Support Us

ރޯދަހިފުމުގެ ސިއްރު ފައިދާތައް: ނޯބަލް އިނާމު ލިބުނު ދިރާސާއިން ހާމަވި ޙަޤީޤަތްތައް

ޖަޕާނުގެ ބަޔޮލޮޖިސްޓް ޔޮޝިނޯރި އޮހްސުމި މެޑިސިންގެ ދާއިރާއިން 2016 ވަނަ އަހަރު ނޯބަލް އިނާމު ހޯދީ، ހަށިގަނޑުގެ އެންމެ ފާހަގަކޮށްލެވޭ އަމިއްލަ ފަރުވާގެ މެކޭނިޒަމްތަކުގެ ތެރެއިން އެއް މެކޭނިޒަމް ކަމުގައިވާ "އޯޓޮފަޖީ" ނުވަތަ ހަށިގަނޑުގެ ބައިތައް ހަށިގަނޑުން ހަޖަމުކުރާ މަރުހަލާ ދެނެގަނެގެންނެވެ. އޭނާގެ ހޯދުންތަކުން އެނގުނީ ހަށިގަނޑަށް ކާނާ މަދުން ދޭންފެށުމުން ހަށިގަނޑުގެ ސެލްތައް ވަރުގަދައަށް ސާފުކުރުމުގެ ރޯލެއް ކުޅެން ފަށައިކަމެވެ. މި މޯޑުގައި ސެލްތައް ހަށިގަނޑުގެ ތެރޭގައި ބޭނުން ހަމަވެފައިވާ ނުވަތަ ގެއްލުން ލިބިފައިވާ ބައިތައް ނައްތާލައެވެ. އަދި އެތަކެތި އަންދައިގެން ލިބޭ ހަކަތަ ދިރިހުރުމަށާ ހަށިގަނޑު އާރާސްތުކުރުމަށް ބޭނުން ކުރަން ފަށައެވެ.

ހަށިގަނޑުގެ ޤުދުރަތީ ދައުރުގެ ތެރޭގައި، ސެލްތައް އުފެދި، މަސައްކަތްކޮށް، އަދި ވަގުތު ހަމަވުމުން މަރުވެއެވެ. ނަމަވެސް، ހަށިގަނޑަށް އަބަދުވެސް ކާބޯތަކެތިން ހަކަތަ ލިބޭނަމަ، މަރުވެފައިވާ ސެލްތަކާއި ބޭކާރުވެފައިވާ ޕްރޮޓީންތައް ނައްތާލުމުގެ ޕްރޮސެސް (އޯޓޮފަޖީ) ފުރިހަމައަށް ހިނގުމަށް ދަތިތަކަކާ ކުރިމަތިވެއެވެ. މީގެ ސަބަބުން ވިހަ މައުދަންތަކާއި މަރުވެފައިވާ ސެލްތައް ހަށިގަނޑުގައި ޖަމާވެ، ދުޅަހެޔޮ ސެލްތަކަށް ނޭދެވޭ އަސަރުކުރަން ފަށައެވެ.

މި ޒަމާނުގެ ކަންތައް ހުންނަ ގޮތުން ވަރަށް ގިނަ ފަހަރު އަހަރުމެން އުޅެނީ ކޮންމެވެސް އެއްޗެއް ކެއުމުގައެވެ. ނަމަވެސް އަހަރެމެން އަބަދު ކައިއުޅޭތީވެ ހަށިގަނޑަށް އޭތި އަމިއްލައަށް މަޑުޖައްސައިލާ މަރާމާތު ކުރާކަށް ވަގުތެއް ނުލިބެއެވެ. ނަމަވެސް ކެޔުމުގައި މަޑުޖައްސައިލާ ނަމަ، ހަށިގަނޑުގެ ސެލްތަކަށް ހަކަތަ މަދުކަން ދެނެގަނެ، ކާނާ ނުލިބޭނޭކަން އެނގި "އޯޓޮފަޖީ" ޓްރިގަރކުރާނެއެވެ.

އޯޓޮފަޖީ އެކްޓިވޭޓު ވާ ހިސާބުން ހަށިގަނޑުން ބޭނުންކޮށްފައިވާ ޕްރޮޓީނާއި ވިހަ މާއްދާތައް ނައްތައިލާ އެތަކެތި ހަކަތައިގެ ގޮތުގައި ބޭނުން ކުރެއެވެ. މި މަރުހަލާގައި ހަށިގަނޑުގައި ގެއްލުން ލިބޭ މާއްދާތައް ޖަމާވުން މަދުކޮށްލައި ހަށިގަނޑުގައި ރަނގަޅު މިންގަނޑުތަކެއް ދެމެހެއްޓުމަށް މަގުފަހިކޮށްދެއެވެ. އޯޓޮފަޖީ ހަށިގަނޑުގައި މަސައްކަތްކުރާނަމަ، ހަށިގަނޑުގެ ދިފާއީ ނިޒާމު ރަނގަޅުވެ، ބަލިތަކާ ދުރުވެ، އުމުރުން ދުވަސްވުމުން ދިމާވާ ދަތިތަކާ ދުރުވެއެވެ. އަދި ހާއްސަ ގޮތެއްގައި ގިނަ ބަލިތަކުގެ އަސްލު ކަމަށް ވާ ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަންތަކާ ދުރުކޮށްދެއެވެ. އޯޓޮފަޖީއަކީ އަހަރުމެންގެ ހަށިގަނޑުގެ އަމިއްލަ ކުނި ނައްތައިލާ އަލުން އާރާސްތުކުރާ ނިޒާމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އެހެންކަމުން ގަވާއިދުން ރޯދަ ހިފައި އުޅޭ މީހުން އެ ބުނަނީ ދޮގެއް ނޫންކަން ނޯބަލް އިނާމު ލިބުނު ސައިންސް މެދުވެރިކޮށް އަހަރުމެންނަށް އެނގެއެވެ. ހަށިގަނޑުގައި އެއްވެފައިވާ ކުނިބުނި ނައްތައިލާ، ސާފުވެލީމައި ހަށިގަނޑަށް ލުއި އިހުސާސްކުރެވި މީހާގެ ހަކަތަ އިތުރުވަނީ މިހެން ވެތާއެވެ. މި އާދަޔާ ހިލާފު ބަޔޮލޮޖިކަލް ޕްރޮސެސްއަކީ، ރޯދަހިފުމުން ގުދުރަތީ ގޮތުން އެކްޓިވޭޓްވާ މަރުހަލާއެކެވެ. މިއީ ރޯދަހިފުމުން ލިބޭ ގިނަ ފައިދާތަކުގެ ތެރެއިން މައިގަނޑު ބައެކެވެ. ހަށިގަނޑަށް ކާނާ ނުލިބޭ ވަގުތުކޮޅެއް ގަވާއިދުން ދިނުމުން، ހަށިގަނޑަށް ސެލިއުލާ ފެންވަރުގައި ސާފުވެލައި، މަރާމާތުކޮށް އަދި އައުކުރުމުގެ ފުރުސަތު ލިބިގެން ދެއެވެ.

  • ތަރުޖަމާއެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *