ފުރާވަރަށް އެޅި ފިރިހެން ކުއްޖަކު އޭނާގެ ބައްޕައާ އެކު ދަތުރަކު ދިޔައެވެ. ދެބަފައިން އެކަންޏެވެ. މަންމައާއި ދައްތަމެން ނުލައެވެ. ދަރިފުޅަށް މިއަދަކީ ތަފާތު ދުވަހެއްކަން އެނގުނެވެ. އޭނާގެ ބައްޕައަކީ ތާއަބަދު ބުރަ މަސައްކަތުގައި އުޅޭ މީހެކެވެ. އެކަހަލަ ދަތުރެއް ރާވައިގެން ކުރާނީ ކޮންމެވެސް މުހިންމު ވާހަކައެއް ދައްކަން ބައްޕަ ބޭނުންވެގެންކަން ދަރިފުޅަށް ވިސްނުނެވެ.
އެ ރަށުގެ ގޮނޑުދޮށަށް ނަނު އެއްލައިގެން މަސްބާނަން އެ ދެބަފައިން ދިޔައެވެ. ކަންވާރުގައި ގޮށް ޖަހާނޭގޮތާއި ބުޅީގައި އެން އަޅުވާނޭ ގޮތް ބައްޕަ ކިޔައިދިނެވެ. ދެބަފައިން ވަރަށް ވެގެން މަސްބާނަން އެތާނގައި އެތައް އިރަކު ތިއްބެވެ.
"ގިނަ ބަޔަކަށް ލަހުން ނޫނީ ނޭނގޭ މުހިންމުކަމެއް ބުނެދެންތަ؟ މިކަން ނޭނގިއްޖެނަމަ ހަޔާތުގައި ވަރަށް ގިނަ ގޮންޖެހުމާ ކުރިމަތިވާނެ،" ބައްޕަ ވާހަކަ ދައްކަން ފެށިއެވެ. "ދަރިފުޅުގެ އެންމެ ބޮޑު ދުށުމަނަކީ ކާކުކަން އެނގޭތަ؟"
"ނޫން ބައްޕާ،" ދަރިފުޅު މަޑުމަޑުން ބޯ ހޫރައިލަމުން ބުންޏެވެ.
"ދަރިފުޅުގެ އެންމެ ބޮޑު ދުށުމަނަކީ ދަރިފުޅުގެ އަމިއްލަ ނަފުސު. ނުބައި ކަންކަމަށް ގޮވައިލާ ނަފުސު. މި ނަފުސުގެ މައްޗަށް ގަދަ ނުވެވިއްޖެނަމަ ކޮންމެ އިންސާނެއްގެ ހަޔާތް ވެސް ބަރުބާދުވެގެންދާނެ،" ބައްޕަ ވާހަކަ ދެއްކިއެވެ.
ބައްޕަ މި ބުނެދިން އެއްޗަށް އިރުގަނޑެއް ވަންދެން ވިސްނަން އިނެވެ. އޭނާއަށް ނަފުސާ ބެހޭ ގޮތުން އޮތީ ކުޑަކޮށް އަޑު އިވިފައެވެ.
"ނަފުސުގެ މައްޗަށް ގަދަވެގަންނާނީ ކިހިނެތް؟" ދަރިފުޅު ސުވާލު ކުރިއެވެ.
"ދަރިފުޅަށް އެނގޭ އެންމެ ބާރުގަދަ ފަރާތަކީ ކޮބައި؟" ބައްޕަ އަހައިލިއެވެ.
"މާތް ﷲ،" ދަރިފުޅު އެއްވެސް ޖެހިލުމެއް ނެތި ޖަވާބު ދިނެވެ.
"ވަރަށް ރަނގަޅު. ނަފުސަކީ ވަރަށް އޮޅުވައިލުން ގިނަ އެއްޗެއް. އެހެންވެ ކާމިޔާބުކަމާ އެކު އޭގެ މައްޗަށް ގަދަވެގަނެވޭނީ މާތްﷲގެ ކިބައިން ވާތްގަށް އެދިގެން. އެ ކަލާނގެ އަންގަވާފައިވާ ގޮތަށް އުޅެގެން. ދީނުގެ މަގުގައި އިހުލާސްތެރިކަމާއެކު ހިނގާ މީހެއްގެ މައްޗަށް ނުބައި ކަންކަމަށް ގޮވައިލާ ނަފުސަކަށް ގަދަޔެއް ނުވެވޭނެ،" ބައްޕަ ވާހަކަ ދެއްކިއެވެ.
ދަރިފުޅު އެ އަޑު އަހައިފައި މަޑުމަޑުން އިނެވެ.
"ދީނުގައި އަންގަވާފައިވާ އަޅުކަންތައް ސާބިތުކަމާ އެކުގައި އަދާކުރާ ނަމަ ނަފުސު ތިމާގެ ބާރުގެ ދަށަށް ގެންނާކަށް އުނދަގުލެއް ނުވާނެ. ދަރިފުޅު ފަތިސް ނަމާދަށް ހޭލާ ގަޑީގައި ބައެއް ދުވަސްދުވަހު ނިދައިލަން ބޭނުންވޭ ދޯ؟" ބައްޕަ ސުވާލު ކޮށްލިއެވެ.
"އާނ. ވަރަށް ގިނައިން އެހެންވޭ،" ދަރިފުޅު ޖަވާބު ދިނެވެ.
"ބައްޕައަށް ވެސް އެ ހިޔާލުތައް އާދޭ. އެކަމަކު ހަމަ ހިތްވަރުކޮށްފައި ތެދުވަނީ. ނަފުސުގެ މައްޗަށް ބާރު ނުހިނގައި މީހާ އެނދުގައި އޮންނާނީ އަރާމުގައި ނިދައިލަން. އޭނާގެ ނަފުސު ވިސްނައިދޭނޭ އެއީ އެހާ ބޮޑު ކަމެއް ނޫންކަން. ނިންޖަކީ އިންސާނާއަށް މުހިންމު އެއްޗެއްކަން. އެކަމަކު އެ އަމަލުގެ ސަބަބުން ހަޔާތުގައި އޭނާއަށް ކުރަން ޖެހޭ އެހެން ކަންތައްތަކަށް ވެސް ފަރުވާ ކުޑަ ކުރެވެން ފަށާނީ. ވަކި ހިސާބަކުން ކުރަން ޖެހޭ މުހިންމު ކަންކަން ނުކުރެވުމުގެ ސަބަބުން މީހުންގެ ކުރިމަތީގައި އިތުބާރު ގެއްލޭނެ ދޯ؟ އެ ދުވަހުން އޭނާގެ ނަފުސު އޭނާއަށް ބުނެދޭނެ އެއީ އެމީހުންގެ ގޯސްކަމޭ، ތިމާގެ މައްސަލައެއް ނޫނޭ،" ބައްޕަ ކިޔައިދިނެވެ.
"އާނ ބައްޕާ،" ދަރިފުޅު ބޯޖަހައިލިއެވެ.
"ނަމާދަކީ އެންމެ ވަރުގަދަޔަށް ތިމާގެ ކަންކަން ހަމައަކަށް އަޅުވައި ވަސީލަތް. ނަމާދަށް ފަރުވާތެރިވާ މީހާއަށް އެހެން ކަންކަމަށް ފަރުވާތެރިވެވޭނެ. މިސާލަކަށް ގަޑިޔަށް ނަމާދުކުރަން އާދަވެފައިވާ މީހާއަށް ގަޑިއަށް ކަސްރަތުކުރަން ވެސް ދެވޭނެދޯ؟ ގަޑިއަށް އޮފީހަށް ވެސް ދެވޭނެ. ތިމާގެ ގައިގައި ޒިންމާދާރުކަމާއެކުގާ ކަންކަން ކުރުމުގެ އާދަ ހަރުލައިފައިވާނަމަ މީހުން ކުރަން ފޫހިވާ ކަންކަން ކުރާކަށް އުނދަގުލެއް ނުވާނެ. އެހެންވެ އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭނީ އަންގަވާފައިވާ އަޅުކަންތައް ބަރާބަރަށް އަދާކުރަން،" ބައްޕަ ތަންކޮޅެއް ދިގުކޮށް ކިޔައިދިނެވެ.
ދަރިފުޅު އެ އަޑުއަހަން މަޑުމަޑުން އިނެވެ.
"ކީއްވެ ބައްޕަ އަޅުގަނޑު އެކަނި މިތަނަށް ގެނެސްފައި ތި ވާހަކަ ތި ދެއްކެވީ؟" ދަރިފުޅު އަހައިލިއެވެ. "ކީއްވެ ދައްތަމެން ކައިރީގައި ތި ވާހަކަ ނުދެއްކީ."
"މި ވާހަކަ އަޑުއަހަން އެންމެ މުހިންމީ ދަރިފުޅު. ބައްޕަގެ ހަމަ އެކަނި ފިރިހެން ދަރިފުޅު. ސަބަބަކީ ގާބިލު ފިރިހެނެއްގެ ކިބައިގައި ހުންނަން ޖެހޭ އެންމެ މުހިންމު ސިފައަކީ، ނަފުސުގެ އަޅަކަށް ނުވެ އުޅެން އެނގުން،" ބައްޕަ ބުނެދިނެވެ.
ދަރިފުޅު އަޑުއަހަން އިނެވެ.
"ބައްޕަ ނެތް ދުނިޔެއެއްގައި ދަރިފުޅުގެ މަންމަގެ ކަންތަކާ، ދައްތަމެންގެ ކަންކަން ބެލެހެއްޓުން ބޮލުގައި އެޅޭނީ ދަރިފުޅުގެ. މިހާރުގެ ގިނަ ފިރިހެނުންގެ ކިބައިގައި ނުވާ ސިފައަކީ މިފަދަ ޒިންމާތައް ޝަކުވާއަކާ ނުލައި އަދާކުރުން. އެމީހުންގެ ނަފުސު އަބަދުވެސް ބުނެދޭނޭ އެހެން މީހުން އެމީހުންނަށް ކޮށްދޭންޖެހޭ ކަންކަން. އެމީހުން މީހުންނަށް ކަންކަން ކޮށްދޭނީވެސް އޭގެ ބަދަލަށް އެދިގެން. އެކަން ނުވެއްޖެނަމަ އެމީހުން ޝަކުވާކުރާނެ. އެ ޝަކުވާ އެގޮތަށް އެކުރެވެނީ ކުޑައިރުން ފެށިގެން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގައި އުޒުރުވެރި ވީމައި،" ބައްޕަ ކުޑަ ވަގުތުކޮޅަކަށް ވާހަކަ ހުއްޓައިލިއެވެ.
"މިއަދު ދަރިފުޅު އަދާކުރަންޖެހޭ އަޅުކަންތަކާއި، ދަރިވަރެއްގެ ގޮތުން އަދާކުރަންޖެހޭ ޒިންމާއާއި، ދަރިފުޅު ކުރަންޖެހޭ އެހެން ކަންކަމަށް ފަސޭހަކޮށްލަން ވެގެން ފަރުވާކުޑަ ކުރާނަމަ އެ ދުވަހު އެ ޒިންމާ ލައިގަންނަ ހިނދު ދަރިފުޅަށް އެ ޒިންމާއެއް ނުއުފުލޭނެ. މިއަދު މި ވާހަކަ ދައްކަން ދަރިފުޅު ގޮވައިގެން މިތަނަށް މި އައީ،" ބައްޕަ ކިޔައިދިނެވެ.
ދަރިފުޅު ކަނުލައި އަޑުއަހަން އިނެވެ.
"އެ ދުވަހުން އެހެން މީހަކު ދަރިފުޅުގެ ޒިންމާ އަދާކުރާނޭ ކަމަށް ދަރިފުޅު ހުރެގެން ނުވާނެ. އެ ޒިންމާ އަދާކުރުމަށް އުޒުރުވެރިވެ ޗުއްޕުވެސް ބުނެގެން ނުވާނެ. އެމީހުންގެ އަނގައިން ދަރިފުޅު ކޮށްދޭ ކަންކަމަށް ޝުކުރު އަދާނުކުރިޔަސް އެކަމާ ފަސްޖެހިގެން ނުވާނެ. އެއީ ދަރިފުޅު އެމީހުންގެ ރުހުން ހޯދަން ކޮށްދޭ ކަމެއް ނޫން. އެއީ މާތްކަލާނގެ ރުހުން ހޯދަން ކުރަން ޖެހޭ ކަމެއް. އެ ނޫންގޮތަކަށް އެކަންތަކާ މެދު ދެކިއްޖެނަމަ އެއީ އެއީ ދަރިފުޅުގެ މައްޗަށް ބަރޯސާވާ މީހުންނަށް ދެވޭ ނިކަމެތިކަމެއް،" ދަރިފުޅު ބޯޖަހައިލިއެވެ.
"މިއަދު ދުނިޔޭގެ މަޖަލުގައި އުޅެން ބޭނުންވާ ހިނދުކޮޅުތަކުގައި އެ އެދުމުގެ މައްޗަށް ބާރު ހިންގައި، އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރަން އާދަވާނަމަ ދަރިފުޅަށް އެ ދަސްވަނީ ދުނިޔޭގައި އެންމެ ހިތްހަމަ ޖެހިގެން އުޅޭ މީހުންގެ ކާމިޔާބީގެ ސިއްރު،" ބައްޕަ ސުވާލު ކުރިއެވެ.
"އެއީ ކޮން ސިއްރެއް؟" ދަރިފުޅު އެހިއެވެ.
"ގުރުބާނީ! ކޮންމެ މާތް ކަމެއްގެ ފަހަތުގައި ވާނީ ގުރުބާނީ!"
އެ ދުވަހު ބައްޕައާއި ދަރިފުޅަށް އެންމެ މަހެއް ވެސް ނުބޭނުނެވެ. ނަމަވެސް އެ ދުވަހު ބައްޕަ ދެއްކި ވާހަކަތަކުގެ ސަބަބުން ދަރިފުޅަށް ވަރަށް ބައިވަރު އެއްޗެހި ރައްކާކުރެވުނެވެ. ބައްޕަ ދުނިޔެ ދޫކުރިއިރު އޭނާ ހުރީ ބައްޕަ އުފަލުމުން ދިޔަ ހުރިހާ ޒިންމާތަކެއް އަދާކުރެވޭނޭ ވަރުގެ ގާބިލު މީހަކަށް ވެފައެވެ.



advertisment