އިންޑިޔާގެ ގްވާލިއަރުގައި ހުންނަ ސިންދިއާ ސްކޫލުގެ ފައުންޑޭޝަން ދުވަހުގެ ރަސްމިއްޔާތުގައި، އެ ސްކޫލުގެ 12 ވަނަ ގްރޭޑުގެ ދަރިވަރެއް ކަމަށްވާ މެދާންޝް ތްރިވެދީ، އޭނާ އީޖާދުކޮށްފައިވާ އިންސާނުން އުފުލޭ ޑްރޯނެއް ދައްކައިލިއެވެ. މިކަން ހިނގީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
އެމްއެލްޑީޓީ-01 ގެ ނަމުން ނަން ދީފައިވާ މި ޑްރޯނުގެ މަސައްކަތް މެދާންޝް ފެށީ އޭގެ ތިން މަސް ކުރިންނެވެ. މިކަމަށް އޭނާ ހިތްވަރު ލިބިގަތީ ޗައިނާގެ ޑްރޯން ޓެކްނޮލޮޖީ ފެނުމުންނެވެ. މި މަސައްކަތުގައި އޭނާއަށް އެހީތެރިވެދިނީ އެ ސްކޫލުގެ މުދައްރިސުންނެވެ.
މެދާންޝް އުފެއްދި މި ޑްރޯނަށް 80 ކިލޯގެ މީހަކު ހަ މިނެޓު ވަންދެން އުފުލައި، ގަޑިއަކު 60 ކިލޯމީޓަރުގެ ސްޕީޑެއްގައި ދަތުރުކުރެވޭ ކަމަށް ވެއެވެ. ރައްކާތެރިކަމުގެ ގޮތުން، ރަސްމިއްޔާތުގައި އެ ޑްރޯނު ބިމުން މައްޗަށް ނެގީ 10 މީޓަރަށް ނަމަވެސް، މެދާންޝް ބުނާ ގޮތުގައި އޭތި ހަތަރު ކިލޯމީޓަރަށް އުފުލައިލެވޭނެއެވެ.

މި ޑްރޯނު އުފައްދައިފައި ވަނީ އިންޑިޔާގައި ދަނޑުވެރިކަމަށް ބޭނުންކުރާ ހަތަރު ޑްރޯނުގެ މޯޓަރު ބޭނުންކޮށްގެންނެވެ. މި ޑްރޯނު ހެދުމަށް ޚަރަދުވެފައި ވަނީ 350,000 އިންޑިޔާ ރުޕީސް އެވެ. މެދާންޝްގެ ޑްރޯނުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރި، ޤައުމީ ސަމާލުކަން ލިބުނެވެ.
މެދާންޝްއަށް އިންޑިޔާގެ ޔޫނިއަން މިނިސްޓަރުގެ ތަޢުރީފު ލިބި، އޭނާގެ އެ އުފެއްދުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ޤައުމީ ފެންވަރެއްގައި ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އިންޑިޔާގެ މަޝްހޫރު އިންޑަސްޓްރިއަލިސްޓް އާނަންދު މަހިންދްރާވެސް، މެދާންޝްގެ ޑްރޯނުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް، ކަންކަން ފަށައި ނިންމުމުގެ މުހިންމުކަން ސާބިތުކޮށްދިން ކަމަށްޓަކައި ތަޢުރީފުކުރިއެވެ.

މިހާރު މެދާންޝް އަންނަނީ މި ޑްރޯނަށް އިތުރު ކުރިއެރުންތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އޭނާގެ އަމާޒަކީ ވައިގެ ތެރޭގައި ހަ މިނެޓަށްވުރެ ގިނަ ވަގުތު ދަތުރުކުރެވޭނެ ހައިބްރިޑް ޑްރޯނެއް ތައްޔާރުކުރުމެވެ. އޭނާގެ މި އުފެއްދުމުގެ ސަބަބުން މުސްތަޤުބަލުގައި އަތްފޯރާފަށުގައި ވައިގެ ޓެކްސީތަކާއި، ދަނޑުވެރިކަމަށް ބޭނުންކުރާނެ ޑްރޯނުތައް ތައްޔާރުކުރުމުގެ އުންމީދު ވަނީ އާލާވެފައެވެ.



advertisment