Support Us

ވާހަކަ: ދެވަނަ ވިސްނުން

އަހަރެންގެ ދެ އަހަރަށް ދާ ފިރިހެން ދަރިފުޅު ލޫތު، ރަށުގައި ކުދިން ކުޅެން ހަދައިފައިވާ ޕާކުގެ ސްލައިޑަށް އަރައިގެން ކައްސާ މަންޒަރު ބަލަން އަހަރެން އިނީ ހަރަކާތް ހުއްޓިފައެވެ. އޭނާގެ ހަރަކާތްތަކަށް ސަމާލުކަން ދޭން މަސައްކަތް ކުރިނަމަވެސް އަހަރެންގެ ބޮލުގައި އެނބުރެމުން ދިޔައީ އޭގެ ކުޑައިރުކޮޅެއް ކުރިން އަހަރެން ޖަވާބުދީފައި ބޭއްވި ފޯނުކޯލެވެ.

އެއީ އަހަރެން އަންނާނޭ ކަމަށް އުންމީދުކުރި ފޯނުކޯލެއް ނޫނެވެ. އަދި އަހަރެންނަށް ދޭން ޖެހުނު ޖަވާބަކީ ދުވަހަކުވެސް އަހަރެން ދޭނޭ ކަމަށް ވިސްނި ޖަވާބެއް ނޫނެވެ. ކުޑަ ހިނދުކޮޅަކަށް ލޯމަރައިލީމެވެ. ހަނދާންތައް ދިޔައީ އޭގެ ތިން އަހަރުކުރިޔަށެވެ.

އަހަރެންގެ ދަރިފުޅު އަލްސަންގެ ސުކޫލު ކަމަކަށް އެއްޗެއް ހޯދުމަށާއެކުގައި މާލެއަށް އައި ދަތުރެކެވެ. މާލެ އާދެވިއްޖެއްޔާ ކުރީގައި މާލޭގައި ދިރިއުޅުނު ހިސާބުގަނޑުގެ މީހުންނާ އެކުގައި ކޮފީއަކަށް އަރައިލަން އަބަދުވެސް ރާވަމެވެ. އެގޮތުގެ މަތިން އަހަރެން އާންމު ގޮތެއްގައި ކޮފީ އަރާ ކެފޭއަށް ވަދެ ޖައްސައިލީމެވެ. އަދި އެހެން މީހުން އަންނަންދެން މަޑުކޮށްލީމެވެ.

ކުއްލިއަކަށް ލޮލުގައި އަޅައިގަންނަނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި އިން ސުޒާނާއެވެ. އެވަގުތު ހިތަށް އަރައި ފައިބައިގެން އެތައް އިހުސާސްތަކެއް ދިޔައެވެ. އެންމެ ފުރަތަމަ ސުޒާނާ ފެނުނު ދުވަހެވެ. އެންމެ ފުރަތަމަ ސުޒާނާގެ އަތުގައި ހިފާލެވުނު ދުވަހެވެ. އޭނާއާ ރައްޓެހިވެގެން އުޅުނު ދުވަސްތަކެވެ. އެ ދުވަސްތަކުގެ ފޮނި ހަނދާންތަކެވެ. އަހަރެންގެ ވިޔާނުދާ އުޅުމުގެ ސަބަބުން އޭނާ އަހަރެންނާ ދުރުވި ދުވަހެވެ.

އޭނާއާ ދިމާލަށް ހުއްޓުން އަރައިފައި ބަލަން އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. ކުއްލިއަކަށް އޭނާ އަހަރެންނާ ދިމާލަށް އެނބުރިލައިފައި ހީލިއެވެ. އަހަރެން އެއީ އޭނާގެ ކައިރިއަށް ދާންވީ ކަމުގެ ދައުވަތެއް ކަމަށް ބަލައިފައި ދިޔައީމެވެ. ހާލު އަހައި އޮޅުންފިލުވައިލީމެވެ. އޭނާގެ ނަންބަރު ނެގީމެވެ. ވަރަށް ފުއްޕާފައި ރަހުމަތްތެރިޔެއްގެ ހައިސިއްޔަތުން ވާހަކަ ދައްކައިލަން ގުޅާނަމޭ ބުނީމެވެ.

ދުވަހަކުވެސް ސުޒާނާއާ ދޭތެރޭ ރަހުމަތްތެރިއެއްގެ ހައިސިއްޔަތަކުން ނުދެކެވޭނެކަން ކުޑަ ދުވަސްކޮޅަކުން އެނގުނެވެ. ރަށަށް ދިޔުމާ އެކުގައި އޭނާ ދެކިލަން މާލެ އަންނަން ހިތް އެދެން ފަށައިފިއެވެ. އޭނާއަށް ގުޅައިލައިގެން ވާހަކަ ދައްކާލާ ހިތް ވާން ފަށައިފިއެވެ. ރަހުމަތްތެރިއެއް ގޮތަށޭ ކިޔައިގެން އޭނައާ ގުޅައިގެން ވާހަކަ ދައްކައިލެވުނީ ދުވަސްކޮޅަކުއެވެ. އޭނާއަށް އަހަރެންގެ ނިޔަތް ހާމަވެއްޖެއެވެ. އެހިސާބުން އޭނާ އަހަރެން ދުރަށް ކޮއްޕައިލިއެވެ. އަހަރެންނަކީ އެހެން މީހެއްގެ ހައްގެކޭ ކިޔައިފައެވެ.

އަލުން ބަލުން ކުރީގައި ސުޒާނާ ގެއްލިގެން ތަހައްމަލުކުރި ވޭން ހިތުގައި އަޅަން ފެށިއެވެ. ނުނިދޭން ފެށިއެވެ. ކަންކަމުގައި ޝާމިލުވެ އުޅެން ފޫހިވާން ފެށިއެވެ. ވަރަށް ވިސްނަ ވިސްނާފައި އެއްދުވަހު އަލްސަން ސުކޫލުގައި އުޅުނު ވަގުތު އަންހެންނުން ގާތު އަހަރެން ދެ އަންބަށް މީހަކާ އިންނަން އުޒުރުވެރިވާނަންތޯ އަހައިފީމެވެ. އޭނާ އަހަރެންގެ ގާތުގައި އެހީ އެންމެ ސުވާލެކެވެ.

"ސުޒާނާއާ ހެއްޔެވެ؟"

އަހަރެންގެ އަންހެނުން ދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. ދެމީހުން އެކުގައި އުޅޭތާ 13 އަހަރު ވީއިރު އެވަރުގެ އަނތްބެއް އަހަރެންނަށް ދެން ނުލިބޭނޭކަން އަހަރެންނަށް އެނގެއެވެ. އޭނާއަކީ އަހަރެން އުޅޭނޫޅޭ ގޮތް ބަލައި ފާރަލައިގެން އުޅޭނޭ މީހެއް ނޫނެވެ.

އަނބިމީހާއަށް އަހަރެން ކޮންމެ މީހަކާ އިންނަން ރުހޭނޭކަން ޔަގީނެވެ. އެއިން އެއްވެސް މީހަކަށް ނުދޭނޭ ދަރަޖަ އަބަދުވެސް އޭނާއަށް އަހަރެންގެ ހިތުގައި ލިބިފައިވާނޭ ކަމާ މެދު އޭނާ ވިސްނާކަށް ނުޖެހޭނެއެވެ. ނަމަވެސް ސުޒާނާ ފިޔަވައެވެ. އޭނާއާ އިން އިރުގައިވެސް އަހަރެންގެ ހިތުގައި ސުޒާނާގެ ނަން ބިންވަޅު ނެގިފައިވާކަން އޭނާއަށް އޮތީ އެނގިފައެވެ. އޭނާ އެ ލޯތްބަށް ވާދަކުރާކަށް ނަހަދައެވެ. ނަމަވެސް އެކަމުގެ ސަބަބުން އޭނާގެ ހިތަށް އަސަރުކުރާކަން އަހަރެންނަށް އޮޅިފައެއް ނުވެއެވެ.

އަންހެނުންނަށް ދޮގު ހަދައިކަށް ބޭނުމެއް ނުވިއެވެ. އޭނާ ކުރި ސުވާލަށް ތެދަށް ޖަވާބުދީގެން އޭނާގެ ހިތް ހަލާކުކޮށްލާކަށް ވެސް ބޭނުމެއް ނުވިއެވެ. އެހިސާބުން އޮޅުވައިލައިފައި އޭ ހަމަ އަހާލި އެއްޗެކޭ ބުނީމެވެ. އެ ދުވަހުގެ ފަހުން އަންހެނުންނަށް ހުންނަނީ އުނދަގޫވެފައިކަން އަހަރެންނަށް އެނގެއެވެ.

އަހަރެންގެ އަމަލުގެ ސަބަބުން އަންހެނުންނަށް އަންނާނޭ ހިތްދަތިކަން އެނގުމުންވެސް ސުޒާނާގެ ހިޔާލު އަހަރެންގެ ބޮލުން ނައްޓައެއް ނުލިއެވެ. ރަހުމަތްތެރިންގެ ތެރެއިން ދެއަނތްބަށް ކައިވެނިކޮށްގެން އުޅޭ މީހުންނާ މިކަމުގައި މަޝްވަރާކުރީމެވެ. އެމީހުން ބުނީ އަނބިމީހާ ކައިރިން އިންނަން ބޭނުންވާ މީހަކާ އިންނާކަށް ހުއްދަ ހޯދާކަށް ނުޖެހޭނެ ކަމަށެވެ. ސުޒާނާއަށް އެދެވޭ މިންވަރުން އެއީ ހަމަ ރަނގަޅު ގޮތެއް ކަމުގައި ނިންމައި، ވަރަށް ވިސްނުން ވިސްނުމަށް ފަހުގައި އަހަރެން ސުޒާނާއަށް ގުޅީމެވެ. އަދި އަހަރެން ސުޒާނާއާ ދެ އަންބަށް އިންނަން ބޭނުންވާ ވާހަކަ ބުނީމެވެ.

