކަމަކުން އެ ހުސްކަމަށް ހައްލެއް ނުފެނުނެވެ. އެހެން ރެއެއް ނަމަ ކޮންމެވެސް އަންހެން ކުއްޖެއް ގެއަށް ގެނެސް ފަތިސް ވަންދެން މަޖާކޮށްލައިގެން އެ ފަޅުކަން ފިލުވައިލެވޭތޯ އަހަރެން އުޅުނީމުހެވެ. ނަމަވެސް މި ފަހަކަށް އައިސް އެކަހަލަ ކަމެއް ކުރާކަށް އަހަރެންގެ ހިތެއް ނުބުނެއެވެ. ދުނިޔެވީ ހުރިހާ އުފަލަކުން ހިތް ފުރަން މަސައްކަތް ކޮށްގެން ހިތެއް ނުފުރުނެވެ. އިތުރަށް ލިބެނީ ހުސްކަމެވެ. ފަޅުކަމެވެ.

އަހަރެންގެ ހަޔާތް ހުއްޓުމަކަށް އައިސްފައިވާކަން އިހުސާސްކުރެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. އުމުރުން 25 އަހަރުން ފެށިގެން އުފެއްދި ކުންފުނިން ލިބޭ ފައިދާއިން ދިރިއުޅޭތާ މިހާރު 10 އަހަރުވީއެވެ. ކުންފުނިން އަހަރެންނަށް ލިބޭ ހިއްސާއިން އެއްވެސް މަސައްކަތެއް ނުކޮށް ދިރިއުޅެވެއެވެ. ނަމަވެސް އެ ކުންފުނިން ލިބުނު އެއްވެސް ލާރިއަކުން ދިރިއުޅުމެއް ބިނާކުރެވިފައެއް ނެތެވެ. ހަޔާތެއް ފެށިފައެއް ނެތެވެ. މީހަކާ އިނދެވިފައެއް ނެތެވެ. ދަރިޔަކު ނެތެވެ.

އެރޭ އަހަރެންނަށް ލިބުނީ އަހަރެން ހެދި ކުންފުންޏާ ގުޅުން ހުރި އެވޯޑެއް ނޫނެވެ. އެއީ އޭގެ ދެ އަހަރު ކުރިން އަހަރެން އުފެއްދި ފުރަތަމަ އެޕަށް ލިބުނު އެވޯޑެވެ. ގިނަ ޒަމާންތަކަށް ފަހުގައި އަތުންފައިން ކޮންމެވެސް ފައިދާ ހުރި އެއްޗެއް ހެދުނީއެވެ. އަހަރެންގެ ހަޔާތުގައި ކުރެވުނު ހުރިހާ މަސައްކަތްތަކުގެ ތެރެއިން އެއީ އަހަރެން އެންމެ ފަހުރުވެރިވާ މަސައްކަތެވެ. އެރޭ އެ އެޕަށް ރައްޔިތުންނަށް އެންމެ ބޭނުންތެރި އުފެއްދުމުގެ އެވޯޑު ލިބުނީއެވެ. މިއީ ދިރިއުޅުމުގައި ހާސިލުވި ލަނޑުދަނޑިއެކެވެ. ނަމަވެސް އެ ލަނޑުދަނޑިއަށް ފަހުގައި ދެން އޮތީ ކޮންކަމެއް ކަމެއް ނޭނގުނެވެ. މީހާއަށް އާވާރަކަން އިހުސާސްކުރެވެން ފެށިއެވެ.

އެ އެޕު ހަދަން އަހަރެން ފެށީ އެކަހަލަ ހުސްކަން އިހުސާސްކުރެވެމުން ދިޔަ ދަނޑިވަޅެއްގައެވެ. އެރޭ ވެސް އަނެއްކާ ހަމަ އެ އުނދަގޫ އިހުސާސްތައް ހިތަށް ވެރިވާން ފެށިއެވެ. މި ދުނިޔެ ދޫކޮށްފައި ދާންވީއޭ ވެސް ހިތް ބުނެދޭން ފެށިއެވެ. މި ދިރިއުޅުމުގެ މާނައަކީ ކޮބައިހެއްޔޭ ހިތަށް އަހަން ފެށިއެވެ. ހަޔާތް ނިންމައިލާނޭ ގޮތަކާ ދޭތެރޭ ވިސްނަން ފެށުނެވެ. އަހަރެން ދިޔުމުގެ ކުރިން ވިސްނަންޖެހޭ އެއްވެސް ކަމެއް އޮތް ކަމަކަށް އަހަރެންނަކަށް ނުވިސްނުނެވެ. އަހަރެން ބަލަން ޖެހިފައިވާ، ބަލަދު އަރާ މީހެއް ނެތެވެ. އަހަރެންނަށް ބަރޯސާވާ މީހެއް ނެތެވެ. އަހަރެން ނެތަސް ދެރަވެގެން އުޅޭނޭ މީހެއް ވެސް ނެތެވެ.

ހަޔާތް ނިންމައިލާ ހިޔާލު އައުމުން މީހާއަށް އިހުސާސްވެފައިވާ ބުރަހެލިކަން ފިލައިގެން ދިޔައެވެ. އެ ހިސާބުން އަވަސްކޮށްލައިފައި ގެޔާ ދިމާލަށް މިސްރާބު ޖެހީއެވެ.

ކުއްލިއަކަށް މަގުގެ އެއްކައިރިން މީހަކު އަތް ނެގިއެވެ. އަހަރެންނަކީ ދުވަހަކުވެސް މަގުމަތިން އަތްނަގައި މީހުންނަށް އިޖާބަދޭ މީހެއް ނޫނެވެ. ނަމަވެސް ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާ އަތް ނެގިތަން ފެނުމުން ކާރު ހުއްޓީމެވެ. އެއީ ނޫކުލައިގެ ގަމީހެއް ލައިގެން ހުރި ފިރިހެނެކެވެ. އަހަރެންގެ އުމުރުފުރައެވެ. އޭނާގެ ސޫރަ ރަނގަޅަށް ފެނުމުގެ ކުރިން އޭނާ ކާރަށް އަރައިފިއެވެ.

"އަލިކިލެގެފާނުމަގަށް ފުރަތަމަ ދާންވީ. ދެން އޭގެ ފަހުން އަނެއްކާ މިތަނަށް އެނބުރި އަންނަންވީ. މިތަނަށް އައުމުގެ ކުރިން އަދި ޖެހޭ ފިހާރައަކަށް މަޑުކޮށްލަން،" އޭނާ ވާހަކަ ދައްކަން ފެށިއެވެ. އަހަރެން ގާތަށް ކުޑަކޮށް ހިނިއައެވެ. ހަޔާތުގައި އެންމެ ފަހުން ކުރާ ކަމަކަށް ވާނީ ޓެކްސީ ކުރުންތާއޭ ހިތަށް އެރިއެވެ. މާގިނަ ވާހަކައެއް ނުދައްކާ އަހަރެން ދުއްވަން ފެށީމެވެ.

އޭނާ އިނީ ވަރަށް ހިމޭނުންނެވެ. ފޯނުން ކޮންމެވެސް ކަމެއް ކުރަނީއެވެ. ޓެކްސީކުރުމަކީ އަހަރެން ކޮށް އުޅޭ ކަމަކަށް ނުވާތީ ކަން ކުރަންވީ ގޮތަކީ ކޮބައިކަމެއް ނޭނގެއެވެ. އެހެންވެ އަހަރެންވެސް އެއްޗެކޭ ނުބުނެ ދުއްވީއެވެ.

"އަލިކިލެގެފާނު މަގުގެ މަޖީދީމަގުން ވަދެވޭ ކޮޅުތަ؟" ބްރިޖަށް އަރަމުން އަހަރެން އަހައިލީމެވެ.

"އާނ،" އޭނާ ބުންޏެވެ. އަހަރެން އޭނާގެ ސޫރައަށް ލޯގަނޑުން ބަލައިލީމެވެ. އެއްވެސް ތާކުން ފެނިފައިވާ މީހެއް ނޫނެވެ.

އަލިކިލެގެ ފާނުމަގުގެ ހަނިގޯޅިއެއްގެ ކައިރިއަށް މަޑުކުރުމަށް ފަހު އޭނާ ގޮސް ވަނީ ގެޔަކަށެވެ. ކުޑަ އިރުކޮޅަކުން އެ ގެއިން ނުކުމެގެން އައިސް އަލުން ކާރަށް އެރިއެވެ.

"މާލޭގެ ފިހާރައަކަށް ހުއްޓިޔަސް އޯކޭތަ؟" އަހަރެން އަހައިލީމެވެ.

"އޯކޭވާނެ،" މާ ބައިވަރު ވާހަކަ ދައްކާކަށް އޭނާ ނަހަދައެވެ. އަހަރެންގެ ބޮލުތެރޭގައި ކުރީގައި އަހަރެން ކުރަމުން ދިޔަ ޕްލޭން އަލުން ހުޅުވައިލީއެވެ. ހަޔާތް ނިންމައިލާނޭ ގޮތާ މެދު ވިސްނަން ފެށީއެވެ. ކާރު ގޮސް މާލޭގެ ބޮޑު ފިހާރައެއްގެ ކުރިމަތީގައި މަޑުކުރުމުން އޭނާ އެ ފިހާރައަށް ވަދެފައި ބޮޑު ދެކޮތަޅު ފުރާ އެއްޗެހި ގަނެގެން އައިސް ކާރަށް އެރި އިރުގައިވެސް އަހަރެން އިނީ އެކަމާ ބެހޭ ގޮތުން ވިސްނާށެވެ. އޭނާ ގެނައި ތަކެތި ބަހައްޓަން އަހަރެން އެނބުރި ކާރުގެ ފަހަތުގައި އޮތް ޓްރޮފީ ކުރީ ސީޓަށް ލީމެވެ. އޭނާ ކޮތަޅުތައް ބަހައްޓަމުން ޝުކުރިއްޔާއޭ ބުންޏެވެ.

"ޓްރާންސްފަރ ކުރެވޭނެ ދޯ؟" އޭނާ އަހައިލިއެވެ.

"އާންމު ގޮތެއްގައި މީހުން ޓްރާންސްފަރތަ ކޮށް އުޅެނީ؟" އަހަރެން އޮޅުންފިލުވަން ބޭނުންވިއެވެ.

"ނޭނގެ. ތިކޮޅަކަށް ދޯ އެނގޭނީ،" އޭނާގެ އަޑުގައި ހުރީ ހައިރާންކަމެވެ. އެ ކުރީ ކޮން ކަހަލަ ސުވާލެއްހޭ ބުނާ ކަހަލަ ގޮތަކަށެވެ.

"އަނެއްހެން ދުވަހަކުވެސް އަހަރެން ޓެކްސީކޮށެއް ނޫޅެން- އެހެންވެ ނޭނގެނީ،" އަހަރެން ހީލީމެވެ. ޒަމާންތަކަކަށް ފަހުގައި ހަގީގީ ހިނިތުންވުމެކެވެ.

"އަލަށްތަ ޓެކްސީކުރަން ތި ނިކުތީ؟" އޭނާގެ ސުވާލުގައި ވަނީ ހައިރާންކަމެވެ.

"އަސްލު ޓެކްސީއެއް ނުކުރަން. އަތް ނެގީމައި މަޑުކުރީ."

"އަސްތާ! އަހަރެން ހުރީ ޓެކްސީއަކަށް ގުޅައިގެން. އެކޮޅުން ބުނި ނޫކުލައިގެ ކާރެކޭ. ނަންބަރު ބަލައިލާކަށް ހަނދާނެއް ނުވި،" އޭނާ ގާތަށް ހިނިއައެވެ. "އެ ކާރަށް ވީ ކިހިނެތްބާ؟"

"ނޭނގެ. އެކަމަކު އޯކޭތާ. އަލަށް ކަމެއް ކޮށްލެވުނީނު،" އަހަރެން ވެސް ހީލީމެވެ.

"އެހެންވެ ބޭންކް އެކައުންޓު ނަންބަރު ކިޔައިދީ."

"އެންމެ ފުރަތަމަ ދަތުރު ވީމައި ހިލޭ ދަތުރަކަށް ހަދައިލަމާ!" އަހަރެން ބުނީމެވެ.

"ނޫނޭ. އެ ގޮތް ކަމަކު ނުދާނެ،" އޭނާ ބުންޏެވެ.

"އަސްލު އަހަރެންނަކަށް ނޭނގެ އަހަރެންގެ އެކައުންޓު ނަންބަރު ހިތުން ކިޔައިދޭކަށް،" އަހަރެން ތެދަށް ބުނީމެވެ.

"އެހެން ވެއްޖެއްޔާ ހިނގާ އޭޓީއެމްއެއް ކައިރިއަށް މަޑުކޮށްލަން."

އޭނާ ބުނިގޮތަށް ހުޅުމާލެއަށް އެރުމުގެ ކުރިން އޭޓީއެމްއެއްގެ ކައިރިއަށް މަޑުކުރީމެވެ. އޭނާ ލާރި ނަގައިގެން އައިސް އަލުން ފަހަތު ސީޓަށް އަރާ އަހަރެންނަށް ލާރި ދިއްކޮށްލިއެވެ. އަހަރެން އޭގައި ހިފީމެވެ.

"ދެންމެ ފަހަތު ސީޓުގައި އެ އޮތީ ކޮން ޓްރޮފީއެއްތަ؟" އޭނާ ސީޓުގައި ހަމަޖެހިލައިފައި ސުވާލުކުރިއެވެ.

"އެއީ އަހަރެން އުފެއްދި އެޕަކަށް ލިބުނު އެވޯޑެއް،" ކުރީގެ ބަރުހެލިކަން އަނެއްކާ ވެސް އިހުސާސްވާން ފެށިއެވެ.

"އޯ. ތީ "ފަންޑުކުރޭ" އެޕް ހެދި މީހާތަ؟" އޭނާގެ އަޑުގައި ވަނީ އާޝޯހުކަމެވެ.

"އާނ،" އަހަރެން ބޯޖަހައިލީމެވެ. އަނެއްކާ އަހަރެންގެ ހިތަށް ބަރުކަން އިހުސާސްކުރެވެން ފެށުނެވެ.

"މޭން. ތީ ހާދަ ގަދަ މީހެކޭ. އެއީ ވަރަށް ސަޅި އެޕެއް އިނގޭ. އަހަރުމެންގެ ރަށުގައި މިހާރު ކުރާ ހުރިހާ ކަމަކަށް ފަންޑު ހޯދަން މިހާރު ބޭނުންކުރަނީ އެ އެޕް،" އޭނާ ވަރަށް އުފަލުން ބުންޏެވެ.

"އެހެން ދޯ؟" އެހާ ބޮޑަށް އެކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެންގެ މާޔޫސްކަން އެނބުރި އަންނަން ފެށިއެވެ.

"މި ފަހުން އަހަރެންގެ ބައްޕަގެ ބޮޑު އޮޕަރޭޝަން ކުރަން ލާރި ހަމަކުރީވެސް އެ އެޕު ބޭނުންކޮށްގެން. އެއީ ވަރަށް ފައްކާ އެޕެއް،" އެމީހާއަށް އަހަރެންގެ އުފެއްދުމުން ފައިދާއެއް ކުރީތީ އަހަރެން އުފާކުރީމެވެ.

"ތިއީ ވަރަށް އުފާވެރި ވާހަކައެއް،" އަހަރެން ބޯޖަހައިލީމެވެ.

"އެއީ ކިހިނެތް މޭންއަށް އައި ހިޔާލެއްތަ؟" އޭނާ އަހައިލިއެވެ.

"އެއީ އަސްލު އަހަރެންގެ އަމިއްލަ ހިޔާލެއް ނޫން،" އެރޭ އެއީ ދުނިޔޭގައި އުޅެން އަހަރެން ނިންމައިފައިވާ އެންމެ ފަހު ރޭ ކަމުގައި ވުމުން އަހަރެން ބޭނުންވީ ނިމިގެން ދިޔުމުގެ ކުރިން ކޮންމެވެސް މީހެއް ކައިރީގައި އެ އެޕް ހަދަން މެދުވެރިވި ގޮތުގެ ވާހަކަ ކިޔައިދޭށެވެ.

"އެއީ އަހަރެންގެ ކުރީގެ ކްލާސްމޭޓެއް ދިން ހިޔާލެއް."

އައިހަމް އެ ހިޔާލު އަހަރެންނަށް ދިން ދުވަހުގެ ހަނދާން އާވެގެން އައެވެ. އައިހަމް އަކީ ސުކޫލުގެ އެންމެ ބަސްނާހައި ކަމަށް ޓީޗަރުން ފާހަގަކުރާ ކުއްޖާއެވެ. ފިލާވަޅު ގަޑީގައި ޓީޗަރުންނާ ޖެއްސުމަށް ސުވާލުކޮށް ކުލާސް ކަޓުވާލައިފައި އުޅޭ ކުއްޖެކެވެ. ނަމަވެސް އައިހަމް އަބަދުވެސް އަހަރެންނަށް ބެލިއެވެ. އަހަރެންގެ މާ ބައިވަރު ރަހުމަތްތެރިންނެއް ސުކޫލަކު ނޫޅެއެވެ. އަހަރެން ހުންނަލެއް މަޑުމައިތިރިކަމުން ބައެއް ކުދިންގެ ގޯނާގެ އަމާޒުފަތްގަނޑަކަށް ގިނަ ފަހަރު ވެއެވެ. އެކަހަލަ ކަމެއް ފެނިއްޖެއްޔާ އައިހަމް ވަގުތުން އެކަމެއް ހުއްޓުވައި އަހަރެންނަށް އުނދަގުލެއް ކުރާ ކުއްޖަކަށް އޭނާ "ހޭއަރުވާލާނަމޭ" ބުނާނެއެވެ. އަހަރެންގެ ހިމާޔަތުގައި އަބަދުވެސް ހުންނާނީ އޭނާއެވެ. އެއްވެސް މީހެއްގެ ބަސްނޭހިޔަސް އޭނާ އަހަރެން ބުނީމައި ކުލާހުގައި ޖަހާ ސަކަރާތް ވެސް ހުއްޓާނެއެވެ.

އެ ދުވަހަކީ މޮކް އެގްޒޭމްގެ ނަތީޖާ ލިބުނު ދުވަހެވެ. އަހަރެންގެ ނަތީޖާ އުންމީދު ކުރި ވަރަށް ވުރެން ދަށްވުމުން އަހަރެންނަށް އިނީ ގެޔަށް ދާން ނުކެރިފައެވެ. އަހަރެންގެ މައިންބަފައިންގެ މޫނުމަތިން ފެންނާނޭ ނުރުހުން ހިތަށް އަރައިފައެވެ. ސުކޫލުގެ، މީހުން ނުދާ ކަނެއްގައި އިށީނދެލައިގެން އިންދާ އައިހަމްގެ ލޮލުގައި އަހަރެން އަޅައިގަތެވެ. އޭނާ އައިސް އަހަރެން ކައިރީގައި ގާފޮޅުމަތީގައި އިށީނދެލިއެވެ. އޭނާގެ މުޅި ގައިން ދުވަނީ ސިނގިރޭޓުވަހެވެ.

"އެކޮއެ ކީއްވެފައި ތީނީ؟" އައިހަމް އާއި އަހަރެން އެއް އުމުރެއް ނަމަވެސް، އައިހަމް އަހަރެންނާ ވާހަކަ އަބަދުވެސް ވާހަކަ ދައްކާނީ "އެކޮއެ" ކިޔައިފައެވެ. އޭނާއަށް ވުރެން ތުއްތު ކުއްޖަކާ ވާހަކަ ދައްކާ ގޮތަށެވެ.

"މާކްސް ކަޑަ ވީމައި އިނީ،" އަހަރެން ތެދަށް ބުނީމެވެ.

"އަނހަ. ތި ކަޑައޭ. އަވަހަށް ދޭ ގެއަށް. ތި މާކްސުން އެކައްޗެއްވެސް ނޭނގޭނެ. އެކަމާ އެއްޗެކޭ މީހަކު ބުނެފިއްޔާ ބުނޭ ތީ އަހަރެން ބުންޏޭ މި ރާއްޖެ ސިއްސުވައިލާ ވަރުގެ މޮޅު މީހެކޭ ތީ އެނގޭ،" އޭނާ އަހަރެން ކޮނޑުގައި ޖަހައިލައިފައި ބުންޏެވެ. އަހަރެންނަށް ހެވުނެވެ. އޭނާ އަކީ އަބަދުވެސް އަހަރެންގެ މޮޅުކަން ފާހަގަކޮށް ތައުރީފުކުރާ މީހެކެވެ.

"އައިހަމްގެ މާކްސް ކިހިނެތް އުޅެނީ؟" އަހަރެން އަހައިލީމެވެ.

