Support Us

އައްސޭރިފަށުގައި ދިރިއުޅޭ މޯކެން ބާގާގެ މީހުންގެ ވާހަކަ

ތައިލެންޑުގެ ސުރިން ސަރަހައްދުގައި ވަޒަންވެރި ކުރުވައިފައިވާ މޯކެން ޓްރައިބު މީހުންނަކީ ޒަމާނުއްސުރެ ކަނޑުގެ އަހުލުވެރިންގެ ގޮތުގައި އުޅެމުން އައިސްފައިވާ ބަޔެކެވެ. އިހުގައި އެއްވެސް ބިމެއްގައި ވަޒަންވެރިނުވެ، އަމިއްލައަށް ފަރުމާކޮށްފައިވާ ހަނި ބޯޓުފަހަރުގައި މޫސުމީ ވަޔާ އެއްގޮތަށް ދަތުރުކޮށް، ފަރުތަކާއި މޫދުން މަހާއި ހުއިފިލަނޑާ ފަދަ ސޫފާސޫފި ހޯދައިގެން ދިރިއުޅުނު ބައެކެވެ.

ޒަމާންތަކެއް ވަންދެން މިފަދަ ދިރިއުޅުމެއް އުޅުމުގެ ސަބަބުން، މޯކެން މީހުންނަށް ވަނީ މޫދުގެ އަޑި ސާފުކޮށް ފެނުމުގެ ހާއްސަ ޤާބިލުކަމެއް ލިބިފައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އެހެން އިންސާނުންނާ އަޅައިބަލާއިރު މޯކެން މީހުންނަށް ކަނޑުގެ އަޑި މާ ސާފުކޮށް ފެނެއެވެ. އެމީހުންނަށް ވަނީ އެމީހުންގެ ލޮލުގެ ކަޅީގެ ބައްޓަން ބަދަލުކުރުމުގެ ހުނަރު ލިބިފައެވެ. އެހެންކަމުން، މޫދުން އެއްޗެހި ހޯދުމަށް ގޮގުލްސް ނުވަތަ ޑައިވިން މާސްކު އެ މީހުން ބޭނުންކުރާކަށް ނުޖެހެއެވެ. އެމީހުންނަށް ނޭވާނުލައި 20 ފޫޓު އަޑިއަށް ދެއެވެ. މަސްއައިން އެމީހުން އުޅޭ ސަރަހައްދަށް ގެނައުމަށް ފަނުން އޮއިވާލި ހަދައި އުޅުން ފަދަ ކަންކަން އެމީހުންގެ ހުނަރުތަކުގެ ތެރޭގައި ހިމެނެއެވެ.

މޯކެން މީހުން ކުރީގައި ބޮޑެތިވީ ކަނޑާއި އައްސޭރިފަށުގައެވެ. އޭރު އެމީހުން ހޭލާ ވަގުތުން ފެށިގެން މޫދަށް ފުންމައިލައި، ދުވާލުގެ ގިނަ ވަގުތު ހޭދަކުރަނީ މޫދުގައެވެ. މިކަމުގެ ސަބަބުން އެމީހުންގެ މޫދުގައި ފެނުމުގެ ގާބިލުކަން އިތުރުވެއެވެ. މިއީ ވާރުތަވާ ސިފައެއް ނޫނެވެ. ނަމަވެސް ގިނަ ދުވަހު މި ކަމުގައި އުޅުމުގެ ސަބަބުން އަށަގަންނަ ހުނަރެކެވެ. މިއަދު މި ހުނަރު އެމީހުންގެ ކިބައިން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް ދިރާސާކުރާ މީހުން ބުނެއެވެ.

އެންމެ އިހުއްސުރެ މޯކެން މީހުން ދިރިއުޅެމުން އައީ އެހެން މީހުންނާ ވަކިން، އަމިއްލަ އަމިއްލައަށެވެ. އެމީހުން މޫދުން ހޯދާ ތަކެތި އައްސޭރިފަށުގެ މާރުކޭޓުތަކުގައި ހަނޑޫ ފަދަ ތަކެއްޗާ ބަދަލުކޮށް، މޫސުމަށް ބަލައި އެކި ތަންތަނުގެ ގޮނޑުދޮށްތަކުގައި ވަގުތީ ބަނޑަހަގެ ޖަހައިގެން އުޅުނެވެ. އެމީހުން ނިސްބަތްވާ ވަކި ރަށެއް ނެތެވެ. އަދި އެއްވެސް މީހަކަށް ނުވަތަ ރަސްމީ ފަރާތަކަށް އަސާސީ ކަންކަމުގައި ބަރޯސާވާކަށް ނުޖެހެއެވެ. އެމީހުން ފައިސާގެ ބޭނުމެއްވެސް ނުކުރެއެވެ. ނަމަވެސް މި ކަންކަން ބަދަލުވީ 2004 ވަނަ އަހަރު އައި ސުނާމީއާ ގުޅިގެންނެވެ.

ސުނާމީގެ ހާދިސާ އައި ދުވަހު ހެނދުނު، މޯކެން ޓްރައިބުގެ މީހުންނަށް އެމީހުން ބަނޑަހަގެ ޖަހައިގެން ތިބި އައްސޭރިފަށަށް ވެރިވި އާދަޔާ ހިލާފު ހަމަހިމޭންކަމުން ހިތްހަމަނުޖެހުން އިހުސާސްކުރެވުނެވެ. އެ ސަރަހައްދުގައި އާންމުކޮށް އިވޭ ދޫނިތަކުގެ އަޑު ކުއްލިއަކަށް ހުއްޓުނެވެ. ކަކުނިތައް ގޮނޑުދޮށުން ދުރަށް ގޮސް ގަސްތަކަށް އަރާތަން ފެނުމުން ކަމެއް ގޯސްވަމުންދާކަން އެނގުނެވެ. އެމީހުންގެ އެންމެ އިސް މީހާއަށް ކަނޑުގެ ލޮނުގަނޑު ހިކޭތަން ފެނުމާއެކު "ލަބޫން" އޭ ގޮވާލުމަށްފަހު ހަޅޭއްލަވައިގަތެވެ. އަދި ޓްރައިބުގެ އެންމެން އެއްގަމާ ދިމާލަށް ދުވެފައި ދިޔައެވެ.

ގަރުނުތަކެއް ވަންދެން، މޯކެން ޓްރައިބުގެ މީހުން އެއް ޖީލުން އަނެއް ޖީލަށް ކިޔައިދެމުން އައި "ލަބޫން" ނަމަކަށް ކިޔާ ބޮޑު ރާޅެއްގެ ވާހަކައެއް އޮވެއެވެ. މި ރާޅަކީ، އެމީހުންނަށް ކިޔައިދީފައިވާ ގޮތުގައި ކަލާނގެ ދުނިޔެ އެއްކޮށް ސާފުކޮށްލައި އަލުން ފެށުމަށް ފޮނުއްވާ ރާޅެކެވެ. އެމީހުންގެ ކާބަފައިން ދަސްކޮށްދީފައިވަނީ ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ފަހަތަށް ދަމައިލައިފިނަމަ، އެއްގަމަށް ގޮސް އެންމެ އުސް ފަރުބަދައަކަށް އަރަން ނުވަތަ މާ ސިންގާ ކަނޑަށް ނުކުންނާށެވެ. އަދި ކަނޑާއި އައްސޭރިފަށާ ދެމެދުގައި ނުތިބުމަށެވެ.

އެ ދުވަހު އެ ޓްރައިބުގެ އެންމެން ހުރިހާ އެއްޗެއް ދޫކޮށްލާފައި ދުވެފައި ގޮސް އެ ސަރަހައްދުގައި ފައްޅިއެއް އަޅައިފައިވާ ފަރުބަދައަކަށް އެރިއެވެ. ނަތީޖާއަކަށްވީ އެ ސަރަހައްދުން އެތައް ހާސް މީހުން ސުނާމީގައި މަރުވި ނަމަވެސް، މޯކެން ޓްރައިބުގެ ހުރިހާ މެންބަރުން ވެސް ސަލާމަތްވުމެވެ.

