ލޯބިވާ ކޮއްކޯއެވެ.
މިއަދު ބޮޑުދައިތަ ތިގެއަށް ގޮސް އިންދާ، ކޮއްކޮގެ ރައްޓެއްސަކު ގުޅުމުން، އޭނާއާ ވާހަކަދެއްކިއިރު ކޮއްކޮގެ ފިރިމީހާގެ ވާހަކަ ދެއްކިގޮތުން ކުޑަކޮށް އުނދަގޫވިއެވެ. އެއީ ކޮއްކޮ މަޖަލަކަށް ބުނި އެއްޗެއްކަން ބޮޑުދައިތައަށް އެނގެއެވެ. ނަމަވެސް މީހެއްގެ ކައިރީގައި ފިރިމީހާއަށް ހަޖޫ ޖަހައިފައި ވާހަކަ ދެއްކުމަކީ ގޯސްކަމެކެވެ. ކޮއްކޮއަށް މި ނަސޭހަތް ދޭން މަންމަ މިއަދު ދުނިޔޭގައި ނެތުމުން، މި ނަސޭހަތް ދިނުމަކީ ބޮޑުދައިތަގެ ޒިންމާއެއް ކަމުގައި ދެކެމެވެ. އެހެންކަމުން މި ނަސޭހަތް ރަނގަޅު ގޮތުގައި ބަލައިގަންނާނެ ކަމަށް އުއްމީދުކުރަމެވެ.
1. އަމިއްލަ ދުލުގެ ބާރު ދެނެގަންނާށެވެ.
ދުލަކީ އެންމެ ވަރުގަދަ ހަތިޔާރުކަން އަބަދުވެސް ހަނދާންކުރާށެވެ. ދޫ ކޮންޓްރޯލް ނުކުރެވޭ މީހާގެ ދިރިއުޅުން އަވަހަށް ހަލާކުވެދާނެއެވެ. އެއްޗެއް ބުނާއިރު އަމިއްލަ ނަފުސާ ސުވާލުކުރާށެވެ: މިއީ ތެދު އެއްޗެއް ހެއްޔެވެ؟ މީގެން ފައިދާއެއް ކުރާނޭ ހެއްޔެވެ؟ މީގެން ގެއްލުމެއް ވެދާނޭ ހެއްޔެވެ؟ ޚާއްޞަކޮށް ފިރިމީހާއާ ބެހޭގޮތުން އެހެން މީހުންނާ ދައްކާ ވާހަކަތަކަށް ވަރަށް ސަމާލުވާންޖެހެއެވެ.
2. ފިރިމީހާގެ ޝަރަފު ހިމާޔަތްކުރުން:
އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައިވާ ގުޅުމަކީ މާތްވެގެންވާ ގުޅުމެކެވެ. އޭނާގެ ޝަރަފު ދުނިޔޭގެ ކުރިމަތީގައި ހިމާޔަތްކުރާނީ ކޮއްކޮއެވެ. އޭނާގެ އަގުވެއްޓޭ ގޮތަށް، މަޖަލަކަށް ވިޔަސް، މީހުންގެ ކުރިމަތީގައި ވާހަކަ ނުދައްކާށެވެ. އެއީ އޭނާއަށް ދޭންޖެހޭ އިޙްތިރާމާ ޚިލާފު ކަމެކެވެ. ފިރިމީހާގެ އުނި ކަންތައް، އޭނާއަށް ނުވާ ކަންކަން، އަދި އޭނާގެ ސިއްރުތައް ހާމަވާ ގޮތަށް މީހުން ގާތު ވާހަކަ ނުދައްކާށެވެ. އޭނާއަށް ފުރައްސާރަކޮށް މަލާމާތްކުރުމުން އޭނާގެ ހިތުގައި ލެވޭ ޒަހަމު ފުންވާނެއެވެ. މިއީ ދީނުގައިވެސް އެދެވިގެންވާ ގޮތެއް ނޫނެވެ. މީހުންގެ ތެރޭގައި އޭނާގެ އަގުވައްޓައިލައި ގޮތަށް ކަންކަން ނުކުރާށެވެ. އޭނާ ވާހަކަ ދައްކަދައްކައި ހުއްޓާ ކުރިނުމަރާށެވެ. އޭނާގެ އަގު މުޖުތަމައުގައި ގެއްލިއްޖެއްޔާ އޭނާގެ އަނބިމީހާގެ އަގުވެސް ވެއްޓޭނެއެވެ. އަމިއްލަ ބޮލަށް ފުރާޅު ވައްޓައިނުލާށެވެ.
3. މައްސަލަ ހައްލުކުރުމުގައި ކައިވެނީގެ މަސްލަހަތަށް ވިސްނާށެވެ.
ކޮންމެ ކައިވެންޏެއްގައިވެސް މައްސަލަތައް ދިމާވާނެއެވެ. އެ މައްސަލަތައް އަބަދު ދެމިގެންދާނަމަ ކައިވެނީގެ މަސްލަހަތު ގެއްލިދާނެއެވެ. ދިރިއުޅުން ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެދާނެއެވެ. އަނބިމީހާގެ ގާތުގައި ފިރިމީހާއަށް އަމާންކަން އިހުސާސު ކުރެވެން ޖެހޭނެއެވެ. މައްސަލައެއް ޖެހުމުން ތިމާގެ ކޮޅު މޮޅުކުރަން އުޅެގެން ލިބޭ ފައިދާއަށް ވުރެން ބޮޑުވާނީ ގެއްލުމެވެ. މައްސަލައެއް ޖެހުމުން އެންމެ ފުރަތަމަ ހަމަޖެހިލަން ވަގުތު ނަގާށެވެ. އެ މައްސަލައިގައި ހައްލަކަށް މާތް ﷲ ހަޒުރަތުގައި އެދެން ދަސްކުރާށެވެ. ދެން ފިރިމީހާއާ މުހާތަބުކުރާއިރު އޭނާއާ އެއްބައިވެގެން ހައްލެއް ހޯދުމުގެ ނިޔަތުގައި ވާހަކަ ދައްކާށެވެ.
4. ދަރިންގެ ކުރިމަތީގައި ފިރިމީހާގެ ގަދަރު ހިފަހައްޓާށެވެ.
މިއަދު ކޮއްކޮ ރަހުމަތްތެރިޔާ ކުރިމަތީގައި ފިރިމީހާއަށް ކުޑައިމީސް ކުރިއިރު ކައިރީގައި ދަރިފުޅު ހުއްޓެވެ. ރުޅިއައިސްގެން ނޫނީ ޖެއްސުމަށްވެސް، ދަރިންގެ ކުރިމަތީގައި ފިރިމީހާގެ ގަދަރު ވެއްޓޭގޮތަށް ވާހަކަ ނުދައްކާށެވެ. ސަބަބަކީ ދަރިން އެމީހުންގެ އަމިއްލަ އަގު ވަޒަންކުރާން ފަށަނީ މައިންބަފައިންގެ އަގުގެ މައްޗަށް ބިނާކޮށެވެ. ބައްޕައާ މެދު މަންމަ އިހްތިރާމު ކުޑަކޮށް ވާހަކަދައްކާ އަޑުއިވުމުން، ދަރިންނަށް ހީވާނީ ބައްޕައަކީ އިހްތިރާމު ހައްގުނުވާ މީހެއް ކަމަށެވެ. އިހްތިރާމު ލިބިގެންނުވާ މީހެއްގެ ދަރިއަކަށް އިހުތިރާމު ހައްގެއް ނުވާނޭ ވިސްނި އަމިއްލަ އަގާ މެދު އެމީހުންގެ ހިތުގައި ޝައްކު އުފެދޭނެއެވެ. މިކަމުގެ ސަބަބުން ބޮޑުވާއިރު ނަފްސާނީ ގިނަ މައްސަލަތަކާ ކުރިމަތިލާން އެ ކުދިންނަށް ޖެހޭނެއެވެ.
5. ފިރިމީހާ ކޮށްދޭ ކަންކަން ދެނެގަނެ ޝުކުރުވެރިވާށެވެ.
ދުނިޔަވީ އުފަލަކުން ދުވަހަކުވެސް ހިތެއް ނުފުރޭނެކަން ހަނދާންކުރާށެވެ. ދުނިޔޭގައި އެންމެ އުފާވެރި މީހުންނަކީ ލިބިފައިވާ އެއްޗަކަށް ޝުކުރުވެރިވާން އެނގޭ މީހުންނެވެ. ފިރިމީހާ ކޮށްދޭ ކަންކަން ބަލައިގަންނަން ދަސްކުރާށެވެ. އަބަދު ނުވާ ކަންކަމުގެ ޝަކުވާ އުފުލުމުން މަޑުމަޑުން ކައިވެނީގެ ބިންގާ ބަލިކަށިވާނެއެވެ. ދިރިއުޅުން ހަލާކުވާނެއެވެ. ފިރިމީހާ ކޮށްދޭ ކަންތައް އެހެން މީހުންގެ ފިރިން ކޮށްދޭ ކަންކަމާ އަޅައިކިޔައި ނުހަދާށެވެ. އަބަދުވެސް އޭނާއާމެދު ހިތުގައި ރަހުމު އިސްކުރާށެވެ.
6. ފިރިމީހާގެ ކާމިޔާބީގެ ފަހަތުގައި ވަނީ އަނބިމީހާއެވެ.
މިއީ އަނބިންނަށް ލިބިފައިވާ ބާރެކެވެ. ނަމަވެސް މި ބާރު ހޯދާނީ އޭނާގެ މައްޗަށް ގަދަވެގަނެގެނެއް ނޫނެވެ. އޭނާއަށް އިހުތިރާމު ކޮށްގެނެވެ. އޭނާ ކުރާ ކަންކަމުގައި އެއްބާރުލުން ދީގެންނެވެ. ކަންކަމުގައި މަޝްވަރާކުރާއިރު އިހުލާސްތެރިކަމާއެކު ހިޔާލު ހިއްސާކޮށްގެންނެވެ. އޭނާގެ ނާކާމިޔާބީތަކުގައި އަލުން ކަންކަމާ ކުރިމަތިލާން ހިތްވަރުދޭ މީހަކަށް ވެގެންނެވެ. އޭނާގެ ކާމިޔާބީގެ ބައިވެރިއަކަށް ވެވޭނީ އޭނާގެ ނާކާމިޔާބީގައި ބޯ އަޅާލާނެ ރައްކާތެރި އުނގެއް ދެވޭ މީހާއަށެވެ.
ބޮޑުދައިތަގެ މި ނަސޭހަތުގެ ބަސްކޮޅު ކޮއްކޮ ގަބޫލުކުރާނޭ ކަމަށް އުންމީދު ކުރަމެވެ. މިއަންނަ ހޮނިހިރު ދުވަހު ދަރިފުޅާއި ފިރިމީހާ ގޮވައިގެން ބޮޑުދައިތަމެންގެއަށް ކާން އަންނައްޗެވެ.
ވަރަށް ސަލާމް.
ލޯބިވާ ބޮޑުދައިތަ



advertisment