ލޯބިވާ ކޮއްކޯއެވެ.
މާދަމާ އެއީ ކޮއްކޮގެ ހަޔާތުގައި ވަރަށް ބޮޑު ދުވަހެކެވެ. މާދަމައަކީ ކައިވެނީގެ ގޮތުން ކޮއްކޮ އައިޝާއާ ގުޅޭ ދުވަހެވެ. އެ ކައިވެނީގައި ކޮއްކޮއަށް ކާމިޔާބު ދެއްވުމަށް ބޭބެ ދުއާކުރަމެވެ. ތަންކޮޅެއް ކުރިން، ބޭބެއާއި ފަހަރި އެހާ ސުލްހަވެރިކަމާއެކު ދިރިއުޅެން ހަދަނީ ކިހިނެތްތޯ ކޮއްކޮ ސުވާލުކުރިން ދޯއެވެ؟ އެ ދުވަހު ބޭބެ ދެއްކި ވާހަކަތައް ކޮއްކޮ ހަނދާން ހުރި ކަމަށް ބޭބެ އުންމީދުކުރަމެވެ. ނަމަވެސް އިންސާނުންނަކީ ހަނދާން ބަލި ބަޔެކެވެ. އެހެން ކަމުން ކޮއްކޮއަށް ކައިވެނީގެ އަސްލު މަގުސަދު ހާސިލުކުރުމަށް އެހީއެއްގެ ގޮތުން އެ ނަސޭހަތް ހަނދާނުން ނުގެއްލޭނޭ ގޮތަށް ބޭބެ ލިޔެދޭނަމެވެ.
1. ދެމަފިރިން އެކަކު އަނެކަކަށް އިހުތިރާމްކުރާށެވެ.
ކާމިޔާބު ކައިވެންޏެއް ބިނާވެފައިވަނީ އެކަކު އަނެކަކަށް ކުރާ އިހުތިރާމުގެ މައްޗަށެވެ. އެކަކު އަނެކަކަށް ކުރާ އިހުތިރާމު ގެއްލިދާނޭ ފަދަ ބަސްތަކާއި އަމަލުތަކާ ދުރުވާން އަޒުމުކަނޑައަޅާށެވެ. އަބަދުވެސް އެކަކު އަނެކަކުގެ ހައްގުތަކަށް ރައްކާތެރިވާށެވެ.
2. ދެމަފިރިންގެ ދެމެދުގައި އޮންނަންވާނީ ލޯތްބާއި އޯގާތެރިކަމެވެ.
ކޮންމެ ދެމެފިރިއެއްގެ ހިތުގައި އެކަކު އަނެކަކާ މެދު އޯގާތެރިކަން އިސްކުރާށެވެ. ކޮންމެ ކަމަކީ ގަސްތުގައި އަނެކާ ނިކަމެތި ކޮށްލުމަށް ކުރި ކަމެއް ކަމަށް ނުދެކޭށެވެ. މާފުކުރުން އަވަސްކުރާށެވެ. އެކަކު އަނެކަކަށް ދެރައެއް ނުދޭނޭ ކަމަށް އިތުބާރުކުރާށެވެ.
3. ދެމަފިރިން އެކަކު އަނެކަކަށް އެހީތެރިވެ، އެއްބާރުލުން ދޭށެވެ.
ކައިވެންޏަކަށް ފަހު އެކަކުގެ ކާމިޔާބީ އޮންނަނީ އަނެކަކާ ގުޅިފައެވެ. ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށް ކޮއްކޮގެ ފަރާތުން އައިޝާއަށް ވަރަށް އެއްބާރުލުން ބޭނުންވާނެއެވެ. ހަމަ އެހެންމެ ވަޒީފާއަށް ގޮސްގެން އާމްދަނީ ހޯދުމަށް ކޮއްކޮއަށް ހުރިހާ ގޮތަކުން މަގުފަހިކޮށްދިނުމަކީ އައިޝާގެ އުފަލަކަށް ވާންޖެހޭނެއެވެ. އެކަކު އަނެކަކުގެ ފަރާތުން ބޭނުންވާ ކަންކަން ބުނެދޭން އާދަކުރާށެވެ. އަދި އެއްބާރުލުން ލިބޭކަންކަން ފާހަގަކޮށް ޝުކުރުވެރިވާށެވެ.
4. ކޮއްކޮގެ އަމިއްލަ ޝަހުސިއްޔަތު ޖަޒުބާތުގައި ޖެހިގެން ނަގައިނުލާށެވެ. ކޮންމެ ހާލެއްގައި ވެސް އަމިއްލަ މަޤްޞަދުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރާށެވެ.
ކައިވެންޏަކަށް ފަހުގައި ކޮއްކޮގެ ބޮލުގައި ތި އެޅެނީ ތި އާއިލާ ބެލެހެއްޓުމުގެ ޒިންމާއެވެ. މިކަން އަދާކުރެވޭނޭ ހިތާއި ސިކުނޑި އެއް ހަމައެއްގައި ބަހައްޓަން ދަސްކޮށްގެންނެވެ. މިއީ ދުވަހުން ދަސްވާނޭ ކަމެކެވެ. ހަޔާތުގައި ދިމާވާ ކަންކަމުގެ ސަބަބުން ޖަޒުބާތުގައި ޖެހިގެން އަދާކުރަންޖެހޭ ވާޖިބުތަކަށް ފަރުވާކުޑަ ނުކޮށްލައްޗެވެ. އެހެން ހަދައިގެން އެއްވެސް މައްސަލައެއް ހައްލެއް ނުވާނެއެވެ. ކައިވެނީގައި ދިމާވާ ކަންކަން ހައްލުކުރުމަށް ވަކި ދުވަސްތަކެއް ކަނޑައަޅާށެވެ.
5. ދެމަފިރިން އެކަކު އަނެކަކަށް ނަސޭހަތްތެރިވެ، ހެޔޮގޮތް އަންގައިދޭށެވެ.
ކައިވެންޏެއްގައި އިސް މީހާއަކީ ފިރިމީހާ ކަމުގައި ވިޔަސް އޭގެ މާނައަކީ އަނބިމީހާގެ ބަސް ގަބޫލު ނުކުރުމެއް ނޫނެވެ. ދެމީހުން އެކުގައި އުޅެންޏާ ކޮއްކޮގެ ފަރާތުން ފެންނަ ނުރަނގަޅު އަމަލުތައް އެންމެ އަވަހަށް އެނގޭނީ އައިޝާއަށެވެ. އައިޝާ ފާހަގަކޮށްފައި ބުނާ ކަންކަން އިހުލާސްތެރިކަމާ އެކު ބަލައިގަނެ އެ ކަންކަން ރަނގަޅުކުރުމަށް އޭނާގެ އެހީތެރިކަން ހޯދަން މަސައްކަތްކުރާށެވެ. އަދި އޭނާގެ ކަންކަން ރަނގަޅުކުރުމަށް އޭނާއަށް އޯގާތެރިކަމާއެކު އެހީވެދޭށެވެ.
6. މާތްﷲގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރާށެވެ. އަދި ދުޢާކުރުން ގިނަކުރާށެވެ.
ކައިވެނީގެ ކާމިޔާބީ އޮތީ އެކަލާނގެ މަގުން ހިނގައި އަނެކާވެސް އެމަގުން ކައްސައިލިޔަނުދޭން މަސައްކަތް ކޮށްގެންނެވެ. މި މޭރުމުން މަސައްކަތްކުރާނަމަ ދެމަފިރިންގެ މެދުގައި ދިމާވާ މައްސަލަތައް ހިކުމަތްތެރިކަމާއެކު ހައްލުކުރެވޭނެއެވެ.
ހަނދާންބަހައްޓާށެވެ: ދެމަފިރިންގެ ގުޅުމަކީ މާތްﷲ ގެ ޙަޟްރަތުން ލިބިފައިވާ ނިޢުމަތެކެވެ. އެހެންކަމުން، އެ ނިއުމަތަށް ރައްކާތެރިވެ، އޭގެ ޤަދަރު ވަޒަންކުރާށެވެ. އަދި އެކަކު އަނެކަކަށް ހެޔޮކޮށް ހިތާށެވެ. އެކަކު އަނެކަށް އަބަދުވެސް ހެޔޮދުއާ ކުރާށެވެ.
ކޮއްކޮ ދެކެ ލޯބިވާ
ބޭބެ



advertisment