ސުޒާނާގެ އަހަރެންގެ އެދުން ބޮލައިލާ ނުޖަހައެވެ. ނަމަވެސް އޭނާގެ ހިޔާލުގައި ދުވަހަކުވެސް މީހަކާ ދެއަންބަށް އިންނަން ވިސްނައިފައި ނުވާ ވާހަކަ ބުންޏެވެ. އެކަމުގައި އޭނާއަށް ވިސްނައިލުމަށް ވަގުތުކޮޅެއް ދިނުމަށް ބުންޏެވެ. އަހަރެން އޭނާ ކައިރީގައި ވަކި ގޮތަކަށް ނިންމުމަށް ފަހުގައި އަހަރެންނަށް ގުޅުމަށް އެދުނީމެވެ. ސުޒާނާ އަހަރެންނާ އިންނަން ހުރެއްޖެއްޔާ އަނބިމީހާ އެއްބަސްވިޔަސް ނުވިޔަސް އަހަރެން ސުޒާނާއާ އިންނަން ހުރީ ކަނޑައަޅައިގެންނެވެ. އަންހެނުން ވަރިކުރަން ޖެހުނަސް ހެޔޮކަމަށެވެ.

ސުޒާނާގެ ޖަވާބަކަށް ކެތް މަދުވެފައި ދުވަސްތައް ގުނަން ފެށީމެވެ. މަޑުމަޑުން ހަޔާތުގެ އެހެން ކަންކަންވެ އެކަންކަމަށް އިސްކަން ދެވެން ފެށިއެވެ. ހީވެސް ނުކުރާ ގޮތްގޮތަށް ކަންކަން ވާން ފެށިއެވެ. އޭގެ އަނެއް އަހަރު އަހަރެންގެ އަންހެނުން ބަނޑުބޮޑުކަން އެނގުނެވެ. ވަރަށް ޒަމާންތަކަކަށްފަހު އަލުން އަހަރުމެންގެ ހަޔާތަށް އުޖާލާކަން އައެވެ. ދެމީހުންގެ ކުޑަކޮށް ހީނަރުވެފައިވާ ގުޅުން ބަދަހިވާން ފެށިއެވެ. ލޫތު ލިބިގެން އަލުންބަލުން ދެމީހުން ލާމެހިގެން އޭނާގެ ކަންކަމުގައި ޝާމިލުވެގެން އުޅެން ފެށީމެވެ. އަހަރެންގެ ދުވަހުގެ ވަރަށް ގިނަ ވަގުތު ހޭދަކުރަނީ ލޫތުއާ އެކުގައި އެކި ކަންކަން ކުރުމުގައެވެ. އަހަރެންނަށް ދެއްވި ނިއުމަތަށް ފަށްފަށުން މާތްކަލާނގެއަށް ޝުކުރުވެރިވުމުގައި ކޮންމެ ދުވަހެއް ހޭދަކުރީމެވެ.

ނަމަވެސް މިއަދު ދަރިފުޅު ގޮވައިގެން ޕާކަށް އައިސް އިށީންތަނާ އެ ގުޅީ ސުޒާނާއެވެ. އޭނާ ގުޅީ ވަރަށް ވިސްނުމަށް ފަހު އަހަރެންނާ ދެއަނތްބަށް ކައިވެނިކުރަން ތައްޔާރު ވާހަކަ ބުނާށެވެ.

އެ ހިނދުކޮޅު އަހަރެންގެ ހަތަރު އުދަރެސް ފެނުޖެހުނު ފަދައެވެ. އެއްކޮޅުން މި ދުނިޔޭގައި އަހަރެން އެންމެ ލޯބިވި އަދި ލޯބިވާނެ އަންހެން މީހާއެވެ. އެއަކަށް ބަދަލެއް ނާންނާނެއެވެ. ނަމަވެސް އަނެއްކޮޅުން އަހަރެންގެ ދިރިއުޅުމެވެ. އޭރު ކުޑަކުޑަ ލޫތު އަހަރެންގެ ގަމީހުގައި ހިފައިގެން ދަމަނީއެވެ.

ކުޑައިރުކޮޅަކު މަޑުކޮށްލުމަށް ފަހު އަހަރެންނަށް މިހާރު ސުޒާނާއާ އިނދެވެން ނެތް ވާހަކަ ބުނީމެވެ. އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. އަހަރެންގެ ވިސްނުން ބަދަލުވީ ކީއްވެގެންތޯ ސުވާލުކުރިއެވެ.

އަހަރެން ސުޒާނާގެ ގާތުގައި އަހަރެންނަށް މި ފަހުން ކުއްޖަކު ލިބުނު ވާހަކައާއި އަދި އެ ކުއްޖާ ވަރަށް ކުޑަ ވާހަކަ ބުނީމެވެ. އަހަރެންގެ ބޮޑު ދަރިއަށް އެ ފަދަ ކަމެއް އަހަރެން ކޮށްފިއްޔާ ވިސްނިދާނެއެވެ. އޭނާގެ ދިރިހުރުމަށް އޭނާގެ މަންމަ ކުޅޭ ރޯލު ބޮޑުވުމުން ވަނީ ކުޑަވެފައެވެ.

ނަމަވެސް އަހަރެންގެ ކުޑަދަރީގެ ހުރިހާ ކަމެއް ބިނާވެގެން ވަނީ އަހަރުމެން ދެމީހުންގެ މައްޗަށެވެ. އޭނާގެ ބުއްދި ބޭނުންކުރާކަށް އަދި ނޭނގޭނެއެެވެ. އަހަރެންގެ އަނބިމީހާގެ ހިތުގައި އަހަރެން ސުޒާނާއާ އިނދެފިނަމަ އަޅައި ހުރިހާ ވޭނާއި ކެކުޅުން އުފުލާނީ އާހިރުގައި އަހަރެންގެ ދަރިފުޅެވެ. އޭނާއަށް އިހުސާސްވާނީ އޭނާގެ މަންމައަށް ކުރާ އަސަރެވެ. އޭނާގެ މަންމަގެ ހިތްދަތިކަމެވެ. އަހަރެންގެ އަނބިމީހާއަށް ގަސްތުގައި ނޫނަސް އަހަރެން ދެކެ އަންނަ ރުޅި ބާލުވާލެވޭނީ އަހަރެންގެ ދަރިފުޅަށެވެ. އެއީ ކިހާ ބޮޑު ނާއިންސާފެއް ހެއްޔެވެ؟

ސުޒާނާއާ ކައިވެނިކޮށްފިނަމަ އޭނާގެ ހިތް ޒަހަމުވާނެ ވަރު އެނގި ހުރެ އެފަދަ އަނިޔާއެއް އޭނާއަށް ދީގެން އަހަރެންގެ ކުޑަ މައުސޫމު ދަރީގެ ދިރިއުޅުން އެފުށްމިފުށަށް ޖަހައިލާކަށް އަހަރެން ނޭދެމެވެ. އަހަރެންގެ ހިތުގެ އެދުން އެކުއްޖާގެ ދިރިއުޅުމުގެ ބިންގާ ފުނޑައިލައިހާ ބާރުގަދައެއް ނޫނެވެ.

އަހަރެންގެ އުޒުރު އަހައިފައި ސުޒާނާ އަހަރެންގެ ނިންމުމަށް މަރުހަބާ ކިޔެއެވެ. އަދި ދެން އޭނާ އަހަރެންނަށް ނުގުޅާނަމޭ ކިޔައިފައި ފޯނު ބޭއްވިއެވެ. އެވަގުތު އުމުރަށް އަހަރެންނަށް ސުޒާނާ ގެއްލުނީކަން ޔަގީންވިއެވެ. އަހަރެންގެ ހިތަށް މޮޅިވެރިކަން އިހުސާސްކުރެވުނެވެ.

އެ ހިތި އިހުސާސާއެކު ލޫތު ކުޅެން އުޅުނުތަން ބަލަން އަހަރެން އިނީމެވެ. ލޫތު އިރުކޮޅުކޮޅާ އޭނާގެ ކުޑަކުޑަ އަތުން އަހަރެންނަށް ހަނާ އަޅައިލައެވެ. އަހަރެންނަށް ގޮވައިލައެވެ. އޭނާ އަހަރެން ކޮންމެ ދިމާލަކަށް ދުވެފައި ވެސް އަހަރެން ކޮބައިތޯ ބަލަން އިރުކޮޅުކޮޅާ އާދެއެވެ. އޭނާ ނަގައި އަތުކޮޅަށް ހިއްލާލައިލީމެވެ. އުފަލުން ހެނީއެވެ. އަހަރެންނަށް ނިންމުނު ނިންމުމަކީ ރަނގަޅު ނިންމުމެއްކަން ޔަގީން ކުރެވުނެވެ. މަގޭ ތުއްތު ދަރީގެ ހިތަށް އަހަރެންގެ ސަބަބުން ކުޑަވެސް ހިތްދަތިކަމެއް އަންނާކަށް އަހަރެން ނޭދެމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *