ޖަނަވާރުންގެ ދިރިއުޅުމަށް ނަޒަރު ހިންގާއިރު، ހައިރާންކުރުވަނިވި އެތައް އަމަލެއް ފެނިގެންދެއެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ އޭގެ ޒާތުގައި އާދަޔާ ހިލާފު ކަންކަން ކަމުން، އެ ކަންކަން ވަނީ ދުނިޔޭގެ މީޑިއާތަކުގެ ޒަރީއާއިން ވައިރަލްވެފައެވެ. ތިރީގައި އެވަނީ އެފަދަ ބައެއް ހާދިސާތަކެވެ.

1. ސެލްފީއެއް ނަގައިގެން މަޝްހޫރު ކަމަށް އައި "ނަރޫޓޯ" ރާމާމަކުނު
މި ކަން ހިނގައިފައި ވަނީ އިންޑޮނޭޝިއާގެ ޖަންގަލެއްގައި 2011 ވަނަ އަހަރުއެވެ. އެ ޖަންގަލަށް ފޮޓޯ ނަގަން ގޮސް އުޅުނު ވައިލްޑްލައިފް ފޮޓޯގްރާފަރެއްގެ ކެމެރާ މި މަކުނު ޖަހައިގަނެގެން ގޮސް، އެ ކެމެރާ ބޭނުންކޮށްގެން ވަނީ އޭގެ އަމިއްލަ "ސެލްފީ"އެއް ނަގައިފައެވެ. މި ސެލްފީ އިންޓަނެޓުގައި ޝާއިއުކުރި ހިސާބުން އެއަށް ވަނީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މި ފޮޓޯގެ މައްސަލައިގައި ބޮޑު ކޯޓު މައްސަލައެއްވެސް އުފެދުނެވެ. އެ މަޝްހޫރު ފޮޓޯގެ އަސްލު ކޮޕީރައިޓް ލިބޭނީ ފޮޓޯގްރާފަރަށްތޯ ނުވަތަ އެ ފޮޓޯ ނެގި މަކުނަށްތޯގެ ބޮޑު ބަހުސެއް ހިނގައި، ކޯޓުން ވަނީ ޖަނަވާރުންނަށް ފޮޓޯތަކުގެ ކޮޕީރައިޓްސް ނުލިބޭނެ ކަމަށް ނިންމައިފައެވެ. މި ހުރިހާ ކަމެއްގެ ސަބަބުން "ނަރޫޓޯ" ކިޔުނު މި މަކުނު ވަނީ ދުނިޔޭގެ މަޝްހޫރުކަން ހޯދައިފައެވެ.

2. ޖަޕާނުގައި ބަދަނުގެ ތޮށިގަނޑު ނެއްޓުމަށް ޓްރެފިކުގެ އެހީ ހޯދާ ކާޅުތައް
ކާޅަކީ ގިނަ ބަޔަކަށް އުނދަގޫ ބޮޑު ޖަނަވާރެއް ކަމުގައި ދުށް ނަމަވެސް، އެއީ ދުނިޔޭގައި ލެއްވި ހުރިހާ މަހުލޫގުންގެ ތެރެއިން އެންމެ ވިސްނުން ތޫނު ކަމަށް ދެނެގަނެވިފައިވާ ޖަނަވާރެވެ. ޖަޕާނުގެ ކާޅުތައް ކާރޫބާރޫ ބޮޑު މަގުތަކުގެ މައްޗަށް ތޮށިގަނޑު ނުނައްޓައި ހުންނަ ބަދަންތައް އަޅައިލައެވެ. ކާރުތަކުގެ ފުރޮޅުދަށުވެ އެ ބަދަންތައް ފެޅެންދެން އެ ކާޅުތައް ދުވާރުމަތީގައި އިށީނދެ ހަމަޖެހިލައިގެން ތިބެއެވެ. ދެން ހިނގާ މީހުންނަށް ފެހި ލައިޓު ޖެހުނީމާ އެ ކާޅުތައްވެސް ހިނގައިފައި ގޮސް ފެޅިފައިވާ ބަދަންތައް ނަގާތަން މީހުން ވަނީ ވީޑިއޯކޮށްފައެވެ. މީގެން އެނގެނީ އެ ކާޅުތަކަށް ދުނިޔޭގެ ގަވާއިދުތަކާއި ޤާނޫނުތައް މަސައްކަތްކުރާ ގޮތް ވަރަށް ރަނގަޅަށް އެނގި، އެ ކަންކަމަށް ބޯލަނބާ ކަމެވެ. އޭގެ ބަދަލުގައި ބައެއް އިންސާނުންނަށް އަދިވެސް ގަވާއިދުން މަގު ހުރަސްކުރާކަށް ދަހެއް ނުވެއެވެ.

3. އޮސްޓްރޭލިއާގައި އުޅޭ ހަދިޔާ ދޭ ޑޮލްފިންތައް
އޮސްޓްރޭލިއާގެ ޓިން ކޭން ބޭގައި އުޅޭ ޑޮލްފިންތައް އެއްގަމު ތިލަ ހިސާބަށް އަންނައިރު އަންނަނީ އިންސާނުންނަށް ދޭން އެކި ފާޑުފާޑުގެ ހަދިޔާ ހިފައިގެންނެވެ. އޭގެ ތެރޭގައި ބޮލި، ރީތި މުރަކަ ކޮޅުކޮޅު، އަދި ބައެއް ފަހަރު މީސްމީހުން ބޭނުންކޮށްފައި އެއްލައިލާފައި ހުންނަ ފުޅި ފަދަ ތަކެތިވެސް ގެނެސްދޭ ކަމުގައި ވެއެވެ. މި އަޖައިބުކުރުވަނިވި އަމަލު ފެށުނީ ކޮވިޑު ލޮކްޑައުން ތެރޭގައި އެ ސަރަހައްދުގައި ޑޮލްފިންތަކަށް ކާންދޭން ގޮސްއުޅޭ މީހުން މަދުވާން ފެށި ހިސާބުންނެވެ. ޑޮލްފިންތަކަށް ވިސްނުނީ އިންސާނުން އެ އެއްޗެހި ދެކިލަން ނާންނަނީ އެސޮރުމެންގެ ފަރާތުން ރައްދުގައި ހަދިޔާ ނުލިބޭތީ ކަމަށެވެ. މީގެން ދައްކުވައިދެނީ އެ ޑޮލްފިންތަކަށް އިންސާނީ މުޖުތަމައުގެ ވައްޓަފާޅި ބޭނުންކޮށްގެން އިޖްތިމާއީ ގުޅުންތައް ބަދަހިކުރަން އެނގޭކަމެވެ.

4. ނިއުޒިލޭންޑުގެ އެކުއޭރިއަމަކުން ފިލި "އިންކީ" ބޯވަ
ނިއުޒިލޭންޑުގެ އެކުއޭރިއަމެއްގައި ގެންގުޅުނު "އިންކީ" ނަމަކަށް ކިޔާ ބޯވައެއް އެއް ރޭ ދަންވަރު ވަނީ އާދަޔާ ޚިލާފު ގޮތަކަށް އެކުއޭރިއަމުން ފިލައިގެން ގޮސް މޫދަށް ފުންމާލައިފައެވެ. އިންކީ ވަނީ އޭތި ލައިފައި އޮތް ޓޭންކުގެ މަތިގަނޑު ހުޅުވައިގެން ބިންމައްޗަށް ފުންމައިލައި، ކޫއްތިފައި ހަނި ހޮޅިއަކަށް ފެތިގެން ގޮސް މޫދަށް ފުންމާލައިފައެވެ. އެ ކަން ކޮށްފައިވާލެއް ހުޝިޔާރުކަމުން އެ ތަނުގެ އެއްވެސް އެލާމް ސިސްޓަމަކުން އެއްވެސް އެލާޓެއް ސެކިއުރިޓީއަކަށް ނުފޮނުވައެވެ. ހެނދުނު މީހުން ގޮސް ބަލައި ހޯދުމުން އިންކީ ގޮސްފައިވާ މަގު ފެންނަން އޮތެވެ. އެ ކަން ދިރާސާކުރި މީހުން ބުނާ ގޮތުގައި އެ ހަރަކާތް އިންކީ ހިންގައިފައި ވަނީ ވަރަށް ދުވަހު އެ ކަން ކުރާނެ ގޮތް ދިރާސާކުރުމަށްފަހު، ރޭވުންތެރިކަމާ އެކުގައެވެ.

5. އިންޑިއާގެ ކަރަންޓު ފެންސުތައް ޑީއެކްޓިވޭޓުކޮށްގެން ދަނޑުބިންތައް ލޫޓުވާ އެއްތައް
އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި އުޅޭ އެއްތަކަކީ އިންސާނުން އެ ޖަނަވާރަށް ކުރިމަތިކުރާ ގޮންޖެހުންތަކުން ސަލާމަތްވާނެ ހުޝިޔާރު ގޮތްތައް ދަސްކޮށްފައިވާ ޖަނަވާރުތަކެކެވެ. ގޮވާން ބިންތަކުގައި އިންދައިފައި ހުންނަ ގަސްތައް އެކި ކަހަލަ ޖަނަވާރުން ކައި ހަދާތީ، ދަނޑުތައް ހިމާޔަތްކުރަން ކަރަންޓު ފެންސުތައް ދަނޑުތަކުގެ ވަށައިގެން ޖަހައިފައި ހުރެއެވެ. މި ބޮޑެތި އެއްތައް އެ ދަނޑުތަކަށް ވަންނަނީ އެކި ގޮތްގޮތުން އެ ކަރަންޓު ފެންސުތަކުގެ ބާރު ކަނޑުވާލައިގެންނެވެ. ބައެއް އެއްތައް އެ ވަޔަރުތައް ދަނޑިބުރި ފަދަ ތަކެތި ބޭނުންކޮށްގެން ބިންމަތީގައި ބާއްވައެވެ. ބައެއް އެއްތައް އެ ތަނުން ރައްކާތެރި ތަނބުތައް ފާހަގަކޮށް، އެ ތަކެތި އުފުއްލައި ބިންމަތީގައި ބާއްވައިފައި ކަރަންޓު ވަޔަރުތައް ފަރުވާތެރިކަމާ އެކު ގިރާކޮށް، ދަނޑުތަކަށް ވަދެ، އެ ތަކެތި ބަނޑުފުރައި ކައި ހަދައެވެ.
އިސްވެދިޔަ ވާހަކަތަކުން ދޭހަވަނީ ހަމައެކަނި ޖަނަވާރުންގެ ވިސްނުންތެރިކަމެއް ނޫނެވެ. ނަމަވެސް، އެ ތަކެތި އިންސާނުންގެ ދުނިޔޭގައި އުޅެން ދަސްކޮށްފައިވާ މިންވަރެވެ. އަދި އިންސާނުންގެ ސިކުނޑިން އެ ތަކެތި ވިސްނަން ދަސްކޮށްފައިވާ މިންވަރެވެ.



advertisment