Support Us

"ނޫސްވެރިކަމުގައި ބަހުގެ ހަމަތަކަށް ސަމާލުކަން ދޭންޖެހެއެވެ."

ކޯވިޑް 19އާ ގުޅިގެން ފުރަބަންދުވުމާއެކު ބައެއް އިދާރާތަކުން ކުރަމުން އައި މަސައްކަތައް މިވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ބައެއް އިދާރާތަކުން ދެމުން ދިޔަ ޚިދުމަތްތައް އޮންލައިން މެދުވެރިކޮށް ދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. ހަމަ އެހެންމެ ބައެއް އިދާރާތަކުގެ މަސައްކަތް ހަފްތާގެ ވަކި ދުވަހެއްގެ ވަކި ގަޑިތަކެއްގައި ދޭ ގޮތަށް ވަނީ ހަމަޖައްސަވައިފައެވެ. ހުރިހާ އިދާރާއަކުން ވެސް ބަލަމުން ދިޔައީ ރައްކާތެރިކަމާއެކު ރައްޔިތުންނަށް ފަސޭހަ ޚިދުމަތެއް ދިނުމަށެވެ.

ދިވެހިބަހުގެ އެކެޑަމީއަކީ އާންމުންނަށް ޚާއްޞަކޮށް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ތަފާތު އަދަބީ މުބާރާތްތައް ޤައުމީ ފެންވަރުގައި ބާއްވަމުން އަންނަ ތަނެކެވެ. މީގެ އިތުރުން ވެސް ބަހާއި އަދަބިއްޔާތާ ގުޅޭ ތަފާތު ކޯސްތަކާއި މަސައްކަތު ބައްދަލުވުންތައް ރާއްޖޭގެ އެކި ކަންކޮޅުގައި ދަނީ ބާއްވަމުންނެވެ. ފުރަބަންދާ ގުޅިގެން އެކެޑަމީން ކުރަމުން އައި މި ބާވަތުގެ ކަންކަން މަޑުޖައްސައިލަން ޖެހުނީ އެއްވެ އުޅުން މަނާވީތީއެވެ. އެހެން ނަމަވެސް ފަންނިއްޔާތުގެ އެހީގައި ދާދިވަރުކޮށް ކުރިއަށް ގެންދިޔަ އޮންލައިން ކިލާސްތަކާއި ކޯސްތަކުން ރާއްޖޭއާއި ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކަށް އުންމީދުތައް އައު ކޮށްދިނެވެ. މި ކަމުގައި ދިވެހިބަހުގެ އެކެޑަމީން ދެއްކީ ރީތި ނަމޫނާއެކެވެ. ޚިދުމަތުގެ ޗޭނު ބުރިކޮށްނުލައި އާންމު ފަރުދުންނާ އޮތް ގުޅުން ވަރުގަދަކުރެއްވީ މި ދެންނެވި އޮންލައިން ކިލާސްތަކުންނެވެ. ނާވިލުލިޔުމުގެ ހުނަރުދަސްކޮށްދިނުމާއި، ޅެންވެރިކަން ދަސްކޮށްދިނުމާއި ވާހަކަ ދެއްކުންތެރިކަމުގެ ހުނަރު ދަސްކޮށްދިނުމަށް ފެއްޓެވި ކޯސްތަކުގެ އިތުރުން ސަރުކާރު މުވައްޒަފުންނަށް އަމާޒުކޮށްގެން 'އޮފީސް ދިވެހި' ނަމުގައި ކުރިއަށް ގެންދާ ކޯހުގައި ގިނަ އަދަދެއްގެ ބައިވެރީންވަނީ ބައިވެރިވެ ކޯސް ފުރިހަމަފައެވެ.

މިދިޔަ ރަމަޟާން މަހު ފެށި ކޯސްތައް ނުނިމެނީސް މި ސިލްސިލާއަށް އިތުރުވީ ތަފާތު މައުޒޫތަކަށް ހުށަހަަޅައިދޭ ދަރެސް ތަކެވެ. ލިޔުންތެރިކަމާއި ބަހާއި އަދަބިއްޔާތުގެ އެކިއެކި ބައިތަކާ ގުޅޭ ދަރެސްތައް އެ ފަންނުތަކުގެ ދިރާސާވެރިން މެދުވެރިކުރައްވައި ގެނެސްދެއްވާކަމީ މި ފަންނުތަކަށް ލޯބިކުރައްވާ ފަރާތްތަކަށް ދެވޭ އަގުހުރި ޚިދުމަތެކެވެ. ދިވެހިބަހުގެ އެކެޑަމީން އެ ކުރައްވަނީ ޝުކުރު ޙައްޤު މަސައްކަތްޕުޅެކެވެ.

އަންވަރު އިބްރާހީމް ހުށަހަޅުއްވައިދެއްވާ މި ދަރެހަކީ ވަރަށް ޚާއްޞަ ދަރެހެކެވެ. އަހަރެމެން ނޫސް ވެރީންނަށެވެ. "ނޫސްވެރިކަމުގައި ބަހުގެ ހަމަތަކަށް ސަމާލުކަން ދޭންޖެހެއެވެ." ތެދެކެވެ. ނޫސް ލިޔުން އެކަންޏެއް ނޫނެވެ. އެހެނިހެން ލިޔުންތަކާއި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުގައި ވެސް ބަހުގެ ހަމަ ހިފަހައްޓާން ޖެހެއެވެ. އަޅުގަނޑުމެންގެ މާދަރީ ބަހަށް ރައްކާތެރިވާން ޖެހެއެވެ. މި ފަޚުރު އަންނާން އޮތް ޖީލާ ހަމައަށް ގެންގޮސްދެވޭނީ ބަހުގެ ގަވާއިދާއި ހަމަތަކާއެކު މި ބަސް ބޭނުންކޮށްގެންނެވެ. އެހެން ނަމަވެސް ދޭދޭ ފަރުދުންގެ މެދުގައި ދެކެވޭ ވާހަކަތަކާއި، ލިޔެވޭ ލިޔުންތަކަށް ވުރެ ނޫސްވެރީން ލިޔާ ލިޔުންތަކަށް ފަރުވާތެރިވާންޖެހެއެވެ. އެހެނީ މާދަމާގެ ޖީލަށް ވެސް ފެންނާން ހުންނާނީ ނޫނީ ގިނައިން ކިޔައި ބަލަނީ، އޮންލައިން ނޫސްތަކާއި ޗާޕުކޮށްގެން ނިކުންނަ ނޫސްތަކުގައި ހުންނަ އެއްޗެކެވެ. ތާރީޚަށް ޓަކައި ރައްކާތެރިކޮށްފައި ބަހައްޓާނީ ވެސް މި ދެންނެވި ފަދަ ލިޔުންތަކެވެ. އެހެންކަމުން ނޫސްތަކަށް ލިޔުއްވާ ފަރާތްތަކުން ލިޔުއްވާއިރު ބަހުގެ ގަވާއިދާއި ހަމަ ހިފެހެއްޓެވުން ވަރަށް މުހިންމެވެ. މި ދަރެހަކީ މިފަދަ ކަންކަން ރަނގަޅުކޮށް އިސްލާހުކުރުމަށް ހުޅުވޭ ދޮރެއްކަމުގައި ދަރެހެއްކަމުގައި ދެކެމެވެ. އަދި ނޫސްވެރީން ލިޔުއްވާ ލިޔުއްވުންތައް ބަހުގެ ގަވާއިދާ ހަމައާ އެއްގޮތަށް ލިޔުއްވުމަށް ލިބޭނޭ އިތުރު އެހީއަކަށް މި ދަރެސް ވާނެއެވެ.

ޒޫމް މެދުވެރިކޮށް ކުރިއަށްގެންދާ މި ދަރެހުގައި ބައިވެރިވުމަށް މި ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅުއްވޭނެއެވެ. އުންމީދަކީ ރާއްޖޭގެ ނޫސްވެރީންނަކީ އަޅުގަނޑުމެންގެ ފަޚުރު ކަމުގައިވާ ދިވެހިބަހުގެ ޙިމާޔަތުގައި ތިބޭނެ ބަޔަކަށް ވުމެވެ. ބަސް ޙިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި ވާގިދޭނެ ބަޔަކަށް ނޫސްވެރިން ވެސް ވުމެވެ. ނޫސްވެރީންނަށް ކާމިޔާބީއަށް އެދެމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *