އަހަރެން ނުހާގެ ފަންގިފިލާ "ގެ"އަށް މިއަދު ޖައްސައިލި އިރު އޭނާ އިނީ ފުން ވިސްނުމެއްގައެވެ.
ނުހާއަކީ މުޅިން ހުދު ކުލައިގެ ކޮތަރެކެވެ. ޖެނެޓިކް ހާލަތެއް ކުރިމަތިވުމުން، އާއްމު ކޮތަރުތަކާ ހިލާފަށް، އަލްބައިނޯ ކޮތަރަކަށްވީއެވެ. އަދި މިހެންވެ، އެހެން ހުރިހާ ކޮތަރެއް އުޅެނީ ނުހާއާ އަޅައިގަނެގެންނެވެ!
"ކިހިނެތްވީ؟ ބިޓު ކެޓީތަ؟" މަޖަލަކަށް ހަދައިލައިފައި އަހަރެން އަހައިލީމެވެ.
"ނޫނޭ. ތިއަށްވުރެ މާ ސީރިއަސްކަމެއް ދިމާވެގެން މި އުޅެނީ. މި އުޅެނީ 'ލަވް އެޓް ފަސްޓް ސައިޓް’ވެގެން،" ނުހާ ވަރަށް ސީރިއަސް ރާގެއްގައި ބުނެލިއެވެ.
ނުހާއަކީ މީގެ ކުރިން 14 ކޮތަރާ ލޯބީގެ ގޮތުން ގުޅުނު ކޮތަރެކެވެ. ނަމަވެސް، އޭނާގެ އާދަޔާ ހިލާފު އެ ރީތިކަން ހުއްޓަސް، މިހާތަނަށް އޭނާ އެއްވެސް "ބިޓެއް"ގައި ހަރެއް ނުލައެވެ.
އާއްމު ގޮތެއްގައި ޖުމްހޫރީ މައިދާން، ނުވަތަ ބަނގްލަދޭޝް މަސައްކަތްތެރިން އެ ކިޔާ "ކޮތަރު ޕާކު"ގައި ސަތޭކައިން ގުނައިލެވޭ ކޮތަރުތައް އުޅޭއިރު ވެސް ނުހާ ބޭނުންވާ ކަހަލަ ލޯބިވެރިޔަކު އަދިއަދަށްދާންދެން ވެސް އޭނާއާ ދިމައެއް ނުވެއެވެ.
ނުހާއަށް މިހާރު 15 އަހަރުވީއެވެ. އުމުރު ދެ ބައިވީއެވެ. މިހެންވެ ލޯބީގެ ގޮތުން ސީރިއަސް ގުޅުމެއް އަދި މިހާތަނަށް އޭނާއަށް ލިބިފައި ނުވާތީ އަހަރެން ވަރަށް ކަންބޮޑުވެއެވެ.
ނުހާ ބުނި އެއްޗަކުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންނަކީ އެ ކިޔާ "ފުރަތަމަ ނަޒަރުން ލޯބި" އުފެދިދާނެ ކަމަށް ބަލާ ވަރަށްވުރެ މާއްދިއްޔަތަށް ގޮސް ހުސްވެފައި ހުރި ކޮތަރެއް ކަމަށް ބުންޏަސް ވަރިހަމައެވެ.
އެހެންކަމުން އަހަރެންގެ ޝައުގުވެރިކަން ބޮޑުވި ވަރުން އަހަރެން ނުހާގެ ސިކުނޑި ކޮންނަން ފެށީމެވެ.
ވީ ގޮތަކީ ކޮތަރު ޕާކަށް މުށި ކުލައިގެ ކޮތަރެއް މިއަދު ތިރިކުރީއެވެ. މުޅިން އަލަށް ޖެއްސި ކޮތަރެކެވެ. އަދި އާއްމު އެހެން ކޮތަރުތަކާ ހިލާފު ކުލައެއް ވީމާ އެހެން ކޮތަރުތައް އެ ކޮތަރު ފާޑަކަށް ބާކީކޮށްލީއެވެ.
ނުހާގެ ހިތުގައި ހަމްދަރުދީ އުފެދިގެން އެ ކޮތަރާ ސަލާންގަލާންކޮށްލައިފައި "މަރުހަބާ" ކިޔުމުން ނުހާގެ ލޮލަށް ވަރަށް ފުންކޮށް އެ ކޮތަރު ބަލައިލި ކަމަށްވިއެވެ. އަދި ކާން ދޭން އައި މީހަކު މުގާއި ހަނޑޫ އެޅުމުން، އެ ކޮތަރު ހެދި ގޮތަކީ ނުހާ ބަނޑު ފުރެންދެން އެ ސޮރަށް ލިބުނު ކާއެތިކޮޅު ނުހާއަށް ފުރަތަމަ ދިނީއެވެ.
ނުހާ އެ ބުނާ ފުރަތަމަ ނަޒަރުން ލޯބި އުފެދުނީ މިހެންވެ ބާވައޭ، އަހަރެންގެ ހިތަށްއެރިއެވެ. އަދި ދެން އަހަރެންގެ ހިތަށް އެރީ "ލޯބި" މިއީ ކިހިނެތްވާ ކަމެއްތޯއެވެ؟ މިހެން މި ބުނީ އަހަރެން އަހަރެންގެ އާދަނާ ގުޅުނީ "އިޝްގު" އުފެދުނީމާ ކަމަށް އާދަނު އަހަރެންގެ ގާތުގައި ބުނީމާއެވެ. ހަގީގަތުގައި "ލޯތްބާ"އި "އިޝްގާ"އި ހުރި ތަފާތު އަހަރެންނަކަށް ނޭނގެއެވެ. އަހަރެން އާދަނާ ގަބޫލުވީ، ނުހާއަށް އެ މުށި ކޮތަރު ދެއްކި ހެޔޮކަން ފަދަ ގޮތެއް އާދަނު ވެސް އަހަރެންނަށް ދެއްކީމައެވެ. ނަމަވެސް އާދަނާ އަހަރެންގެ ދެމެދުގައި އުފެދުނީ ފުރަތަމަ ރަހްމަތްތެރި ކަމެކެވެ. "އިޝްގަ"ށް ބަދަލުވާން އަށް މަސް ދުވަސް ނެގިއެވެ. ނުހާ އެ ބުނާ ފުރަތަމަ ނަޒަރުން ލޯބި އުފެދުނު ވާހަކައަށް އަހަރެން އާދަޔާ ހިލާފަށް ޝައުގުވެރިވީ އެހެންވެއެވެ.
ނުހާ ބުނީ އެ މުށި ކޮތަރުގެ ނަމަކީ އަލްކޮ ކަމަށެވެ.
"އަލްކޮ އަހަރެންގެ ގާތުގައި ބުނީ އަލްކޮއަކީ ރީތި ކޮތަރެއް ކަމަށް އަލްކޮ އަމިއްލައަށް ނުދެކޭ ކަމަށް. ނަމަވެސް އަލްކޮ ބުނީ އަލްކޮގެ އަޑު އެއީ ޔުނީކް (ނުވަތަ އެހެން އެއްވެސް ކޮތަރެއްގައި ނުވާ 'ލާމަސީލު') އަޑެއް ކަމަށް،" ނުހާ ކިޔައިދިނެވެ.
"ތި ބުނީ…؟" އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.
"ނޭނގެ ސީދާ ކިޔައިދޭކަށް،" ނުހާ ޖަވާބު ދިނެވެ.
"ވައްތަރީ ރޯގާ ޖެހިފައި ހުންނަ ކޮތަރެއް ވާހަކަ ދައްކާ ގޮތާ. ނަމަވެސް ފަހުން ވިސްނައިލިއިރު ބޮޑަށް ވައްތަރީ ލަކުޑިކޮޅެއްގައި ރޮންދާއެއް ކަހަލަ އެއްޗެއް ދަމާ އަޑު ނޯށަށް އަރުވައިފައި ހުންނަ ކަހަލަ ގޮތެއް،" ނުހާ ކޮންމެވެސް ހިޔާލަކަށް ގެއްލިގެން އިނދެ އަހަރެންނާ ދިމާއަށް ބުންޏެވެ.
"ދެން ކޮބާ މައްސަލައަކީ؟ ރައްޓެހިވީމާ ނިމުނީއެއްނު!" ޗޮކެއް ކަނޑައިލައިފައި އަހަރެން ބުނީމެވެ.
"ތި ކަން ވެސް ވެއްޖެ. ކައިވެނި ކުރާ އުމުރު އަލްކޮގެ އަދިކިރިޔާ ހަމަވީ. ދެ މީހުން ރަސްމީ ގޮތުން ރެކޯޑަށްޓަކައި ނުބުނެ ހަމައެކަނި ރޫހާނީ ގޮތުން ގުޅުނީ. ރޫހީ ގޮތުން ވެސްމެ. ވީ ގޮތަކީ އޭނާ ބުނީ އޭނާ އެހެން މީހުންގެ ގާތުގައި ނުދައްކާ ހުރިހާ ވާހަކަތަކާއި ސިއްރުތަކެއް އަހަރެންނަށް ކިޔައިދޭނެ ކަމަށް. އެ ގޮތުން ވަރަށް ވާހަކަ ދެއްކި. އޭނާގެ އެތެރެ ފުށުގައި ހަގީގަތުގައި ވަރަށް ވޭންތަކެއް އަޅަމުން ދަނީ. އެކަމަކު އަހަރެންނަށް އެ ކަން ނުދައްކަންވެގެން އަބަދު ހެވިދިލިފައި ހުންނަނީ ކަމަށް ބުނީ،" ނުހާ ކިޔައިދިނެވެ.
މިހާ ހިސާބުން އަހަރެންގެ އަސްލު ސުވާލަށް ދިޔައީއެވެ. ނުހާ މާ ސީރިއަސް ފާޑަކަށް އިނީ ކީއްވެތޯއެވެ.
ނުހާ ބުނީ އޭނާއަށް ވަރަށް އެހެން ކަހަލަ "ޑައިލެމާ"އަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
"އަލްކޮގެ އަޑު ހަގީގަތުގައި ވެސް އަހަރެންނަށް ވަރަށް ރީތި. ނަމަވެސް ހިތްގައިމު ވާހަކަ ބުނާނީތޯ ނުވަތަ ނޫންތޯ ހިތަށް އަރަނީ. މި ބުނީ ރީއްޗޭ ބުނެފިއްޔާ އޭނާއަށް ސިކުނޑީގެ ޕްރެޝަރެއް އަންނާނެ އަހަރެންނާ އަބަދު އަނގަތަޅަން. އޭނާ ދެން އުޅެން ޖެހެނީ އަހަރެންނާ އެކީގައި ހުންނަ ވަގުތުތަކުގައި އަބަދު އަހަރެންނާ ވާހަކަ ދައްކާ ހިތުން ވާހަކަ ދައްކަދައްކާ ވަރުބަލި ވާވަރުވެފައި. މިއީ އަހަރެން މިއަދު މި ތާނގައި އިނދެ މި ފިކުރުކުރާ ކަމަކީ."
ނުހާ އެ ބުނި ވާހަކައަށް އަހަރެން ވިސްނައިލީމެވެ. ނުހާއަށް އެ ދިމާވީ ހަގީގަތުގައި ވެސް ޔުނީކް މައްސަލައެކެވެ.
ދެން ކުއްލިއަކަށް އަހަރެންގެ ހިތް ކުދިކުދިވި ކަހަލައެވެ. އަހަރެންގެ އާދަނަކީ އަޑު ރީތި ކޮތަރަކަށް ވެފައި، އެ ވާހަކަ އަހަރެން އޭނާގެ ގާތުގައި ނުބުނެ ހުއްޓައި، އާދަނު މި ދުނިޔެ ދޫކޮށްފިއްޔާ އަހަރެންނަށް އަހަރެންގެ ނަފުސަށް މައާފު ކުރެވޭނެ ހެއްޔެވެ؟
އަހަރެންގެ ކަރުތެރެ ބެދުނެވެ. ނަމަވެސް ހިތްވަރުކޮށްފައި އަހަރެން ނުހާއަށް ބުނީމެވެ.
"ވީ އެންމެ އަވަހަކަށް ނުހާއަށް އަލްކޮގެ އަޑު ރީތި ކަމަށް ބުނޭ. އެއަށްވުރެ މުހިންމު ކަމެއް މި ވަގުތު ހަމަ ނެތް ކަމަށް ބަލާ! ހުރި ތަނަކުން ހޯދައިގެން ވެސް އަލްކޮ ގާތުގައި އެ ވާހަކަ ބުނޭ. ބުނޭ އަޑު ރީއްޗޭ އެކަމަކު އެހެން ބުނުމަކުން އޭގެ މާނައަކީ އަލްކޮ އަނގަގަދަމިތުރަކަށް ނުވައްޗޭ. އަލްކޮގެ ޔުނީކް އަޑު ނުހާއަށް ވަރަށް ރީތިކަން ނުބުނެ ހުއްޓާ އަލްކޮ މަރުވެއްޖައިއްޔާ އެއީ ނުހާ ދިރިހުރިހާ ދުވަހަކު ވެސް ނުހާއަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫން. އަހަރެންގެ އާދަނު އަޑު ރީތި ކޮތަރަކަށް ވެފައި އެ ވާހަކަ އަހަރެން އޭނާގެ ގާތުގައި ނުބުނެ ހުއްޓައި އޭނާގެ ފުރާނަ ގޮސްފިއްޔާ އަހަރެންނަކަށް ނޭނގެ އަހަރެން އަހަރެންގެ އަމިއްލަ ނަފުސައިގެން އުޅޭނެ ގޮތެއް ވެސް! ހަމަ ހުވާ މި ބުނީ!"
މިހެން ބުނެވުނުތަނާހެން އަހަރެންނަށް ރޮވިއްޖެއެވެ. ނުހާ ވެސް ގިސްލަގިސްލައިފައި ރޯން ފެށިއެވެ.



advertisment