"ހަމަ ކުރިޔެކޭ ވެސް އެއްފަދައިން ހުސް ޔޫ،" އޭނާ ހިނިގަނޑެއް ޖަހައިލައިފައި ބުންޏެވެ. "އެކަމަކު އެކޮއެ މަޑުކުރޭ. ސުކޫލު ނިންމާފައި އަހަރުމެން ދެމީހުން ޖެހޭ އެކުގައި މަސައްކަތްކުރަން. އެބަޖެހޭ މި ރާއްޖެ މީހުން މުއްސަނދިން ކައިރިއަށް ސަލާން ނުޖާހާ ކަހަލަ ސިސްޓަމެއް އުފައްދަން. އެ ސިސްޓަމުގައި ރައްޔިތުން ބޭނުންވާ ކަންކަމަށް ފަންޑެއް ހަދައިގެން އެއަށް ލާރި ލާނީ ރައްޔިތުން. އެކަން ކުރުމާ އެކޮއެއާ ހަވާލު! ތީ އަހަރެންނަށް އެނގޭ އެންމެ ވިސްނުން ތޫނު މީހާ އެހެންވެ އެ ކަމާ ދޭތެރޭ ވިސްނާތި."

"އޭނާއަށް އެ ހިޔާލު އައީ އޭނާގެ ބައްޕަ ހޮސްޕިޓަލުގައި ބާއްވައިގެން އޮޕަރޭޝަނަށް ލާރި ހޯދަން މީހުން ކައިރިން ސަލާން ޖަހަން އުޅެން ޖެހުނު ގޮތުން،" ކާރުގެ ފަހަތު ސީޓުގައި އިން މީހާއަށް އަހަރެން އެ އެޕުގެ ހިޔާލު އައި ގޮތް ކިޔައިދިނީމެވެ.

އައިހަމުގެ ބައްޕަ ބަލި ހާލަތަށް ވެއްޓުނީ އަހަރުމެން ގްރޭޑް 10 ނިންމި ތަނާއެވެ. ގްރޭޑް 11 ފެށެން އުޅެނިކޮށް އޭނާގެ ބައްޕަ ފަރުވާ ނުލިބި މަރުވީއެވެ. އޭގެ ފަހުން އައިހަމްގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެނގިފައިވާ ގޮތުގައި އާއިލާގެ ހުރިހާ ކަމެއް ބެލުމާ ހަވާލުވާން ޖެހުނީ އައިހަމްއާއެވެ. އޭގެ ކުރީގައި އައިހަމްއަކީ އަހަރުމެންގެ ގްރޭޑުން އެންމެ ފާހަގަކޮށްލެވޭ ކުދިން ތެރެއިން އެކަކެވެ.

"ހާދަ ސަޅި ވިސްނުމެއްގެ ވެރިޔެކޭ ދޯ؟ ކާރު ފަހަތު ސީޓުގައި އިންމީހާ ބުންޏެވެ.

"އަސްލު ވަރަށް އާދަޔާ ހިލާފު ވިސްނުމެއްގެ ވެރިޔެއް،" އަހަރެން އެއްބަސްވީމެވެ.

"ކޮބާ މިހާރު އޭނަ؟" އޭނާ އަހައިލިއެވެ.

"ސުކޫލު ނިންމި ފަހުން ދެ ފަހަރަކު ދިމާވި. އަނެއްހެން އުޅޭ ތަނެއް ނޭނގެ."

އެންމެ ފަހު ފަހަރު އައިހަމް އާ މަގުމަތިން ދިމާވި ދުވަހު އޭނާއަށް އަހަރެން ފެނުމުން އުފަލުން އައިސް ސަލާން ކޮށްލައިފައި އޭނާއަށް ދަރިއެއް ލިބިގެން އުޅޭ ވާހަކަ ބުންޏެވެ. އަދި ރަނގަޅު ތަނެއްގައި ވަޒީފާގައި އުޅޭ ވާހަކަ ވެސް ބުންޏެވެ. ކައިރީގައި ތިބި މީހުންނަށް އަހަރެން ދައްކައިފައި އަހަރެންނަކީ އޭނާއަށް އެނގޭ އެންމެ މޮޅު މީހާއޭ ކިޔައިފައި އެވަގުތުކޮޅުވެސް ފޮނިކެނޑިއެވެ. އެ ދުވަހު އޭނާގެ ނަންބަރު ނަގައިފައި ގުޅާނަމޭ ބުނީމެވެ. ފަހުން ހަނދާން ނައްތައިލެވުނީއެވެ. ނަމަވެސް އެރޭ ގެއަށް އައިސް އަހަރެން އެ އެޕް ހަދަން ފެށީއެވެ. އައިހަމްއާ ދިމާވުމުން ފައިދާ ހުރި ކަމެއް ކުރުމަށް ހިތްވަރު ލިބުމުންނެވެ.

"އޭ އެއްކަލަ އިރު ދަތުރު ފެށީ ކޮންތާކުންތަ؟" ހުޅުމާލެއަށް އަރައިފައި އަހަރެން އަހައިލީމެވެ.

"ސަހަރާ ކައިރިން،" އޭނާ ބުންޏެވެ. "މި އުޅެނީ އަންހެނުންގެ ބޭބެ ނިޔާވެގެން."

"އޯ." ސަހަރާއާ ހަމައަށް އާދެވުނު އިރު އަހަރެން ކުރަމުން ދިޔަ ހިޔާލު ބަދަލުވެއްޖެއެވެ. އައިހަމްގެ މަތިން ހަނދާންވުމުން ދުނިޔެ ދޫކޮށްފައި ދާން ޖެހޭނީ އޭނާއާ ދިމާވެފައި އެޕު ހަދަން އަހަރެންނަށް ހިޔާލު ދިނީތީވެ ޝުކުރު އަދާކޮށް އޭގެ ފުރިހަމަ އަގު ދީފައޭ ހިތަށް އެރިއެވެ.

"ޝުކުރިއްޔާ އެނގޭ. މި ރައިޑުގެ ސަބަބުން އަހަރެން ހަނދާން ނެތިފައި ހުރި ވަރަށް ގިނަ ކަންކަން ހަނދާނަށް އައިސްފި. މާދަމާ އަހަރެން ޖެހޭނެ އަހަރެންނަށް ހިޔާލު ދިން މީހާއަށް ގުޅައިލަން،" އަހަރެން އޭނާ ކައިރީގައި ބުނީމެވެ.

"ދެން މި ތަނަށް އައިސްފައި ރަނގަޅެއްނު މައްޔިތާގެ މޫނު ބަލައިލައިފައި ދާން. ހިނަވަން ފަށާނެ އިރުކޮޅަކުން،" އޭނާ އެހެން ބުނުމުން އަހަރެންނަކަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. އެހެންވެ ކާރު ޕާކުކޮށްފައި އައިސް ސަހަރާއަށް ވަނީމެވެ. ސަހަރާއަށް ވަނުމާއެކު، ދުނިޔެ ދޫކޮށްފައި ދާން އަހަރެންގެ ސިކުނޑިއަށް އަންނަމުން ދިޔަ ހިޔާލުތައް މުޅިން ނެތިގެން ހިނގައްޖެއެވެ. އަހަރެންގެ ހަޔާތުގައި އެންމެ ހިތްވަރު ލައިދިން މީހާގެ މަތިން ހަނދާންވުމުން ކަންނޭނގެއެވެ. އޭނާއަށް އަހަރެން އަމިއްލައަށް މަރުވިކަން އެނގުމުން ވާނޭ ގޮތް ވިސްނިފައި ކަންނޭނގެއެވެ. އަހަރެންގެ މޫނު ބަލައިލަން ސަހަރާއަށް ވަންނަ ހިނދު އޭނާ ވާނޭ ދެރަ ވިސްނިފައި ވެސް ކަންނޭނގެއެވެ.

ސަހަރާތެރެއަށް ވަނތް އިރު ގޮނޑިތަކުގައި މީހުންތައް ތިއްބެވެ. އެތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. މާޔޫސްކަމެވެ. އަހަރެން އެ ތަނަށް ވަނތްތަނާ ކުޑަކުޑަ ކުއްޖަކު ދުވެފައި އައިސް އަހަރެންގެ ފައިގައި ބައްދާލިއެވެ. އަދި އަހަރެންގެ މޫނަށް ބަލައިލައިފައި އުރައިލާށޭ ބުނާ ކަހަލަ ގޮތަކަށް އަތްމައްޗަށް އުފުލައިލިއެވެ.

"އެކޮއެ މިކޮޅަށް އާދޭ،" އެ ކުއްޖާގެ ފަހަތުން، އޭނާގެ މަންމަހެން ހީވާ މީހަކު އައިސް އެ ކުއްޖާ އަހަރެންގެ ފައިން ނައްޓުވައިލިއެވެ. އެ އަންހެން މީހާ އެ ކުއްޖާއަށް އެ ގޮވައިލި ނަމުގެ ސަބަބުން އަހަރެންގެ ހިތަށް ލޮޅުން އެރިއެވެ. އެތަނަށް އަހަރެންނަށް އާދެވުނީ އެހެން ކަމެއް އޮވެގެންކަން ވިސްނުނެވެ. އަހަރެންނާ އެކުގައި ކާރުގައި އައި މީހާއާ ދިމާލަށް އެނބުރިލީމެވެ.

"އެއީ އަންހެނުންގެ ބޭބެގެ ދަރިފުޅު،" އޭނާއާ ދިމާލަށް އެނބުރުމުން އޭނާ ބުނެދިނެވެ.

"އަންހެނުންގެ ބޭބެއަށް ކިޔަނީ ކޮން ނަމެއްތަ؟" އަހަރެން އެހީމެވެ.

"އޭނާއަށް ކިޔަނީ އައިހަމް. އެއީ ދޯ ތި އެޕްގެ ހިޔާލު ދިން މީހަކީ؟" އޭނާ ފަނޑު ހިނިތުންވުމަކާއެކު ބުންޏެވެ. "ވަރަށް ގިނަ ދުވަހު ކެންސަރުގައި އުޅެފައި މިއަދު އެ ނިޔާވީ. އޭނާގެ ޓްރީޓްމަންޓް ހޯދަން އަހަރުމެން ބޭނުން ކުރީ "ފަންޑުކުރޭ" އެޕް. އެ ބޭނުން ކުރަމުން ވަރަށް ފޮނިކަނޑާނެ އެ އެޕް ހެދީ ދުނިޔޭގައި އައިމްބެ އަށް އެނގޭ އެންމެ މޮޅު މީހާއޭ ކިޔައިގެން. އޭނާއަކީ އައިމްބެގެ ވަރަށް ގާތް ރައްޓެއްސެކޭ ބުނާނެ އަބަދުވެސް. އެކަމަކު އަހަރެންނަށް ވެސް މިރޭ މި އެނގުނީ އޭނާ ދިން ހިޔާލެއްކަން."

އެ ހިނދު އަހަރެންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެރޭ ހުރިހާ ކަމެއް ވެގެން ދިޔައީ އަހަރެން އެ ތަނަށް އާދެވެން ވެގެންކަން އަހަރެންނަށް އެނގުނެވެ. އަހަރެންނަށް އެރޭ ލިބުނު ކާމިޔާބީގެ މުގުލުގައި ވަނީ ސަހަރާގެ އަށިމަތީގައި، ކަފުންކުރަން ތައްޔާރުވެފައި އޮތް މައްޔިތާއެވެ. އަހަރެންނަށް އެނގޭ އެންމެ މޮޅު މީހާއެވެ. ފެންކަޅިވެފައި އޭނާގެ ތުއްތު ދަރިފުޅާ ދިމާލަށް ބަލައިލީމެވެ. މާތްކަލާނގެ ކުޅަދުންވަންތަވެރިކަމެވެ. އެރޭ ފެށުނުއިރު އަހަރެން އުޅުނީ ދުނިޔޭގައި އުޅޭނޭ މަގުސަދެއް ނެތިގެން ދުނިޔޭން ދާން ބޭނުންވެގެންނެވެ. އެކަމަކު އެ ވަގުތު އަހަރެންގެ ކުރިމަތީގައި ދުވެދުވެފައި އުޅުނު އެކޮއެ ފެނިފައި އަހަރެންގެ މަގުސަދަކީ ކޮބައިކަން އެނގުނެވެ. އެއީ އައިހަމްގެ ދިރިއުޅުމުގެ އުންމީދުގެ ހުޅުކޮޅު ދިރުވައި އާލާކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *