އދ.ގެ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޔުނިސެފް ޖަމިއްޔާގެ މަންދޫބުކަން އެއް ފަހަރަކު ކުރި ހޮލީވުޑްގެ މަގުބޫލު ބަތަލާ އެންޖެލީނާ ޖޮލީ، އޭނާގެ އުފަން ގައުމު ކަމަށްވާ އެމެރިކާ، މިހާރު އެއީ އޭނާއަށް "ނެތް ފަދަ ގައުމެއް" ކަމަށް ސިފަކޮށްފިއެވެ.
އެމެރިކާގައި ފިލްމަށް ދޭ އެންމެ މަގުބޫލު އިނާމު ކަމަށްވާ އޮސްކާ އެވޯޑު "ގާލް، އިންޓަރަޕްޓަޑް"އިން ސަޕޯޓިން ބަތަލާގެ މަގާމު ހޯދި އެންޖެލީނާ، 50، ބުނީ "ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް ގައުމަކީ ބަލައިގަނެވޭނެ ގައުމެއް ނޫން" ކަމަށެވެ.
އެންޖެލީނާ މި ގޮތަށް ބުނީ ސްޕޭންގައި ފެށި، އަދި މިއަދު އެންމެ މޮޅު ފިލްމްގެ މަގާމު އިއުލާންކުރާ، ސޭން ސެބަސްޝަން ފިލްމް ފެސްޓިވަލްގައި އޭނާގެ އެންމެ ފަހުގެ ފިލްމް "ކޫޓުއޯރް" ޕްރޮމޯޓު ކުރުމުގެ މަސައްކަތުގައި އުޅެމުން މި ދިޔަ އާދީއްތަ ދުވަހުއެވެ.
އެންޖެލީނާ މި ގޮތަށް ބުނުންވެފައިވަނީ މި ފަހަކަށް އައިސް ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާއަށް ފާޑުކިޔާ އިދިކީލި މީޑިއާތައް ފިއްތަން ފައްޓަވައިފައި ވަނިކޮށެވެ. އެ ގޮތުން ކަނާތު ފިޔައިގެ ކޮންސަވެޓިވް ހިޔާލަށް ތާއީދުކުރާ އިންފްލުއެންސާ، ޗާލީ ކާކް މަރައިލުމާ ގުޅިގެން، ދަންވަރުގެ މަޝްހޫރު ޝޯ "ޖިމީ ކިމަލް ލައިވް"ގައި ކުރި ކޮމެންޓްތަކެއްގެ ސަބަބުން، އެ ޝޯ އެއް ދުވަހަށް ސަސްޕެންޑް ކުރުމާ ވެސް ގުޅިގެންނެވެ.

"އަހަރެންގެ ގައުމު ދެކެ އަހަރެން ލޯބި ވޭ. އެކަމަކު މި ވަގުތު އަހަރެންގެ ގައުމު އަހަރެން ބަލައެއް ނުގަންނަން،" އެމެރިކާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ނުރައްކަލާމެދު ބިރުގަނޭތޯ ސުވާލު ކުރުމުން އެންޖެލީނާ ބުންޏެވެ.
"އެ މީހެއްގެ ޒާތުގައި ފާޅުކުރާ ހިޔާލުތަކާއި ފަރުދުންގެ މިނިވަންކަން، ހަނިކުރުމަށް، އެއްވެސް ޒާތެއްގެ އަދި އެއްވެސް ތަނެއްގައި، ބައިބައިވުން އުފައްދައި، ނުވަތަ ހަމަ ޔަގީނުން ވެސް، އެ ކަންތައްތަކަށް އިންތަކެއް ކަނޑައެޅުމަކީ، އަހަރެންނަށް ހީވާ ގޮތުން، ވަރަށް ނުރައްކާތެރި ކަމެއް،" އެންޖެލީނާ ބުންޏެވެ.
"މިއީ އަހަރެމެން އެކުގައި ހަޔާތް ވޭތުކުރާ ވަރަށް ވަރަށް ބުރަ ވަގުތެއް،" އޭނާ އިތުރުކޮށްލިއެވެ.
"ކޫޓުއޯރް"އަކީ ފްރާންސްގެ އަލިސް ވައިނޯކުއާ ޑައިރެކްޓްކުރި ފިލްމެކެވެ. މިއީ ފެސްޓިވަލްގެ އެންމެ ޝަރަފުވެރި އިނާމު ނުވަތަ އެންމެ މޮޅު ފިލްމަށް ދޭ "ގޯލްޑަން ޝެލް"ގެ އިނާމަށް ވާދަކުރާ ވެސް ފިލްމެކެވެ.

"ކޫޓުއޯރް"ގައި އެންޖެލީނާ އަދާކުރަނީ މެކްސީން ވޯކާ ނަމަކަށް ކިޔާ އެމެރިކާގެ ފިލްމް ޑިރެކްޓަރެއްގެ ރޯލެވެ. ފިލްމަކީ ހިޔާލީ ވާހަކައެއް ނަމަވެސް، އަލިސް ފިލްމް ބިނާކޮށްފައިވަނީ ފްރާންސްގެ މަޝްހޫރު "ފެޝަން ވީކް" ނުވަތަ "ފެޝަން ހަފުތާ" އަސްލަކަށް ބަލައިގެން، އެންޖެލީނާއަށް ކެންސަރު ޖެހިދާނެތީ ދެ އުރަމަތި 2013 ގައި ނަގަން ޖެހުމާ ގުޅުނު މައްސަލައާއެވެ.
"ބީ.އާރް.ސީ.އޭ-1 ޖީން" ހުންނާތީ އެންޖެލީނާގެ، ފިލްމް ކުޅޭ މަންމަ، މާކެލިން ބާޓްރޭންޑް އަދި މާމަ ވެސް ވަނީ މަރުވެފައެވެ. އަދި ދަރިމައިވުމުގެ ނިޒާމަށް ވެސް މި ކެންސަރު ފޯރައިފައިނެތީ ބިސް އުފެދޭ އޯވަރީ އާއި ރަހިމަށް ބިސް ފޯރުކޮށްދޭ ހޮޅި ވެސް އެންޖެލީނާ ވަނީ 2015 ގައި ނަގައިފައެވެ.
އެމެރިކާގެ މަޝްހޫރު ދަ ނިއު ޔޯކް ޓައިމްސް ނޫހުގައި ލިޔުނު ކޮލަމެއްގައި އެންޖެލީނާ ބުނީ ދަރިމައިވުމުގެ ނިޒާމު ސާޖަރީ ހަދައިގެން ނަގަން ޖެހުމުން "މެނޮޕޯސް" ނުވަތަ އިއްދައިން ކުއްލިއަކަށް ކެނޑުނަސް، ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކުރެވުމުގެ ސަބަބުން އޭނާއަށް "ޕީސް އޮފް މައިންޑް" ("ސިކުނޑީގެ ހަމަޖެހުން") ލިބުނު ކަމަށެވެ.
އޮސްކާ އެވޯޑް ހޯދައިފައިވާ ބްރެޑް ޕިޓްއާ ކައިވެނިކޮށްގެން އުޅުނުއިރު ތިން ދަރިން އެންޖެލީނާ ޖޮލީއަށް ލިބުނެވެ. މީގެ އިތުރުން އިތުރު ތިން ކުދިން "އެޑޮޕްޓް"ކުރިއެވެ. އެއީ ދެކުނު އިރުމަތީ އޭޝިޔާގެ ދެ ގައުމު ކަމަށްވާ ކެމްބޯޑިއާ އާއި ވިއެޓްނާމްގެ އިތުރުން އެފްރިކާ ބައްރުގެ އިތިއޯޕިއާއިންނެވެ.

"ކޫޓުއޯރް"ގައި ފެންނަނީ ފްރާންސްގެ ވެރިރަށް ޕެރިސްގައި، ފްރާންސްގެ އިތުރުން ބައިނަލްއަގުވާމީ ފެޝަން ޑިޒައިނަރުންގެ އުފެއްދުންތައް ދައްކައިލައި ޝޯއެއްގައި، އެ ތަނުގައި އުޅޭ ދަނޑިވަޅު، އެންޖެލީނާގެ ޝަހުސިއްޔަތު މެކްސީންއަށް ސީރިއަސް ބައްޔެއް ޖެހި، އޭނާއާއެކު މަސައްކަތްކުރާ މީހަކާ ލޯބީގެ ގުޅުމެއް އުފެދޭ ގޮތެވެ. ލޯބިވެރިޔާގެ ބައި ކުޅެނީ ފްރާންސްގެ ބަތަލު ލުއިސް ގެރަލްއެވެ.
އެންޖެލީނާ ބުނީ "ކޫޓުއޯރް"ގައި އޭނާ ދައްކުވައިދޭ މެކްސީންގެ ރޯލާ އޭނާގެ ހަޔާތަށް ކުރިމަތިވި ޒާތީ ގޮންޖެހުންތަކާ ވަރަށް ބޮޑަށް ގުޅޭ ކަމަށެވެ.
މޫނުމަތިން ހިތާމަ ފާޅުވާ ހާލުގައި އެންޖެލީނާ ބުނީ މި ފިލްމް ހެދުމުގައި އުޅުނުއިރު މަންމަ މަތިން ވަރަށް ގިނައިން ހަނދާންވި ކަމަށެވެ.
"އަހަރެން ވާހަކަ ދެއްކިހާ، ހުޅުވައިލެވިފައިވާ މިންވަރަށް، އޭނާއަށް ވެސް ވާހަކަ ދެއްކުމުގެ ގާބިލުކަން ލިބިފައިވީ ނަމައޭ އަހަރެންގެ ހިތަށް އެރީ. އަދި ތިބާމެން ތިޔަ ހިތާ އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު (މަންމައާ ވެސް) މުއާމަލާތް ކުރެވުނު ނަމައޭ އަދި އެއިރު އެހާ އެކަނިވެރިކަން (މަންމައަށް) އިހްސާސް ނުކުރެވުނު ނަމައޭ އަހަރެންގެ ހިތަށް އެރީ،" އެންޖެލީނާ ބުންޏެވެ.
"އަންހެނުންނަށް ކެންސަރު ޖެހުމުގައި ތަފާތު ކަމެއް ހުރޭ. މި ބުނީ އަހަރެމެން އަންހެނުންނަށް ވީތީ އިހްސާސް ކުރެވޭ ގޮތަކުން،" އޭނާ އިތުރުކޮށްލިއެވެ.




advertisment