މީގެ ދެ އަހަރު ކުރިން ޣައްޒާ ހަނގުރާމަ ފެށީއްސުރެ، އެމެރިކާގެ މަޝްހޫރު މީހުން ދަނީ ފަލަސްތީން ރައްޔިތުންނާމެދު އިންސާނިއްޔަތާ ހިލާފު، އިހާނެތި ބަދުބަސްތައް ފާޅުގައި ބުނަމުންނެވެ.
ޚަބަރު ފަތުރާ ގަތަރުގެ އަލްޖަޒީރާއިން އަންގާރަ ދުވަހު ވަނީ މި ފަދަ 15 ބުނުމަކަށް ހާއްސަ ގޮތެއްގައި އަލިއަޅުވައިލައިފައެވެ. އެއީ އެމެރިކާގެ މަޝްހޫރު ސީ.އެން.އެން ޚަބަރު ފަތުރާ ވަސީލަތުގެ ކޮމެންޓޭޓަރު ވޭން ޖޯންސް، އިސްރާއީލުން ޝަހީދު ކުރަމުންދާ "ބޭބީ"ން ނުވަތަ އެންމެ ޅަފަތުގެ ތުއްތުކުދިންނާ ބެހޭ ގޮތުން "ޖޯކެއް ޖަހާ" ގޮތަށް ކޮމެންޓެއް ކުރީމައެވެ.
މި ދިޔަ ހުކުރު ދުވަހު އެޗް.ބީ.އޯގެ "ރިއަލް ޓައިމް ވިތް ބިލް މައަރް" ޝޯގައި ވޭން ބުނީ ގަތަރާއި އީރާނުން ދަނީ، ޣައްޒާގެ މަސްރަހު، ފަލަސްތީން މީހުން ކޮޅަށް ބުރަވާނެހެން، އެމެރިކާގެ ޒުވާނުންގެ ސިކުނޑި ދޮވެލަމުން ކަމަށެވެ. އެއްވެސް ހެއްކެތް ދެއްކުމެއް ނެތި ވޭން ތުހުމަތުކުރީ މިއީ ސޯޝަލް މީޑިއާގެ ޒަރީއާއިން އެމެރިކާގެ ޒުވާނުންގެ ސިކުނޑިތައް ފަލަސްތީން ކޮޅަށް އަނބުރައިލަނީ ކަމަށެވެ.
"ތިބާއަކީ ޒުވާން އުމުރުގެ މީހެއް ނަމަ، ތިބާ ފޯން ހުޅުވައިލައި އިރަށް އަބަދުވެސް ފެންނާނީ 'މަރުވެފައިވާ ޣައްޒާ ތުއްތުކުއްޖާ’، 'މަރުވެފައިވާ ޣައްޒާ ތުއްތުކުއްޖާ’، 'މަރުވެފައިވާ ޣައްޒާ ތުއްތުކުއްޖާ’، ޑިޑީ، 'މަރުވެފައިވާ ޣައްޒާ ތުއްތުކުއްޖާ’، 'މަރުވެފައިވާ ޣައްޒާ ތުއްތުކުއްޖާ'"، ވޭން ބުންޏެވެ. އަދި އެ ތަނުގައި ތިބި މީހުންގެ ހިނިފަޅައިގެން ދިޔައެވެ.

ނަމަވެސް ވޭންއާ ދެކޮޅަށް މިހާރު ޕްރެޝަރު ދަނީ ބޮޑުވަމުންނެވެ. އެއީ ޖިންސީ ކަންތައްގަނޑެއްގައި ބެދުނު ޝޯން ޑިޑީ ކޯމްބްސްގެ ނަން ގަނެ، އިސްރާއީލުން ޝަހީދުކޮށްލި 20،000 އަށްވުރެ ގިނަ ފަލަސްތީން ކުޑަކުދިންގެ މައްސަލަ ކޮމެޑީއެއް ފަދަ ގޮތަކަށް ބަދަލުކޮށްލަން މަސައްކަތް ކުރުމުންނެވެ.
އިސްރާއީލަށް ތާއީދުކުރުމުގެ ގޮތުން ބާއްވާ ރެލީތައް ނުވަތަ އެއްވުންތަކުގައި ވޭން ވާހަކަދައްކައެވެ. އަދި ބިލް މައަރް ޝޯގައި އޭނާ ކުރި ކޮމެންޓަށް ފަހުން ވަނީ މައާފަށް އެދިފައެވެ.
"ޣައްޒާގެ ރަށްވެހިން ތަހައްމަލު ކުރަމުންދާ ވޭން، ހާއްސަކޮށް ކުޑަކުދިންގެ، އެއީ ޖޯކެއް ނޫން. އެއީ ޖޯކެއް ގޮތަށް މާނަ ކުރެވޭ ނަމަ، އަހަރެން އެ ކަމާ ފުންކޮށް ހިތާމަކުރަން،" ސޯޝަލް މީޑިއާގައި ވޭން ލިޔުނެވެ.
ނަމަވެސް، އެމެރިކާގެ ކުރީގެ، އަދި ފުރަތަމަ ކަޅު ނަސްލުގެ ރައީސް ބަރަކް ހުސައިން އޮބާމާގެ އެޑްވައިސަރެއްގެ މަގާމު ވެސް އަދާކުރި ވޭން، ފަލަސްތީން ރައްޔިތުންގެ ވޭންތަކުގެ ފަހަތުގައި ވަނީ ކޮން ބައެއްކަމާމެދު ވާހަކައެއް ނުދައްކައެވެ. އަދި، ސީދާ އޮޅުވައިލަން ވެގެން ބަޔަކު މީހުން "ޑިސްއިންފޮމޭޝަން" ނުވަތަ މައުލޫމާތު އޮޅުވައިލަނީ ކަމަށް، ހެއްކެތް ނެތި އޭނާ ބުނި ބުނުން އަނބުރާ ނުގެންދެއެވެ.

ވޭންގެ މި ކޮމެންޓްތަކަކީ އެމެރިކާގައި ފަލަސްތީން ރައްޔިތުންގެ އިންސާނީ ސިފަ ކަނޑުވަން ނުވަތަ "ޑިހިއުމަނައިސް" ކުރުމުގެ ދިގު ތާރީހެއް އޮތް އޮތުމަށް އިތުރުވި ބޮޅެކެވެ.
ޣައްޒާ ހަނގުރާމަ މީގެ ދެ އަހަރު ކުރިން ފެށި ފަހުން އެމެރިކާގެ ސިޔާސީ ފަރާތްތަކާއި ކަންތައްތަކަށް ކޮމެންޓްކުރާ ކޮމެންޓޭޓަރުންނާއި މަޝްހޫރު މީހުން ނުވަތަ ސެލެބްރިޓީން، ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ޖުމްލަ ގޮތެއްގައި އަނިޔާވެރިވުމަށް ގޮވައިލައިފައިވާ ބަޔާންތަކަށް އަލްޖަޒީރާއިން އަލިއަޅުވައިލިއެވެ.
މި ފަދަ ބަޔާންތަކުގައި "ކުރަހައިލައިފައިވަނީ" ފަލަސްތީން މީހުންނަކީ "ގުދުރަތީ ގޮތުން ނުބައި" މީހުން ކަމަށެވެ. އަދި އިސްރާއީލުން ހިންގާ ޖަރީމާތަކަށް ބަލައިލުމެއް ނެތެވެ. އޭގެ ތެރޭގައި ކުޑަކުދިން ޝަހީދުކުރުން ހިމެނެއެވެ. ހަނގުރައިމައިގައި ނުވެ ނުދާނެ ކަމެއް ނޫންކަމަށް އުޒުރު ދައްކައިފައެވެ.
މި ބަލައިލަނީ މި ފަދަ ޖަރީމާތަކަށް ހިތްވަރު ލިބޭ ގޮތަށް، ސީދާ ފާޅުގައި، ސީދާކޮށް، އެމެރިކާގެ ފާހަގަކުރެވޭ ޝަހުސިއްޔަތުތަކުގެ ތެރެއިން އަލްޖަޒީރާއިން ހޮވައިލި 15 ބަޔާނާއި އެ ބަޔާން ދިން މީހުންނެވެ:
- ގާނޫނު ހަދައި މަޖިލީހުގެ ދަށުގެ ކަމަށްވާ ކޮންގްރެސްގެ މެންބަރު ބްރަޔަން މަސްޓް: "ދެވަނަ ބޮޑު ހަނގުރައިމައިގައި (ޔަހޫދީންނާ ދެކޮޅަށް ގަތުލުއާއްމު ހިންގަން ޖަރުމަނުގެ ވެރިޔާ އެޑޮލްފް ހިޓްލަރުގެ) ނާޒީ ޕާޓީއަށް ތާއީދުކުރި (ޖަރުމަނު) އާއްމު ރައްޔިތުން ފަދައިން ފަލަސްތީންގެ އާއްމު ރައްޔިތުންގެ ތެރޭގައި ވެސް ތިބީ މައުސޫމް މަދު މީހުން ކަމަށް ބުނުމުގައި މާކަ ބޮޑު ގޯހެއް ނެތް."

- ކޮންގްރެސްގެ މެންބަރު މެކްސް މިލާ: "އަހަރެމެން އެ ތަން (ފަލަސްތީން) ޕާކިން ޒޯނަކަށް ބަދަލުކޮށްލައިނަން."

- ކޮންގްރެސްގެ މެންބަރު އޭންޑީ އޯގްލްސް: "އަހަރެން ހިތަށްއަރަނީ އެ އެންމެން މަރާލަންޖެހެއޭ."

- ކޮންގްރެސްގެ މެންބަރު ރޭންޑީ ފައިން: "ރަހީނުން ދޫކޮށްލާ. އެ ކަން ވަންދެން ބަނޑަށްޖައްސައިލައި."

- ކޮންގްރެސް މެންބަރު ޓިމް ވޯލްބާގް: "އިންސާނީ އެހީއަށް އެންމެ ލޯލާރިއެއް ވެސް އަހަރެމެން ހަރަދު ކޮށްގެން ނުވާނެ. އެ ތަން (ޣައްޒާ) ވާން ވާނީ (ދެވަނަ ބޮޑު ހަނގުރާމަ ނިންމައިލަން އެމެރިކާއިން ނިއުކްލިއަ ބޮން އެޅި ޖަޕާންގެ) ނަގަސާކީ އަދި ހިރޯޝިމާ ކަހަލަ ތަނަކަށް. އަވަހަށް ނިންމައިލަމާ ބަހީ."

- ގާނޫނު ހަދައި މަޖިލީހުގެ މަތިގެ ކަމަށްވާ ސެނެޓްގެ މެންބަރު ޓޮމް ކޮޓްން: "އާއްމު މީހުން މަރުވުމާ ބެހޭ ގޮތުން، އިސްރާއީލް ދަށްކޮށްލާ ގޮތަށް ވާހަކަ ދެއްކުމަކީ އިސްރާއީލަށް ބޭނުންތެރި ކަމެއް ނޫން. އަހަރެންނަށް ފެންނަ ގޮތުގައި އިސްރާއީލު ހިތުހުރި ގޮތަކަށް ޣައްޒާގައި ކަންތައް ކުރަންވީ."

- ސެނެޓްގެ މެންބަރު ލިންޑްސީ ގްރެއެމް: "އަހަރެމެން މި އުޅެނީ ދީނީ ހަނގުރާމައެއްގެ ތެރޭގައި. އަހަރެން މި ހުރީ އިސްރާއީލު ކޮޅަށް. އަމިއްލަ ދިފާއުގައި ހަމަ ކޮންމެ ފަދަ ކަމެއް ވެސް ކުރަންވީ؛ ބިމާ ހަމަކޮށްލަންވީ."

- ކުރީގެ ރައީސް ޖޯ ބައިޑެން: "މަރު ވީ ކިތައް މީހުން ކަމާމެދު ފަލަސްތީން މީހުން އެ ބުނަނީ ތެދު ކަމެއް އަހަރެންނަކަށް އެއްގޮތަކަށް ވެސް ނޭނގޭ. މައުސޫމު މީހުން މަރުވިކަން އަހަރެންނަށް ޔަގީން، އަދި އެއީ ހަނގުރާމައެއް ކުރުމުގެ އަގު."

- ކުރީގެ ރައީސް ބިލް ކްލިންޓަން: "ހަމާސްއިން ޔަގީން ކުރޭ އެ މީހުން ތިބޭނީ ނިވާވެފައިކަން. ތިބާ އަމިއްލަ ނަފުސު ދިފާއުކުރަން ބޭނުންވިޔަސް އެ މީހުން (ހަމާސްއިން) ތިބާމެން އާއްމު ރައްޔިތުން މަރަން މަޖުބޫރު ކުރާނެ."

- ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ކުރީގެ ތަރުޖަމާނު ޖޯން ކާބީ: "އާއްމު މީހުން މަރުވެފައިވާ ކަމާއި އަދި މީގެ ފަހުން ވެސް އިތުރަށް މަރުވާނެކަމާމެދު ތެދުވެރިވުމަކީ ތެދުވެރިކަން – ސަބަބަކީ ހަނގުރާމައަކީ އެ ކަހަލަ އެއްޗެއް."

- ކުރީގެ ރިޔާސީ ކެންޑިޑޭޓް ނިކީ ހޭލީ: "އެ މީހުންގެ ކަންތައް ނިންމައިލައި." (އިސްރާއީލުގެ ބޮމެއްގައި ލިޔެފައި).

- އެޓްލާންޓިކް މަޖައްލާގެ ލިޔުންތެރިޔާ ގްރައެމް ވުޑް: "ގާނޫނީ ގޮތުން ކުޑަކުދިން މެރިދާނެ، އެއީ، މިސާލަކަށް، ތިބާއަށް ހަމަލާ ދެނީ އެ ކުދިންގެ ފަހަތުގައި ފޮރުވިގަނެގެން އުޅޭ ދުޝްމިނުން ކަމަށްވަންޏާ."

- ލަވަކިޔުންތެރިޔާ ކިޑް ރޮކް: "އިސްރާއީލުން ކުރާ ކަންތަކާ އަހަރެން ދެކޮޅެއް ނުހަދަން. އެ މީހުން އެ ތަނަށް ގޮސް ބުނަންވީ، 'އެނގޭހޭ، އަހަރެމެންގެ ރަހީނުން އަނބުރާ ބޭނުމޭ. އެ މީހުން އަނބުރާ އަހަރެމެންނަށް ނުލިބިއްޖެ ނަމަ، މިހާރު ގަޑި ފެށުނީއޭ. މި އޮތް 24 ގަޑިއިރު ތެރޭ އަހަރެމެން (ހުތުރު ބަހެއް ސެންސަރުކުރެވިފައި)އަށް ބޮން އަޅަން ފަށައިނަން. އަދި އާއްމުން މަރަން ފަށައިނަން. 30،000 އިން ފެށިގެން ގޮސް 40،000 އަށް ވެސް ފަހަރަކު (ހުތުރު ބަހެއް ސެންސަރު ކުރެވިފައި) ވަގުތަކު."

- އެކްޓަރު އަދި ޕްރޮޑިއުސަރު ޖޭމްސް ވުޑްސް: "ހަނގުރާމަ ހުއްޓައިލައިނެ ކަމެއް ނެތް. ދޫދޭނެ ކަމެއް ނެތް. މައާފު ކުރާނެ ކަމެއް ނެތް. ހޭޝްޓެގް 'އެ އެންމެން މަރައިލައި'."

- ފޮކްސް ނިއުސްގެ ކޮމެންޓޭޓަރު ޖެސީ ވޮޓާސް: "ފަލަސްތީންގެ މި އާބާދީން ފެންނަނީ ހަތުރުވެރިކަން. އިލްމެއް ނެތް. މި ކަންތައް ފެށުމުގެ ކުރިއާ އަޅާބަލާއިރު ވެސް މިހާރު އެ މީހުންގެ ހައްދުފަހަނައެޅުން މާ ބޮޑު ވެއްޖެ. މި ބުނީ، މިހާރު، އެ މީހުންގެ އެއްވެސް ގެދޮރެއް ނެތް ވާހަކަ. ޔަހޫދީންނާމެދު މިހާރު އެ މީހުންގެ ނަފުރަތު މާ ބޮޑު. އަދި އެ މީހުން ވިހާ ނިސްބަތް އުތުރިއަރައިފި."




advertisment