Support Us

ޑްރައިވިން ލައިސަންސް ލިބުނީ 960 ފަހަރު އިމްތިހާނުގައި ބައިވެރިވެ 4،000 ޑޮލަރު ހަރަދުކުރި ފަހުން

ހިތްވަރުގަދަ ކަމުގެ ނަމޫނާއެއް ގޮތުގައި ދުނިޔެއަށް މަޝްހޫރު ވެދާނޭ ކަމަކަށް އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. ދެކުނު ކޮރެއާގެ ޗާ ސާ-ސޫން އަކީ އުމުރުން 70 ގެ އަހަރުތައް ގުނަމުންދިޔަ، ހުވަފަތްވެފައިވާ އަންހެނެކެވެ. އޭނާ ދިރިއުޅެނީ އޭނާގެ ކުޑަ ދަނޑުގައި މަސައްކަތްކޮށް، ތަރުކާރީ ވިއްކައި، އޭގެން އާމްދަނީ ހޯދައިގެންނެވެ. އުމުރުގެ ވަކި ހިސާބަކަށް ދިޔުމުން އޭނާގެ ހިތުގައި އުފެދުނު އެންމެ ބޮޑު އަޒުމަކަށް ވީ ޑްރައިވިން ލައިސަންސެއް ހޯދައިގެން ކާރު ދުއްވުމެވެ.

ގިނަ މީހުންނަށް ފަސޭހަ މި ކަންތައް އޭނާއަށް ވެގެން ދިޔައީ ތަކުލީފުން ފުރިގެންވާ ފަސް އަހަރު ދުވަހަށް ދެމިގެން ދިޔަ މަރުހަލާއަކަށެވެ. މި މުއްދަތުގެ ތެރޭގައި އޭނާވަނީ 960 ފަހަރަށް އިމްތިހާނު ހަދައި 4،000 ޑޮލަރަށް ވުރެން ގިނަ ފައިސާ ހަރަދުކޮށްފައެވެ.

އުންމީދު ނަގައިނުލި ސަބަބު

ޗާ ދިރިއުޅޭ ސަރަހައްދަކީ ފަރުބަދަތައް ގިނަ ސަރަހައްދެކެވެ. އެ ސަރަހައްދަށް ބަހުގެ ހިދުމަތް ލިބެނީ ކޮންމެ ދެގަޑިއިރުން އެއްފަހަރުއެވެ. އެ ސަރަހައްދުގެ ހަނި މަގުތަކުގައި ދަތުރުފަތުރު ކުރުމަކީ ބުރަ ކަމެކެވެ. އޭނާގެ އުންމީދަކަށް ވީ އޭނާ ހައްދައި ތަރުކާރީ ވިއްކަން މާރުކޭޓަށް ގެންދާނޭ ފަސޭހާ ގޮތެއް ހޯދުމެވެ. އޭނާ އެންމެ ބޭނުންވީ އޭނާގެ މާމަ ދަރިން ގޮވައިގެން ޖަނަވާރު ބަގީޗާއަށް ދިޔުމަށެވެ.

ނާކާމިޔާބީއާ ތަކުރާރުކޮށް ކުރިމަތިލުން

ޗާ 2005 އަހަރުން ފެށިގެން ކޮންމެ ދުވަހަކު، ލައިސަންސް ހޯލަށް ވަންނަނީ އިމްތިހާނުން ފާސްވުމުގެ އުންމީދުގައެވެ. އެކަމަކު ކޮންމެ ދުވަހަކު އޭނާ އެ އިމްތިހާނުން ވަނީ ފޭއްޔެވެ. އޭގެ އަނެއް ދުވަހުވެސް އަނެއްކާ އޭނާ ޓެސްޓު ހަދަން ދެއެވެ. ފުރަތަމަ، ހަފުތާއަކު ފަސް ފަހަރު ޓެސްޓް ހަދަމުން ގޮސް ފަހުން އޭނާ ޓެސްޓަށް ވަންނަނީ ހަފްތާއަކު ތިން ފަހަރެވެ. އިމްތިހާނުގައި އިށީންނަ ކޮންމެ ފަހަރަކު އޭނާ ފައިސާ ހަރަދުކުރަން ޖެހުނެވެ. އެ ފައިސާ ދައްކަނީ ތަރުކާރީ ވިއްކައިގެން ލިބޭ ލާރިންނެވެ.

އިންސްޓްރަކްޓަރުން ޗާއަށް ކޮންމެ ދުވަހަކު މަރުހަބާ ކިޔަނީ އޯގާތެރިކަމާއެކުގައެވެ. ޗާ އަކީ އަބަދުވެސް ހިނިތުންވެލައިފައި ހުންނަ މީހަކަށް ވީމައި އެމީހުންގެ ހިތުގައި ވެސް އޭނާއާ މެދުގައި އުފެދިފައިވަނީ ހާއްސަ ކުލުނެކެވެ.

ލިޔުމުގެ އިމްތިހާނުން އޭނާ ފާސްވީ 2009 ގައެވެ. ޖެހިގެން އައި އަހަރު އަމަލީ އިމްތިހާނުން އޭނާ ފާސްވީ 10 ފަހަރަށް އިމްތިހާނު ހަދައިގެންނެވެ. ޓެސްޓުތަކުން ފާސްވީމައި އޭނާގެ ޑްރައިވިން ސްކޫލުގައި ހާއްސަ ޖަލްސާއެއް ބާއްވައި ކުލަގަދަކޮށް އެކަން ފާހަގަކުރިއެވެ. އޭނާގެ ކާމިޔާބީ އެމީހުން ބަލައިގަތީ އެންމެންގެ ކާމިޔާބީއެއްގެ ގޮތުގައެވެ.

ޗާގެ ކެތްތެރިކަމުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް އައުން

ޗާގެ ކެތްތެރިކަމުގެ ވާހަކަ އެ ރަށުން ބޭރުގައިވެސް ދެކެވެން ފެށުނެވެ. އޭގެ ދުވަސްކޮޅެއް ފަހުން 1،000 ފަހަރު ޑްރައިވިން ޓެސްޓު ހެދި މާމައެއްގެ ވާހަކަ މުޅި ދުނިޔެއަށް ފެތުރިގެން ދިޔައެވެ. މަޝްހޫރު ކާރު ކުންފުނި ހުޔުންޑާއީއިން ޗާއަށް ކާރެއް ހަދިޔާކުރިއެވެ. އޭނާއަށް ކުއްލި މަޝްހޫރުކަމެއް ލިބި އިޝްތިހާރުތަކާއި އިންޓަވިޔުތަކުން އޭނާ ފެންނަން ފެށިއެވެ. "ދުނިޔޭގެ އެންމެ ހިތްވަރުގަދަ ޑްރައިވަރު" ފަދަ ސުރުހީތަކުން އޭނާގެ ކެތްތެރިކަމުގެ ވާހަކަ ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރިގެން ދިޔައެވެ. އޭނާގެ ނަން ދުނިޔޭގެ ރިކޯޑު ފޮތަށް އެރިއެވެ.

މިއަދު އޭނާ ކޮބައިބާ؟

ޗާއަށް ޑްރައިވިން ލައިސަންސް ލިބިގެން އޭގެ ބޭނުން ކުރި ގޮތުގެ ވާހަކައެއް އެހައި ބޮޑަކަށް ނޭގުނަސް އަހަރުމެންގެ އުންމީދަކީ އޭނާއަށް ހަދިޔާއަކަށް ލިބުނު ކާރުގައި އޭނާގެ މާމަ ކުދިން ގޮވައިގެން އުންމީދުކުރި ގޮތަށް ޖަނަވާރު ބަގީޗާ ބަލައިލަން ދެވުމެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *