Support Us

މަންމަގެ ލޯބިވާ ދަރިފުޅާއެވެ.

މަންމަގެ ލޯބިވާ ދަރިފުޅާއެވެ،

މިއަދު ދަރިފުޅު މަންމަ ގާތަށް އައީ ކައިވެނިކުރަން އުޅޭ ވާހަކައާ އެކުގައެވެ. ދަރިފުޅުގެ ތި ހިޔާލަށް މަންމަ މަރުޙަބާ ކިޔަމެވެ. ކައިވެންޏަކީ ދެ ފުރާނަ ގުޅުވައިދޭ އިލާހީ ގުޅުމެކެވެ. މިއީ ކޮންމެ މީހަކަށް މި ދުނިޔޭގައި ލިބޭނެ ނަސީބެއް ނޫނެވެ. ދަރިފުޅު ކައިވެންޏަކަށް ކުރިމަތިލުމުގެ ކުރިން، މަންމައެއްގެ ހައިސިއްޔަތުން ދަރިފުޅަށް ދޭންޖެހޭ ނަސޭހަތްތަކެއް ވާކަން މަންމަ ޤަބޫލުކުރަމެވެ. އަޑުއަހާށެވެ.

ހަޔާތުގެ ހުރިހާ ކަމެއްގައި އަބަދުވެސް އެންމެ އިސްކުރަންޖެހޭނީ މާތްﷲއެވެ. ދަރިފުޅަށް ލިބޭ ހުރިހާ ނިއުމަތަކީވެސް އެކަލާނގެ ހަޒްރަތުން ލިބޭ އެއްޗެކެވެ. އެހެންކަމުން، ދަރިފުޅުގެ ހުރިހާ އަމަލެއްވެސް ބަހައްޓަންޖެހޭނީ އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށެވެ. ކައިވެނީގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެއެވެ. އޭގެ ކޮންމެ ފަހަރަކު އެކަމުގައި އެކަލާނގެ ހަޒުރަތުން ވާގިއެދުމަކީ އަހަރެމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ކައިވެންޏެއްގައި ތައުފީގު ލިބޭނީ މި މޭރުމުން ވިސްނުން ގެންގުޅުނިއްޔާއެވެ. ކަންކަމުގައި އެކަލާނގެ އެހީއަށް އެދުމުގެ ހިތްތިރިކަން މިހާރުން ފެށިގެން ދަރިފުޅުގައިގައި އަށަގަންނަވާށެވެ.

ދެން ކުޑަކޮށް ދަރިފުޅުގެ މާޒީއަށް ޖެހިލާނަމެވެ. ދަރިފުޅު ވަރަށް ކުޑައިރު، އެއްދުވަހަކު ބައްޕައާއެކު ތަނަކަށް ދިޔައިރު، ބައްޕަ ބުނެބުނެ އޮއްވާ ބައްޕަގެ އަތުގައި ނުހިފައި ދުވެފައި މަގު ހުރަސްކުރުމުން، ބައްޕަ އެކަމާ ވަރަށް ރުޅިއައިސް ދަރިފުޅަށް އަދަބުދިން ހަނދާން ހުންނާނެއެވެ. އެއީ ބައްޕަ ކީއްވެގެން ކުރި ކަމެއް ހެއްޔެވެ؟ އެކަން ބައްޕަ ކުރީ ދަރިފުޅުގެ ނުކިޔަމަންތެރިކަމުގެ ސަބަބުން ގެއްލުމެއް ދިމާވެދާނެތީ، ދަރިފުޅަށް އެއްޗެއް އަންގައިދިނުމަށްޓަކައެވެ. އެކަމުގެ ސަބަބުން ދަރިފުޅުގެ މިނިވަންކަމަށް ބައްޕަ ހުރަސްއެޅީ ކަމަށް ދަރިފުޅަށް އިހްސާސްވި ހެއްޔެވެ؟

އެންމެ ކުޑައިރުން ފެށިގެންވެސް މަންމައާއި ބައްޕަ ދަރިފުޅު ގެންގުޅުނީ ވަރަށް ފުޅާ ދާއިރާއެއްގައި މިނިވަންކަން ދީގެންނެވެ. މި މިނިވަންކަން ދަރިފުޅަށް ލިބިގެން ބޮޑުވުމުގެ ސަބަބުން އަމިއްލަ ކަންކަމުގައި ޒިންމާ ނަގަން ދަރިފުޅަށް ދަސްވިއެވެ. އެހެން ނަމަވެސް ދަރިފުޅު ބޭނުންހާ ގޮތެއް ހަދަން ދޫކޮށެއް ނުލަމެވެ. ދުވަހަކުވެސް ދަރިފުޅުގެ ހައްދުތައް އޮޅުވާލަން ތަނެއް ނުދެމެވެ. އަބަދުވެސް ދަރިފުޅުގެ މައްޗަށް ބާރު ހިންގާނެ މީހުން ތިބޭނެކަން ގަބޫލުކުރަން ދަރިފުޅަށް އެނގޭނެއެވެ. މި އުސޫލުތަކުގައި ހިފެހެއްޓުމުން ފައިދާކުރީ ދަރިފުޅަށެވެ.

އެ ދުވަހު ބައްޕަ އެގޮތަށް ޢަމަލުކުރުމުން ދަރިފުޅު އެކަން ގަބޫލުކުރިއެވެ. ސަބަބަކީ އެއީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ދަރިފުޅުގެ ބައްޕައަކީ ދަރިފުޅުގެ މައްޗަށް ބާރު ހިނގާ މީހާކަން ދަރިފުޅަށް ވިސްނިފައި އޮތީމައެވެ. ކައިވެންޏަށް ފަހުގައި ދަރިފުޅުގެ މައްޗަށް ބާރު ހިނގާނީ ކާކުގެ ހެއްޔެވެ؟ މިއަދު ދަރިފުޅާ ގުޅެން ތައްޔާރަށް ހުރި ކުއްޖާއެވެ. ދަރިފުޅުގެ ރަޙްމަތްތެރިޔާއެވެ. ލޯބިވެރިޔާއެވެ.

ނަމަވެސް ކައިވެންޏަކުން ދަރިފުޅު އޭނާއާ ގުޅޭ ހިސާބުން އޭނާއަކީ ދަރިފުޅުގެ ވަލީވެރިކަމާ ހަވާލުވާ މީހާއެވެ. ދަރިފުޅުގެ ބައްޕަ އުފުލަމުން ގެންދިޔަ ޒިންމާ ބޮލުގައި އެ އަޅަނީ އޭނާއެވެ. ދަރިފުޅާއެވެ. އެއީ ވަރަށް ބޮޑު ޒިންމާއެކެވެ. އެ ޒިންމާ ރަނގަޅަށް އަދާ ނުކޮށްފިނަމަ ފާފަވެރިވާ ޒިންމާއެކެވެ. އެހެންކަމުން އޭނާއަށް އެ ޒިންމާ އަދާކުރުމަށް އެއްބާރުލުން ދިނުމަކީ ދަރިފުޅުގެ މައްޗަށް އޮތް ވަރަށް ބޮޑު ވާޖިބެކެވެ. މިއީ މި ޒަމާނުގެ ހަމަތަކުގެ މަތިން އެންމެ މަގްބޫލު ހިޔާލަކަށް ނުވެދާނެއެވެ. މިއީ ވަރަށް ކަޓުމުއްލާ ވައްޓަފާޅިއެކޭ ހީވެދާނެއެވެ. ނަމަވެސް އަޑުއަހާށެވެ.

އޮޑިއެއް ފަޅުން ނައްޓައިލައިގެން ބަނދަރަށް ލަފާނީ އެ އޮޑީގެ އެންމެން އެކުގައި މަސައްކަތުންނެވެ. އޮޑީގެ ދިރުނބާކޮޅަށް އަރުވާ މީހާއަކީ ބަނދަރާ ހަމައަށް ސަލާމަތުން ވާސިލުކޮށްދޭން މަގު ދައްކައިދޭ މީހާއެވެ. އެ ދިރުނބާކޮޅުގައި ހުންނަ މީހާގެ ބަސް ނުވިކޭ ކަމަށް ވެއްޖެއްޔާ އޮޑި ފަރަށް އަރައިފާނެއެވެ. ގެނބިދާނެއެވެ. އޮޑީގައި ތިބި އެންމެން ކަނޑުވެދާނެއެވެ. ދިރުނބާކޮޅުގައި ހުންނަ މީހާއަށް ކިޔަމަންވުމަކީ އެމީހާ ގަދަވެގަންނަން ތަންދިނުން ހެއްޔެވެ؟ ނޫނީ މަންޒިލާ ހަމައަށް އެންމެން ވާސިލުކޮށްދޭން އެއްބާރުލުން ދިނުން ހެއްޔެވެ؟

އަނބިންގެ މައްޗަށް ފިރިން ލެއްވީ ގުދުރަތީ ގާނޫނުގެ ތެރެއިން މި ޒިންމާ އެމީހުންނަށް ނެގުމުގެ ބާރު ދެއްވައިފައިވާތީއެވެ. އެ ޒިންމާ އެންމެ ރަނގަޅަށް އަދާކުރެވޭނެ އިލްހާމުވެސް ދެއްވާނީ އޭނާއަށެވެ. މިކަމާ ޒުވާބުކޮށް އަރައިރުންވާން ނުޖެހޭ ގޮތަށް ކަންތައް ކުރަން ވިސްނަންވީ މިއަދުއެވެ. ކިހިނެތް ހެއްޔެވެ؟

މިހާރުވެސް އަމިއްލަ ނަފުސާ ސުވާލުކުރާށެވެ. ދަރިފުޅު ތި ކައިވެނިކުރަން އުޅޭ މީހާގެ އީމާންތެރިކަން ދަރިފުޅަށް ވުރެން ވަރުގަދަ ހެއްޔެވެ؟ އޭނާއަށް ކައިވެނީގެ ނަވުގެ ދިރުނބާކޮޅުގައި އޭނާ ހުއްޓަސް ދުއްވަން ވީ މަގު ދައްކަވަން މާތްﷲ އަރިހުގައި ދެންނެވުމުގެ މުހިންމުކަން އޭނާއަށް އެނގޭ ހެއްޔެވެ؟ އޭނާގެ ބަސް ދަރިފުޅުގެ ހިތުގައި ވިކޭނެ ހެއްޔެވެ؟

ހަޔާތުގެ އޮޑީގެ ދިރުނބާކޮޅަށް އަރުވާ މީހާއަކީ އެކަމަށް ގާބިލު މީހެއްތޯ މިހާރުން މިހާރަށް ބެލުމަކީ ދަރިފުޅުގެ ޒިންމާއެކެވެ. ސަބަބަކީ އެ އޮޑި އެތައް ކަނޑެއްގައި ދަތުރުކުރާނެއެވެ. ފަގީރުކަމާއި ބަލީގެ ކަނޑުގައި ދަތުރުކުރާނެއެވެ. ވާސިލުވާން ބޭނުންވާ މަންޒިލު ނުފެނި ދުއްވަން ޖެހޭ އެތައް ރެއެއް ދާނެއެވެ. ހަޔާތުގައި ކުރިމަތިލާންޖެހޭ ހުރިހާ ހާލަތެއްގައި އޭނާއަކީ ތިމާއަށް އޯގާތެރިކޮށް ހިތާ މީހެއް ކަމުގައި ވުން ވަރަށް މުހިންމެވެ. ތިމާ އެ އެމީހެއްގެ ބަސް ގަބޫލުކުރާ މީހަކަށް ވުން ވަރަށް މުހިންމެވެ. ތިމާ އެމީހަކަށް ކިޔަމަންތެރި މީހަކަށް ވުން މުހިންމެވެ.

އެ މީހާ ހަޔާތަށް ގެނައުމަށް ފަހު ނުކިޔަމަންތެރިވެ ތަމްސީލު ކުޅުމެއް ނޯންނާނެއެވެ. އެފަދަ ކައިވެންޏަކުން ހިމޭންކަމެއް، ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އޭނާ ކުރަން ބުނާ ކޮންމެ ކަމަކަށް ސުވާލު އުފެއްދުން، އޭނާ ނުކުރާށޭ ބުނާ ކަންކަން ޖެއްސުމަށް ކުރުން، އޭނާގެ ހުރުމަތް ކަނޑައިލައި ބޭނުންހާ ގޮތަކަށް ޢަމަލުތައް ބެހެއްޓުމަކީ މިނިވަންކަން ކަމުގައި ނުދެކެއްޗެވެ. އެއީ ނުކިޔަމަންތެރިކަމެވެ.

އޭގެ މާނައަކީ އަނިޔާވެރިވަންޏާ، ދަރިފުޅުގެ މައްޗަށް ގައްދާރުވަންޏާ އެކަމާ ފުދިގެން ހުންނާށެކޭ އެއް ނޫނެވެ. ނަމަވެސް އޭނާ ކުރާ ކޮންމެ ކަމަކީ ދަރިފުޅަށް ދޭ އަނިޔާއެއް ކަމަށް، ވާ އިހާނާތެއް ކަމަށް ބަލަންޏާ އެއްވެސް ކަމެއް ކޮޅުންނެއް ނުލާނެއެވެ.

ދަރިފުޅާއެކީގައި އޮންނަ ގުޅުން ދެމެހެއްޓުމަށްޓަކައި އޭނާގެ ބާރުތައް ދޫކޮށްލާ ދިރުނބާކޮޅުން ފައިބައިފިއްޔާ އޮޑި އޮޔާ ވަޔަށް ބެހިގެން ދާލެއް ވަރަށް އަވަސްވާނެއެވެ. އޭރުން އެ އޮޑި ދާނެ މަންޒިލެއް ދާނެ ރާސްތާއެއް ނެތި އެނބުރޭނީއެވެ. އެ އޮޑި މަންޒިލާ ހަމައަށް ދަރިފުޅަށް ގެންދެވިދާނެއެވެ. ނަމަވެސް ވަރަށް ހާލުގައެވެ. ދަރިފުޅުގެ އަމިއްލަ ނަފުސަށާއި އޭނާގެ ނަފުސަށް އަނިޔާވެރިވާ ހާލުގައެވެ. އަދި ދަރިން ލިބިއްޖެއްޔާ އެކުދިންނަށް ވެސް ވެވޭ އަނިޔާއެކެވެ. މިކަހަލަ ކައިވެންޏަކުން ލިބޭ މޭވާ ހިތިވާނެއެވެ.

މި ޒަމާނަކީ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ޒަމާނެވެ. ނަމަވެސް އެއީ އިލާހީ ގާނޫނު ނޫންކަން ދަރިފުޅު ގަބޫލުކުރަން ތައްޔާރު ހެއްޔެވެ؟ އެކަމާ ސުވާލު އުފެއްދުމުގެ ޙައްގެއް ދަރިފުޅަކަށް އަދި މަންމައަކަށް ވެސް ނެތްކަން ގަބޫލުކުރަން ހެއްޔެވެ؟ އޭގެ ހިކުމަތް މިއަދު ދަރިފުޅަށް ނުވިސްނުނަސް އެއީ އޮތްގޮތްކަން ގަބޫލުކުރަން ޖެހޭނެއެވެ.

އޭނާއަށް ކިޔަމަންތެރިވާށޭ އޮންނަނީ އެތައް ހިކުމަތެއް އޭގައި ވާތީކަން ކަށަވަރެވެ. ދަރިފުޅު އެމީހެއްގެ ބަސްނާހާ ނަމަ ދަރިފުޅަށް ދޭންޖެހޭ ރައްކާތެރިކަން އެމީހަކަށް ދެވޭނީ ކިހިނެއް ހެއްޔެވެ؟ އެ ރައްކާތެރިކަން ދިނުމަކީ އޭނާގެ ފިޠުރަތުގައި ލައްވާފައިވާ ކަމެކެވެ. އެ ރައްކާތެރިކަން ނުދެވޭނެކަން އެނގޭ ހިނދު އޭނާގެ މަގުސަދު އޮޅުނީއެވެ. އޭނާގެ އަމިއްލަ ނަފުސުގެ ގާބިލުކަމާ މެދު ސުވާލު އުފެދުނީއެވެ. މިއީ ވަރަށް ބޮޑު ގޯހެކެވެ. މީހެއްގެ ދިރިއުޅުމުގެ މަގުސަދު އޮޅުވާލާ މީހަކަށް ދަރިފުޅުވެގެން ނުވާނެއެވެ. ލައުނަތް ލެއްވި އިބްލީސް ފަދައިން ކިބުރުވެރިވެ ބޮޑާވެ ގަންނަ މީހުން ތެރެއިން މަންމަގެ ދަރިފުޅު ނުލައްޓަވާށިއެވެ.

ފިރިންނަށް ކިޔަމަންތެރިވުމަކީ އަޅުވެތިވުމެއް ނޫނެވެ. އެއީ ގުދުރަތީ ގާނޫނު ދެމީހުންގެ ދެމެދުގައި ނެގެގެހެއްޓޭނެ ހަމައެކަނި ގޮތެވެ. އޭގެ މާނައަކީ ކަންކަމުގައި ދަރިފުޅުގެ ބަސް އޭނާ ނޭހުމެއް ނޫނެވެ. ކައިވެނީގެ ކަންކަމުގައި ދެމީހުން އެކުގައި މަޝްވަރާކުރުމަކީ އޮތްކަމެކެވެ. ނަމަވެސް އެންމެ ފަހުބަސް ބުނަން އޭނާއަށް ދޫކޮށްލަން ނިންމާށެވެ. އެއީ ދަށްވެ ގަތުމެއް ނޫނެވެ. އެއީ އޭނާގެ ޒިންމާ އަދާކުރަން ތަންދިނުމަށެވެ. ދަރިފުޅު އިހްލާސްތެރިކަމާއެކު މިއީ އޮންނަ ގޮތް ކަމަށް ގަބޫލުކޮށްފިއްޔާ، އޭނާގެ އެއްވެސް ނިންމުމަކުން ދަރިފުޅުގެ ދުނިޔެއާއި އާހިރަތަށް ގޯސްގޮތެއް ވާކަށް މާތްﷲ ތަނެއް ނުދެއްވާނެއެވެ.

ލޯބިވާ ދަރިފުޅާ، މި ނަސޭހަތްތައް ހިތުގައި ރަނގަޅަށް ބަހައްޓާށެވެ. ކައިވެނީގެ ދިރިއުޅުމަކީ އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމަކަށް ހެދުމަށްޓަކައި މި ކަންކަމަށް ސަމާލުކަން ދޭށެވެ. މާތްﷲ ދަރިފުޅަށް ހެޔޮ ގޮތް މިންވަރު ކުރައްވާށިއެވެ.

ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވާ

މަންމަ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *