ތިއޭޓަރުގައި ޑޮކްޓަރުންތައް ދިޔައީ އޮޕަރޭޝަނެއް ކުރަމުންނެވެ. މެޑިކަލީ މަރުވެފައިވާ ކަމަށް އޭގެ ތިން ދުވަސް ކުރިން ނިންމާފައިވާ އެޑްރިއާ ޝްނައިޑަރގެ މޫނު ވަކިން ނަގައި ޓްރޭއެއްގައި ބޭއްވިއެވެ. އޭނާގެ ނާށިގަނޑާއި މޫނާ ވަކި ކުރުމުގެ މަސައްކަތަށް ޖުމްލަ 16 ގަޑިއިރު ހޭދަވިއެވެ. އެ މޫނަށް އާ ފުރާނައެއް ދިނުމަށް ތައްޔާރުވެފައިވާ ކޭޓީ ސްޓަބްލްފީލްޑް އޮތީ ޖެހިގެން އޮތް ކޮޓަރީގައި އެ މޫނު ހަރުކުރުމަށް ތައްޔާރުކޮށް ހޭނައްތައިފައެވެ.
މިއީ، 2017 ވަނަ އަހަރު، އެންމެ ޅަ އުމުރުގައި މޫނު ޓްރާންސްޕްލާންޓް ކުރި މީހާގެ އާދަޔާ ހިލާފު ވާހަކައެވެ.

އޮޕަރޭޝަން ކުރުމުގެ 3 އަހަރު ކުރިން
މި ވާހަކަ ފެށުނީ އޭގެ ތިން އަހަރު ކުރިންނެވެ. އޭރު އުމުރުން 18 އަހަރުގެ ކޭޓީއަކީ ވިސްނުން ތޫނު، ހީވާގި، ވާދަވެރި ކުއްޖެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކުއްޖެކެވެ. އޭނާއަކީ ބާސްކެޓްބޯޅަ ކުޅެ، ސްކޫލު ކޯރަސްގައި ލަވަކިޔައި، އަދި ކިޔެވުމުގައި ވަރަށް ރަނގަޅު ނަތީޖާ ހޯދަމުން އައި ކުއްޖެކެވެ.
ނަމަވެސް އެ އަހަރަކީ އޭނާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހެމުން އައި އަހަރެކެވެ. އެ އަހަރު ކޭޓީގެ އާއިލާ ދިރިއުޅެމުން ގެންދިޔަ ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުވުމުން އޭނާގެ ކުރީގެ ހުރިހާ ރަހުމަތްތެރިން ގެއްލުނެވެ. އާ ދިރިއުޅުމުގައި އޭނާގެ މަންމައަށް އަދާކުރަން ފެށި ވަޒީފާ ގެއްލި، އާއިލާގެ ކަންކަން ބޮއްސުންލައިގެން ދާން ފެށިއެވެ. ކޭޓީގެ ގޮހޮރުގައި މައްސަލައެއް ޖެހިގެން ގޯލްބްލެޑަރ ނަގަން ސަރޖަރީއެއް ކުރަން ޖެހުނެވެ. މި ހުރިހާ ކަމަކަށް ވެސް ކޭޓީ ދިޔައީ ކެތްކުރަން މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އޭނާގެ ހަޔާތުގައި ދިމާވާ ކަންކަން ތަހައްމަލު ނުކުރެވޭ ހިސާބަށް ކޭޓީގެ ވިސްނުން ދިޔައީ، އާ ސްކޫލުން ދިމާވެގެން ރައްޓެހިވެގެން އުޅުނު ކުއްޖާ ކޭޓީއަށް ބޭވަފާތެރިވިކަން އެނގުމުންނެވެ. މި ހުރިހާ ވޭނަކާއި ޖަޒުބާތީ ވަރުބަލިކަމެއް އެއްފަހަރާ ލައިގަތުމުން، ކޭޓީގެ ކެތްތެރިކަން ކޮޅުންލައި ކުއްލި ނިންމުމެއް ނިންމިއެވެ. އޭނާގެ ބޭބެގެ ގެއަށް ގޮސް ބޭބެގެ ބަޑި ބޭނުންކޮށްގެން އަމިއްލައަށް މަރުވާން މަސައްކަތް ކުރިއެވެ.
ކަންތައް ދިމާކުރި ގޮތުން އޭނާގެ އެ ކުއްލި އަމަލުގެ ސަބަބުން އޭނާގެ ފުރާނައަށް ގެއްލުމެއް ނުލިބި މަރުން ސަލާމަތްވިއެވެ. ނަމަވެސް ދަތްދޮޅި ދަށުން ޖެހި ވަޒަން ވަދެގެން ދިޔަގޮތުން އޭނާގެ މޫނުގެ ނާށިގަނޑު ފުނޑުވެގެން ދިޔައެވެ. އޭނާގެ ދަތްދޮޅިއާއި، ނޭފަތް، އަދި މޫނުމަތި އެކީ ހަލާކުވެ، އޭނާގެ ފެނުން ގެއްލުނެވެ. ކޭޓީއަށް ފަރުވާ ދިން ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި އޭނާ ދުނިޔޭގައި ހުރިކަން އެއީ އަޖައިބެކެވެ.

ދާއިމީ ހައްލެއް ހޯދުމަށް ކުރި ދިގު އިންތިޒާރު
ޖެހިގެން އައި ތިން އަހަރު ކޭޓީ ހޭދަކުރީ ހޮސްޕިޓަލުތަކުގައި އެކި އޮޕަރޭޝަންތަކުގައެވެ. އޭނާގެ މޫނުމައްޗަށް ވެފައިވާ ބޮޑެތި ގެއްލުންތައް މަރާމާތު ކުރެވޭތޯ ޑޮކްޓަރުން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުން މަހާއި، ކަށްޓާއި، ހަން ނަގައިގެން މަސައްކަތްކުރިއެވެ. އޭނާގެ ދަތްދޮޅިއާއި ތަލި ހަލާކުވެފައިވާ މިންވަރުން ކޭޓީއަކަށް ވާހަކައެއް ނުދެއްކެއެވެ. ކާންދީ ހަދަން ޖެހުނީ ހޮޅިއަކުންނެވެ. ނޭވާ ލާން ޖެހުނީ ކަރުތެރެއަށް ވައްދާފައިވާ ހޮޅިއަކުންނެވެ.
އެ ހާދިސާ ހިނގިތާ އެއް އަހަރު ފަހުން ކޭޓީ ކްލީވްލެންޑް ކްލިނިކަށް ބަދަލުކުރިއެވެ. އެ ހޮސްޕިޓަލަކީ "ފޭސް ޓްރާންސްޕްލާންޓް" ހެދޭ މަދު ހޮސްޕިޓަލުތަކުގެ ތެރެއިން އެއް ހޮސްޕިޓަލެވެ.
ޕޭސް ޓްރާންސްޕްލާންޓު ހަދަން ކޭޓީ ތައްޔާރުތޯ ބެލުން
ކްލީވްލޭންޑް ހޮސްޕިޓަލުގެ ޑޮކްޓަރުން އޭނާއަށާއި އޭނާގެ އާއިލާއަށް "ފޭސް ޓްރާންސްޕްލާންޓް" ސަރޖަރީގެ ނުރައްކާތެރިކަމާއި އުނދަގޫ ކިޔައިދިނެވެ. އެ ސަރޖަރީ ކުރިޔަސް އޭނާގެ ހަށިގަނޑުން ޓްރާންސްޕްލާންޓް ކުރާ އާ މޫނު ބަލައިނުގަނެފާނެކަން ވިސްނައިދިނެވެ. އަދި ކާމިޔާބުކަމާއެކު ހަށިގަނޑުން އާ މޫނު ގަބޫލުކުރިޔަސް އުމުރަށް ބޭސްކާން ޖެހޭނެކަންވެސް ބުނެދިނެވެ. އެ ހުރިހާ ނުރައްކަލެއް ގަބޫލުކޮށްގެން މިގޮތަށް ކުރިޔަށް ދިޔުން ނޫން ގޮތެއް ކޭޓީއަކަށް ނެތެވެ. ސަބަބަކީ އޭނާގެ މޫނު ވަނީ ސާޖަރީން މަރާމާތުކުރެވޭ ވަރަށްވުރެ މާ ބޮޑަށް ހަލާކުވެފައެވެ.
ދެން އައި އަހަރުތައް ޑޮކްޓަރުން ހޭދަކުރީ ކޭޓީ އެ ބޮޑު އޮޕަރޭޝަނަށް ތައްޔާރު ކުރުވުމުގައެވެ. އެފަދަ އޮޕަރޭޝަނެއް ކުރެވެން އޮތީ ކޭޓީ ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ޑޮކްޓަރުން އެ އޮޕަރޭޝަން ކުރުމުގެ ކުރިން އޭނާ އަމިއްލައަށް މަރުވާން އުޅުނު ހާދިސާ ވަރަށް ބޮޑަށް ތަހުގީގުކުރިއެވެ. ސަބަބަކީ އެފަދަ ބޮޑު ހަރަދުތަކެއް ކޮށްގެން ތަކުލީފުން ފުރިފައިވާ އޮޕަރޭޝަނެއް ކުރާއިރު އޭނާއަކީ ނަފްސާނީގޮތުން އެފަދަ ކަމެއް ތަޙައްމަލުކުރުމަށް ނުކުޅެދޭ މީހަކަށް ވެއްޖެނަމަ އެފަދަ އޮޕަރޭޝަނެއް ކުރުމަކީ ބުއްދިވެރި ކަމަކަށް ނުވާތީއެވެ.
އެމީހުން ކުރި ދިރާސާތަކަށްފަހު ނިންމީ ކޭޓީ އަމިއްލައަށް މަރުވާން ނިންމީ އޭނާއަށް ލިބުނު ކުއްލި ނުތަނަވަސްކަމަކުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށެވެ. ދާއިމަށް ދުނިޔެއިން ދިޔުމުގެ ޚިޔާލެއް އޭގެ ކުރީގައި އޭނާ ކޮށްފައި ނުވާ ކަމަށެވެ. މި ތަޙުޤީޤުތަކަށްފަހު 2017 ވަނަ އަހަރު ކޭޓީ ރަސްމީކޮށް ފޭސް ޓްރާންސްޕްލާންޓް ކެންޑިޑޭޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރިއެވެ.

މޫނު ހަދިޔާކުރި ފަރާތް
ކޭޓީގެ ފޭސް ޓްރާންސްޕްލާންޓުގެ ޑޯނަރ އެޑްރިއާ ޝްނައިޑަރު އުފަންވީ 1985 ގައެވެ. އޭނާ ބޮޑުވީ ހަމަނުޖެހުން ބޮޑު އަނިޔާވެރި މާޙައުލެއްގައެވެ. އޭނާގެ މަންމައަކީ މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހެކެވެ. ބޮޑުވެގެން އެޑްރިއާވެސް މަސްތުވާތަކެތީގެ ތެރެއަށް ވަނެވެ. މަސްތުވާތަކެތިން ސަލާމަތްނުވެ އުޅުނު ނަމަވެސް، ގާތް މީހުން ބުނާގޮތުގައި އެޑްރިއާއަކީ ވަރަށް އޯގާތެރި، މަޖާ، މީހުންނަށް އަޅައިލާ މީހެކެވެ. މަސްތުވާތަކެއްޗާ ދުރުގައި ހުންނަ ދުވަސްވަރު އެޑްރިއާއަކީ ޖަނަވާރުންނަށް އަޅައިލާ، ކުޑަކުދިން ދެކެ ލޯބިވާ، އޭނާގެ ވަށައިގެންވާ އެންމެންނަށް ހިނިތުންވުން ގެނެސްދޭ މީހެކެވެ.
އޭނާގެ ނިމުން އައީ 2017 ވަނަ އަހަރުގެ މާޗް 31 ވަނަ ދުވަހު، ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެއް ބޭނުންކޮށް އޯވަޑޯޒް ވެގެންނެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ އެތައް ދުވަހަކު ދިނުމަށްފަހު އޭނާ ދިރިހުއްޓަސް މެޑިކަލީ މަރުވެއްޖެ ކަމަށް ޑޮކްޓަރުން ނިންމިއެވެ.
އެޑްރިއާ މަރުވުމުގެ ކުރިން އޭނާވަނީ މަރުވުމުން އެހެން މީހުންނަށް އޭނާގެ ގުނަވަންތައް ހަދިޔާކުރަން ނިންމާފައެވެ. އޭނާގެ މޫނުގެ ބައްޓަމާ ކަށިތައް ހެދިފައިވާ ގޮތުން އެއީ ކޭޓީގެ މޫނާ މެޗުވާ މޫނެކެވެ. ނަމަވެސް މޫނަކީ ގިނަ މީހުން ޑޯނޭޓްކުރާ ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ގުނަވަނެއް ނޫނެވެ. އެކަމަށް ގޮތެއް ނިންމުމުގެ ގޮތުން އެޑްރިއާގެ މާމަ ސެންޑްރާ ގާތުގައި އޭނާގެ މާމަ ދަރިފުޅުގެ ގުނަވަންތަކުގެ ތެރޭގައި މޫނު ހިމެނޭތޯ އެހުމުން، "އެ މޫނުގެ ސަބަބުން ދެން އެޑްރިއާއަށް ލިބޭނީ ކޮން ފައިދާއެއް" ހޭ ބުނެ މޫނު އެހެން މީހަކަށް ހަދިޔާކުރަން އެއްބަސްވިއެވެ. މާމަގެ މި ނިންމުމުގެ ސަބަބުން އެޑްރިއާގެ މޫނު އެހެން މީހަކަށް ލިބި އެ މީހާގެ ފަރާތުން އެ މޫނަށް އާ ދިރިއުޅުމެއް ލިބުމަށް ތައްޔާރުވިއެވެ.

އެތައް ގަޑިއިރެއްގެ އޮޕަރޭޝަން
ފޭސް ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ކުރީ 2017 ވަނަ އަހަރުގެ މޭ މަހުގެ 4 އަދި 5 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި އެއްފަހަރާ ދެ ޓީމު މަސައްކަތް ކުރިއެވެ. ރޫމް 19 ގައި މަރުވެފައިވާ އެޑްރިއާގެ ހަށިގަނޑުން މޫނު ވަކިކޮށް ކަށިތަކާއި ނާރުތަކާއި ލޭ ހޮޅިތައް ރައްކާތެރިކަމާއެކު ވަކިކުރިއެވެ.
ރޫމް 20 ގައި ކޭޓީއަށް އެ މޫނު ޓްރާންސްޕްލާންޓްކުރުމަށް ތައްޔާރުކުރިއެވެ. އޭނާގެ މޫނުމަތިން ހަންގަނޑު ނައްޓައި ކަށިތައް އަތުރާނެ ތަންތަން ކަނޑައި ލޭދައުރުވާ ނިޒާމު ތައްޔާރުކުރިއެވެ.
މޭ މަހުގެ 5 ވަނަ ދުވަހުގެ ފަތިހު، ޑރ. ފްރޭންކް ޕަޕޭ އެޑްރިއާގެ ހަރަކާތެއް ނެތް މޫނު ހިފައިގެން ކޭޓީގެ ކޮޓަރިއަށް ދިޔައެވެ. އޮޕަރޭޝަން ފެށިތާ 31 ގަޑިއިރު ފަހުން، ޓްރާންސްޕްލާންޓް ނިމުނެވެ. މި އޮޕަރޭޝަނުގައި ޑޮކްޓަރުން ވަނީ އިންސާނެއްގެ އިސްތަށްޓަށްވުރެ ތުނި ލޭހޮޅިތައް ފަހައި، ދަތްދޮޅި، ލޮލުގެ ބޮނޑި އަދި މަސްތައް އަލުން ގުޅުވައިލައިފައެވެ. އެޑްރިއާގެ މަރުވެފައިވާ މޫނުގެ ޓިޝޫތަކުގައި ކޭޓީގެ ލޭ ދައުރުވާން ފެށުމުން، ހަންގަނޑަށް ކުލަވަރު އަރަން ފެށިއެވެ. އެ މޫނަށް އަލުން ދިރުން ލިބުނެވެ.
އޮޕަރޭޝަނަށް ފަހު ކޭޓީ ޖެހުނީ ހަފްތާއެއް ވަންދެން ނިދާ ބޭސް ބޭނުންކޮށްގެން ނިދާށެވެ. ލޯ ފަހާފައިވާ ތަންތަން ފަސޭހަވަންދެން ގެއްލުމެއް ނުލިބޭނޭހެން ހެދުމަށެވެ. އޭނާ ނިދައި ހޭލި އިރުގައި އޭނާއަށް ލިބިފައިވާ އާ މޫނު ރަނގަޅަށް މަސައްކަތްކުރާކަން އެނގުނެވެ.
"އެއީ އޭނާގެ ކުރީގެ މޫނެއް ނޫން. އެއީ ހަދިޔާކުރި ފަރާތުގެ މޫނެއްވެސް ނޫން،" އޮޕަރޭޝަން ކުރި ޑރ. ޕަޕޭ ފަހުން ބުންޏެވެ. "މިއީ މުޅިން އާ މޫނެއް."

އާ މޫނާއެކު އަލުން ދިރިއުޅެން ދަސްކުރުން
އޮޕަރޭޝަނަށްފަހު އައި ދުވަސްތަކުގައި ކޭޓީ އޭނާގެ އާ މޫނާއެކު ދިރިއުޅެން ދަސްކުރިއެވެ. ކާއެއްޗެހި ކައި ދިރުވަން ދަސްކުރިއެވެ. ވާހަކަ ދައްކަން ދަސްކުރިއެވެ. ހިނިތުންވާން ދަސްކުރިއެވެ. ކޮންމެ ދުވަހެއް އޭނާ ހޭދަކުރީ ވޭނީ ހަރަކާތްތައް ކޮށްގެން މޫނު ރިހެބިލިޓޭޓްކުރުމުގައެވެ. ލޮލުގެ ސޮކެޓްތައް ހެދިފައިވުމުން އޭނާގެ ލޮލުގެ ފެނުން މަޑުމަޑުން އަންނަން ފަށައިފިއެވެ. އޭނާ މިހާރު އަސާގަނޑެއްގެ އެހީގައި ހިނގަން ދަސްކޮށްފިއެވެ. ބްރެއިލް ބޭނުންކޮށްގެން ކިޔަން ދަސްކޮށްފިއެވެ.
ނަމަވެސް ކޮންމެ ދުވަހަކީ އޭނާގެ ހަށިގަނޑުން އާ މޫނު ރިޖެކްޓް ކޮށްފާނެކަމުގެ ބިރު ތަހައްމަލު ކުރަންޖެހޭ ދުވަހެކެވެ. ނަމަވެސް ކޭޓީއަކަށް މިކަމުގެ ފަރުވާލެއް ނެތެވެ. އޭނާއަށް ދިރިއުޅުމަށް ވަރަށް ހާލުން އާ ފުރުސަތެއް ލިބިއްޖެއެވެ. އޭނާއަށް އަދި އޭނާގެ އަމިއްލަ ސިފަ ރަނގަޅަށް ނުފެނުނަސް އެއީ އޭނާ ކުރީގައި ހުރިގޮތް ނޫންކަން އެނގެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާގެ އާ މޫނަކީ އޭނާއަށް ލިބުނު ހަދިޔާއެކެވެ. އެ ހަދިޔާއަށް ދިރިހުންނަ ކޮންމެ ސިކުންތެއްގައި އޭނާ ޝުކުރުވެރިވެއެވެ.

އެޑްރިއާގެ މާމައާ ކޭޓީ ބައްދަލުވުން
އޮޕަރޭޝަން ކުރިތާ އެއް އަހަރު ފަހުން ކޭޓީގެ އާއިލާއާ ޑޯނަރ އެޑްރިއާގެ މާމަ ސެންޑްރާ ބެނިންގްޓަން ބައްދަލުކުރިއެވެ. އެޑްރިއާގެ މާމަ ސެންޑްރާ ކޭޓީގެ މޫނަށް ވަރަށް ގިނައިރު ވަންދެން ބަލަހައްޓައިގެން އިނެވެ. ކޭޓީގެ މޫނުގެ ސިފަތައް އެޑްރިއާގެ މޫނާ އެއްވެސް ގޮތަކަށް ވައްތަރެއް ނޫނެވެ. މިހެން ވެފައިވަނީ ޓްރާންސްޕްލާންޓުގައި ކަށިތަކާއި ޓިޝޫތައް އަލުން ބައްޓަންކޮށް ގުޅުވާލާފައިވާތީއެވެ. ނަމަވެސް ސެންޑްރާއަށް އޭނާގެ މާމަ ދަރިފުޅުގެ ނިޝާންތައް ކޭޓީގެ މޫނުމަތިން ފެނުނެވެ. އޭނާގެ ތުންފަތުގެ ވަށަމިނާއި، ދަތްދޮޅީގެ ބައްޓަން ކަހަލަ ކުދިކުދި ކަންކަން ފާހަގަވިއެވެ.
"އަހަރެންގެ މާމަ ދަރިފުޅުގެ އޯގާތެރިކަން މި މޫނުމަތިން އެބަ ފެނޭ،" ސެންޑްރާ ކޭޓީގެ ކޯތާފަތުގައި ފިރުމައިލާފައި މަޑުމަޑުން ބުންޏެވެ. އޭނާގެ ލޯބިވާ މާމަ ދަރިފުޅުގެ މޫނަށް އާ ފުރާނައެއް ލިބުނީތީ ސެންޑްރާ އުފާ ފާޅުކުރިއެވެ.

އިބުރަތްތެރި ފިލާވަޅު
ކޭޓީގެ މި ވާހަކައިން އެތައް އިބުރަތެއް މީހުންނަށް ލިބެއެވެ. ފުރާވަރު އުމުރަކީ އެތަކެއް ބަދަލުތަކެއް ކުދިންގެ ސިކުނޑިއަށް އަންނަމުންދާ ދުވަސްވަރެކެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ހަޔާތުގައި އެމީހުންނަށް ކެތްކުރުމުގެ ޤާބިލުކަން ނެތް ކަންކަން ދިމާވުމުން ނެގޭ ފިޔަވަޅެއްގެ ސަބަބުން ހީވެސް ނުކުރާފަދަ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިެހިދާނެއެވެ. މި ދާދި ފަހުން ދުނިޔޭގެ ނަފްސާނީ ޞިއްޙަތު ދުވަސް ފާހަގަކުރެވިގެން ދިޔައިރު، ނަފްސާނީގޮތުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިނުލެވިގެން އިންސާނުން ނަގާފައިވާ މިކަހަލަ ފިޔަވަޅުތަކުގެ ސަބަބުން ދިމާވެފައިވާ ކަންކަން މީހުންނަށް އަންގައި އޭގެން ފިލާވަޅެއް ލިބިގަތުމަކީ މުހިންމު ކަމެކެވެ.
ކޭޓީ މިހާރުވެސް ދިރިއުޅެމުން އަންނަނީ ވަރަށް އުނދަގޫ ދިރިއުޅުމެކެވެ. އޭގެ ފަހުންވެސް އޭނާގެ މޫނަށް އިތުރު ސަރޖަރީތައް ކުރަން ޖެހުނެވެ. މިއަދު އޭނާއަށް ވަރަށް އުނދަގުލުން ވާހަކަ ދެއްކެއެވެ. ނަމަވެސް އަދިވެސް ގިނަ ވަގުތު ހޭދަކުރަން ޖެހެނީ ހޮސްޕިޓަލުގައެވެ. ކޭޓީގެ އުންމީދަކީ ކިޔަވައިގެން ނަފްސާނީ ޞިއްޙަތުގެ މުހިންމުކަން މީހުންނަށް އަންގައިދޭ މީހަކަށް ވުމެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އޭނާއަށް ދިރިއުޅެން ދެވަނަ ފުރުޞަތެއް ލިބުނީ އޭނާގެ ވާހަކައިގެ ސަބަބުން އިބުރަތް ޙާޞިލުކުރާނެ މީހުން ތިބީމައެވެ. އަދި އޭނާ އެކުރި ޢަމަލު ނުކޮށް ތަކުލީފުތަކުން ސަލާމަތްވާނެ ގޮތް މީހުންނަށް ކިޔައިދެވެން އޮތީމައެވެ.



advertisment