Support Us

ކޮލަމް ގާދޫކޮލުން ބޭރުން

އެންމެ ބޮޑު ޤައުމުން ހުށަހެޅި ރިޝްވަތުގައި އެންމެ ކުޑަ ޤައުމަކުން ނުހިފި

ފެނިފައި ނެތީމާ ކަމަށް ވެދާނެއެވެ. ތަޖުރިބާކުރެވިފާ ނުވާތީ ކަމަށްވެދާނެއެވެ. ރައީސް އިބްރާހީމް ނާޞިރުގެ ޒަޢާމަތުގެ މަޢްލޫމާތު ހޯދުމަށް އަބަދުވެސް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ހުރެއެވެ. އެދުވަސްވަރުގެ ހަނދާންތައް، ތަޖުރިބާކުރެއްވި އެކި ފަރާތްތަކުގެ ދުލުން ވިދާޅުވެދެއްވުމުން، ކަނުލާ އަޑުއަހަމެވެ. އޭގެ ފަހުން އައި ތިން ސަރުކާރެއްގައި، އެކި ހިސާބުގައި އަދި އެކި ދާއިރާގައި، އުޅެވިފައިވާތީ ކަމަށް ވެދާނެއެވެ. ރާއްޖޭގެ ސިޔާސީ އަދި ދުސްތޫރީ ތާރީޚަށް ވަރަށް ބޮޑު ސަމާލުކަމެއް ދެވޭތީ ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް، 1970 ގެ އަހަރުތަކުގައި ކަންކަން ތަރުތީބުވެފައި އޮތް ގޮތާއި، އެއިރު ރާއްޖޭގެ ކަންކަން ނިންމަވަން ކުރިއަށް ތިއްބެވި ފަރާތްތަކުގެ ސިޔާސަތުތަކާމެދު، ފުރުޞަތު ލިބޭ ވަރަކުން، އަބަދުވެސް މަޢްލޫމާތު އޮޅުންފިލުވަމެވެ.

އެފަދަ އިބުރަތްތެރި ވާހަކައެއް، ތަޖުރިބާކުރެއްވި ދެ ބޭފުޅެއްގެ ދޫފުޅުން އަޑު އެހީމެވެ. އެހެންކަމުން، ކެރިކުޅަދާނަވެގެންވާ އަދި ހަނދާނުގައި ހުރި މިންވަރުން، އެވާހަކަ ކިޔުންތެރިންނާ ޙިއްޞާކޮށްލަން ޤަސްދުކުރަމެވެ.

ޤަބޫލުކުރެވޭ ގޮތުގައި، މިއީ ތާރީޚު ފޮތްތަކުގައި މިހާތަނަށް ލިތެވިފައި އޮތް ހާދިސާއެއް ނޫނެވެ. އަދުގެ ޖީލުތަކަށް އޭގެން ގިނަ ފިލާވަޅުތަކެއް ލިބިގެންދާ ކަމެއް ކަމަށް ފެންނާތީ ދަންނަވާލަނީއެވެ. ތިރީގައި މިބަޔާންކުރާ ހާދިސާގެ ސީދާ ތާރީޚެއް ދަންނަވަން ދައްޗެވެ. ނަމަވެސް، ޔަޤީންކުރެވެނީ، މިއީ 1977 ގެ ފަހުކޮޅު ނުވަތަ 1978 ގެ ކުރީކޮޅުކަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް ބައްދަލުވުންތަކަށް ޚާއްޞަކުރެވިފައިވާ މާލަމެވެ. އެއިރުވެސް ރައީސް އޮފީސް ހުންނަނީ މިހާރު ތިޔަ ފެނިވަޑައިގަންނަވާ ރައީސް އޮފީސް އިމާރާތް ހުންނަ ތަނުގައެވެ. މިހާރު ތިޔަ ފެނިވަޑައިގަންނަވާ އިމާރާތަކީ 2000 ވަނަ އަހަރު ބޭނުންކުރަން ފެށުނު ފަސް ބުރީގެ އާ އިމާރާތެކެވެ. ރައީސް ނާޞިރުގެ ދައުރުގައި ބޭނުންކުރެވުނީ މުޅުން ތަފާތު، ދެބުރި އިމާރާތެކެވެ.

އެދުވަހު އެމާލަމަށް ރައީސް ނާޞިރުގެ ކެބިނެޓުގެ މެންބަރުން ޖަމާވެ ތިއްބެވިއެވެ. ޢާންމު އުޞޫލުން، ކެބިނެޓުގެ ބައްދަލުވުމަކަށެވެ. އަދި، އާދައިގެ މަތިން، ރިޔާސަތު ބެލެހެއްޓެވީ ރައީސް ނާޞިރެވެ.

ދެ ދައުރެއްގައި ކެބިނެޓުގައި ހިމެނުނު މީހަކަށްވާތީ ފާހަގަވި އިތުރުކަމެއްވެސް ދަންނަވާލާނަމެވެ. އެޒަމާނުގެ ކެބިނެޓް ބައްދަލުވުންތައް ކުރިއަށްދަނީ މިއަދު މި ގެންގުޅޭ އުޞޫލަކުން ނޫނެވެ. އެޖެންޑާއެއް ލިޔެ، މެންބަރުންނާ ކުރިން ޙިއްޞާކުރުމެއް ނޯވެއެވެ. މެންބަރުން ވަޑައިގަންނަވާއިރު، އެދުވަހު ވާހަކަ ދެކެވޭނެ މަޢުޟޫއު އެނގިވަޑައިނުގަންނަވާނެއެވެ. އެކަން ނިންމަވަނީ ޚުދު ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، ޙިއްޞާކުރައްވަނީ ބައްދަލުވުން ފެށުމުންނެވެ. އެހެން ކަމުން، އެދުވަހުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި ވަޒީރުންނަށް، ރައީސް ނާޞިރު ވިދާޅުވާނެ އެއްޗެއް، ދައްކަވާނެ ވާހަކަފުޅެއްގެ ހިލަމެއް ކުރިން ވެފައެއް ނޯންނާނެއެވެ.

ޔޫ.އެސް.އެސް.އާރްގެ ލީޑަރ ލިއޮނިޑް ބްރެޝްނެވް

ބައްދަލުވުން ފެށުމާއެކު، ރައީސް ނާޞިރު ވާހަކަފުޅު ފެއްޓެވީއެވެ. އެދުވަހު، މިނިސްޓަރުންގެ ލަފާފުޅަކަށް އެދިވަޑައިގަންނަވާ މައްސަލަ ނިއުޅުއްވާލެއްވިއެވެ. ދިވެހި ދައުލަތަށް ލިބިފައިވާ ހުށަހެޅުމެކެވެ. ލަފާކުރެވޭ ގޮތުގައި އެއީ ކޭބަލެއް ނުވަތަ ސިޓީއެކެވެ. ޔޫނިއަން އޮފް ސޯވިއެޓް ސޯޝަލިސްޓް ރިޕަބްލިކް (ޔޫ.އެސް.އެސް.އާރް) ގެ ލީޑަރ ލިއޮނިޑް ބްރެޝްނެވްގެ ހުށަހެޅުއްވުމެކެވެ. ރާއްޖޭގެ ރަށެއްގައި އެޤައުމުގެ އަސްކަރީ މަރުކަޒެއް ޤާއިމުކުރަން އެދިވަޑައިގެން، ރަށެއް ބައްލަވައިގަންނަވަން ބޭނުންފުޅުވާ ކަމަށް އޮތް ހުށަހެޅުއްވުމެކެވެ.

ބައްލަވައިގަންނަވަން ހުށަހަޅުއްވާ ކަމަށްވާނަމަ، އަގެއްވެސް އޮންނާނެތާއެވެ. މި ހާދިސާ އަޅުގަނޑަށް ވިދާޅުވެދެއްވި އެއް ފަރާތުން އަގުވެސް ވިދާޅުވެދެއްވިއެވެ. ހަނދާންވާ ގޮތުގައި، އެސިޓީގައި އޮތީ ދިހަ މިލިއަން އެމެރިކާ ޑޮލަރުގެ ހުށަހެޅުއްވުމެއް ކަމަށް ވިދާޅުވިއެވެ. މި ހިސާބުންވެސް ފާހަގަކޮށްލާނަމެވެ. އެއިރުގެ އެއް މިލިއަނަކީ، ނިސްބަތުން މިއަދު އޭގެ ހަތަރު ގުނަ އިތުރު އަދަދެކެވެ. އެއިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ޖުމްލަ އަދަދު (ޖީ.ޑީ.ޕީ) އަކީ 46 މިލިއަން އެމެރިކާ ޑޮލަރެވެ. ވީމާ، ރައީސް ބްރެޝްނެވްގެ ހުށަހެޅުއްވުން، ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެއް އަހަރުގެ ޖުމްލަ އަދަދާ އެއްވަރެވެ.

ޔޫ.އެސް.އެސް.އާރ އަކީ އެއިރުވެސް ދުނިޔޭގައި އޮތް އެންމެ ބޮޑު ޤައުމެވެ. އެދުވަސްވަރު، ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ކުޑަ މިނިވަން ދައުލަތެވެ. އަދި، ދުނިޔޭގައި އޮތް އެންމެ ފަޤީރު ހަތަރު ޤައުމުގެ ތެރޭގައިވެސް ރާއްޖެ ހިމެނެއެވެ. އެހެންކަމުން، އިޤްތިޞާދީ އަދި މާލީ ކަޅިއަކުން ބަލާލުމުން، ބްރެޝްނެވްގެ މިހުށަހެޅުއްވުމަކީ ކިހާ ބޮޑު ހުށަހެޅުމެއްކަން ފާހަގަވެއެވެ.

ކޮންމެއަކަސް، މި ހުށަހެޅުއްވުން ވަރަށް ތަފްޞީލުކޮށް މިނިސްޓަރުންނަށް ދަންނަވާލުމަށްފަހު، ރައީސް ނާޞިރު ވަނީ އެމަނިކުފާނު މިކަމުގައި ކުރިއަށްވަޑައިގަންނަވަން ބޭނުންފުޅުވާ ގޮތްވެސް ވިދާޅުވެދެއްވާފައެވެ. މިއީ، ޤައުމުގެ ކުރިމަގާ ގުޅޭ ވަރަށް މުހިންމު ނިންމުމެއް ކަމަށްވީތީ، އަމިއްލަފުޅަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަން ނިންމަވަން ބޭނުންފުޅު ނުވާކަމަށެވެ. މިނިސްޓަރުންގެ ވިސްނުންފުޅު ހުރި ގޮތެއް ބައްލަވާލައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި، އެއަށްފަހު ގޮތެއް ނިންމަވާނީ ކަމަށެވެ.

ފުރުޞަތު ލިބިވަޑައިގަތުމާއެކު، އެކި މިނިސްޓަރުން ވާހަކަފުޅު ދެއްކެވިއެވެ. ބައެއް ބޭފުޅުންވަނީ، ހުށަހެޅިފައިވާ އަގަކީ، ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ހޭދަތަކެއް ކުރެވިދާނެ ފަދަ އަދި ޤައުމަށް އިތުރު ތަނަވަސްކަން ގެނެވޭނެ ފަދަ އަގެއްކަން ފާހަގަކުރައްވާ، އެކަމަށް ތާއީދުކުރައްވާފައެވެ. އަދި، ލަސްނުކުރައްވާ، އެކަން ކުރިއަށް ގެންގޮސްދެއްވުމަށް ލަފާދެއްވާފައެވެ.

ދެ ބޭފުޅަކު ވަނީ މިކަމަށް ތާއީދުކުރެއްވި ނަމަވެސް، ހުށަހަޅުއްވާފައިވާ އަގު، ކަމުގެ ބޮޑުމިނަށް ބައްލަވާފައި، އިތުރަށް 'ނިގޯޝިއޭޓް ކޮށްގެން' އަދިވެސް ބޮޑުކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ތަފާތު ނަޒަރިއްޔާއަކުން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް ހިމެނުނެވެ. މި ހުށަހެޅުއްވުން ބޮލާލާޖެހުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް މިބޭފުޅުން ވިދާޅުވިއެވެ. ރޫސީވިލާތަކީ ބޮޑު، ބާރުގަދަ ޤައުމަކަށްވީތީ، ބްރެޝްނެވް ހިތްޕުޅުހަމަޖެހިވަޑައިނުގެންފި ނަމަ، އޭގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް އެބޭފުޅުން ލަފާދެއްވިއެވެ.

އެންމެފަހުން ފުރުޞަތު ލިބިވަޑައިގެން އެއްބޭފުޅަކީ، އެއިރު ކެބިނެޓަށް އެންމެ ހަގު އެއް މިނިސްޓަރެވެ. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. އެއިރު އެމަނިކުފާނު ކެބިނެޓުގައި އިންނަވާތާ އަދި އަހަރުވެސް ނުވާނެއެވެ. އެމަނިކުފާނުގެ ރާގު ވަރަށްވެސް ތަފާތެވެ. ފުރަތަމަވެސް، އެއިރު ދުނިޔޭގެ ކަންކަން ހުރިގޮތަށް އަލިއަޅުއްވާލެއްވިއެވެ. އެއީ ފިނި ހަނގުރާމައިގެ ދުވަސްވަރު ކަމަށްވުމުން، އެމެރިކާއާއި ރޫސީވިލާތުގެ ރުހުމާއި ހަމްދަރުދީ އަދި އެކުވެރިކަމާއި އެއްބާރުލުން ރާއްޖެއަށް މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ދުނިޔޭގެ ސަފުން ރާއްޖެއަކީ ވަރަށް ހަގު އަދި އެހާމެ ކުޑަކުޑަ ޤައުމަކަށް ވީހިނދު، މިފަދަ ހުށަހެޅުމަކަށް ދީލާލުމަކީ، ފިނި ހަނގުރާމައިގެ ތެރެއަށް ނުސީދާ ގޮތެއްގައި ރާއްޖެއަށް ވަދެވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އޭގެ ނަތީޖާއަކަށްވާނީ، އެމެރިކާގެ ނުރުހުން ރާއްޖެއަށް އަމާޒުވުން ކަމަށް ބަޔާންކުރެއްވިއެވެ. އަދި، އެ ދެ ޤައުމަކީވެސް ނިއުކްލިއަރ ހަތިޔާރު ހުރި، ބާރުގަދަ ދެ ޤައުމަށްވުމުން، ރޫސީންނަށް ރަށެއް ވިއްކައިފިނަމަ، މުސްތަޤްބަލުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބޮޑު ހިޔަންޏެއް އެޅިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މައުމޫން ވިދާޅުވިއެވެ. އަދި، ކޮންމެފަދަ އަގެއް މާލީގޮތުން ލިބުނަސް، މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް އެމަނިކުފާނު ލަފާދެއްވިއެވެ.

އޭގެ ފަހުންވެސް އިތުރު ބައެއް ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށްވެއެވެ. ދެވަނަ ފުރުޞަތެއް ނަންގަވައިގެން ވާހަކަފުޅު ދެއްކެވި ބޭފުޅުން ހިމެނޭ ގޮތަށެވެ. ދެކެވެމުންދިޔަހާ ވާހަކައެއް ކަނުލާ އަޑުއައްސަވަން ރައީސް ނާޞިރު އިންނެވީއެވެ. އަދި، ހުރިހާ ބޭފުޅުންގެ ވާހަކަފުޅު ނިމުމުން ވިދާޅުވިއެވެ. އެކަމުގައި ކުރިއަށް ވަޑައިގަންނަވާނީ، ގިނަ ބޭފުޅުންގެ ވިސްނުންފުޅާ އެއްގޮތަށް ކަމަށެވެ. އަދި، އެކަމުގައި ކެބިނެޓުގެ ސިއްރުވޯޓެއް ނެންގެވުމަށް ނިންމެވިއެވެ.

ކޮންމެ ބޭފުޅަކަށް ދެއްވީ ހުސް ގަނޑުކޮޅެކެވެ. އަދި، ވިދާޅުވިއެވެ. ފެންނަ ނުވަތަ ނުފެންނަ ޖެއްސެވުމަށެވެ. އަދި، ކަރުދާސްކޮޅު ފަތްޖައްސަވާފައި މޭޒުގައި ބޭއްވުމަށެވެ.

ހުރިހާ މިނިސްޓަރުން މިގޮތަށް ކަންކުރެއްވުމުން، ކެބިނެޓް ސެކްރެޓަރީ ވަނީ ވަރަށް ރީތިކޮށް، ކަރުދާސްކޮޅުތައް ބަންޑެލިކޮށްލައްވާފައެވެ. އެ ބަންޑެލި ގެންނަވާ، އެރުއްވީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށެވެ. އެހިސާބުން، ފަހަރަކު ކަރުދާސްކޮޅެއް ނިއުޅުއްވާ، ބައްލަވާލައްވަނީއެވެ. އެހެން ބޭފުޅުންނަށް އޭގައި އޮތް އެއްޗެއް ފެނިވަޑައިނުގަންނަވާ ގޮތަށެވެ. އެއަށްފަހު، ކަރުދާސްކޮޅު ލައްވަނީ ގަމީސްކޮޅުގެ ޖީބަށެވެ.

މިގޮތަށް ހުރިހާ ކަރުދާސްކޮޅު ބެއްލެވުމަށްފަހު އަލުން ވާހަކަފުޅު ދެއްކެވިއެވެ. ވިދާޅުވިއެވެ. މިނިސްޓަރުންގެ އަޣްލަބިއްޔަތު މިއޮތީ އެމަނިކުފާނު ހަމަ ހީފުޅުކުރެއްވި ގޮތަށް ކަމަށެވެ. ގިނަ ބޭފުޅުން މި ހުށަހެޅުއްވުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އެހެންކަމުން، ރޫސީ ރައީސަށް އެގޮތަށް ޖަވާބު ދެއްވާނީ ކަމަށެވެ. ނަމަވެސް، ޖަވާބުގައި އިތުރު ކަމެއް ފާހަގަކުރައްވާނެ ކަމަށެވެ. އެއީ، އެފަދަ ހުށަހެޅުމެއް އެހެން ޤައުމަކުން ލިބިވަޑައިގަތަސް އެކަމަށް ފުރުޞަތު ދެއްވަން ޤަސްދު ނުކުރައްވާކަމުގެ ޔަޤީންކަމެވެ. އެހެން ވިދާޅުވުމާއެކު، އިންނެވި ގޮނޑިކޮޅުން ރައީސް ތެދުވެވަޑައިގަތީއެވެ. އެހިސާބުން އެ މަޢުޟޫއު ނިމުނީއެވެ. އަދި، އެދުވަހުގެ ބައްދަލުވުންވެސް ނިމުނީއެވެ.

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، މިހާދިސާގެ ތެރެއިން އެކި ކިޔުންތެރިން ސަމާލުކަން ދެއްވާނީ އެކި ކަންކަމަށެވެ. އަދި، މިވާހަކައިން ނަންގަވާނީ އެކި މާނައެވެ. އެބޭފުޅެއްގެ މިނިވަންކަމެވެ. އެބޭފުޅެއްގެ ވިސްނުންފުޅެވެ. އަޅުގަނޑު އިޙްތިރާމް ކުރަމެވެ.

ކޮންމެއަކަސް، މި ހާދިސާއިން ދެތިންކަމެއް ސާފުވެގެން ހިނގައްޖެ ދެއްތޯއެވެ. ބޮޑެތި ބާރުތަކުން ރާއްޖެއަށް އަސްކަރީ ނަގިއްޔެއް ލާން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތައް ފެށިފައި މިވަނީ ވަރަށްވެސް ކުރިންނެވެ. އަދި، އެފަދަ ކަމަކަށް އެއިރުގެ ވެރިން ފުރުޞަތު ނުދެއްވާ ކަމެވެ.

މިއަދު އެންމެ ބާރަށް މި ދެކެވެނީ އިންޑިޔާގެ ޢަމަލުތައް ހުރިގޮތުގެ ވާހަކައެވެ. ރާއްޖޭގައި އެޤައުމުގެ އަސްކަރިއްޔާ ޤާއިމުވެ ތިބުމާމެދު ދިވެހިން ފާޅުކުރަމުންދާ ޝުއޫރުތަކުގެ ވާހަކައެވެ. މިކޮލަމްގައި އަޅުގަނޑު ކުރީ ހަފްތާއެއްގައި ހިމަނާލި ކޮލަމެއްގައި، ހަމަ އެފަދަ މަސައްކަތްތަކެއް އެމެރިކާއިން ކޮށްފައިވާކަން ވާނީ ފާހަގަކޮށްފައެވެ. އަދި، އެހުށަހެޅުމާ ގުޅިގެން ރައީސް ވަޙީދު އަދި ރައީސް ޔާމީން ކަންކުރެއްވި ގޮތް ދަންނަވާލީމެވެ.

އޭގެ މާކުރިން، ރައީސް ނާޞިރުގެ ޒަޢާމަތުގައިވެސް މިއޮތީ ހަމަ އެފަދަ ކަމެއް ހިނގާފައި ދެއްތޯއެވެ. އެއް މަޤްސަދެއް ހާޞިލުކުރުމުގެ އުންމީދުގައި، ދިވެހިންނާ މަތިކުރުވާފައި އޮތް، އެއް ބާވަތެއްގެ ހުށަހެޅުމެވެ. ތަފާތީ ހުށަހެޅާފައިވާ ޤައުމެވެ. އަދި، މިއަދުގެ ސަރުކާރާ ޚިލާފަށް، ކުރިން އައި މިފަދަ ހުށަހެޅުންތަކާމެދު، މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން، ރިއާޔަތްކުރެއްވީ ޤައުމު ދެކެ ލޯބިވާ، ވަޠަނީ ލީޑަރުންތަކެކެވެ.

އެއިރު މިފަދަ ހުށަހެޅުމަކަށް ޖާގަދިނުމަށް ކުޑަވެސް ހުރަހެއް ނޯންނާނެއެވެ. އަދި، ހުއްދައެއް ނަގަން ދާންޖެހޭނެ ތަނެއްވެސް ނޯންނާނެ ދެއްތޯއެވެ. ރައީސް ނާޞިރުގެ ދައުރުގައި، ރާއްޖޭގެ ރަށެއް ކީއްކުރަންތޯ މުޅި ޤައުމު ވިއްކާލި ނަމަވެސް، އެކަން ދިވެހިންނަށް ރޭކާލާނީ މާ ލަސްވާފަހުންނެވެ. އެފަދަ ކަމެއް ރައީސް ނާޞިރު ކުރައްވާފައެއް ނުވެއެވެ. އަދި، އެފަދަ އެއްވެސް ހުށަހެޅުމަކަށް އެމަނިކުފާނު ޖާގަދެއްވާފައެއްވެސް ނުވެއެވެ. ކަން ވާނީވެސް އެހެން ނޫންތޯއެވެ. ޤައުމު މިނިވަންކުރެއްވި އެއިރުގެ ޣާޒީއިންގެ ޢަމަލުތައް ހުންނާނީ ޤައުމު ވިއްކާލަން އުޅޭ މިއަދުގެ ބާގީންނާ ވަރަށް ތަފާތުކޮށް ދެއްތޯއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2281

One Response

  1. މިލިއުމުގައި އެވާ "ބުރަސްނައު" އަކީ ކުރީގެ ލިއުންތަކުގައި ލިއެފައިވާ "ބުރެސިނޯފް" ކަމަށް ހީވަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *