ދަރިފުޅާއޭ، ބުނަންހޭ، ބުނިއްޔާ އަޑުއަހާނަމުހޭ، ކާފަމެން ދުށް އެ ދުވަހަކީ ހަމަ ރަންޒަމާނޭ، ދިވެހީން ދިވެހީންގެ ގޮތުގައި ދިރިއުޅުނު ޒަމާނޭ، ޤަބޫލުކުރާނަންހޭ،… މިއީ މުޅީން މި ޢިބާރާތުން ނޫން ނަމަވެސް ދުނިޔެއުޅެލައި ދުވަސްވެލައިފައި ތިބޭ މީހުންގެ ފަރާތުން ދޭތެރެދޭތެރެއިން އިވޭ އަޑެއް، އަޅެ އެހެންނޫންތޯއެވެ؟
ދިވެހިރާއްޖޭގެ ކޮންމެވެސް ރަށެއްގެ ގޮނޑުދޮށުގައި، އެ ސާފު ހުދު ދޮންވެލިގަނޑުގެ މަތީގައި، ފުއްޕިއަތް ލީ ކުރުހެދުމެއް އަޅައިގެން ތެލިދޮންނަން އޮތް މަންޖެގެ މޫނުމަތީގައި މޭކަޕެއް އަދި ނެތަސް، އެ މޫނުމަތީން އެ ފެންނަ ހިތްގައިމު ހިނިތުންވުނެ ފެންނަ ހަމަ ކޮންމެ މީހެއްގެ ހިތަށް އެ ލިއްބައިދޭ ހިތްހަމަޖެހުމާއި މަސަލަސްކަމުގެ މައްޗަށް ޅެން ހަދައި، ފަރިހި ކިޔައި، މަޒުމޫނު ލިޔެ، ކުރުވާހަކަޔެއް ހިތަށް ގެނެސްލައި ހަދާނޭ މީހުން ގިނައިން އުޅޭނީ ހަމަ މިދެންނެވި ޢުމުރުފުރައިގައި، އަޅެ އެހެންނޫންތޯއެވެ؟
ދިވެހީންގެ ދިވެހީންގެ ގޮތުގައި ދިރިއުޅުނީ އެ ޒަމާނުގައްޔޭ، ދަގަނޑު ވަނުގައި ހަވާދު ތަޅައި، ކަޅުހިލަދައިގައި ލޮނުމިރުސް ފުނޑައި، ދަރުއުނދުނުގައި ގަރުދިޔަ ކައްކައި، އަނގުރު އަލިފާން މަތީ ކަޅުބިލަމަސް ފިހެގެން ކޭ ދުވަހު ހިތާއި ދުލާއި ބަނޑަށް ލިބުނު އުފަލާއި ހަމަޖެހުމުގެ މައްޗަށް ވާހަކަދައްކާން ސައިހޮޓަލުގެ މޭޒުދޮށުގައި ތިބޭނީ ވެސް ހަމަ މިދެންނެވި ޖީލުގެ މީހުން، އަޅެ އެހެންނޫންތޯއެވެ؟
ދެން ފަހެ، އެ މީހުން އެ ދައްކާ ވާހަކައިގައި އެ ބުނާ ސާފު ހުދު ދޮންވެލިގަނޑުގެ މަތީގައި އެ ދުވަސްވަރު ދިމާ ހާމަޔަށް އެ ހުންނަ ފުނިވަރުވަރުން ދުވާ ނުބައި ވަހާއި، ދުން އަރައަރާ އެ ހުންނަ އުނދުންތަކަށް އޮނުން ފުމެ ހަދާއިރު ލޯ ކަރާ ވަރާއި، އަނގަޔާ އަތާ ދިމާކުރުން ކީއްތޯއޭ ބަނޑުފުރާނަ މުއްތިކުރާން އެ ދުވަހު ކުރާން ޖެހުނު ބުރަ މަސައްކަތާއި، އޮހޮރާން ޖެހުނު ދަލާއި، އެކި ފަހަރު ދެރަ އެކި ގޮތް ދިމާވީމައި ރޯން ޖެހުނު ރުއިންތަކާ ބެހޭގޮތުން މަޒުމޫނު ލިޔެ، ޅެންފަރިހި ހަދައި، ވާހަކަ ލިޔެ ހަދާނޭ މީހުން އެންމެ މަދީ ވެސް ހަމަ މި ދެންނެވި ޢުމުރުފުރައިގެ އިސްރަށްވެހީންގެ ތެރޭގައި، އަޅެ އެހެންނޫންތޯއެވެ؟
ދެން އަޅުގަނޑުމެން ކުޑައިކޮށް ވިސްނައި ބަލައިލަމާތޯއެވެ! އެ މީހުން އެ ދައްކަނީ ހަމަ ބޭކާރު ވާހަކަތޯއެވެ؟ އެ މީހުން އެ ސިފަކޮށްދެނީ އެ މީހުންގެ ޅަފުރައިގައި އެ މީހުންނަށް އުފުލާން ޖެހުނު ބުރަޔާއި، ކުރިމަތިވި ދަތިތަކާއި، ޒަމާނީ ވަސީލަތެއް ނެތި ޙައްލުކުރާން ޖެހުނު އެކި މައްސަލަޔާއި، އުޅޭން ޖެހުނު ނިކަމެތި ޙާލުގެ މަތީން ހަނދާން ނައްތައިލައި، މުޅީން އެހެން ވާހަކަޔެއް ތޯއެވެ؟ އެ މީހުންގެ އެ ޒަމާނުގައި މަދު ބައެއް ފަހަރަކު، ނޫނީ ވަރަށް މަދުން ނޫނީ ދިމާނުވާ ޙާލަތެއްގެ ވެށީން ލިބުނު ކުޑަކުޑަ އުފަލެއްގެ ފިހީން މުޅި އެ ޒަމާނުގެ މަންޒަރު ހިތުގައި ކުރަހައިގެންތޯއެވެ؟ ނޫނީ، އެ މީހުން އެ ދައްކާ ވާހަކައިން އަޅުގަނޑުމެންނަށް ބުނެދޭން އެ އުޅެނީ މުޅީން އެހެން ވާހަކަޔެއްތޯއެވެ؟
އެ މީހުން ބުނާ އެ އުޅޭ ވާހަކަޔަކީ، އަސްލު ދިވެހިރާއްޖެޔަކީ އެއީއޭ، އަސްލު ދިވެހީން އުޅުނީ އެ ދުވަސްވަރުއޭ، އެއީ ހައުދަހައި އުހައުވެރި ޒަމާނެކޭ އެ ބުނާ ވާހަކައިގެ ޙަޤީޤީ މާނަޔަކީ ކޮބައިތޯއެވެ؟ އެ ވާހަކައިގައި އަޅުގަނޑުމެން ބަލައިގަންނާން ޖެހޭ، އަމިއްލަޔަށް ވިސްނައިގެން އަމިއްލަ ނަފުސަށް އުނގަންނައިދޭން ލާޒިމުވާ ފިލާވަޅެއް އެބަ އޮތްތޯއެވެ؟
އެ މީހުން އެ ބުނާ ވާހަކަޔަކީ އެ ޒަމާނަކީ ދިވެހީންގެ ދިވެހިރާއްޖެ ދިވެހީންނަށް އެކަނި އޮތް ތަނެއް ވީމައި އެ ދުވަސް މާ ރަނގަޅޭ ތޯއެވެ؟ ދިވެހީންގެ ފުރިހަމަ މިނިވަންކަން މަތީގައި އޮތީ އެ ދުވަހުއޭ ބާވައެވެ؟ މަސްކަނޑަށް ނިކުމެ ގޮދާ ބާނައި، އެޔަށް ވުރެ ގާތުން ވަދާ ގޮސް ލައްޓި ރާގޮނޑި ބާނައި، ރުއްއަރައި، ފަލަމަޑި ހައްދައި، ދަނޑުގޮވާން ކޮށް، ކަނބުރުގޭގައި ދަގަނޑު ތަޅައި، ގޭ ފެންޑާއިން ފެންފައިވާން ވިއްކައި، އުނގުވިޔަފާރިކޮށް އުޅުނީ އެ ދިރިއުޅުމާ މެދު ހިތްހަމަޖެހިގެން އުޅުނު ދިވެހީންނޭ ތޯއެވެ؟ ނުސިޔާނު ގޮތަކަށް ހަފޮޅުން އެތެރެވީމައި ހުރިހައި ކަމެއް ސެއްލަޔަށް އެ މީހުންނަށް ތަންމިނަށް ހުޅުވިފައި އޮތް ބާޒާރެއްގައި އެ މީހުންގެ ބޮލަށް އަރާނޭ ބިދޭސީން އެ ދުވަހު ނެތް ވާހަކަތޯއެވެ؟ އެހެން ކަމަށް ވަންޏާ އެ ޖީލުގެ މީހުން އެ ކިޔާ ލަވަޔާއި ފަރިހީގައި އާރެއް ލައި، އަޅެ އެހެންނޫންތޯއެވެ؟
އެ މީހުން އެ ދައްކާ ވާހަކައިގައި ކޮންޕިޔުޓަރާއި އިންޓަނެޓާއި އައިފޯނާއި ސުމާޓުގަޑިޔާއި އޭއައިގެ ކުލަޔާއި ރަހަޔާއި ވަސް ތިޔާގިކޮށް އެކުލެވި ކަޅިވެފައި އަދި ނެތަސް، އެ މީހުން އެ ކިޔާ ލަވައިގެ އެއް ކަޑީގައި އެ ބުނާ، އެ ދުވަހުގެ މަގުތަކަކީ ހަމަ އެންމެ ޅަފުރައިގެ ކުދީންނާއި މުސްކުޅި ޢަޖޫޒުންވެސް އެއްވެސް ބިރުވެރިކަމެއް ނެތި މާމަގެއިން ކާފަގެޔަށް، ނޫނީ އުތުރުއަވަށު އަހަންމަދުބޭ ގެން ދެކުނުއަވަށު އަލިބޭބޭ ގެޔަށް، އެއްވެސް ބިރެއް ނެތި ކަޅުފޮއި ރެޔެއްގެ މެންދަން ވާން ގާތްވެފައި ހުއްޓައި ވެސް ޖެހިލުމެއް ނެތި ހިނގާން އޮންނަ މަގުތަކެކޭ ބުނީމައި، މިއަދު ޙަޤީޤަތްކާއި އެ ދުވަހުގެ ޙަޤީޤަތްތަކާ އަޅައިބަލާއިރު، އެ ޖީލުގެ މީހުން އެ ކިޔާ ލަވައިގެ ފުން މާނަ އަޅުގަނޑުމެންނަށް ދޭހަވާން އެބަ ލާޒިމުވޭ، އަޅެ އެހެންނޯންތޯއެވެ؟
ދިވެހީން ދިވެހި ވަނީ، އަހަރުތެރޭ އާދައިގެ ދުވަސްދުވަހު ޖިންސުޓީޝާޓު ލައިގެން އުޅޭ މީހުންނާއި ކުދީން، ކަނޑައެޅޭ ވަކި ދުވަސްތަކެއްގައި މުންޑު އަނދެ، ގަންޖުފަރާސް ލައި، ބޮލުގައި ހުދު ފޮށާއަޅައިގެން ބަބުރުލަވަޔަށް ނަށާން ނިކުތީމައި ނޫންކަން އެ ލަވަތަކުން އަދި އެހައި ސާފު ނުވިޔަސް، ޚާއްޞަ މުނާސަބަތުތަކުގައި އަންނާން ގެންގުޅޭ ފޭއްޔަކީ އިންޑޮނޭސިޔާގެ ކޮންމެވެސް ކާރުޚާނާޔެއްގައި ހުންނަ މެޝިނުތަކަކުން ތައްގަނޑުޖެހިގެން ނިކުންނަ ނައިލޯނު ރޯލެއް މިނަށް ކެނޑީމައި ހުންނަ އެއްޗެއް ނޫންކަން އެ ފަރިހިތަކުގައި އަދި ބަޔާން ނުކުރިޔަސް، އެ ތަނުން ބައެއް ފަރިހީގައި އެ މާނަ އަޅެ އެކެއް ނުލެވޭތޯއެވެ؟
މި ލިޔެވުނީ ވެސް ވާހަކަތަކެކެވެ. މި ވާހަކަތަކުގެ ތެރެއިން ތިޔަ ބޭފުޅުންގެ ހިތްޕުޅަށް ޚިޔާލެއް، ހަނދުމަފުޅެއް، އިޙްސާސެއް، ނުވަތަ ޅެމެއް ފަރިއްސެއްގެ މައިގަނޑު ކީއްކުރާންތޯއޭ ކަޑިޔެއްގެ ޢަޖުޒު ނަމަވެސް އައްޔާ، އެއީ ވެސް ކޮންމެވެސް ވަރެއް، އަޅެ އެހެންނޫންތޯއެވެ؟
