Support Us

އަހަރެންނަކީ ކަލޭގެ ލައިލާއެއް ނޫނެވެ.

އޭ މަޖުނޫނެވެ. ކޮންމެ ރެއަކު ގުޅައިގެން އަހަރެންނަކީ ކަލާގެ ލައިލާއޭ ކިޔައިގެން ތި ދައްކާ ވާހަކަތަކަށް އަހަރެން ގޮންޖަހަމެވެ. މިހާރު ކިތަންމެ ފަހަރަކު އަހަރެންނަކީ އެ މަޤާމު ފުރާނެ މީހެއް ނޫނޭ ބުނެދީފީމެވެ. އަހަރެންގެ ވާހަކަ ޤަބޫލުކުރަން ބޭނުން ނުވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަކީ ލައިލާއެއް ނޫނޭ ބުނެދީ ބުނެދީ އަނގައިގައި ހިތިރަހަ ލާން ފަށައިފިއެވެ. އަޅެ ބުނެބަލާށެވެ! ކަލާގެ ލައިލާގެ ކިބައިން އެއީ "ލައިލާކަން" ކަށަވަރުވާ އެތައް ކަމެއް ފެންނާނެއެވެ. އަހަރެންގެ ކިބައިން އެއިން އެއްވެސް ކަމެއް ފެނޭ ހެއްޔެވެ؟

  1. ލައިލާގެ ލޯބި ފޮރުވަން އުޅުނަސް ފާޅުވާނެއެވެ.

ފަހަރެއްގައި އަހަރެން ކަލޭ ދުރަށް ކޮއްޕަން އުޅޭގޮތުން އަހަރެން އަސްލު ލޯބިވެގެން އުޅެނީ ކަމުގައި ހީވެދާނެއެވެ. އެއީ ކުށްހީއެކެވެ. މިގޮތަށް ދުރަށް ދުރަށް ކޮއްޕާތާ މިހާރު ކިހާ ޒަމާނެއް ވެއްޖެ ހެއްޔެވެ؟ އަހަރެންގެ ކިބައިން މިކަންތަކެއް ފިލައިގެނެއް ނުދާނޭކަން ޔަގީންކުރާށެވެ. ކަލާގެ ލައިލާއަކަށް އެހާ ގިނަ ދުވަހު ލޯބިވާކަން ފޮރުވައިގެނެއް ނޫޅެވޭނެއެވެ. އޭނާގެ އާދަތަކުން ކޮންމެވެސް ގޮތަކުން އެކަންތައް ފާޅުވާނެއެވެ. އަހަރެންނަކީ ކަލާގެ ލައިލާއެއް ނޫނެވެ.

  1. ކަލާގެ ލައިލާ ކަލާއަށް ހާއްސަ ސަމާލުކަމެއް ދޭނެއެވެ.

ހަމަ ތެދެކެވެ. އަސްލު ލައިލާގެ ސަމާލުކަން ކަލާގެ ކިބައިން ނައްޓައިލައިގެނެއް ނުދާނެއެވެ. އެހެން އެތައް ބަޔަކު ކައިރީގައި އެނބުރުނަސް އޭނާގެ ނަޒަރު އަބަދުވެސް ހުއްޓޭނީ ކަލާއަށެވެ. އަހަރެންގެ ސަމާލުކަން އުޅެނީ އެތަން މިތާނގައެވެ. ގިނަ ފަހަރު ކަލާ ކޮށްލާ މެސެޖަކަށް ޖަވާބުވެސް މިދެވެނީ ދެ ދުވަސް ފަހުންނެވެ. އަހަރެންނަކީ ކަލާގެ ލައިލާއެއް ނޫނެވެ. ގަބޫލުކުރާށެވެ.

  1. ލައިލާ ކަލާއަށް އިންތިހާއަށް އިޙްތިރާމު ކުރާނެއެވެ.

ހަގީގަތުގައި އަހަރެންވެސް ކަލާއަށް އިހުތިރާމުކުރަމެވެ. ނަމަވެސް ރަހުމަތްތެރިއެއްގެ ހައިސިއްޔަތުންނެވެ. އަހަރެންގެ ބޯހަރުކަމުން ކަލާ ދޭ އެއްވެސް ލަފައެއް ގަބޫލު ނުކުރާ ވާހަކަ ކުރިން ދުވަހު ބުނީމެއް ނޫން ހެއްޔެވެ؟ ކަލާގެ ލައިލާ ކަލޭ ދޭ ލަފާ ގަބޫލުކުރާނެއެވެ. ކަލާ ދޭ ނަސޭހަތް އަޑުއަހައި އިސްލާހުވާން މަސައްކަތް ކުރާނެއެވެ. އަހަރެންނަކީ ކަލާގެ ލައިލާއެއް ނޫނެވެ.

  1. ކަލާގެ ލައިލާ ކަލާ އުފާވާކަންތައް ދެނެގަނެ، އިތުރަށް އުފާކޮށްދޭން މަސައްކަތް ކުރާނެއެވެ.

މި ލިޔުމުންވެސް އަހަރެންނަކީ ލައިލާ ނޫންކަން އެނގި ސާބިތުވޭ ނޫން ހެއްޔެވެ؟ މިކަހަލަ ލިޔުމަކުން ކަލާ ހިތްދަތިވެދާނެކަން އެނގި މިފަދަ ކަމެއް ލައިލާއެއް ނުކުރާނެއެވެ. ޔަގީނެވެ. އަހަރެންނަކީ ކަލާގެ ލައިލާއެއް ނޫނެވެ.

  1. ލައިލާ އިސްވެ ކަލާގެ ހާލު އަހައި އޮޅުން ފިލުވާނެއެވެ.

އަހަރުމެން ދެމީހުންގެ ގުޅުމަށް މިހާ ގިނަ ދުވަސް ވީއިރުގައިވެސް އިސްވެ ކަލާގެ ހާލުބަލައިލީ ކިތައް ފަހަރު ހެއްޔެވެ؟ އެންމެ ފަހަރަކުވެސް ނުބަލަން ދޯއެވެ. ކަލޭގެ އަގުވަޒަންކޮށް ދިރިއުޅުމެއް ބިނާކުރުމަށް ބޭނުންވާ ލައިލާގެ ކަންތައް ހުންނާނީ މިއަށް ވުރެން އޯގާތެރިކޮށެވެ. އޭނާ އިސްވެ ހާލު ބަލާނެއެވެ. ލޯބި، ލޯބި މެސެޖު ފޮނުވާނެއެވެ. އޭނާގެ ލޯބި ސާބިތުކޮށްދޭން މަސައްކަތްކުރާނެއެވެ. އަހަރެންނަކީ ކަލާގެ ލައިލާއެއް ނޫނެވެ.

  1. ލައިލާ އޭނާގެ އަމިއްލަ ވާހަކަތައް ތެދުވެރިކަމާ އެކުގައި ހިއްސާކުރާނެއެވެ.

އަހަރެންގެ ކިބައިން އެއްޗެއް އޮޅުންފިލުވަން އުޅެން ޖެހެނީ ވަރަށް ހާލުގައި ކަމަށް ކަލާ ބުނީމެއް ނޫންހެއްޔެވެ؟ ހަތްކަނޑު ފަތައި ފީނައިގެންނެވެ. ކަލާއާ މެދު ބައިވެރިޔެއްގެ މޭރުމުން އިތުބާރުކުރާ މީހަކު އެމީހެއްގެ އަމިއްލަކަން ހިއްސާކުރާކަށް ޖެހިލުމެއް ނުވާނެއެވެ. އޭނާގެ ބިރުތަކާއި ހަޔާތާ މެދުގައި ދެކޭ ހުވަފެންތަކާއި، މުސްތަގުބަލަށް އޮތް އުންމީދުތައް ހިއްސާކުރާކަށް ޖެހިލުމެއް ނުވާނެއެވެ. އެއީ އޭނާގެ ހަޔާތް ބިނާކުރާ މީހާއަށް އޭނާ ދެނެގަނެވިފައި އޮތުމުގެ ބޭނުމުގައެވެ. އަހަރެންނަކީ ކަލާގެ ލައިލާއެއް ނޫނެވެ.

  1. ކަލާއަށް އަބަދު ކާންދޭން ލައިލާ ބޭނުން ވާނެއެވެ.

މިކަމުގެ ތެދު ހަގީގަތް ނޭނގުނަސް މިއީ ވަރަށް ގިނަ މީހުން ބުނާ އެއްޗެކެވެ. ކަލާގެ ލައިލާ އަބަދުވެސް ބަލާނީ ކަލާ ހުންނާނީ ނުކައި ކަމަށެވެ. އޭނާ ކަލާ އަނަރޫފަވާތަން ބަލާކަށް ނޭދޭނެއެވެ. އެހެން ކަމުން ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަބަދުވެސް ކަލާއަށް ކާން ދެވޭތޯ އޭނާ މަސައްކަތް ކުރާނެއެވެ. އަހަރެންނަށް މީހަކަށް ކާންދޭން އުޅެވޭނީ އަމިއްލައަށް ކާން ހަނދާންވެގެން ތާއެވެ. އަހަރެންނަކީ ކަލާގެ ލައިލާއެއް ނޫނެވެ.

  1. ކަލާއާ ގާތްވާން އުޅޭ މީހުންނަށް ކަލާގެ ލައިލާ ނަފުރަތުކުރާނެއެވެ.

ވިސްނައިލަބަލާށެވެ. ކަލާ އެހެން އަންހެންކުއްޖެއްގެ ވާހަކައެއް ކިޔައިދިނުމުން އަހަރެން ދުވަހަކުވެސް ރުޅިއައި ހެއްޔެވެ؟ ހަސަދަވެރިވި ހެއްޔެވެ؟ ނުވެއެވެ. ސަބަބަކީ އަހަރެންގެ އަތުން ބީވެދާނޭ ކަމުގެ ބިރު އަހަރެންގެ ހިތުގައި ނުޖެހޭތީއެވެ. ކަލާގެ ލައިލާގެ ކިބައިން އެކަންތައް ފެންނާނެއެވެ.

މި ހިސާބުން އިތުރަކަށް އަހަރެންނަކީ ކަލާގެ ލައިލާ ނޫންކަން ސާބިތުކޮށްދޭކަށް މަސައްކަތެއް ނުކުރާނަމެވެ. ވަރަށް ބޮޑު ވާހަކައެއް ބުނެދެން ހެއްޔެވެ؟ ކަލާ "ކަނުކަމުން" ނޭނގެނީއެވެ. ކަލާގެ ލައިލާއަކީ ޖެހިގެން އުޅޭ ގޭގައި އުޅޭ ދޮންކަމަނައެވެ. ކަލާ ވިސްނައިލަބަލާށެވެ. ކޮންމެ ދުވަހަކު ގުޅައިފައި ކާން އަންނަން ބުނަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ކަލާގެ ކޮންމެ ޕޯސްޓަކަށް ލައިކު ޖަހާ ޝެއަރ ނުކުރޭ ހެއްޔެވެ؟ ކަލާ ދޭ ކޮންމެ ލަފައެއް އޭނާ ބަލައިގަންނަން ހުންނަނީ ތައްޔާރަށެވެ. އޭނާ ކަލާ އުފާކޮށްދިނުމުގެ ނިޔަތުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ.

މިހާރުވެސް ކަލާއާ ގުޅުން ބަދަހިކުރާކަން އެނގިގެން އޭނާ އަހަރެން ފޭސްބުކުން އަންފްރެންޑު ކޮށްފިއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އެހެންވެ އިތުރަށް މިލިޔުން ދިގުކުރާކަށް ނެތީމެވެ. އޭނާއަކީ ކަލާގެ ލައިލާކަން ގަބޫލުކޮށް އޭނާ ކައިރިން އަވަހަށް ކައިވެންޏަށް އެދޭށެވެ. އަހަރެން މިދަނީ ތި ދެމީހުންގެ ކައިވެންޏަށް ދޭނޭ ހަދިޔާ ގަންނަން މަންޝާ އޮންލައިންނަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *