ރޭގެ މުޒާހަރާ ބަލަމުންދިޔަ މީހުންގެ ހިތަށް ކަންބޮޑުވުން ވެރިވި އެތައް މަންޒަރެއް ފެނިގެންދިޔައެވެ. އޭގެ ތެރެއިން އެއް މަންޒަރަކީ އެމް.ޑީ.ޕީ މެމްބަރަކު އެއްވެސް ވިސްނުމެއްނެތި ޤައުމީ ދިދައަށް ފައިން އަރައިގެން ހުރެ ޤައުމުގެ ސަލާމަތީ ބާރުތަކާ ކުރިމަތިލައިގެން ހައިޖާނު ހަދަމުންދާ މަންޒަރެވެ.
އަނެއް މަންޒަރަކީ ފުލުހުންގެ ޝީލްޑެއް ޖަހައިގަނެގެން އެމް.ޑީ.ޕީ މެމްބަރަކު ދާ މަންޒަރެވެ. ބޮޑުވެގެންވާ ކުށަކަށް އަރައިގަނެފައިވާ މަންޒަރެވެ.
މި މުޒާހަރާ އިންތިޒާމުކުރި އެމްޑީޕީން ތަކުރާރުކޮށް މީޑިއާއަށް ބުނަމުން އައީ މިއީ "ސުލްހަވެރި އެއްވުމެއް" ކަމަށެވެ. ނަމަވެސް ޤައުމެއްގެ ކަރާމާތް ރަމްޒުކޮށްދޭ އެ ޤައުމުގެ ދިދައިގެ މައްޗަށް ކޮޅުފައިން އަރާތަނާއި ފުލުހުންގެ ޝީލްޑެއް ލޫޓުވައިލައިގެން ދާތަން ފެނުމަކީ އެ އިންތިޒާމުކުރި ފަރާތުގެ އަސްލު މަގުސަދާމެދު ޝައްކު އުފެދޭ ކަމެކެވެ. ސުވާލަކީ "ލޫޓުވާލައިފި" މުޒާހަރާ ބޭއްވީ ގައުމުގެ ރައްޔިތުންގެ ހައްގުގައި ބާވައެވެ؟ ނުވަތަ ގައުމުގެ ކަރާމާތް "ލޫޓުވާ" މަންޒަރު ދުނިޔެއިޔެއަށް ދައްކަން ބާއެވެ؟
ޤައުމަކަށް "މިނިވަންކަން" ހޯދައިދިނުމުގެ މަގުސަދުގައި ނުކުމެ އަޑުއުފުލި މީހުންގެ ކިބައިން އިހުލާސްތެރިކަން ނުފެނި، ގައުމެއްގެ ކަރާމާތަށް އަރައިގަންނަ މަންޒަރުން ދޭހަކޮށްދޭ އެތައް މާނައެއް ވެއެވެ. މިފަދަ އަމަލުތަކުން އުފެދޭ އެންމެ ބޮޑު ސުވާލަކީ އެ ބަޔަކު ބޭނުންވަނީ ގައުމެއްގެ ދެމެހެއްޓެނިވި ކުރިއެރުންތޯ ނުވަތަ ހަލަބޮލިކަމުގެ ތެރެއިން އަވަސް ބަދަލެއް ގެނެސް ކުރެވިފައިވާ ހުރިހާ ކަމެއް އެފުށް މިފުށަށް ޖަހައިލުންތޯއެވެ؟
މުޒާހަރާއެއްގެ ހުރިހާ ބައިވެރިންގެ އަމަލުތަކުގެ މައްޗަށް އެކަން އިންތިޒާމުކުރާ ފަރާތްތަކުގެ ބާރެއް ނޯންނާނެކަން ގަބޫލުކުރެވުނު ނަމަވެސް، އެފަދަ އަމަލުތަކަށް މަގުފަހިކޮށްދެނީ އެ މުޒާހަރާ އިންތިޒާމުކޮށްދޭ ފަރާތުން ދިރުވަން މަސައްކަތްކުރި ޖޯޝޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ރުޅިވެރިކަމާއި ބަދަލުހިފުމުގެ ޖޯޝުގައި ނުކުމެ ހިންގާ މުޒާހަރާއެއްގެ އާހިރު ނަތީޖާ ހިތިކަން މިހާރު ނޭނގޭ ޕާޓީއެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
މިކަން ރާވައިގެން ކުރިއަށް ގެންދިޔައީ ދިވެހިރާއްޖޭގައި އެންމެ ދުވަސްވީ ޕާޓީއެވެ. މި އެއްވުން ހަމަނުޖެހުމަކަށް ބަދަލުވެގެން ދިޔައީ ގަސްތުގައެއް ނޫނޭ ބުނުމުން ޤަބޫލުކުރާނީ ކާކުހެއްޔެވެ؟ މިއީ ގަސްތުކުރި ގޮތާ ހިލާފަށް ވީ ކަމެކޭ ބުނުމުން އޭގެން ދޭހަކޮށްދެނީ މުޒާހަރާ ރޭވި މީހުން އަދިވެސް އެމީހުންގެ ޢަމަލުތަކުގެ ޒިންމާ ނަގަން ބޭނުންނުވާ ކަމެވެ. އަދިވެސް މީހުން ގެންގުޅެން ބޭނުންވަނީ އަނދިރިކަމުގެ ތެރޭގައި ކަމެވެ. މިއީ އެމީހުންނަށް ރައްޔިތުންގެ ބާރު ނެރެން އެނގޭ ހަމައެކަނި ގޮތްބާއެވެ؟
މިގޮތަށް މީހުންގެ ލޭ ކައްކާ ފަދަ އިބާރާތްތައް ބޭނުންކޮށްގެން މަގުމައްޗަށް ނެރެ، ގައުމުގެ އަމަންއަމާންކަން ހިފަހައްޓަން ތިބޭ މުއައްސަސާތަކާ ޖެހިގަނެ، އިޖުތިމާއީ އޮނިގަނޑު ބިމާ ހަމަކުރަން މަސައްކަތްކުރުމަކީ ރާއްޖެ ފަދަ ނާޒުކު ޑިމޮކްރަސީތައް ހަލާކުކޮށްލަން އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ އުކުޅުތަކެވެ. އެންމެ ފަހުން މިކަންވީ ނޭޕާލުގައެވެ. މިގޮތަށް ހޭ ހުސްވެގެން ކުރާ އަމަލުން ފެންނަ ފެނުމަށް ބަދަލު އަންނަހެން ހީވިޔަސް މިފަދަ ބަދަލު މި ގެނެވެނީ އެ ގައުމެއްގެ ރައްޔިތުންގެ ހިމާޔަތް ކުރަންޖެހޭ ގައުމިއްޔަތަށް ގައްދާރުވާ ހާލުގައެވެ. ގައުމެއްގެ ރައްޔިތުންގެ ލަދުހަޔާތް ކެނޑިގެންނެވެ. ނަތީޖާއަކީ ކޮންމެ ކަމެއް ވަރިހަމަ ވުމެވެ. ތިމާގެ ބޭނުންވާ ގޮތް ހޯދުމަށް ކޮންމެ އެއްޗެއް ހަރާބުކޮށްލަން ތައްޔާރުވުމެވެ.
މިފަދަ އަމަލުތައް ރާވައި ހިންގާ ފަރާތްތަކުން އެކަން ކުރަނީ ދުރުން މިކަން ބަލާ މީހުންނަށް ގައުމުގެ ވެރިންގެ އަނިޔާވެރިކަން ދައްކާށެވެ. މިއީ މީގެ ކުރީގައިވެސް ކަންކުރި ގޮތެވެ. ނަމަވެސް އެގޮތަށް ކަން ކޮށްގެން ހާސިލުވީ ކޮންކަމެއް ހެއްޔެވެ؟ މުޖުތަމައު ބައިބައިވެ، ޤައުމެއްގެ ހަމަޖެހުން ގެއްލިދިޔުން ނޫން ކަމެއް ވިހެއްޔެވެ؟
މަޖީދީމަގުގައި ރޭ ހައްދުފަހަނައަޅައި ދިޔަ މީހުން ގާތުން އަހާލަން އޮތީ "ތިދެއްކީ ހިތްވަރު ހެއްޔެވެ؟" ނުރުހުން ފާޅުކުރުމަކީ ތިއީ ހެއްޔެވެ؟ ޖަޒުބާތުގައި ޖެހިގެން ދިދައިގެ މައްޗަށް ފައިން އެރި މީހުން ބަލަން ތިބި މީހުން ކައިރިން އަހާލަން ބޭނުންވަނީ "ލޫޓުވުން" ހުއްޓުވަން ބޭނުންވަނީ ޤައުމުގެ ރަމްޒުތަކަށް މިގޮތަށް ފުރައްސާރަކުރާތަން ބަލައިގެން ހެއްޔެވެ؟ އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތެރެއިން އަވަސްއަވަހަށް ނިންމުންތައް ނިންމާ ފަރާތްތަކަށް ބުނަން އޮތީ ޒިންމާދާރު ހަބަރު ފެތުރުމަށް ތަންދޭށެވެ. ކަންހިނގި ގޮތުގެ ފަސްމަންޒަރު ދެނެގަންނާށެވެ. ތަފްސީލުތަކަށް އިހުތިރާމްކުރާށެވެ. އަދި ރޭވިގެން ކުރި ކަމެއް ކުއްލިއަކަށް ހިނގި ކަމެއްގެ ގޮތުގައި ނުދެކޭށެވެ. މިއީ ގަސްތުގައި މީހުންގެ ކިބައިން ނެރުވި ނޭއްގާނީ އަމަލުތަކެކެވެ.

ރޭގެ ހޫނުހަނޑުގެ ތެރެއިން ފެނުނު މި ފޮޓޯއަކީ ވަރަށް ވެސް މާނަ ފުން ފޮޓޯއެކެވެ. ޕެޕަރސްޕްރޭ ޖެހުމުން ލޯ ކަރައިގަނެގެން އެހީއަށް އެދުނު މުޒާހަރާގެ ބައިވެރިއަކަށް ފުލުހަކު އެހީވަނީއެވެ. އިންސާނިއްޔަތު ކަމަށްޓަކައެވެ. އެކަމަކު އިދިކޮޅުން ދައްކަން ބޭނުންވަނީ ފުލުހުންގެ އަނިޔާވެރިކަމެވެ. މިފަދަ ފޮޓޯއަކުން، މާނަ ފުން އެއްހާސް ވާހަކައެއް ބުނާއިރު، އިދިކޮޅުގެ ވާހަކަތައް ގަބޫލްކުރާނީ ކާކުހެއްޔެވެ؟
ދިވެހިރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާން ބޭނުންނަމަ، ހަމަނުޖެހުން އުފެއްދުމުގެ ވިސްނުން ދޫކޮށްލަން ޖެހޭނެއެވެ. ކުރުމުއްދަތުގެ ހަލަބޮލިކަމުގެ ބަދަލުގައި ދިގު މުއްދަތުގައި މުއައްސަސާތައް ހަރުދަނާކުރުމަށް މަސައްކަތްކުރަން ޖެހޭނެއެވެ.



advertisment