ވެފައި ހުރި ވަރުބައްޔާއެކު، އޮށޯތްތަނާހެން، މަނިކުބެއަށް ނިދުނެވެ. ދެން ކުއްލިއަކަށް މަނިކުބެއަށް ވަރަށް އާދަޔާ ޚިލާފު ހުވަފެނެއް ފެނުނެވެ. މަނިކުބެއަށް ފެނުނީ މަނިކުބެ މަރުވެ ގިޔާމަތްވެގެން އުޅޭ ތަނެވެ. ދެން، މަނިކުބެ ވެސް ގިޔާމަތުގެ މަހުޝަރަށް ހާޒިރު ކުރެވުނެވެ.
މަނިކުބެއާ މަލާއިކަތް ބޭކަލެއް މުޚާތަބުކުރައްވައި ވިދާޅުވިއެވެ. 'މިއަދަކީ ވަރަށް ވެސް އުފާވެރި ދުވަހެކެވެ. މިއަދު މަރުވާ މީހުންނަށް އެ މީހަކު އެދޭ ގޮތެއް ހާސިލުވުމުގެ ފުރުސަތު އެބަ އޮތެވެ. ބޭނުމިއްޔާ ސުވަރުގެ ޚިޔާރުކުރަންވީއެވެ. ނޫނީ ބޭނުމިއްޔާ ނަރަކަ ޚިޔާރު ކުރަންވީއެވެ.'
ދެން، މަނިކުބެ ހިތަށް އެރީ އެންމެ ފުރަތަމަ ނަރަކަ ބަލައިލާން ދިޔުމަށެވެ. އެ ކަން އެދުމުން، މަނިކުބެ ލިފްޓަކަށް އެރުވުނެވެ. ދެން، އެ ލިފްޓު އިސާހިތަކު ދިމާ ތިރިއަށް ފޭބިއެވެ. އަދި މަނިކުބެއަށް ނަރަކައިގެ މަންޒަރު ފެންނަން އޮތެވެ. މަނިކުބެއަށް ފެނުނީ ނަރަކައިގެ އަހުލުވެރި ހުވަފެނެއް ކަހަލަ ކަމެއްގެ ތެރޭގައި އުޅޭ ތަނެވެ. ކެއުމާއި ބުއިމާއި ކުޅިވަރުކުޅުމުގައެވެ. މަނިކުބޭގެ ރައްޓެހި ވަރަށް ގިނަ މީހުން ވެސް އެތާ ތިއްބެވެ. ޒަކިއްޓޭއާއި އަމިއްޓޭ އެވެ. އަދި އަހަންމާއާއި މުހައްމާ ވެސް މެެއެވެ. އެތާ ތިބި އެންމެނާ މުޚާތަބުކޮށް ޝައިތާނީ އިބިލީސް ވެސް ވާހަކަދައްކަމުން ދިޔައެވެ. އިބިލީސް މޫނަށް މަނިކުބޭ ބަލާލުމުން، ފެނުނީ، އިބިލީހާ ބެހޭ ގޮތުން ކުރިން އަޑުއިވިފައިވާ ވާހަކަތަކާ މުޅިން ޚިލާފު މަންޒަރެކެވެ. ވަރަށް އޯގާތެރިކަމާއެކު މީސްތަކުންނާ އިބިލީސް ވާހަކަ ދައްކަމުން ދިޔައެވެ. ކުރިއަށް އޮތް ތަނުގައި ނަރަކައިގެ ކަންކަން އިތުރަށް ރަނގަޅުކުރާނޭ ގޮތުގެ ވާހަކައެވެ.
ނަރަކައިގެ މަންޒަރު ބަލާލުމަށް ފަހު، މަނިކުބޭ އެދުނީ ސުވަރުގެ ބަލާލަން ގެންދިޔުމަށެވެ. ދެން އަނެއްކާ ވެސް ލިފްޓަކަށް މަނިކުބޭ އެރުވުނެވެ. އިސާހިތަކު ލިފްޓު މައްޗަށް އަރައިގެން ދިޔައެވެ. އަދި، ހަމަ ހިނދުކޮޅެއްގެ ތެރޭގައި މަނިކުބެއަށް ސުވަރުގޭގައި ހުރެވުނެވެ. އެތަނުން ފެނުނު މަންޒަރު ވަރަށް ވެސް ހިތްގައިމެވެ. ރިތި ބަގީޗާތަކާއި ނަލަނަލަ މާތަކެވެ. މީސްތަކުން ހަމަޖެހިލައިގެން ތިބި ތަނެވެ.
ދެން، މަނިކުބެއާ ސުއާލުކުރެވުނެވެ. ޚިޔާރު ކުރާނީ ކޮންތަނެއް ހެއްޔެވެ؟ ސުވަރުގެ ހެއްޔެވެ؟ ނޫނީ ނަރަކަ ހެއްޔެވެ؟ މަނިކުބެ ކުޑަކޮށް ވިސްނާލުމަށް ފަހު، ހިތާހިތާ ބުންޏެވެ. ނަރަކަވެސް އެހާ ގޯހެއް ނޫނެވެ. ވަރަށް ގިނަ ރައްޓެހިން ވެސް ތިބީ އެތާނގައެވެ. އެހެންވެ، އަޖުމަ ބަލައިލުމުގެ ގޮތުން ދާނީ ނަރަކައަށެވެ.
ދެން، މަނިކުބެ އެދޭ ގޮތުގެ ވާހަކަ ބުނުމުން، ވަގުތުން ލިފްޓަށް އަރުވައިގެން ނަރަކައަށް ގެންދެވުނެވެ. ނަމަވެސް، މިހާރު ނަރަކައިގެ މަންޒަރު ފެނުނީ ކުރިން ފެނުނު ގޮތަކަށް ނޫނެވެ. މުޅި ތަނުގައި އޮތީ ނާމާން ކަމެވެ. އެތާ ތިބި މީހުން ވަންނާނެ ތަނެއް ނެތެވެ. އެ މީހުން ކަމުން ގެންދިޔައީ މުޅިން ވެސް ކުނިވެ ހަލާކުވެފައި ހުރި އެއްޗިއްސެވެ. މަގުތައް އޮތީ ފެން ބޮޑުވެ ޗަކަވެފައެވެ. އެ ޗަކަތަކުގެ ތެރެއިން ހަރުފަތަކާއި ވިހަ ސޫފިތައް ދުވާތަން ފެނެއެވެ.
މަނިކުބޭ ހައިރާންވެ އެއްލި ކަޅިއަކުން ޝައިތާނީ އިބިލީސް ފެނުނެވެ. މިހާރު އިބިލީސް ވެސް ފެންނަން ހުރީ ހަމަ ކުރިން ވެސް އިބިލީސްއާ ބެހޭ ގޮތުން އަޑު އިވިފައި އޮތް ސޫރައިގެވެ. ނުބައިކަމުގެ ތަޖްސީދެއްގެ ގޮތުގައެވެ.
ކޮންމެއަކަސް މަނިކުބޭ އިބިލީހާ ސުއާލުކުރިއެވެ. "އޭ އިބިލީހާއެވެ! މީގެ ކުޑަ އިރުކޮޅެއް ކުރިން މަ މިތަނަށް އައިމެވެ. މިހާރު މިތަނުން ފެންނަ މަންޒަރާ އޭރު މިތަނުން ފެނުނު މަންޒަރު ހާދަ ތަފާތެވެ. މިއީ ކިހިނެއްވީ ކަމެއް ހެއްޔެވެ؟"
ދެން، މަނިކުބެއާ އިބިލީސް މުޚާތަބުކޮށް ބުންޏެވެ. "ކުރިން ކަލެއަށް އާދެވުނީ މި ތަނުގައި އިންތިޚާބު ބާއްވަން ވެގެން ކެމްޕޭނު ކުރެވުނު ވަގުތުގައެވެ. އޭރު ދައްކުވާ މަންޒަރަކީ ހަގީގަތެއްކަން ކަލެއެކޭ އެއްފަދައިން އެތައް ބަޔަކު ގަބޫލުކުރެއެވެ."
މި ހިސާބަށް އިބިލީހުގެ ވާހަކަ ދިޔަތަނާ މަނިކުބެއަށް ހޭލެވިއްޖެއެވެ. އަދި، ދާހިއްލައި ފޯވެފައި އޮތް މަނިކުބޭގެ ހިތަށް ހަމަޖެހުން ލިބުނެވެ. މަނިކުބެއަށް ފެނުނީ ހުވަފެނެއް ކަން އެނގުމުންނެވެ!
