އެމެރިކާ ސަރުކާރު ހިންގުމުގެ ބައެއް ނިޒާމުތައް ހުއްޓިދާނެތީ އަންނަ ބުދަ ދުވަހުގެ ދަންވަރަށް، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ދީފައިވާ ސުންގަޑިއަށް، ރައީސް ޑޮނަލްޑް ޓްރަމްޕް، ޑިމޮކްރެޓުންނާއި އޭނާގެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ އިސް ވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ. މި ބައްދަލުކުރެއްވުން ހަމަޖައްސަވައިފައިވަނީ އިއްޔެއަށެވެ.
ދައުލަތުގެ ބަޖެޓާމެދު ގޮތެއް ނުނިންމިގެން ޓްރަޕްމް މަސައްކަތް ކުރައްވާނީ، ދައުލަތް ހިންގުމަށް ކަނޑައަޅައިފައިވާ ވަގުތީ ބިލެއްގެ މައިގަނޑު ކަންތައްތަކާމެދު އުފެދިފައިވާ އަރައިރުން ނިންމުމަކަށް ގެންނަވައިށެވެ.
ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތެރެއިން، ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ނުވަތަ ސެނެޓުގައި ހިމެނޭ މެންބަރުން ބޭނުންވަނީ ސިއްހީ ފަރުވާ ދިނުމުގެ ހިދުމަތް ފުޅާ ކުރުމަށެވެ. ހާއްސަކޮށް "މެޑިކްއެއިޑް"އިން އުނިކޮށްފައިވާ އެހީތައް އަލުން ފޯރުކޮށްދިނުމަށެވެ.
މެޑިކްއެއިޑަކީ މައި ސަރުކާރާއި ސްޓޭޓް ސަރުކާރުތަކުން ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި މަޝްރޫއުގެ ދަށުން، ދަށް ފަންތީގެ އާމްދަނީ ލިބޭ އެތައް މިލިއަން ރައްޔިތުންނަށް ސިއްހީ ފަރުވާ ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި މާބަނޑު މީހުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސް ވީ މީހުންނާއި އަދި ނުކުޅެދޭ މީހުން ހިމެނެއެވެ. މައި ސަރުކާރުން އެހީ ދިނަސް މި މަޝްރޫއު ތަންފީޒު ކުރަނީ ސްޓޭޓް ސަރުކާރުތަކުންނެވެ. މިއީ ސިއްހީ އަދި ދިގު މުއްދަތުގައި ފަރުވާ ދިނުމުގެ ހިދުމަތް ދޭ، ގައުމުގެ އެންމެ ބޮޑު ސިއްހީ އެހީތެރިކަމުގެ މަސްދަރެވެ.
ރިޕަބްލިކަން ޕާޓީގެ މެންބަރުން ބުނަނީ މި ވަގުތަށް އަމާޒު ހިފަން ޖެހޭނީ ސަރުކާރު ހިންގުމުގެ ދާއިރާއަށް ކަމަށާއި ސިއްހީ ހިދުމަތުގެ މައްސަލަތައް ހައްލުކުރަން ޖެހޭނީ ވަކި މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
"މި ބައްދަލު ކުރެއްވުމުގައި މިހާރު ޓްރަމްޕް ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާ ދިމާއަށް، ހަމައެކަނި އަޑުގަދަކޮށް، ހަޅޭއްފަޅޭއްލަވައިފި ނަމަ، އަދި އޭނާގެ ހުރި ކަމަށް ވިދާޅުވާ ޝަކުވާތަކުގެ ވާހަކަތައް ދައްކަވާ ނަމަ، އެއްވެސް ނަތީޖާއެއް އަހަރެމެންނަކަށް ނުނެރެވޭނެ. އެކަމަކު އަހަރެންގެ އުއްމީދަކީ މި ބައްދަލުކުރެއްވުމަކީ ސީރިއަސްކަމާއެކު މަޝްވަރާކުރައްވަން ބާއްވަވައި ބައްދަލުކުރެއްވުމަކަށްވުން،" ޑިމޮކްރެޓިކް ޕާޓީގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމާ (ފޮޓޯގައި) ބުންޏެވެ.
ދައުލަތުގެ ބަޖެޓާ ގުޅޭ އެއްވެސް ބިލެއް ފާސް ނުވެއްޖެ ނަމަ، ސަރުކާރުން މަޖުބޫރުކޮށްގެން ދައުލަތުގެ މަސައްކަތްތެރިން "ފާލަފް" ކުރެވޭނެއެވެ. މާނައަކީ ގޭގައި މަޑުކުރަން ޖެހޭނެއެވެ. އެއީ މުސާރަ ނުލިބޭ ގޮތަށެވެ. މިއީ، ބަޖެޓު ކުޑަ ކުރުމުގެ ސަބަބުން، ނުވަތަ ދޭނެ މަސައްކަތެއް ނެތުމުން ނުވަތަ އިގުތިސާދު އަޑިއަޅައިލުމުން، މުވައްޒަފުން ވަޒީފާއިން ވަކި ނުކޮށް، ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ބޭނުންކުރާ އުކުޅެކެވެ.



advertisment