ނަމަވެސް، ސުނާމީގެ ސަބަބުން މޯކެން ޓްރައިބުގެ މީހުންގެ ދިރިއުޅުމުގައި އާ ބާބެއް ފެށުނެވެ. ސުނާމީއަށްފަހު ރައްޔިތުންގެ ކަންކަން ބެލެހެއްޓުމަށް އައި ސަރުކާރުގެ އޮފިޝަލުންނާއި އިންސާނީ އެހީދޭ ޖަމާއަތްތަކުގެ މީހުން އެމީހުންގެ ރައްކާތެރިކަމަށްޓަކައި މޫދު ކައިރިއަށް ނުދިއުމަށް އެދުނެވެ. މޯކެން މީހުންނަކީ ދެކޮޅުވެރިވާ ބަޔަކަށް ނުވާތީ، އެމީހުންގެ ބަހަށް ކިޔަމަންވެ، ކަންކަން ރަނގަޅުވަންދެން ރަށުތެރޭގައި މަޑުކުރީ އެމީހުންގެ ދިރިއުޅުމަށް ރުޖޫއަވެވޭނޭކަމުގެ އުންމީދުގައެވެ. ނަމަވެސް، އެމީހުންނަށް ދެން ޖެހުނީ އެތަނުގައި ތިބެން އެހީ ބޭނުންވާނަމަ އެ ރަށުގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީވާށެވެ. މިކަމުގައި އެމީހުންނަށް އެތައް އުނދަގުލަކާއި ދަތިތަކެއް ކުރިމަތިވިއެވެ.

މަޑުމަޑުން އެމީހުންނަށް ކުރިމަތިވާ ފިއްތުންތައް އިތުރުވަމުން ދިޔައެވެ. މިހާރު އެރަށުގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީވުމާއެކު، ކުރިން އުޅުނު ގޮތަށް އޮޔާއިވަޔާއެކު އެކި ރަށްރަށަށް ގޮސް ވަގުތީގޮތުން ވަޒަންވެރިވުމުގެ ހުއްދަ އެމީހުންނަކަށް ނެތެވެ. އެމީހުންގެ އާދަކާދަތައް ދޫކޮށްލައި، ވަޒަންވެރިވި ރަށުގެ މީހުންގެ އާދަތައް ބަލައިގަންނަން މަޖުބޫރުވިއެވެ. އެ ރަށުގައި ދިރިއުޅެން ބޭނުންނަމަ، އެމީހުންގެ ދަރިން ރަށުގެ ސްކޫލުތަކަށް ފޮނުވަން ޖެހުނެވެ. މި ސްކޫލުތަކުގައި އެކުދިން ބާކީކޮށް އެކަހެރިކުރެވުނެވެ. ކުރިން އެމީހުން ބޯޓު ބަނދެ ބަނޑަހަގެ ޖެހުމަށް އެއްވެސް މީހެއްގެ ހުއްދައެއް ހޯދާކަށް ނުޖެހުނު ނަމަވެސް، މިހާރު އެ ކަންކަމަށްވެސް ހުއްދަ ހޯދަން ޖެހެއެވެ.

އެތަނުން މަދު އާއިލާތަކެއް ހިތްވަރުކޮށް އަލުން ކުރީގެ ދިރިއުޅުން އުޅެންދިޔަ ނަމަވެސް، އަނެއްކާވެސް އެންމެން ތިބި ތަނަށް އަނބުރާ އައެވެ. އެއްވެސް މީހަކަށް ބަރޯސާނުވެ އުޅުނު ނަމަވެސް، އަމިއްލަ މީހުންނަށް ބަރޯސާނުވެ އުޅެން މޯކެން ޓްރައިބަށް ވަނީ ދަސްވެފައެއް ނޫނެވެ.

މޯކެން ޓްރައިބު މީހުންނަށް ތައިލެންޑު ސަރުކާރުން މިހާރު ވަނީ ސުރިން ސަރަހައްދުގެ ގޮނޑުދޮށުގައި ޖިފުޓިތަކެއް އަޅައިދީފައެވެ. މިހާރު ސަރުކާރުން އެމީހުން ބޭނުންކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައި، ޓޫރިސްޓުންގެ ސަމާލުކަން ހޯދުމަށެވެ. އެމީހުންނަކީ ކަނޑުގެ އަހުލުވެރިންކަމަށް ބުނެ، އެމީހުންނާއެކު ފޮޓޯ ނަގައި، އެމީހުންގެ ހުނަރުތަކުން ޓޫރިސްޓުން އަޖައިބުކުރުވުމަށެވެ. މިއަދު އެމީހުންގެ އާދަކާދައިގެ ހުރިހާ ކަމެއް ކަނޑާ ގުޅިފައި ނެތް ނަމަވެސް، އެމީހުންނަށް ލިބިފައިވާ ކަނޑާއި މޫދުގެ އިލްމުގެ ސަބަބުން ޓޫރިސްޓުންނާއި ދިރާސާކުރާ މީހުންވެސް ތިބެނީ އަޖައިބުވެފައެވެ.

އެމީހުންގެ އާ ޖީލު ބޮޑުވަމުން އަންނަނީ އެ ރަށުގެ އެހެން މީހުންގެ ދަރިންނާ އެއްފަދަ މާހައުލެއްގައި ޝާމިލުވެގެންނެވެ. އެ ކުދިންގެ ދުވަހުގެ ބޮޑުބައި ހޭދަކުރަނީ ކުރީގައި ގޮތަށް އިރުއަރާ ގޮތަށް މޫދުގައެއް ނޫނެވެ. ކުރީގެ ޖީލުތައް ގޮތަށް އޮޔާއިވައިގެ ސަބަބުން މާހައުލަށް އަންނަ ބަދަލުތައް ދަސްކުރާކަށް އެމީހުންނަކަށް ފުރުސަތެއް ނެތެވެ. އަދި އެހެން ތަންތަނުގައި ބަނޑަހަ ޖަހައިގެން ދިރިއުޅުމުގެ ހުނަރު އެމީހުންގެ ކިބަޔަކު އަށައެއް ނުގެންނެވޭނެއެވެ.

ނަމަވެސް، މިއަދުވެސް ބޮޑެތި މީހުން ކުޑަކުދިންނަށް ލަކުޑިން ދޯނި ހަދަން ދަސްކޮށްދެއެވެ. ލަބޫންގެ ވާހަކަ ކިޔައިދެއެވެ. މޫދުގެ އަހުލުވެރިއަކަށް އެނގެން ޖެހޭ ހުރިހާ ކަމެއް އެމީހުންނަށް ފޯރުކޮށްދެވޭތޯ މަސައްކަތްކުރެއެވެ. އަދިވެސް އެމީހުންގެ އުންމީދަކީ ކޮންމެވެސް އެއް ދުވަހަކުން އެމީހުންގެ ކުރީގެ ދިރިއުޅުމަށް އަނބުރާ ދިޔުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މި ހާދިސާގެ ވާހަކަ ކިޔާލުމުން އަޅުގަޑު ހަނދާން ވަނީ ސުނާމީގެ ހާދިސާއަށްފަހު ތައިލެންޑަށް ކުރި ދަތުރެއްގައި، ބައްދަލުވުމެއްގެ ތެރެއިން ދިމާވި މަހިޑޯލް ޔުނިވަރސިޓީގެ ޑޮކްޓަރުންތަކެއް، ހަމަ މި އަވަށުގެ މީހުން މިގޮތަށް އަމަލުކޮށްގެން ސުނާމީއިން ސަލާމަތްވި ވާހަކަ ކިޔާދިން ހަނދާނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *