ޓެރެސްގައި ހުރެފައި އަހަރެން ތިރިއަށް ފޭބިއިރު ހަވަނައަށް އަރައި ބުރީގައި ހުރި ސިޑިމަތީގައި 15 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކު އަޑުން އަޑު ނަގައި ރޮނީއެވެ.
ހުރިހާ އެންމެންގެ އޮފީސް ގަޑި ވީމާ ކަންނޭނގެއެވެ. އެ ކުއްޖާއަށް އޭނާގެ ޕްރައިވެސީ އާއި އެކަނިވެރިކަމުގައި ހިތަކަށް ފުރެންދެން ރޯން ފުރުސަތު ލިބުނީއެވެ.
ނަމަވެސް އެ ކުއްޖާ ހިތްފުރޭ ވަރަށް ރުއިން، އަހަރެންގެ ހިތަށް ވީ ބޮޑު ތަދަކަށެވެ.
އެ އުމުރުގެ ފިރިހެން ކުދިން ރޮއި ހެއްޔެވެ؟ މިއީ އަހަރެންގެ ހިތަށް އެރި އެންމެ ފުރަތަމަ އަދި އެންމެ އުނދަގޫ ސުވާލެވެ.
އަހަރެންގެ ހިތަށް އެރީ އޭނާގެ އާއިލާގެ ތެރޭގައި އޭނާއަށް ކެތް ނުކޮށްލެވޭ ވަރުގެ މައްސަލައެއް އުޅެނީ ކަމެވެ. ފަހަރެއްގައި މައިންބަފައިން އޭނާއަށް "ކަޑަކޮށް" ހިތަނީ ކަންނޭނގެއޭ އަހަރެންގެ ހިތަށް އެރިއެވެ.
އޭނާ އެ ދުވަހު ރުއީ ހަމަ އެންމެ ކަމެއް ވެގެންކަން އަހަރެންނަށް އެނގުނީ އޭގެ އަހަރުތަކެއް ފަހުންނެވެ. އޭނާގެ އުމުރުން 19 އަހަރަށް އެޅިފައިވަނިކޮށެވެ. އޭނާގެ "ޓީން އޭޖް" ނުވަތަ ފުރާއުމުރުގެ ފަހު އަހަރަށް އެޅުނުތަނާއެވެ.
ނަމަވެސް އެ އަހަރުތައް ފަހުން އޭނާއާ އަހަރެން ދިމާވީ މާލޭގެ އެ އިމާރާތަކުން ނޫނެވެ. ހުޅުމާލޭގެ އާދައިގެ އެޕާޓްމަންޓަކުންނެވެ.
މާލޭގައި ހުރި އެ އިމާރާތަށް އަހަރެން އާއްމު ގޮތެއްގައި އެއިރު ދިޔައީ ހަގީގަތުގައި އަހަރެން މިހާރު ކުރާހިތްނުވާ، ނަމަވެސް ކެނޑިނޭޅި 10 އަހަރު ދުވަހުކުރި އަމަލެއް ކުރުމަށެވެ. އާނއެކެވެ. އެއިރު އަންހެނުން ސިނގިރެޓް ބުއިން ވެފައިވަނީ އެ ކަނބަލުންގެ އިހްތިރާމް ގެއްލޭ ކަމަކަށެވެ. އެ ޒުވާނާއާ ދިމާވި އެ އިމާރާތަކީ އަހަރެން ސިނގިރެޓް ބޯން އަރާ ޓެރެސްއެވެ. މެންދުރަކީ އޮފީސް ގަޑިއަށް ވުމުން މީހަކު ނޭރުމުގެ އިތުރުން ހިތް ފުރެންދެން ތާޒާ ވައި ލިބޭނެތީއެވެ.
އެއީ އަހަރެންގެ މަންމަ ރިޓަޔާ ނުކުރާއިރު މަންމަގެ އޮފީސް މީހެއްގެ ގެއެވެ. އަދި އެއިރު މާލޭގައި މާ ގިނަ އުސް އިމާރާތްތަކެއް ނެތުމުން، މާލޭގެ މެދުގައި ހުރި އިމާރާތަކަށް ވާތީ ވެސް، ސާފު ތާޒާ ވައި ލިބުމުގެ އިތުރުން، އިރުއޮއްސޭ ހިތްގައިމު މަންޒަރު ފެންނާތީ، އަދި އަހަރެން އުޅެނީ އެ ހިސާބުގައި ކަމަށްވާތީ އެ އިމާރާތަށް ގިނަގިނައިން ދަނީއެވެ.
ކޮންމެއަކަސް ސިނގިރެޓުގެ ރަނގަޅު ނުރަނގަޅު ނުވަތަ ސިއްހީ އަދި ގައުމީ ޒުވާބުގައި އަހަރެން ބައިވެރިވާކަށް ބޭނުމެއް ނޫނެވެ. އަހަރެންނަށް އެނގޭހާ ވެސް ކަމަކީ އަހަރެން އެ އާދަ ދޫކޮށްލީ އެ ދުންތައް އަހަރެންގެ ހަށިގަނޑުގެ ތެރެއަށް ދިއުމުން މެއިން ދިލަނަގައިތީކަމެވެ.
އެ ޒުވާނާ ރޯ ތަން ފެނިފައި އަހަރެން ހަދާނެ ގޮތެއް އަސްލު އަހަރެންނަށް ނުވެސް ވިސްނުނެވެ. ސަބަބަކީ "ބޯއިސް ޑޯންޓް ކްރައި"އޭ ބައެއް މީހުން ބުނާތީއެވެ. ލަފުޒީ މާނައަކީ "ފިރިހެން ކުދިން ނުރޯނެ"އެވެ.
އެހެންކަމުން އަހަރެން ކުރިހާ ވެސް ކަމަކީ، އިންސާނާގެ ހަށިގަނޑަށް ނަފުސާނީ، ޖިސްމާނީ އަދި ޖަޒުބާތީ ގޮތުން ވެސް އަރާމުވާ ކަމަށް ބުނެވޭ ކަމެއް ކޮށްލީއެވެ. އެއީ އެއްޗެއް ކައި އިރު އަހަރެން ކޮށި އަރާއިރު އަހަރެންގެ، މިހާރު ކެންސަރު ބަލީގައި ނިޔާވެފައިވާ ބޮޑު ދައިތައަކު، އަހަރެންގެ ކޮށިއެރުން ރަނގަޅު ކުރުމަށް ކުރާ ކަމެކެވެ: އަހަރެންގެ ބުރަކަށީގައި ފިރުމައިލުމެވެ.
ނަމަވެސް އެ ދުވަހު އަހަރެން އެ ޒުވާނާގެ ބުރަކަށި މަތީގަތް އަތް ބާއްވައިލުމާއެކު އެ ކުއްޖާގެ ގިސްލުން މެދުކަނޑައިލައިފައި ސިޑިން ތިރިއަށް ބާރަށް ފައިބައި ދުވެ ފިލިއެވެ.
އަހަރެން ކުޑަކޮށް ހިތްހަމަ ވެސް ނުޖެހުނެވެ. އެއީ އަހަރެންގެ ފަރާތުން ހިތްހެޔޮކަމެއް ފެނުމުން ވެސް އެ ކުއްޖާ އެ ވަރު ވެސް ނުދަނެ، އެނބުރި ފަހަތަށް ބަލައިވެސް ނުލައި، ޝުކުރުގެ ކަންފުޅެއް ވެސް ނެތި އެ ތަނުން ރައްކާވީމައެވެ.
ނަމަވެސް ފަހުން އަހަރެންގެ ހިތަށް ހަމްދަރުދީ ވަނެވެ. އަދި އެ ވަރުގެ ނޭދެވޭ ފުން އަސަރެއް ކޮށްފައި ހުރި، އަދި އެހާ ޅަ ކުއްޖަކަށް، އަހަރެން ކަހަލަ އޭނާ ނުދަންނަ މީހަކާ ވާހަކަ ދައްކައި، ޖަޒުބާތުތައް ހިއްސައިކުރުމަށް ނުކުޅެދޭނެއޭ ނުވަތަ ފުރާފުރިހަމަ ނުވާނެއޭ ނުވަތަ ލަދު ގަންނާނެއޭ ވެސް އަހަރެންގެ ހިތަށް އެރިއެވެ.
އެ ޒުވާނާގެ 19 އަހަރުގެ އުފަން ދުވަސް ކައިރިވެފައިވަނިކޮށް އަހަރެންނަށް އޭނާއާ ދިމާވީ ޝްވެކް ސިނަމާގައި ފިލްމެއް ބަލައި ނިންމައިލައިފައި އަހަރެންގެ ސްކޫލް ދައުރުގެ ކްލާސްމޭޓެއްގެ އެޕާޓްމަންޓަށް ޖައްސައިލިތަނާއެވެ.
އެ ޒުވާނާ އިނީ ސިޓިން ރޫމްގެ ތަންކޮޅެއް އަނދިރި ހިސާބެއްގައެވެ. ސޯފާގައެވެ. އޭނާ އިނީ އަހަރެންގެ ކްލާސްމޭޓްގެ 17 އަހަރުވީ އަންހެން ދަރިފުޅާ އޮލަ ވާހަކައިގައެވެ.
ނަމަވެސް އަހަރެންނަށް ފާހަގަ ކުރެވުނީ އަހަރެން ވަން ފަހުން އެ ޒުވާނާ ކަޅިވެސް ޖަހައިނުލައި ބަލަމުން ދިޔައީ އަހަރެންގެ ދެ ލޮލަށް ކަމެވެ. ލަދުވެތި ރަކި ގޮތެއް ވެސް ނެތެވެ. އިންނަނީ އަބަދު އަހަރެންނާ ދިމާއަށް ހެވިފައެވެ.
އެ ގެއިން ފުރަތަމަ އެ ރޭ ނުކުތީ އޭނާއެވެ. އެއީ ވެސް އާދަޔާ ހިލާފު ކަމެއްކޮށްފައެވެ. އަހަރެންގެ ތަންކޮޅެއް ޒުވާން ފިރިހެން ރައްޓެއްސަކާ އޭނާގެ ލޭގެ ގުޅުމެއް އޮންނަ ކަމަށް ބުނެފައި ތިން މީހުން އެކީގައި ކޮފީއަށް ދާން ކިޔައިފައި ނަމަވެސް އޭގެ ކުރިން އަހަރެންނާއެކު ވަކި ކޮފީއަކަށް ދާން އޭނާ ބޭނުން ކަމަށް ބުނެފައެވެ.
އަހަރެން މާލެ ދާން އެ ގެއިން ނުކުތް އިރު އެ ޒުވާނާ އެ ގޭގެ ބޭރުގައި ސައިކަލުގައި އައިސް މަޑުކޮށްލަނީއެވެ. ނަމަވެސް އަހަރެންނަށް ލިފްޓެއް ދޭކަށް ނޫނެވެ. ހަމައެކަނި ދެ މީހުން ދެ މީހުންގެ ފޯން ނަންބަރު ހިއްސާކޮށްލައިށެވެ.
ލޯބީގެ ގޮތުން އަހަރެމެން ދެ މީހުން ގުޅުނީ ތިން ވަނަ ބައްދަލުވުމުންނެވެ.
އެއީ ވެސް މަޖާ ގޮތަކަށް ދިމާވި ރެއެކެވެ.
އަހަރެން އިނީ ޝްވެކް ސިނަމާގައި ހަމަ ކުރީ ރޭ ވެސް ބެލި ފިލްމް ތަކުރާރުކޮށް ބަލައިށެވެ. އޭނާއަށް މި ކަން އެނގިގެން، ކުޑަ މަކަރެއް ހަދައިލައިފައި އަހަރެން ސިނަމާއިން ނެރެ، މުޅި ރޭގައި އެ ހިސާބުގަނޑުގައި އެނބުރުނީއެވެ. އަދި މާލެ ދާން އުޅެން ފެށުމުން، ލާނެތް ގޮތަކަށް ބުނީ، އަހަރެން ބަލައިފައި އޮތް ފިލްމަކަށް ވާތީ، އެ ރޭ އަހަރެންނަށް އެ ފިލްމް "ކެޓިއަސް" އަހަރެން އޯކޭ ދޯއެވެ.
އޭނާ އަހަރެންގެ ލޮލަށް ބަލައިލައި ފުން ގޮތަކުންނާއި އޭނާގެ ހިނިތުންވުމުގެ ރަހްމަތްތެރި ގޮތާއި އަދި އޭނާގެ އަތުގައި ހިފައިގެން އެންމެންގެ ތެރޭގައި މަގުމަތީގަ އާއި ޕާކްތަކުގައި ހިނގާއިރު ވެސް އޭނާއަށް އެ ކަން "ބޮޑު އޯކޭ"ވީމާ އަހަރެން ހުރީ ކޮންމެ ފިލްމެއް ވެސް ނުބަލައި އޭނާއަށްޓަކައި ކަޓުވާލާ ގޮތަށެވެ.
ފަހުން ނިންމީ "އެވަޓާ"ގެ ތިން ވަނަ ބައި އަންނަ ޑިސެމްބަރު މަހު 19 ގައި މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ތްރީޑީކޮށް އެޅުވިޔަސް، އައިމެކްސްގެ ބޮޑް ސްކްރީންގެ ތަޖުރިބާ ނުކޮށް، ޝްވެކުން އެ ކަން ފުއްދައިލައި، ބާކީ ކުރެވޭނެ ހާސްހާސް ރުފިޔާ، ހުޅުމާލެއަށް އަހަރެން އައިސްގޮސް އުޅެން ބަސް ޓިކެޓަށާއި ފަހެއް ނުވަތަ 10ރ.ގެ ހަކުރު ނާޅާ ނެސްކެފޭ ކަޅު ކޮފީ އޭނާއާއެކު ބޯށެވެ.
ވިސްނައިލައިށެވެ. އެއީ ހުޅުމާލެއަށް ކިތައް ބަސް ދަތުރު ހެއްޔެވެ؟ އެއީ އޭނާއާއެކު ކިތައް ސަތޭކަ ކޮފީ ހެއްޔެވެ؟ ހަގީގީ ލޯތްބަކީ ކޮން އެއްޗެއްކަން އަހަރެންނަށް ދޭހަވާނީ މި ކަހަލަ ގޮތަކަށް ބާވައެވެ؟
ކަން ދިމާކުރި ގޮތުން އޭނާއަށް އެންމެ ކަމުދަނީ ދަ ނޯމަން ކިޔާ ކާ ތަނެއްގައި ހުންނަ ސްޕެގެޓީ ކަރްބޮނާރާ ކަމަށް އޭނާ ބުންޏެވެ. އަދި އިއްތިފާގަކުން އެއީ އަހަރެންނަށް ވެސް އެންމެ ކަމުދާ ކެއުމެވެ. ނަމަވެސް މާލޭގެ މާވެޔޮ މަގުގައި ކުރިން ހުރި ޖުވޭސް ކެފޭ ބަންދުކުރި ފަހުން އެ މީރު ސްޕެގެޓީ ކަރްބޮނާރާގެ ރަހަ އަހަރެންނަށް އެހެން ތާކުން ނުލިބެއެވެ. ނަމަވެސް އެ ރޭ ދަ ނޯމަންގައި އެ ޒުވާނާ އަހަރެންނަށް ދައްކައިލީ ހަމަ އެ ރަހައެވެ.
ޝްވެކުން އަހަރެން ނެރެލި ފަދައިން އެ ޒުވާނާގެ "ނޯޓީ"ކަން ނޯމަނުން ވެސް އަހަރެންނަށް ދައްކައިލިއެވެ. އެއީ އޭނާ ދިން ކެއުމެއްކަމަށް ހެދިޔަސް، ކެފޭގެ ޕީ.އޯ.އެސް ނުވަތަ ޕޮއިންޓް އޮފް ސޭލްސްގައި މައްސަލަ ޖެހުމުން 300 އެއްހާ ރުފިޔާ ދައްކަން ޖެހުނީ ވެސް އަހަރެންނަށެވެ!
ނަމަވެސް އަހަރެން އެ ކަން ވެސް ކުރީ އުފަލުންނެވެ. އޭނާގެ ފަރާތުން އިތުރު އެއްޗެއް ނުވަތަ ކަމެއް ބޭނުމެއް ނޫނެވެ. އޭނާ އުފާވެފައި ހުރި ގޮތް ފެނިފައި، އަދި އަހަރެންނަށް ވެސް އަހަރުތަކެއް ފަހުން މީހެއްގެ ފަރާތުން ނަފުސާނީ އުފަލެއް ލިބުނީތީ އަހަރެން ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ލޯބީގެ މާނަ މި ކަމުން ވެސް ނެގިދާނެ ހެއްޔެވެ؟
ތިން މަސް ދުވަސްވީއިރު އަހަރެމެން ދެ މީހުން ތިބީ "ސްޕިރިޗުއަލް" ނުވަތަ ރޫހާނީ އަދި ރޫހީ ގޮތުން ކައިވެނިކޮށްގެންނެވެ. ރަހްމަތްތެރި ފިރިހެނަކު މި ކަމަށް ޖޯކު ވެސް ޖެހިއެވެ. ސަބަބަކީ އަހަރެން ކުރި ކަމަކުންނެވެ. އަހަރެން ވަރަށް ކުރީއްސުރެ ވެސް ގެންގުޅުނު ދެ އަނގޮޓި، ހިލްޓަން ރަންގަލި ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓްގައި މެންދުރުގެ ނާސްތާކޮށްލުމަށް ލިބުނު ނާދިރު ފުރުސަތުގައި އަހަރެންނަށް އެ ރިސޯޓުން އެ ރެސްޓޯރަންޓަށް ދާ މީހުންނަށް އާދައިގެ މަތިން ދޭ އިތާއެއް ލީ ފޮއްޓަކަށް، ދެ އަނގޮޓި ލީއެވެ. ހިތުގެ ހަދިޔާއެއްގެ ގޮތަށް އެ ދެ އަނގޮޓި އޭނާއަށް ދިނީއެވެ.
އަދި ހިތާއި ހިތުން، އޭނާއަށް އަނގަބަހުން ނުބުނެ، ނަމަވެސް އަހަރެންގެ ސިކުނޑިން އޭނާގެ ސިކުނޑިއަށް މެސެޖް ހިނގައްޖެ ކަމަށް ހިތަށް އަރުވައިލައިފައި ހިތާއި ސިކުނޑިއަށް މެސެޖެއް އަރުވައިލީއެވެ. އެއީ: "އަހަރެމެން ދެ މީހުން ދެން މި ކައިވެނިކުރި ފަދަ"އެވެ.
އެ ދެ އަނގޮޓި ލީ އިތާ ފޮށި އަހަރެން ދިނީ އޭނާގެ 19 އުފަން ދުވަހުއެވެ.
އޭނާ ބުނީ އޭނާގެ އާއިލާ އާއި ރަހްމަތްތެރިން ފަގީރުކަމުން، އެހާތަނަށް ދުވަހަކު ވެސް އޭނާއަށް އެއްވެސް ސިފައެއްގައި ހަދިޔާއެއް ނުލިބޭ ކަމަށެވެ. އަދި މިހެންވެ، އޭނާއަށް ހަދިޔާއެއް ދިން ފުރަތަމަ މީހަކީ އަހަރެން ކަމަށެވެ. އުމުރުން 19 އަހަރު ވީއިރު ހަދިޔާއެއް، އަދި ކިއެއްތަ ކުޅޭ އެއްޗެއް ވެސް އޭނާއަށް ނުލިބޭކަން އެނގުމުން، އަހަރެން އެ ދުވަހު ގެއަށް އައިސްފައި، ކޮޓަރި ތެރޭގައި، އަޑުން އަޑު ނަގައި ރުއީމެވެ. ގިސްލަގިސްލައިފައެވެ. އެ ޒުވާނާގެ އެކަނިވެރިކަން، އެންމެ ފަހުން، ފުންކޮށް، ފަހުމްވީމައެވެ.
އެ އިތާ ފޮއްޓާއި އެ ދެ އަނގޮޓީގެ ވާހަކަ އަދިއަދަށްދާންދެން ވެސް އޭނާ އަހަރެންގެ ގާތުގައި ނުދައްކައެވެ. ހަމައެކަނި ބުނިހާ ވެސް އެއްޗަކީ އޭނާއަށް ކަމެއް ކޮށްދޭނެ އެހެން މީހަކު ނެތް ކަމަށެވެ.
އޭނާއަށް 19 އަހަރު ވީ ދުވަހުގެ 10 ދުވަސް ފަހުން އަހަރެން އިއްދައިން ކެނޑުނެވެ. ނަމަވެސް، އޭނާ އެހެން މީހަކާ ގުޅޭކަށް ބޭނުންނުވާ ކަމަށް ބުންޏެވެ.
އޭނާ ބުނީ އޭނާ ގެންގުޅޭ މުޅިން ކަޅު ހަތަރު ބުޅަލާއި އަހަރެން ގަސްގަހާގެއްސާއި މަސްމަހާމެއްސާމެދު އަޅައިލައި އަދި މަގުމަތީގައި އުޅޭ ބުޅާތަކަށް ބައެއް ފަހަރު ފެން އަދި ބައެއް ފަހަރު ކާން ދޭތީ އެ ކަން އޭނާއަށް ފުދޭ ކަމަށެވެ.
އަދި މަގުމަތީގައި އަމިއްލައަށް ހެދޭ ވިނައަށް އަހަރެންގެ ހާއްސަ ލޯތްބެއް އޮންނާތީ އެ ކަން ވެސް ވަރަށް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.
ދެން، ދުވަހަކު ދަރިއެއް ނުލިބުނު ނަމަވެސް، އަހަރެންނާ ދުވަހަކު ވެސް ވަކިނުވާނެ ކަމަށް ބުންޏެވެ. އަދި އޭނާ އެހެން އަންހެނަކާ ވެސް ނުގުޅޭނެ ކަމަށެވެ.
"އަހަރެންނަކީ ހަނދާން ހުންނަން ފެށިއިރުއްސުރެ ވެސް އެކަނިވެރިއަކީމެވެ. އެއީ ކިހާ ވޭން އަޅައި ކަމެއްކަން ކިޔައިދޭކަށް އަހަރެންނަށް ނޭނގެއެވެ. އަހަރެންނަކީ އެތެރޭގައި ވަރަށް ވޭން އަޅައި މީހެކެވެ. ނަމަވެސް ތިބާއަށްޓަކައި އެ ކަން ނުދައްކަނީއެވެ. އަހަރެން ތިބާއާ އެކުގައި އުޅޭ ވަގުތުގައި މޫނުމައްޗަށް ހިނިތުންވުން ގެންނަނީ ތިބާ އަހަރެންގެ އެކަނިވެރިކަން ފިލުވައިލަދޭތީއެވެ. އަދި މި ވީ ތިން މަސް ދުވަސް ތެރޭގައި އަހަރެންގެ ހުރިހާ ވޭންތަކެއް ފުހެވިއްޖެއެވެ. ތިބާ އަހަރެންނާ ވަކިނުވާނެ ކަމަށް ބުނި ދުވަހަށްވުރެ އުފާވެރި ދުވަހެއް އަހަރެންނަކަށް ނާދެއެވެ،" އޭނާ އެންމެ އިޝްގީވި ދުވަހު ވަރަށް ލޯބިކޮށް، ނަމަވެސް އެކުވެރިއެއް ބުނާނެ ރާގަކަށް، އަހަރެންނާ ދިމާއަށް ބުންޏެވެ.



advertisment