Support Us

އަލީގެ ސިޓީއެއް ލޯބިވާ ކާފައަށް: ކައިވެނިނުކޮށް މިހިރީ…

ލޯބިވާ ކާފާއެވެ.

މިފަހަރު ތި ރަށަށް ގޮސް، ކާފައާއެކު ހޭދަކުރެވުނު އަގުހުރި ވަގުތުތައް އަދިވެސް ހަނދާންވެއެވެ. ދިގު މުއްދަތަކަށްފަހު މަސްވެރިކަމަށް ދެވުނުކަމާއި، ތި ރަށް ކައިރީގައިވާ ފަޅުރަށަކުން ވެލާ ބިސް ހޯދުމުގެ ތަޖުރިބާ ކުރެވުނުކަމީ އުފާވެރިކަމެކެވެ. އަނެއްކާ ވެސް ވަރަށް އަވަހަށް ތިރަށަށް ގޮސް، ކާފައާއެކު މިފަދަ އަގުހުރި ވަގުތުތަކެއް ހޭދަކުރެވޭނެކަމުގެ އުއްމީދު ކުރަމެވެ.

މިފަހަރު ކާފަ އަހަރެން ކައިރީގައި ދެއްކި ވާހަކަތަކާމެދު މާލެ އައުމަށްފަހުގައިވެސް ވިސްނުނެވެ. އެއީ އާއިލާގެ ގިނަ ބަޔަކު ހިއްސާކުރާ ކަންބޮޑުވުމެކެވެ. އުމުރުން 32 އަހަރުވެފައިވާއިރު، އަދިވެސް އަހަރެން މީހަކާ ނީނދެ އުޅޭތީ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދެއެވެ. އެ ދުވަހު ކާފަ ދެއްކި ވާހަކައަށް ސީދާ ޖަވާބެއް ނުދެވުނު ނަމަވެސް، އަހަރެން މީހަކާ ނުއިނދެ ހުރި ސަބަބު ކިޔައިދޭން ސިޓީއެއް ލިޔުމަށް މާލެ އައުމަށްފަހު ނިންމީމެވެ.

އާންމު ގޮތެއްގައި ޒުވާނުން އަމަލުކުރާ ފަދައިން، ކިޔަވައި ނިންމުމަށްފަހު، އަހަރެން ވެސް ހަޔާތެއް ފެށުމަށް ކަމުދާ އަންހެން ކުއްޖަކު ހޯދުމަށް މަސައްކަތްކުރީމެވެ. މި ނިޔަތުގައި ދެތިން ކުއްޖަކާ ވާހަކަ ދެއްކުނެވެ. ނަމަވެސް، މި ޒަމާނުގެ ގިނަ އަންހެން ކުދިންގެ ކިބައިގައި، ދެމިގެންދާ ގުޅުމެއް ބިނާކުރުމުގެ ޝައުޤުވެރިކަން ނެތްކަން ފާހަގަކުރެވުނެވެ.

އަހަރެން ކުޑައިރު ބައްޕަ، ކާފައާއި މާމައާ އެކުގައި ދިރިއުޅުން ފެށިގޮތުގެ ވާހަކަ ކިޔައިދިނެވެ. ދެ މީހުން އެކުގައި ގެއެއް އެޅި ވާހަކައާއި، ކާފަގެ ވިޔަފާރި ދަށަށްދިއުމުން، މާމަ އަތުކުރި އޮޅާލައިގެން އެކަން ހައްލުކުރުމަށް މަސައްކަތްކުރި ވާހަކަ ކިޔައިދިނެވެ. ނަމަވެސް، އަހަރެންގެ ތަޖުރިބާގައި، މާމަ ގޮތަށް ފިރިމީހާއަށް ދިމާވާ ދަތި ދަނޑިވަޅުތަކުގައި ސާބިތުކަމާއެކު ހުރެދޭނޭ ފަރާތްތައް މިހާރު މަދެވެ. ގިނަ ފަހަރަށް ފެންނަނީ، އެއްވެސް ދަތިކަމެއް ކުރިމަތިވުމާއެކު ގުޅުން ކަނޑާލުމަށް ތައްޔާރަށް ތިބޭ މަންޒަރެވެ.

އަހަރެންނާ ބައްދަލުވި ގިނަ އަންހެން ކުދިން ބޭނުންވަނީ ލޯބީގެ ގުޅުމެއްގެ ފެށުމުގައި އަންނަ އުފާވެރި ވަގުތުތައް އެކަންޏެވެ. ގުޅުމަށް ދުވަސްވަމުންދާއިރު، މި އުފާވެރި ހިނދުކޮޅުތައް މަދުވާން ފެށުމުން، އެއީ ލޯބީގެ ނިމުން ކަމުގައި ދެކި، ގުޅުން ކުރިއަށް ގެންދިއުމަށް ޝައުގުވެރިކަމެއް ނުހުރެއެވެ.

މި ފަހުން ހަޔާތެއް ފެށުމަށް އަހަރެން ވާހަކަ ދެއްކި ކުއްޖާ އެދުނީ ދުވާލުގެ ހުރިހާ ވަގުތެއްގައި އޭނާއާ ގުޅައިގެން ނޫނީ މެސެޖުން ވާހަކަ ދައްކާނޭ މީހެކެވެ. ވަޒީފާގެ ޒިންމާ އަދާކުރުމަށް ވަގުތު ހޭދަކުރަންޖެހޭ ވާހަކައާ އަބަދު އޭނާއަށް ސަމާލުކަން ދީގެން ނޫޅެވޭނޭކަން އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ. އެ ހިސާބުން އޭނާގެ ރަހްމަތްތެރިން އޭނާއަށް ލަފާދިނީ އަހަރެންނަކީ އޭނާ ދެކެ ހަގީގީ ލޯބިވާ މީހެއްނަމަ، އެހެން ހުރިހާ ކަމަކަށްވުރެ އިސްކަންދޭނީ އޭނާގެ އެދުންތަކަށް ކަމުގައެވެ. މިއީ މިއަދު ގިނަ ބަޔެއްގެ ވިސްނުމެވެ.

ދެވަނައަށް ރައްޓެހިވި ކުއްޖާއާ އިންނަން ދެތިން މަހަށް ވެފައި ވަނިކޮށް، އެ ގުޅުމުގައި ދެމިހުންނަން ބޭނުންނުވާ ކަމަށް ބުނެ ގުޅުން ކަނޑައިލިއެވެ. ފަހުން އެނގުނީ އޭނާ ރައްޓެއްސެކޭ ކިޔައިގެން އުޅުނު މީހަކާ އެކުގައި ގުޅުން ފެށިކަމެވެ. އެގޮތަށް ކަންތައް އެވީ އަހަރެންނަށް އޭނާއަށް ބޭނުންވާ ވަރަށް ވަގުތު ނުދެވުނީމައި ކަންނޭނގެއެވެ. އޭނާ ފަހުން އެ ރައްޓެހިވި ކުއްޖާއަކީ އެއްވެސް ވަޒީފާއެއްގައި އުޅޭ ކުއްޖެއް ނޫނެވެ.

ނަމަވެސް، އޭރު އޭނާ ބޭނުންވި ފަދަ ދިރިއުޅުމެއް ހޯދުމަށްޓަކައި އަހަރެންނަށް އިތުރު އާމްދަނީ ހޯދަން ޖެހުނެވެ. އޮފީސް މަސައްކަތް ނިންމުމަށްފަހު، އިތުރު ޕްރޮޖެކްޓެއްގައި ބައިވެރިވުމުގެ ސަބަބުން ދުވަސްކޮޅަކަށް ވަގުތު ނުދެވިދާނެކަން އޭނާއަށް ކުރިއާލައި ބުނެދިނީމެވެ. ނަމަވެސް، މިކަމަށް ކެތްތެރިވުމަށް އޭނާއަށް ނުކުޅެދުނެވެ. މި ފަހުން އޭނާ އަހަރެންނަށް ގުޅައިގެން އަލުން ގުޅުމަށް އެދުނެވެ. ނަމަވެސް އަހަރެން އޭނާގެ އެދުމަށް އިންކާރުކުރީ އޭނާއަކީ ވަފާތެރިއަކަށް ނުވީމައެވެ.

އަހަރެންނަށް ކުރެވުނު ތަޖުރިބާތަކުން ވިސްނުނީ، ކޮންމެވެސް ސަބަބަކާހުރެ އަހަރެންގެ ހަޔާތަށް ވަންނަ މީހުން ގިނަ ފަހަރަށް އެދެނީ ކުރު މުއްދަތަކަށް އަހަރެންނާ އެކުގައި ހޭދަކުރުމަށް ކަމެވެ. އަހަރެންގެ ފަރާތުން އެމީހުން ބޭނުންވަނީ އަބަދުވެސް އެމީހުންގެ ވަށައިގެން އެނބުރޭ، ހަމައެކަނި އެމީހުންގެ އެދުންތަކަށް އަހައްމިއްޔަތުކަންދޭ މީހަކެވެ. އަހަރެންނަކީ އެކަހަލަ މީހެއް ނޫނެވެ.

އަހަރެންގެ ހަޔާތަށް އަންނަ މީހަކަށް އަހަރެންގެ ލޯބި ފާޅުކުރަން ބޭނުންވަނީ އެމީހަކަށް އަހަރެންނަށް ފޯރުކޮށްދެވޭނޭ ރައްކާތެރިކަމުންނެވެ. އެމީހަކަށް ދުވަހަކުވެސް އެހެން މީހެއްގެ އެހީތެރިކަމަށް އެދެން ނުޖެހޭ މިންވަރަށް ކަންކަން ފުރިހަމަކޮށްދިނުމަކީ އަހަރެންގެ ޒިންމާއެކެވެ. މި ޒިންމާ އަދާނުކުރެވިއްޖެނަމަ އަހަރެންގެ ހިތެއް ހަމައެއް ނުޖެހޭނެއެވެ.

އަހަރެން މިހާ ދުވަސް މި މަޑުކުރީ އަހަރެންނާ އެކުގައި ހަޔާތެއް ބިނާކުރުމަށް ތައްޔާރު މީހަކު ފެންނަންދެކަށެވެ. އެ މީހަކު އަހަރެންގެ ލޯބި މިނާނީ އަހަރެން އޭނާ ގޮވައިގެން ބޭރަށްދާ މިންވަރުން، ނޫނީ އަހަރެން އޭނާއަށް ދޭ އަގުބޮޑެތި ހަދިޔާތަކުން ނޫނެވެ. ރަނގަޅު ހަޔާތެއް ބިނާކުރެވޭނީ ދެ ފަރާތުންވެސް ގުރުބާންތަކެއް ވެގެންކަން އެފަދަ މީހަކަށް އެނގޭނެއެވެ. އަދި އެކަމަށް އެމީހަކު ތައްޔާރުވާނޭއެވެ.

ސިޓީ ނިންމާލަމުން ވަރަށް އުފާވެރި ހަބަރެއް ދޭނަމެވެ. ތިޔަ ރަށުގެ އީސަބޭ ގޯތީގެ އަޒީމާއަކީ ވަރަށް އަހުލާގު ރަނގަޅު، އަހަރެން ވަރަށް ގަބޫލު ކުއްޖެކެވެ. އޭނާގެ އުޅުމާއި ވައްޓަފާޅި މިފަހަރުގެ އީދު ދުވަސްވަރު ބަލައިލުމުގެ ފުރުސަތު ލިބުނެވެ. މިފަހަރު އަހަރެން އެނބުރި އައީ އޭނާއާ ކައިވެނީގެ ގޮތުން ގުޅެން ބޭނުންވާކަން ހާމަކޮށްފައެވެ. އިއްޔެ އޭނާ އަހަރެންނަށް ގުޅައި، އޭނާވެސް ގުޅުމެއް ފެށުމަށް ޝައުގުވެރިވާކަން ފާޅުކޮށްފިއެވެ. އެހެންކަމުން، އިރާދަފުޅުކުރެއްވިއްޔާ އަހަރެން މީހަކާ ނުއިނދެގެން ކާފަ ކަންބޮޑުވާންޖެހޭ ދުވަސްތައް ނިމުމަކަށް އައީ ކަމުގައި ދެކޭށެވެ. ވަރަށް އަވަހަށް ކައިވެނި ކުރުމަށްޓަކައި ތިޔަ ރަށަށް ދާނޭ ވާހަކަ އުފަލާއެކު އަންގަމެވެ.

ކާފަ ދެކެ ލޯބިވާ،

އަލީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *